އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުން (އައިޖީއެމްއެޗް) ކޮންމެއަހަރަކު ވެސް ކުރިއަށް ގެންދާ ޚިތާނީ ކޭމްޕުގައި ނަން ނޯޓު ކުރުން މި ޖޫން މަހު 15 ގައި ހުޅުވާޅުމަށް ނިންމައިފިއެވެ.
އެ ހޮސްޕިޓަލުން ބުނީ އެހެނިހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރު ވެސް ޚިތާނުކުރުމުގެ ޚިދުމަތް އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި 15 ޖޫން ވާ ބުދަ ދުވަހުން ފެށިގެން 62 ޖޫން ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ޚިތާނުކުރުމަށް ނަންނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
ނަންނޯޓު ކުރުން ކުރިޔަށް ދާނީ އޯ.ޕީ.ޑީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ހަވީރު 16:00 އަށް ދަރުމަވަންތަ ހޮސްޕިޓަލުގެ 3 ވަނަ ފަންގިފިލާގައިވާ ސަރޖަރީ ކައުންޓަރުން ކަމަށް ވެސް ބުންޏެވެ.
އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލުން ޚިތާނުކުރުމަށް ހަމަޖެހިފައިވަނީ 300 ކަމަށާއި މި އަދަދު ހަމަވުމުން ނަން ނޯޓް ކުރުން ހުއްޓާލާނެ ކަމަށެވެ.
ޚިތާނުކުރުން ކުރިޔަށް ދާނީ 02 ޖުލައިން ފެށިގެން 31 ޖުލައި ގެ ނިޔަލަށް ކަމަށާއި އެޕޮއިންޓްމެންޓް ހަމަޖެހިގެންދާނީ ނަންނޯޓު ކުރާ ތަރުތީބުން ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
އިތުރު މަޢުލޫމާތު ސާފުކުރުމަށް ހެނދުނު 08:00 އިން ހަވީރު 16:00 އާއި ދެމެދު އެ ހޮސްޕިޓަލުގެ ސަރޖަރީ ކައުންޓަރ ނަންބަރު 3335300 އަށް ގުޅުމުން ލިބޭނޭ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.