ޔުކްރޭންގެ ޑޭމް ހަލާކުކޮށްލުމާ ގުޅިގެން އެތައް ހާސް ބަޔަކު ފެންބޮޑުވުމާ ކުރިމަތިލާން ޖެހިއްޖެ

ކަޚޯވްކާ ޑޭމުގެ ބައެއް ހަލާކުވެ ފެންގަނޑު ބޭރުވަނީ

ޔުކްރޭންގެ ނޯވާ ކަޚޯވްކާ ސަރަހައްދުގައި އޮންނަ ކަޚޯވްކާ ޑޭމް ހަމަލާދީ އެ ޑޭމްގެ ބައެއް ހަލާކުކޮށްލުމާ ގުޅިގެން އެ ސަރަހައްދުގެ ބޮޑު ބައެއްގައި ފެންބޮޑުވެ، ގިނަ ބަޔަކު ގެދޮރު ދޫކޮށް ދާންޖެހިއްޖެއެވެ. ޑްނިޕްރޯ ކޯރުގައި ހަދާފައިވާ އެ ޑޭމްގެ ބޮޑު ބައެއް ހަލާކުވެ ފެންގަނޑު ކޯރުގެ އައްސޭރީގައިވާ ރަށްތަކަށް ފެތުރެން ފަށާފައިވާއިރު، ރަޝިޔާއާއި ޔުކްރޭނުން ކޮންޓުރޯލްކުރާ އެ ސަރަހައްދުގެ 42 ހާހެއްހާ މީހުންނަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރާނެކަމަށް ބެލެވެއެވެ.

މި ކާރިސާއާމެދު ބަހުސްކުރުމަށް އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) ގެ ސަލާމަތީ މަޖިލީހުން ބޭއްވި ބައްދަލުވުމުގައި ރަޝިޔާއާއި ޔުކްރޭނުން ވަނީ ޑޭމް ހަލާކުކޮށްލީ އަނެއް ގައުމުކަމަށް ތުހުމަތުކޮށްފައެވެ.

ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އދ.ގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް ފޯ ހިއުމެނިޓޭރިއަން އެފެއާޒް އެންޑް އެމަރޖެންސީ ރިލީފް ކޯޑިނޭޝަން މާޓިން ގްރިފިތު ވަނީ ޑޭމް ހަލާކުކޮށްލުމުގެ ސަބަބުން ކުރިމަތިވާ ކާރިސާއާމެދު އިންޒާރުދެއްވާފައެވެ. "މިކަމުގެ ސަބަބުން ޔުކްރޭންގެ ދެކުނާއި، ޑޭމް ކައިރީގައި ކޯރުގެ ދެފަރާތުގެ ދިރިއުޅޭ އެތައް ހާސް ބަޔަކު ވަރަށް ހިތާމަވެރި، އިންތިހާއަށް ގެއްލުން ބޮޑު ނަތީޖާއަކާ ކުލިމަތިލާން ޖެހޭނެ." ގްރިފިތު ވިދާޅުވިއެވެ.

އެ ސަރަހައްދުގައި ފެންބޮޑުވުގެ ސަބަބުން ބަޔަކު މަރުވެފައިވާކަމުގެ މައުލޫމާތު އެއްވެސް ފަރާތަކުން ދީފައި ނުވިޔަސް، އެމެރިކާގެ ނޭޝަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖޯން ކާބީ ވިދާޅުވިގޮތުގައި މި ހާދިސާގައި "ގިނަ ބަޔަކު މަރުވެފައިވުން" ވަރަށް ގާތެވެ.

ކޯރުގެ ދެ ފަރާތުގައިވާ ސަރަހައްދަށް ފެންގަނޑު ފެތުރި މިއަދުގެ ވަގުތެއްގައި ނިމޭއިރު، 42 ހާސް މީހުން ގެދޮރު ދޫކޮށް ދާންޖެހޭނެ ކަމަށް ޔުކްރޭންގެ އޮފިޝަލުން އަންދާޒާކުރެއެވެ.

ޑޭމާ 60 ކިލޯމީޓަރު ދުރުގައި އޮތް ޚެރްސޯންގެ ކައިރިން ކޯރުގެ ފެންގަނޑު ފަނީ 11 ފޫޓު އުފުލިފައެވެ. އަދި ރަށުގެ ގިނަ ބަޔަކު ވަނީ ކަކުލާހަމައަށް ރަށުތެރޭގައި ބޮޑުވެފައި އޮތް ފެންގަނޑު ތެރޭން އެބަޔަށް ގެންދެވުނު އެއްޗެއް ހިފައިގެން ރަށުން ނުކުންނަން ފަށާފައެވެ.

"ހުރިހާ އެއްޗެއް ވަނީ ފެނުއަޑީގައި. ހުރިހާ ފަރުނީޗަރާ، ފްރިޖާ، ކާބޯތަކެއްޗާ، ހުރިހާ މާތަކެއް ހުރީ ފެން މައްޗަށް މަތީގައި." ޚެރްސޯންގައި ދިރިއުޅޭ މީހަކު ކިޔައިދިނެވެ.

އެމެރިކާއިން ބުނިގޮތުގައި ޑޭމް ހަލާކުކޮށްލީ ކޮން ފަރާތަކުންކަށް ކަށަވަރުނުވެއެވެ. އެހެންނަމަވެސް، އދ. އަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ސަފީރު ރޮބަޓް ވުޑް ވިދާޅުވިގޮތުގައި ޔުކްރޭނުން ޑޭމް ހަލާކުކޮށްލައި އަމިއްލަ ރައްޔިތުންނަށް ގެއްލުންދީފާނެކަމަށް ބުއްދި ގަބޫލުނުކުރެއެވެ.

ކަޚޯވްކާ ޑޭމުން ޔުކްރޭންގެ ދެކުނުގެ ސަރަހައްދާއި، ކްރައިމިއާ ދަނޑުބިންތަކަށް ފެން ފެނުވުމުގެ އިތުރަށް، ޒަޕޮރީޒިޔާ ނިއުކުލިޔާ އިންޖީނުގެ ފިނިކުރަން ބޭނުންވާ ފެންވެސް ފޮނުވައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.