ނިއުކުލިޔާ ގާބިލުކަން ހުރި މިސައިލް ބޭނުންކުރާނެ ގޮތުގެ ފަރިތަކުރުންތަކެއް ހުޅަނގު ރަޝިޔާގެ ރަށެއް ކަމުގައިވާ ކަލިނިންގްރާޑް ގައި ބާއްވިފިކަމަށް އެގަައުމުން ބުނެފިއެވެ. މި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައި މިވަނީ ރަޝިޔާއިން އަވަށްޓެރި ޔުކްރޭނަށް ދޭ ހަަމަލާތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޔޫރަޕުގައި ހިނގާ އެންމެ ބޮޑު އަސްކަރީ ކުރިމަތިލުމަށް 70 ދުވަސްވެފައިވާއިރު، ޔުކްރޭންގެ ގިނަ ރަށްތަކެއް ސުންނާފަތިވެ، އެގައުމުގެ 44 މިލިއަން މީހުުންގެ އާބާދީގެ ތެރޭން 13 މިލިއަން މީހުން ވަނީ ގައުމު ދޫކޮށް ގޮސްފައެވެ.
ފާއިތުވި ފެބުރުވަރީ މަހު ފަހުކޮޅު ރަަޝިޔާ ސިފައިން ޔުކްރޭނަށް އަރަގަތުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި ރައީސު ވްލާޑިމީރް ޕުޓުން ވަނީ ޓެކްޓިކަން ނިއުކުލިޔާ ހަތިޔާރު ބެނުންކުރަން ތައްޔާރީ ހާލަތުގައި ބަހައްޓަން ޖެހިދާނެކަމުގެ އިންޒާރު ނުސީދާގޮތުގައި ދެއްވާފައެވެ.
ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ނެެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ޔޫރަޕުގެ އިއްތިހާދު (ޔޫރަޕިއަން ޔުނިއަން- އީޔޫ) ގެ މެންބަރު ދެ ގައުމު ކަމުގައިވާ ޕޮލެންޑާ، ލިތުއޭނިޔާއާ، ރަޝިޔާގެ ސަރަހައްދީ ރޮނގު ގުޅޭ ސަރަަަހައްދުގައި ކުރިއަށް ދިޔަ އަސްކަރީ ތަމްރީނުތަކުގެ ތެރޭގައި ރަޝިޔާއިން ވަނީ ނިއުކުލިޔާ ގާބިލުކަން ލިބިފައިފާ، އެއްތަނުން އަނެއްތަނަށް ފަސޭހަކަމާއެެކު ގެންދެވޭ އިސްކަންދަރް މިސައިލް "އިލެކްޓްރޯނިކް ގޮތުން އުދުއްސާލާ" ގޮތް ފަރިތަކޮށްފައެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި، ރަޝިޔާ ސިފައިން ވަނީ އަމާޒުތަކަށް ވަކި މިސައިލާއި، ގިނަ މިސައިލުތައް ފޮނުވާލާނެ ގޮތާއި، ޚިޔާލީ ދުޝްމަނެއްގެ ވައިގެ މަރުކަޒުތަކާއި، މުހިއްމު ޚިދުމަތްތައް ދޭ މަރުކަޒުތަކާއި، އަސްކަރީ ސާމާނާއި، ކޮމާންޑް ޕޯސްޓުތަކަށް އަމާޒުކޮށް ހަމަލާދޭނެ ގޮތް ފަރިތަކޮށްފައެވެ.
"އިލެކްޓްރޯނިކް ގޮތުން" މިސައިލް ފޮނުވާލުމަށްފަހު، ދުޝްމަނުން ދީފާނެ ކަމަށް ބެލެވޭ ރައްދު ހަމަލާއަކުން ދިފާއުވުމަށް، ސިފައިން ތިބިތަން އަވަހަށް ބަދަލުކުރާނެ ގޮތް ވެސް ސިފައިން ފަރިތަކޮށްފައިވާ ކަމުގައި ބަޔާނުގައި ބުނެފައި ވެއެވެ.
ނިއުކުލިޔާ ރޭޑިއޭޝަނާއި، ކެމިކަލް މައްދާ ފެތުރޭ ހާލަތުގައި ކަންކުރާނެ ގޮތް ވެސް ސިފައިން ވަނީ ފަރިތަކޮށްފައެވެ.
މި ފަރިތަކުރުންތަކުގައި ސިފައިންގެ 100 މީހުން ބައިވެރިވެފައި ވެއެވެ.
ހުޅަނގުން ޔުކްރޭން ހަނގުރާމައިގެ ތެރެއަށް ވަދެއްޖެނަމަ "ވިދުވަރެއްހާ ހަލުވި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ރައީސު ޕުޓިން ދެއްވާފައިވާއިރު، ރަޝިޔާގެ ރަސްމީ ޚަބަރުފަތުރާ ވަސީލަތްތަކުން ފާއިތުވި ދެތިން ހަފުތާ ތެރޭގައި ވަނީ ނިއުކުލިޔާ ހަތިޔާރު ބޭނުންކުރުމަކީ އާއްމުން ބަލައިގަންނަ ކަމެއް ކަމުގައި ހެދުމަށް މަސައްކަތްކޮށްފައެވެ.
އަހަރުމެންގެ ޓީވީން ފާއިތުވި ދެހަފުތާގައި އިވެމުން މިދަނީ ނިއުކުލިޔާ ގުދަން ހުޅުވާލަން ޖެހޭ ކަމުގެ ވާހަކަތައް އިވެމުން." ރަޝިޔާގެ ނޫހެއްގެ އެޑިޓަރެއް ކަމުގައިވާ ޑްމިޓްރީ މުރަޓޯވް ބުނެފައި ވެއެވެ.