(16 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އޭނާގެ ވާހަކަ އަހާފައި އިންދަރްޖީތު އަމިއްލައަށް އޭނާގެ ފަހަތުން އަންނަ ކަމުގެ ފުރިހަމަ ޔަޤީންކަން އޭނާއަށް ލިބިފައިވާ ކަހަލައެވެ. ޙަޤީޤަތުގައިވެސް މިހާރު އިންދަރްޖީތު އޭނާގެ ފަހަތުން އެބަ އާދެއެވެ. ދެމީހުން ހިނގަމުންގޮސް އިންދަރްޖީތު އެމީހާ އަރާ ހަމަވެއްޖެއެވެ. އެވަޤުތު އިންދަރްޖީތު އެމީހާއާ ދިމާއަށް ބަލާވެސް ނުލާ ބުންޏެވެ. "ކަލޭ ދެންމެ އަހަރެންނާ ދިމާއަށް އެއްޗެކޭ ބުނީމެއްނު؟"
"ލައްބަ ސާހިބާ މީރުވަސް ދުވާއެއްޗެތީގައި އެންމެ ކުޑަމިނުން ވަސްގަތުމަކީ ބޭނުން ކަމެކޭ އަޅުގަނޑު ބުނިން." އެމީހާ އޭނާގެ ޢިބާރާތު ތަކްރާރު ކޮށްލިއެވެ. ނަމަވެސް އޭނާވެސް އިންދަރްޖީތާ ދިމާއަކަށް ނުބަލައެވެ. އަދި އޭނާގެ ހިނގުންވެސް ހުއްޓައެއް ނުމެލައެވެ. ދެމީހުން ހިނގަމުންހިނގަމުންގޮސް އެތާނގައި ހުރި ކޯރަކުން ފެންނަގާ ބުރަފައްޗަކާ ހަމައަށް ގޮސްފައި އެމީހާ ހުއްޓިއްޖެއެވެ. އެއިން އެއްވެސް ހިސާބަކުން އެހެންމީހަކު ފެންނާކަށްނެތެވެ. އިންދަރްޖީތުވެސް އެތަނަށް ހުއްޓިއްޖެއެވެ.
އެމީހާ އިންދަރްޖީތުއާއި ދިމާއަށް ވަރަށް ރަނގަޅަށް ބަލާލުމަށްފަހު ބުންޏެވެ. "ބައްލަވާ ސާހިބާ... އިއްޔެ ހަވީރު އަޅުގަނޑުމެން ކަލާ ވަރަށް ބޮޑަށް ހޯދިން. ނަމަވެސް ކަލާ ދުރުވީ ކޮންތަނަކަށް ކަމެއްވެސް ނޭނގުނު...."
"އެކަމަކު.. އެކަމަކު..ކަލެއަކީ ކާކުތަ؟" އިންދަރްޖީތު ކުޑަކޮށް އާގަންނަ ގޮތަކަށް ސުވާލުކޮށްލިއެވެ. މިއަދު އޭނާ މާގިނައިން ރާބުއިން އެއީ އޭނާއަށް ހެދުނު ވަރަށް ބޮޑު ގޯހެކެވެ. އޭނާއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ. މީހަކަށް ރަނގަޅަށް ވާހަކަ ނުދެއްކޭ އިރު، ދެން އެމީހަކަށް ރަނގަޅަށް ވިސްނާނީވެސް ކިހިނެއް ހެއްޔެވެ؟
"އަޅުގަނޑު.. އަޅުގަނޑު... މީކާކުހެއްޔޭތޯ؟" އެމީހާ ހީނގެންފައި ބުންޏެވެ. ލަހެއް ނުވެ އެނގިލައްވާނެ.. ސާހިބާ ހަމަ މިހާރު.. މިތަންވަޅު ކަލާއަށް އެނގިނުލައްވަފާނެ."
އިންދަރްޖީތު އެނބުރިލާފައި ބަލާލިއެވެ. ކޯރުން ފެންނަގާ ބުރަފަތި އެވަގުތު ވަނީ ތިރިއަށް ގޮސްފައެވެ. އޭނާ އެނބުރޭ އަޑު ވަރަށް ބާރަށް އިވެމުންދެއެވެ. އަސްލުގައި އެބުރަފަތި ހުރީ ކުޑަކުޑަ ކޮޓަރިއެއްގައެވެ. ކޯރުގެ ފެންގަނޑު އެކޮޓަރީގެ ބޭރަށް ވަރަށް ބާރަށް ދެމެމުން ދެއެވެ. އަދި ބުރަފަތީގެ ބާލިދީތަކަށް ވަރަށް ބާރަށް އޮހެމުންދެއެވެ. އޭގެ ބާރުމިނުން އެބުރަފަތި އެނބުރެމުން އޭގައިވާ ބާލިތަކުން ފެން ނެގެމުންދަނީއެވެ. އެ ބުރަފަތި ބަހައްޓާފައިވާ ކުޓަރީގެ ކުޑަދޮރެއް ބޭރަށް ހުޅުވާފައި ހުއްޓެވެ.
