ދުޝްމަން ލޯބިވެރިޔާ - 30 (އެންމެ ފަހު ބައި)

(30 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ބާރަ

ޓުރިސްޓް ބަންގްލޯއަށް ވަނުމަށްފަހު އިންދަރްޖީތު އެންމެ ފުރަތަމަ ދިޔައީ ޑޮރޮތީގެ ކޮޓަރިއަށެވެ. ޑޮރޮތީއާ ދައްކަން ބޭނުންވާ ވާހަކަތަކެއް ހުރުމުންނެވެ. އަދި އެއީ ހަމައެކަނި ޑޮރޮތީގެ ފަރާތުން ނޫނީ ނޭނގޭނެ ވާހަކަތަކެއް ކަމަށްވާތީއެވެ. ޑޮރޮތީގެ ކޮޓަރި ވަނީ ބޭރުން ތަޅުލާފައެވެ. ތަޅުދަނޑި އޮތީ އިންދަރްޖީތުގެ ޖީބުގައެވެ. އެހެންކަމުން އޭނާ ތަޅުދަނޑި ނަގާފައި ތަޅު ހުޅުވާލުމަށްފަހު ވަރަށް ބޮޑަށް ރައްކައުތެރި ވެގެން ހުރެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އޭރު އޭނާގެ އެއްއަތުގައި ފިސްތޯލަވެސް އޮތެވެ. ކޮޓަރިއަށް ވަނުމާއެކު އޭނާ ހައިރާންވިއެވެ. ނަމަވެސް އޭނާއަށް ފެނުނީ މުޅީން ހީނުކޮށް ހުރި މަންޒަރެއް ނޫނެވެ. ކޮޓަރީގައި އެކަކުވެސް ނެތެވެ. އަގަރްވާލް ބަނދެފައި އިން ގޮނޑިވެސް ހުރީ ހުހަށެވެ. ޑޮރޮތީ ބަނދެފައި ބޭއްވިތަންވެސް ވަނީ ހުސްކޮށެވެ. ބެޑްރޫމުން ބޭރަށް ހުޅުވޭގޮތަށް ހުރި ކުޑަދޮރު ހުރީ ހުޅުވާފައެވެ.

އިންދަރްޖީތު ކޮޓަރީގެ ހުރިހާ ތަނެއް ބަލައި ފާސްކޮށްލިއެވެ. އަލަމާރިއާއި ލިޔާމޭޒުގެ ވަތްގަނޑުތަކަށް ދަންދެން ހޯދިއެވެ. ނަމަވެސް އެއްވެސް ކަހަލައެއްޗެއް އޭނާއަކަށް ނުފެނުނެވެ. އެމަސައްކަތުގައި އޭނާ އުޅެނިކޮށް ކުއްލިއަކަށް ކޮޓަރީގެ ފޯނު ރަނގަބީލްވާން ފަށައިފިއެވެ. އިންދަރްޖީތު ރިސީވަރު ނެގިއިރު އެކޮޅުން ވާހަކަ ދައްކަނީ ޑޮރޮތީއެވެ. އިންދަރްޖީތު އޭނާ ދައްކަމުންދިޔަ ވާހަކަ އަޑުއަހަން ކުޑައިރުކޮޅަކު ހުރެފައި ބުންޏެވެ.

"އެންމެރަނގަޅު އަހަރެން މިއަންނަނީ" އެހެން ބުނެފައި ރިސީވަރު ބާއްވާފައި ޖީބުން ފިސްތޯލަ ނަގާފައި އޭގެ މެގެޒީންއަށް ވަޒަން އަޅައިފުރާލިއެވެ. އަދި ޑޮރޮތީގެ ކޮޓަރިން ނުކުމެއްޖެއެވެ.

ޑޮރޮތީ އިނީ އިންދަރްޖީތުގެ ކޮޓަރީގައެވެ. އިންދަރްޖީތު އޭނާއާ ދިމާއަށް ލޯބޮޑުކޮށްފައި ބުންޏެވެ.

