ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތައް ހަނި ކުރުމަކީ މިސަރުކާރަށް ކުރެވޭނެ ކަމެއް ނޫން: ހީނާ ވަލީދު

ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތައް ހަނި ކުރުމަކީ މިސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އޮފީހުގައި، ޕީޕީއެމް ކަނބަލުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަކީ މިޤައުމުގެ ދިފާއުގައި ދިވެހި ރައްޔިތުން ހިންގާ ހަރަކާތެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އިންޑިއާ އައުޓް ހަރަކާތް ވަރަށް ފުޅާކޮށް ހިންގާނެކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީން ހުންނެވީ އިންޑިއާ އައުޓް ހަރަކާތް ހުއްޓާލައި، ސަރުކާރުން ދައްކާ ބިރަކަށް ފަސްޖެހޭ ގޮތަކަށް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ރައީސް ޔާމީނަށް އިންޒާރުދީ ތަފާތު ކުށްތަކަށް އަރައި ގަންނަމުންދާއިރު، އެކަން ބަލާނެ މުވައްސަސާއެއް ނެތުމަކީ ނުހަނު ކަންބޮޑުވާކަމެއް ކަމަށާއި ޕީޕީއެމްގެ ހުރިހާ މެމްބަރުން ތިބީ ޤައުމާއި ރައީސް ޔާމީންގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ ކުރަން ތައްޔާރަށް ކަމަށެވެ.

"މިއަދު ރައީސް ޔާމީންގެ ރައްކާތެރިކަމާއި ގުޅޭގޮތުން ޕާޓީގެ އާންމު މެމްބަރުންނާއި ދިވެހި ރައްޔިތުންވެސް ނުހަނު ކަންބޮޑުވޭ. މިބައްދަލުވުމުގައި ބައިވެރިވި ކަނބަލުންވަނީ ކުރިއަށް ތަނުގައި މިހަރަކާތް ހިންގަން ގޮވާލި ކޮންމެ ތަނަކަށް ދާން މިތިބީ ތައްޔާރަށް." ހީނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހީނާ ވަލީދު ވިދާޅުވީ މިހާރު ސަރުކާރުން މިކަމުގައި އަމަލު ކުރަމުންދާގޮތުން މިކަން ދެން ނުހުއްޓުވޭނެ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.