އިންދަރްޖީތުގެ މަސްތުވުމުން ކުއްލިއަކަށް މުޅީން ކެނޑިގެން ހިނގައްޖެއެވެ. އެކޮޓަރިން ހުޅުވިފައިވާ ކުޑަދޮރުން ރައިފަލެއްގެ ކޮޅު ނިކުމެފައިވާތަން އޭނާއަށް ފެނިއްޖެއެވެ. އެރައިފަލު ދިމާކުރެވިފައި ވަނީ އިންދަރްޖީތާ ދިމާއަށެވެ.
އިންދަރްޖީތު ކަސްތޫރި ވިއްކާ މީހާއާ ދިމާލަށް ބަލާލިއެވެ. އޭނާ ހީނލާ ހީނލާ ހުއްޓެވެ. އޭނާ އެކޮޓަރިއާ ދިމާއަށް އިޝާރަތްކޮށްލަމުން ބުންޏެވެ. "ހިމޭންކަމާއި އެކު މަޑުމަޑުން އެތެރެއަށް ހިނގާ."
އިންދަރްޖީތުގެ އަތް އޭނާގެ ކޯޓުގެ އެތެރޭގައިވާ ޖީބުގައި އޮތް ފިސްތޯލަ ނަގަން ނުގެންދެވިގެން އުޅެނިކޮށް ކޮންމެވެސް މީހަކު އޭނާ ފުރަގަހުން ފިސްތޯލައެއްގެ ތުން އޭނާގެ ކަނދުރާގައި ޖައްސާލި.
ޑާގަރްގެ އިތުރުން ތިން މީހަކު ތިއްބެވެ. ކަސްތޫރި ވިއްކަން އުޅުނު މީހާ އާއި، މަތިމަސްލީ އެހެން މީހަކާއި ވަރަށް ހިކި ދިގު ކަޝްމީރު މީހަކާ ތިންމީހުންނެވެ. އަދިވެސް އިތުރު މީހަކު އެތާނގައި ހުއްޓެވެ. އެއީ އިއްޔެ ހަވީރު އޭނާގެ ޖިޕަށް އެރި މީހާއެވެ. އެމީހާ އަމިއްލައަށް އޭނާއަކީ ޑާގަރްގެ މީހެކޭވެސް ވަނީ ބުނެފައެވެ.
"ކަލޭމެން ބޭނުންވަނީ ކޮންކަމެއްތަ؟" އިންދަރްޖީތު ޑާގަރާ ދިމާއަށް ބަލާލާފައި ސުވާލުކޮށްލިއެވެ. "އަހަރެމެން ބޭނުމީ ހަމައެކަނި ކަލެއަށް ވިސްނައިދޭން." ޑާރަގް ބުންޏެވެ. "އިންސާނުން މަސައްކަތް ކުރަންވާނީ އެމީހުންގެ ބާރުފޯރުވޭވަރުގެ ކަންތައްތަކަށް.... ކަލޭ މިހާރު ކަޝްމީރުގައި ވަނީ ފުދޭވަރެއްގެ ޝުހުރަތެއް ލިބިފައި. ވީމާ ކަލެއަށްޓަކައި ރަނގަޅުވަނީ އަހަރުމެންގެ ކަންތައްތަކާ ނުބެހުން. މިވާހަކަ އަހަރެން ކަލޭގެ ކުރީގެ އެޖެންޓަށްވެސް ވިސްނާދިނިން ނަމަވެސް އޭނާ އެވާހަކައެއް ނޭހި. އެހެންވީމާ އަހަރުމެންނަށް މަޖްބޫރުވެގެން އޭނާ މަރާލީ.."
އިންދަރްޖީތުގެ ފަހަތުގައި އޭރުވެސް ފިސްތޯލަ ހިފައިގެން ހުރި މީހަކު އޭނާއާ ދިމާއަށް ފިސްތޯލަ ދިއްކޮށްލައިގެން ހުރިތަން އިންދަރްޖީތަށްފެނެއެވެ. ނަމަވެސް އޭނާ ބުންޏެވެ. "އެހެންގޮތަކަށް ބުނާނަމަ ކަލޭ ތިޔަ ބުނަން އުޅެނީ ކަލޭބުނާ ބަސް އަހަރެން ޤަބޫލުނުކޮށްފިނަމަ އަހަރެންވެސް މަރާލާނަމޭތަ؟"
"ކަލެއަށް ތިޔަ ވިސްނުނީ މުޅީން ރަނގަޅަށް..... އެހެންވީމާ ކަލާ އަވަހަށް މިތަނުން ނިކުމެގެން ދިޔުން ކަލެއަށް މާރަނގަޅުވާނެ." ޑާގަރް ބުންޏެވެ.
(ނުނިމޭ)