 "ކަލޭ  އަހަރެންގެ ކޮޓަރިއަށްވަނީ ކިހިނެއްތަ؟ އޭނާގެ އަޑުގައި ވަނީ ރުޅީގެ އަސަރެވެ.

"އަހަރެން  ޣުލާމްރަސޫލު އަތުން ކަލޭގެ ކޮޓަރީގެ ތަޅުދަނޑި އަތުލީ" ޑޮރޮތީ ހިނިތުންވެލިއެވެ.

"އަގަރްވާލް ފިލައިގެން ދިޔައީ ކިހިނެއް؟"

"އަހަރެން އޭނާ ދޫކޮށްލީ"

"ކީއްވެގެން؟"

"އޭނާ އަހަރެންނަށް ދިހަހާސް ޑޮލަރުގެ ރިޝްވަތެއް ދިނީ. ހިތްގައިމު ދިރިއުޅުމެއް އުޅެލަން ދިހަހާސް ޑޮލަރަކީ ލައްކަ އެއްޗެއް. އަނެއްކޮޅުން އަހަރެންގެ އަތުގައިހުރި ފައިސާކޮޅު ވެސް ދަނީ ހުސްވަމުން" އެކަމަކު ކަލޭވެސް އިނީ ރަނގަޅު ގޮނޑިއާއެކު ބަނދެފައެއްނު. ކަލޭ ސަލާމަތްވީ ކިހިނެއް ހަދައިގެން؟"

"ކަލޭ ހަނދާންނެތުނީތަ... ކަލޭ އުޅުނީ ވަރަށް އަވަސް އަރައިގެން އެހެން އުޅުމުގެ ތެރޭގައި ކަލޭ ޖެހި އެއްގޮށް ވަނީ ނުބައިކޮށް ޖެހިފައި... އަހަރެން ފަހުން އެގޮށް މޮހާލީ އަދި އަހަރެން ސަލާމަތްވެފައި، އަގަރްވަލްއާ ވާހަކަދައްކައިގެން އެ ވިޔަފާރިކޮށްލީ. އަގަރްވާލް ފުލުހުންނާ ޙަވާލުކުރި ނަމަވެސް އެއްވެސް އެއްޗެއް ނުލިބޭނެ. އަދި އަގްރަވާލްއާ ދެކޮޅަށް އެއްވެސް ހެއްކެއް ނެތުމުގެ ސަބަބުންފުލުހުންނަށް އޭނާގެ ފަރާތުން އެއްވެސް އެއްޗެއް ނުހޯދޭނެ.. އަނެއްކޮޅުން ޑާގަރް އާއި އޭނާގެ މީހުންވަނީ ކަލޭގެ މަސައްކަތުން ހައްޔަރުކޮށްފައި. އޭނާގެ ފެކްޓަރީވެސް ކަލޭ އަތުން ހަލާކުކޮށްލާފައި. ވީމާ އަގަރްވާލްގެ ބޭނުމެއްނެތް...."

"އެކަމަކު ކަލޭ އަހަރެންނަށް ފެކްޓަރީގެ އެޑްރެސް ބުނެދީފައިވަނީ ނުބައިކޮށް---- އެހެންނު؟"

"އާނ"

"އަދި ކަލޭ އަހަރެން މަރާލަންވެސް ނުވަތަ އަހަރެން ޒަޚަމްކޮށްލަންވެސް މަސައްކަތް ކުރީމު..."

"ހަމައެކަނި ޒަޚަމްކޮށްލަން"

"އެއީ ކީއްވެގެންތަ؟"

