ދުޝްމަން ލޯބިވެރިޔާ - 3

(3 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ތުނބުޅި ބާލައި ފެންވަރައި ހަދައިގެން ހެދުން އެޅުމަށްފަހު ބޯ އޮމާން ކޮށްލަން ލޯގަނޑު ކައިރީގައި ހުއްޓުނުތަނާ ގޭގެ ދޮރުމަތިން ހޯލްބެލް ޖެހި އަޑު އިވިއްޖެއެވެ. ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރީ ޕޯސްޓްމަން އެވެ.

"ސާހިބާ... މިތާނގައި ސޮއިކޮށްލައްވާ. ރަޖިސްޓްރީ ސިޓީއެއް." ޕޯސްޓްމަން ބުންޏެވެ.

އިންދަރްޖީތު އެސިޓީ ހިފައިގެން އެތެރެއަށް ވަދެ ސިޓީއަށް ނަޒަރު ހިންގާލިއެވެ. ބްރައުން ކުލައިގެ ސިޓީއުރައެއްގައި ވަރަށް ބޮޑެތި އަކުރަކުން އޭނާގެ ނަން ލިޔެފައި އޮތެވެ. ހިނދުކޮޅަކަށްޓަކައި އޭނާ ސިހޭގޮތް ވިއެވެ. އަދި އޭނާގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ.

އެސިޓީއުރައިގައިވާ ހޭންޑްރައިޓިންގް އަކީ، އޭނާ ރަނގަޅަށް ދަންނަ ލިޔުމެކެވެ. އޭނާ އަވަސްއަވަހަށް ސިޓީއުރަ ކަނޑާލިއެވެ. އަދި ސިޓީގެ ތިރީގައި ލިޔެފައިވާ، އެސިޓީ ލިޔުނު މީހާގެ ނަން ބަލާލައިފިއެވެ. އޭނާއަށް ހީކުރެވުނީ ރަނގަޅަށެވެ. އެސިޓީއަކީ ސީމާގެ ސިޓީއެކެވެ. މިހާރު އެހެން މީހެއްގެ އަނތްބެއް ކަމަށްވާ، އަދި ވޭތުވެދިޔަ ފަސް އަހަރެއްހައި ދުވަހު އޭނާގެ ފިރިމީހާއާ އެކުގައި ކަޝްމީރުގެ ކޮންމެވެސް ހިސާބެއްގައި ދިރިއުޅެމުންދާ ސީމާގެ ސިޓީއެކެވެ. ފަސް އަހަރަށްފަހު މިއަދު މީ ސީމާގެ ސިޓީއެއް އޭނާއަށް ލިބޭ ފުރަތަމަ ފަހަރެވެ. އެހެންކަމުން އޭނާ ވަރަށް އަވަސްއަވަހަށް އެސިޓީ ކިޔަން ފެއްޓިއެވެ. އެސިޓީގައިވާ އެކިއެކި ލަފުޒު ވަކިވަކިން އޭނާގެ ހިތަށް ނަގަމުން ގެންދިޔައެވެ.

"އިންދަރް!

ކަލާއަށް މި ސިޓީ ލިޔުމުގެ އެއްވެސް ޙައްޤެއް އަޅުގަނޑަށް ނެތްކަން އަޅުގަނޑަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް ވަގުތު އިންސާނުންނަށް ވަރަސް ގިނަ ކަންތައްތައް ކުރަން މަޖުބޫރުކުރެއެވެ. އެއްފަހަރަކު އަޅުގަނޑުމެން ދެމީހުން އެކަކު އަނެކަކަށް ވަޢުދުވީ ހަނދާން މިހާރުވެސް ކަލާ ހަނދާން ހުންނާނެކަން ނޭނގެއެވެ. އަޅުގަނޑު އަޅުގަނޑުގެ ވަޢުދާ ޚިލާފު ވެއްޖައީމުއެވެ. ނަމަވެސް ކަލާ ކަލާގެ ވަޢުދު ހިފަހައްޓަވާނެކަމަށް އަޅުގަނޑު މިއަދުވެސް އުއްމީދުކުރަމެވެ. ދިރިއުޅުމުގައި ކޮންމެވެސް ސަބަބަކާ ހުރެ އަޅުގަނޑުމެން ވަކިވާން ދިމާވިނަމަވެސް އަޅުގަނޑަށް ކަލާގެ ބޭނުމެއް ޖެހިއްޖެނަމަ ކަލާ ކޮންމެ ޙާލަތެއްގައިވެސް އަޅުގަނޑަށް އެހީވެދެއްވާނަމޭ ކަލާ ބުނުއްވީމު ނޫންތޯއެވެ. މިއަދު އަޅުގަނޑު ވަނީ ވަރަށް ބޮޑަށް ކަލާގެ އެހީއަށް ބޭނުންވެފައެވެ. ވެލައްވާނަމަ ވަރަށް އަވަހަށް ޕެހެލްގާމަށް ދުރުވެދެއްވާށެވެ. އެހެންނޫނީ މާ ލަސްވެދާނެއެވެ."

