ޔުކްރޭންގެ ހަނގުރާމައިގެ 500 ދުވަހުގެ ތެރޭގައި އާއްމުންގެ 9000 މީހުން މަރުވެފައިވޭ: އދ.

މަރުވި މީހުންގެ ތެރޭގައި 500 ކުޑަކުދިން ހިމެނޭ

ޔުކްރޭންގެ ހަނގުރާމައިގައި ލްވީވްގެ އިމާރާތްތަކެއް ހަލާކުވެފައި

ރަޝިޔާއިން ޔުކްރޭނުގައި ކުރަމުންދާ ހަނގުރާމައަށް 500 ދުވަސްވީއިރު، ހަނގުރާމައިގައި އާއްމުންނަށް ލިބެމުންދާ ގެއްލުން ވަރަށް ބޮޑުކަން އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) އިން ހާމަކޮށްފިއެވެ.

އދ.ގެ ހިއުމަން ރައިޓްސް މޮނިޓަރިންގ މިޝަން އިން ޔުކްރޭން (އެޗްއާރްއެމްއެމްޔޫ) އިން ބުނިގޮތުގައި 22 ފެބުރުވަރީ 2022 ގައި ފެށި ހަނގުރާމައިގައި މިހާތަނަށް އާއްމުންގެ 9000 މީހުން މަރުވެފައި ވާއިރު، އޭގެތެރޭގައި 500 ކުޑަކުދިން ހިމެނެއެވެ. އެ މިޝަނުން ހުކުރު ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ހަގީގީ އަދަދު މިއަށްވެރު މަތިވުން އެކަށީގެން ވެއެވެ.

"ޔުކްރޭންގެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތައް ވަމުންދާ ހަނގުރާމައި އަނެއްކާވެސް ހިތާމަވެރި މަރުހަލާއެއް މިވަނީ ކަޑައްތުކުރެވިފައި." ހަނގުރާމައަށް 500 ދުވަސް ފުރުން ފާހަގަކުރުމުގެ ގޮތުން އެޗްއާރްއެމްއެމްޔޫއިން ނެރުނު ބަޔާނުގައި އެމިޝަންގެ ވެރިޔާގެ ނާއިބު ނެއޯލް ކަލޫން ވިދާޅުވެފައި ވެއެވެ.

އދ.ގެ މޮނިޓަރުން ފާހަގަކޮށްފައިވާ ގޮތުގައި 2022 ވަނަ އަހަރަށްވުރެ މި އަހަރު މަރުވި މީހުންގެ އަދަދު ދަށްނަމަވެސް، ފާއިތުވި މޭ މަހާއި ޖޫން މަހުގެ ތެރޭގައި މަރުވި މީހުން އަދަދު ވަރަށް ބޮޑަށް މައްޗަށް ގޮސްފައި ވެއެވެ.

އިރުމަތީ ޔުކްރޭންގެ ކްރަމަޓޯރްސްކް އަވަށަށް ފާއިތުވި ޖޫން މަހުގެ 27 ވަނަ ދުވަހު ރަޝިޔާއިން ދިން މިސައިލު ހަމަލާއެއްގައި 13 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 4 ކުޑަކުދިން ހިމެނެއެވެ. އަދި ލްވީވް އަވަށުގައި ހަލާކުވެފައިވާ އިމާރާތެއްގެ ތެރޭން ހުކުރު ދުވަހު 10 މީހެއްގެ ހަށިގަނޑު ނެރެފައި ވެއެވެ.

ކްރަމަޓޯރްސްކްގެ މޭޔަރު އަންދްރީ ސަދޯވްޔީ ވިދާޅުވި ގޮތުގައި ޖޫން 27 ގައި ރަޝިޔާއިން ދިން މިސައިލް ހަމަލާއަކީ ޔުކްރޭންގެ ހަނގުރާމަ ފެށުނު ފަހުން އެރަށުގެ އާއްމުންގެ ތަންތަނަށް ރަޝިޔާއިން ދިން އެންމެ ބޮޑު ހަމަލާއެވެ.

ލްވީވް އަވަށަށް ދިން ހަމަލާގައި 50 އެޕާޓްމަންޓް އިމާރާތް ހަލާކުވެފައިވާއިރު، ލްވީވް ޕޮލިޓެކްނިކް ޔުނިވަސިޓީގެ ދަނާލަށްވެސް ވަނީ ގެއްލުން ލިބިފައެވެ.

ޔުނެސްކޯއިން ބުނި ގޮތުގައި ލްވީވް އަވަށަށް ދިން ހަމަލާއަކީ ވާލްޑް ހެރިޓޭޖް ކޮންވެންޝަނުން ހިމާޔަތްކޮށްފައިވާ ސަރަހައްދަކަށް ދިން ފުރަތަމަ ހަމަލާއެވެ. އެ ހަމަލާގައި ތާރީޚީ ބައެއް އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ.

ފާއިތުވި އެޕްރީލް މަހު ބުޗާ އަވަށަށް ދިޔަ ބޭރުގެ ނޫސްވެރިންނަށް އެރަށުގެ މަގެއްގެ މަތިން މަރުވެފާއި ގިނަ އަދަދެއްގެ މީހުން ހަށިތައް ފެނިފައި ވެއެވެ. އެއެންމެންވެސް ތިބީ އާދައިގެ ހެދުމުގައެވެ. އަސްކަރީ ޔުނިފޯމުގައެއް ނޫނެވެ. ޔުކްރޭނުން ބުނި ގޮތުގައި ރަޝިޔާ ސިފައިން އެރަށުން ފައިބައިގެން ދިޔައިރު އާއްމުންގެ ގިނަ ބަޔަކު މަރާލާފައި ވެއެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.