" ޑޮރޮތީ ހީނލާފައި އޭނާގެ ދެއަތް ބޯމަތިން ފުރަގަހަށް ގެންގޮސް ބޮލުގެ އިސްތަށިގަނޑު ރީތިކޮށްލާފައި ބުންޏެވެ. "ކަލެއަކީ ވަރަށް ބޮޑު މޮޔައެއް، ކަލެއަށް އަދިވެސް އަހަރެން ނޭނގޭދޯ! އަހަރެންނަކީ، އިނގިރޭސި ވިލާތުގެ ސީކްރެޓް ސާރވިސްގެ އެޖެންޓް، އިނގިރޭސި ވިލާތުގެ ޒުވާނުންގެ ތެރޭގައި އަފިހުނާއި،ގަންޖާއާއި،ހަޝިޝްއާއި އެލްއެސްޑީ ފަދަ މަސްތުވާތަކެތި ބޭނުންކުރުން މިހާރުވަނީ ވަރަށް ބޮޑަށް އާދަވެފައި. މިނުރައްކައުތެރި ވަބާގެ ސަބަބުން މިހާރުގެ ޖެނެރޭޝަންއެކުގައި ހަލާކުވެގެން ހިނގައިދާނެކަމުގެ ބިރުވަނީ ފެތުރިފައި، އެހެންކަމުން އެކަން ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ އެއްބަޔަކީ، އިނގިރޭސި ވިލާތަށް އެފަދަތަކެތި އަންނަ ދިމާތައް ހޯދައި އެތަންތަނުން އެތަކެތި އިނގިރޭސި ވިލާތަށް ދާންހުރި މަގުތައް ބަންދުކުރުން.   ހޯދިހޯދުންތަކުން އެނގުނު ގޮތުގައި އިނގިރޭސިވިލާތަށް މިފަދަ މަސްތުވާ ތަކެތި އެންމެ ގިނައިން ފޮނުވާ އެއްފަރާތްތަކަށްވަނީ އިންޑިއާ. ނަމަވެސް އިންޑިއާއަކީ ކޮމަންވެލްތްގެ ޤަވްމަކަށްވެފައި، އަދި އިނގިރޭސިވިލާތާ ވިޔަފާރީގެގޮތުންނާ އެހެން ގޮތްގޮތުން ވަރަށް ބޮޑަށް ގުޅޭ ޤަވްމަކަށްވާތީ ފާޅުގައި މިކަހަލަ ބަދުނާމެއް އިންޑިއާގައި އަޅުވާކަށް ސިޔާސީ ގޮތުން ތަނެއްނުދޭ. އެހެންވީމާ އިނގިރޭސި ވިލާތުގެ ސަރުކާރުން އެތާނގެ ސީކްރެޓް ސާރވިސްއާ ޙަވާލުކުރީ އިންޑިޔާގައި މިފަދަ ތަކެތި އުފައްދައިގެން އިނގިރޭސި ވިލާތަށް ފޮނުވާ ފަރާތްތައް ހޯދައިގެން މީހުން ހައްޔަރުކޮށް ހެދުމަށް އެހީވެ ދިނުމަށް" ޑޮރޮތީ ވަރަށް ސީރިއަސް ގޮތެއްގައި ކިޔައިދެމުން ދިޔައެވެ.

"އަހަރެން އިންޑިޔާއަށް އައިސް މިއުޅެނީ މިމަސައްކަތަށްޓަކައި އިނގިރޭސި ވިލާތުގެ ސީކްރެޓް ސާރވިސްއިން ފޮނުވައިގެން. އިންޑިޔާއށް އައިސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު ޑާގަރްއާބެހޭ މަޢުލޫމާތުތަކާއި އޭނާގެ ފެކްޓަރީ ހުންނަނީ ޕެހެލްގާމްގައިކަން އެނގިގެން މިތަނަށްއައީ، މިތަނަށް އައިސް މިކަމާބެހޭގޮތުން މަސައްކަތް ކުރަމުން ދަނިކޮށް ކަލޭ މިތަނަށް އައީމާ އަހަރެންގާތަށް ރުޅިއައީ. ސަބަބަކީ ކަލޭ މިތަނަށް ނައިނަމަ ޑާގަރް ފަދަ މުޅިދުނިޔެއަށް މަޝްހޫރު ޑްގަރް އުފައްދާ އަދި ސްމަގްލްކުރާ މީހަކު ހައްޔަރު ކުރިކަމުގެ ކްރެޑިޓް ލިބުނީހީ... އަހަރެންނަށް... ހުޅަނގުގެ ޤަވްމެއްގެ ސީކްރެޓް އެޖެންޓަކަށް... ނަމަވެސް މިހާރު މިވީގޮތުން އަހަރެންނަށް އެއްވެސް އެއްޗެއް ނުލިބުނީ.... އާނ.. އަހަރެންގެ ބުކްޝެލްފްގެ މަތީގައި ބަހައްޓާލަން  ލިބުނު ހުޅަނގުގެ ހަތަރުމީހެއްގެ ފޮޓޯ ފިޔަވައި ދެން މިލިބުނީ ކޮންއެއްޗެއް... އެތަނަށް އިތުރުކޮށްލާނެ އެހެން އިރުމަތީގެ މީހެއްގެ ފޮޓޯވެސް ލިބުނިއްޔާ ރަނގަޅު!" ޑޮރޮތީގެ މޫނުމަތީގައި ވަނީ ހިތްހެޔޮކަމާއި އުފާވެރިކަމެވެ.

