ފަނޑިޔާރުގޭގައި އަޅުވާ މުޑުދާރު ޗޭނުގަނޑަކަށް ޖޭއެސްސީ ހަދައި، ރައީސް ނަޝީދާއި އެމަނިކުފާނުގެ އަމިއްލަ ޤާނޫނީ ވަކީލު މޮޑޭ ފުށްގަނޑަކަށް ޖޭއެސްސީ ހެދުމުން ޢަދުލުވެރި ދައުލަތެއްގެ ސިއްކަ ޖެހި ނިމުނީތޯ ޕީއެންސީގެ ނާއިބު ލީޑަރު އަދި މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ޙުކުމް އިއްވި ފަނޑިޔާރު ޢަލީ ރަޝީދު ސުޕްރީމްކޯޓްގެ ފަނޑިޔާރަކަށް އައްޔަން ކުރުމަށް ޖޭއެސްސީގެ ލަފަޔަކަށް ރައީސް ޞާލިޙް ފޮނުއްވުމާ ގުޅިގެން އިދިކޮޅު ސިޔާސީ ލީޑަރުންގެ އިތުރުން ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް އެކަމަށް ފާޑު ކިޔަމުންނެވެ. މެމްބަރު ސަޢީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ވާދަވެރި ސިޔާސީ ލީޑަރު ޖަލަށްލާން ޙުުކުމްކުރާ ފަނޑިިޔާރަށް ދޭ އިނާމަކީ މަޤާމުގެ ކުރިއެރުމަށް ހެދުމުން، ފަނޑިޔާރުގެ އިޞްލާޙުވީތޯ ސުވާލު އުފައްދަވައިފައެވެ.
ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގައިވާ ގޮތުން ޢަދުލު އިންސާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތަކީ ސުޕްރީމް ކޯޓު ކަމަށް ބަޔާންކޮށްފައި ވާއިރު އެތަނުގެ އިތުބާރު މުޅިން ގެއްލޭ ގޮތަށް ފަނޑިޔާރުން އައްޔަން ނުުކުރެއްވުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވަނީ ރައީސް ޞާލިޙާއި ޖޭއެސްސީ އަށް އިލްތިމާސްކުރައްވައިފައެވެ.
ސަރުކާރުން ވަނީ ޖުޑިޝަރީ އެއްކޮށް ޙިޞާރުކޮށްފައިކަމަށްވެސް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ. ޖޭއެސްސީގެ ކޮމްޕޮޒިޝަން ނުވަތަ އެކުލެވިފައިވާ ގޮތް ބަދަލު ނުކުރަނީ ވެސް އެހެންވެ ކަމަށް އޭނާ ތުހުމަތު ކުރެެއްވިިއެވެ.
"އަނިޔާވެރިކަމުގެ ގަހަށް ކާނާ ލިބޭނީ މަދު ދުވަސްކޮޅަކަށް! އެމީހަކު ފޭހުނު އިލޮށިގަނޑު އެމީހެއްގެ ލޮލަށް ހެރޭނެ." އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ސުޕްރީމް ކޯޓަށް އައްޔަން ކުރެވޭ ފަނޑިޔާރުން ވާން ޖެހެނީ، އެމީހުންގެ ކިބައިން ޝައްކެއް ނެތް މިންވަރަށް ރައްޔިތުނަށް އިންސާފު ލިބޭނެކަމުގެ ޔަޤީންކަން އޮންނަ މީހުންނަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެކެވަޑައިގަންނަވައެވެ. ސަބަބެއްކަމަށް ދެކެވަޑައި ގަންނަވަނީ ދައުލަތެއްގައި ހުންނަ ޢަދުލު އިންސާފުގެ އެންމެމަތީ މުއައްސަސާ އަކީ ސުޕްރީމް ކޯޓަށް ވުމެވެ.