އައިޖީއެމްއެޗް ގައި އޮންކޮލޮޖީ ވޯޑެއް ގާއިމްކުރަން ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށްދެނީ

ބޭންކް އޮފް މޯލްޑިވްސް އިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އޮންކޮލޮޖީ އަށް ޚާއްސަ ވޯޑެއް ގާއިމްކުރުމާ ގުޅޭ އެމްއޯޔޫ އެއްގައި ސޮއިކޮށްފިއެވެ.

މިއީ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ.

ބޭންކުން މި ޕްރޮޖެކްޓް ހިންގުމަށް 3.5 މިލިއަން ރުފިޔާ ހަދިޔާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއަދު ބޭންކުގައި ބޭއްވުނު ހަފްލާއެއްގައި އެމްއޯޔޫގައި ބޭންކުގެ ފަރާތުން ސޮއި ކުރެއްވީ އިންޗާރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން އެވެ. އަދި އައިޖީއެމްއެޗް ގެ ފަރާތުން ސޮއި ކުރެއްވީ އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް ސަލީމެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން ވިދާޅުވީ  40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތައް ވާނީ ރާއްޖެއަށް މުހިންމު ގިނަ ދާއިރާތަކަށް އަމާޒުކޮށްފައި ކަމަށެވެ.

މިގޮތުން މިވެވުނު އެއްބަސްވުމުގެ ދަށުން ބޭންކުގެ މާލީ އެހީތެރިކަން ލިބިގެން މިދަނީ ސިއްހީ ދާއިރާއަށް މިހާރުވެސް ވަރަށް ބޭނުންތެރި މުހިންމު ކަމަކަށް ކަމަށާއި މި ޕްރޮޖެކްޓްގެ އެހީގައި ކެންސަރ ބަލި ތަހައްމަލުކުރަމުންދާ ބަލިމީހުންނަށް ޚާއްސަ ވޯޑެއް ގާއިމްކުރެވިގެންދާނެ ކަމަށެވެ.

"އަދި އަޅުގަނޑުމެންގެ އުންމީދަކީ މި ވޯޑުގެ މެދުވެރިކޮށް ރައްކާތެރި އަދި ފެންވަރު ރަނގަޅު އޮންކޮލޮޖީ ހިދުމަތްތަކެއް އެކަމަށް ބޭނުންވެފައި ތިބި ފަރާތްތަކަށް ލިބިގެންދިޔުން." ޢާއިޝަތު ނޫރައްދީން ވިދާޅުވިއެވެ.

އިޖީއެމްއެޗް ގެ ސީއީއޯ އިބްރާހިމް ސަލީމް އިތުރަށް ވިދާޅުވީ ކެންސަރު ބަލީގެ މީހުންނަށް ޚާއްސަ ވޯޑެއް ގާއިމްކުރުމަށްޓަކައި ބީއެމްއެލް އިން މިދެއްވި ދީލަތި އެހީއަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި މި އެހީގެ ސަބަބުން ބަލިމީހުންނަށް އެންމެ ފަހުގެ ފެންވަރު ރަނގަޅު ފަރުވާއެއް ދިނުމަށް ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ކެންސަރ ބަލީގެ ފަރުވާ ބޭނުންވެފައިތިބި ފަރާތްތަކަށް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހޯދައިދިނުމަކީ އައިޖީއެމްއެޗްގެ މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.

ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް ހިންގާފައިވާ ހަރަކާތްތައް:

  • ޖުލައި: ގައުމީ ދާރުލްއާސާރު ތަރައްގީ ކުރުމަށް އެހީވުން
  • ޖޫން: ބީއެމްއެލް ފެހި ޕްރޮޖެކްޓް
  • މޭ: އޮންލައިންކޮށް ފަންޑްރެއިޒް ކުރެވޭ ޕްލެޓްފޯމް ކައިންޑްލީ
  • އެޕްރީލް: ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ތަރައްގީކުރުމަށް އެހީވުން
  • މާރިޗު: ސްމޯލް ގްރާންޓްސް
  • ފެބުރުވަރީ: ހައުސިންގ ގްރާންޓް
  • ޖަނަވަރީ: ބީއެމްއެލް ސްޓާރޓަޕް ގްރާންޓް
  • ޑިސެންބަރު: ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުގެނައުން
  • ނޮވެންބަރު: ބީއެމްއެލް ސްކޮލާޝިޕް ފަންޑު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.