"ކަލެއަކީ ވާހަކަ ލިޔާ މީހެއް ނޫންތަ؟" އިންދަރްޖީތު އަހާލިއެވެ.

"ވާހަކަ ލިޔުމަކީ ހޮބީއެއްގެ ގޮތުން ކުރާކަމެއް. ވާހަކަ ލިޔެގެން ލިބެނީވެސް ކޮންއެއްޗެއް؟ އެންމެ ރަނގަޅު މިފަހަރުވާ ދިހަހާސް ޑޮލަރުވެސް ލިބިއްޖެ. މިފައިސާކޮޅުން ދެ ވެރިންނަށް ޔޫރަޕްގައި ދުވަސްކޮޅަކު އުޅެވިދާނެ އެއްނު! ދެން ދަމާ ހިނގާ!"

"އަހަންނަށްވެސް ޑާގަރް އަތުން ތިރީސްހާސް ޑޮލަރު ލިބިފައި އެބައޮތް. އަހަރެން އެ ފައިސާތައް ވެސް ކަލެއަށް ދޭނަން... އޭރުން ކަލެއަށް ލިބިފައިވާ ހިތާމައިން ތަންކޮޅެއް ނަމަވެސް އުނިވެގެން ދާނެއެއްނު!"

 އެހެން ބުނެފައި އިންދަރްޖީތު އެނދުގެ ބާލީސް ދަށުން އޭނާގެ ދަބަސް ނަގާފައި އެއިން ތިރީސްހާސް ޑޮލަރު ނަގައި ޑޮރޮތީގެ އަތަށް ދިއްކޮށްލިއެވެ.

ޑޮރޮތީ އެ ޑޮލަރުތަކަށް ވަރަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. އަދި އެ ފައިސާތައް އިންދަރްޖީތުގެ ކުރިމަތީގައި ބަހައްޓާފައި ޑޮރޮތީ އިން ތަނުން ތެދުވެއްޖެއެވެ. އަދި އޭނާއަށް ލިބިފައިވާ ދިހަހާސް ޑޮލަރު އޭނާގެ ދަބަސް ތެރެއިން ނެރެ އެބައިވެސް އިންދަރްޖީތުގެ ކުރިމަތީގައި ބެހެއްޓިއެވެ. އަދި އެއަށްފަހު އޭގެތެރެއިން ނޫޓަކާއި އިންދަރްޖީތު ދިން ތިރީސްހާސް ޑޮލަރުގެ ތެރެއިން ނޫޓެއް ނަގައިފިއެވެ. ދެން އޭނާގެ ދަބަހުގެތެރެއިން ނެގި ކުޑަކުޑަ ފުޅިއަކުން އެދެނޫޓްގެ މައްޗަށް ދެތިން ހަތަރުތިކި ޖެއްސުމަށްފަހު ދެ ނޫޓު ދެ ނޫޓާ ޖައްސާފައި އުނގުޅައިގެންފިއެވެ. ދެނ ކުޑައިރުކޮޅެއް ވަންދެން އެ ދެ ނޫޓް ބޭއްވުމަށްފަހު ބަލާލިއިރު ދެ ނޫޓްވެސްވަނީ އޭގައި ހުރި ޗާޕްކުރުން ގޮސް ހުދުކުލައިގެ ދެ ކަރުދާސްކޮޅަށްވެފައެވެ.

އެތަން ފެނުމާއެކު ޑޮރޮތީ ވަރަށް ބާރަށް ހީނގެންފިއެވެ. އަދި ހުނުން ހުއްޓާނުލާ އެތައް އިރެއްވެއްޖެއެވެ.

"ތިޔަ ވަރަށް ހެނީ ކޮންކަމަކާތަ؟" ކީއްވެތަ! އިންދަރްޖީތު ހައިރާންވެލާފައި އަހާލިއެވެ.

"މިނޫޓް ތަކަކީ ކައުންޓަރފީޓް އެއްޗެއް. ވަގުޑޮލަރު"

"ވަގުޑޮލަރޭ!..." އިންދަރްޖީތު ހާސްވެފައި ބުންޏެވެ.

"އާނ .. މުޅިން ވަގު ޑޮލަރު.. ވާހ... ރަނގަޅު ސަމާސާއެއް؟"

"މިކަން ސަމާސާއަކަށް ވާންވީ ކީއްވެ؟" އިންދަރްޖީތު ހިސާބަކަށް ރުޅިއައިސްފައި ސުވާލުކޮށްލިއެވެ.

ޑޮރޮތީ އެއްވެސް އެއްޗެއް ނުބުނެ އިންދަރްޖީތުގެ ކުރިމަތީގައި ހުރި ހުރިހާ ފައިސާތައް ނަގާފައި، ބަނދެފައި ހުރި ނޫޓް ބޮނޑިތައް މޮހާލާފައި، ނޫޓްތައް ވައިގެ ތެރެއަށް އުކާލިއެވެ. އަދި ނުލާހިކު ހިތްހަމަޖެހިލާފައި ބުނަން ފެއްޓިއެވެ. "އަހަރެންނަށް... އަހަރެންގެ ޑިޕާރޓްމަންޓަށް ކެއްސެއް ދޭންނުޖެހުނުކަން އެއީ ވަރަށް ރަނގަޅަށް ވީކަމެއް.. އެކަމާ އަހަރެން ވަރަށް އުފާވެއްޖެ.."

"ކީއްތަވީ.. ކަލޭ މޮޅިން ހުއްޓާ އަހަރެން ދުވަހަކު ވެސް ނުދެކެން... އޭގެ ސިއްރަކީކޮބައިތަ؟"

"އަހަރެންނަކީ މަޝްހޫރު ލިޔުންތެރިޔާ ކޯކޯގެ ވާހަކަ ޤަބޫލުކުރާ މީހެއް... އަހަރެން ޔަޤީންކުރާގޮތުގައި މުސްތަޤްބަލަކީ ވެސް އަދި މާޒީއަކީ ވެސް އިންސާނަކަށް ޓަކައި މާ މުހިއްމު އެއްޗެއް ނޫން...އެހެންވީމާ ކަމަކާނުލާ ދެން މޮޅިވާންވީ ކީއްކުރަން؟ އަދި އަހަރެންނަކީ ސާރތަރްގެ ވާހަކަ ވެސް ޤަބޫލްކުރާ މީހެއް. އޭނާ ބުނަނީ ދުނިޔެ އޮތީ އަހަރެމެން އުޅޭތީއޭ އެހެންވީމާ ދުނިޔެ ރަނގަޅުތަނަކަށް ހަދާނީވެސް އަހަރުމެންނޭ. ވީއިރު އަހަރުމެން ދެ މީހުންނަށް ލިބިފައިވާ މި ފުރުޞަތު ނަގާލަންވީ ކީއްކުރަން؟" ޑޮރޮތީ ހެމުންހެމުން ބުންޏެވެ. އިންދަރްޖީތުވެސް އޭނާގެ ހުނުމުގައި ބައިވެރިވެއްޖެއެވެ. ދެމީހުންގެ ހުނުން އެއްއަޑަކަށް ބަދަލުވެގެން ހިނގައްޖެއެވެ.

 (ނިމުނީ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.