އޭގެ ތިރީގައި ވަރަށް ބޮޑެތި އަކުރަކުން "ސީމާ އަގަރްވާލް" އޭ ލިޔެފައި އޮތެވެ. އަދި އޭނާގެ ގޭގެ އެޑްރެސްވެސް ލިޔެފައި އޮތެވެ.

އިންދަރްޖީތު އެސިޓީ އޭނާގެ ކޯޓުގެ ޖީބަށް ލާފައި ފްލެޓްގެ ދޮރު ބޭރުން ތަޅުލާފައި ތިރިއަށް ހިނގައްޖެއެވެ.

ޖީޕްގައި އިށީނދެފައި ސީއައިޑީ އޮފީހާ ދިމާއަށް ދުއްވާލިއިރު، އިންދަރްޖީތުގެ ސިކުނޑި މާރަނގަޅަކަށް މަސައްކަތެއް ނުކުރެއެވެ. އޭރު އޭނާގެ ހިތުގައި ވަނީ ސީމާގެ ޚިޔާލްތަކެވެ. "އަނެއްކާ ސީމާއަށް މުޞީބާތެއް ކުރިމަތިވީ ބާވައެވެ. ކޮންކަހަލަ ކަމަކަށް ވާނެބާވައެވެ." މިކަހަލަ އެއްޗެތިތަކެއް އޭނާގެ ހިތަށް އަރަމުން ދަނީއެވެ.

މިކަހަލަ ފިކުރުތަކެއްގައި އިންދާ އޭނާއަށް ސީއައިޑީ އޮފީހުގެ ޢިމާރާތަށް އާދެވިއްޖެއެވެ. އަދި ޖީޕުން ފައިބައިގެން އައިސް އޮފީހަށް ވަދެއްޖެއެވެ.

"ކަލާގެ ޓެލެގްރާމެއް." ކޮންސްޓެބްލް އަކު އައިސް ފިޔާތޮށިކުލައިގެ ކަރުދާސްކޮޅެއް އިންދަރްޖީތު އަތަށް ދެމުން ބުންޏެވެ.

"އޯ ގޯޑް." ޓެލެގްރާމް ކިޔާލާފައި އިންދަރްޖީތަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. އޭނާގެ މޫނުމަތިން ފެންނަނީ ވަރަށް ބޮޑަށް ހާސްވެފައިވާ ކަމުގެ އަސަރުތަކެވެ.

އެޓެލެގްރާމްގައިވާ މެސެޖަކީ ތޯއެވެ.

"ކަމް އެޓް ވަންސް – ސީމާ." މިއެވެ.

އިންދަރްޖީތު ސީނިއަރގެ ކޮޓަރިއަށް ވަނުމާއެކު އޭނާގެ ނިތްކުރިން ދާތައް ފުހެލިއެވެ. އެތަންވަޅު އޭނާއާ މުޚާޠަބުކޮށް ސީނިއަރ ބުންޏެވެ.

"ބަރަކާތްތެރިކަން ހުރި... އިންދަރްޖީތު... އިއްޔެ ކަލޭ ޖެކްޕޮޓް ކާމިޔާބު ކުރި ވާހަކަ އެހިން..." ސީނިއަރ އިންދަރްޖީތާ ސަލާންކޮށްލަން އަތް ދިއްކޮށްލިއެވެ.

"ތޭންކް ޔޫ ސަރ... ސަރ އަޅުގަނޑު ވީހާ އަވަހަކަށް ކަޝްމީރަށް ދާން ބޭނުން... ޕެހެލްގާމްއަށް..."

ސީނިއަރގެ މޫނުމައްޗަށް ވެރިވެގެން ދިޔައީ ހިނިތުންވުމެކެވެ. އެއާއެކު ބުނެލިއެވެ. " ޝަވްޤުވެރިކަމާއެކު ދޭ. ކަލޭ ތިޔަ ވާހަކަ އަހަރެން ގާތު ބުނަން އުޅޭކަން އަހަރެންނަށް ވަނީ އެނގިފައި."

"އެއީ ކިހިނެއްތޯ؟"

"އެއީ ކަލާގެ ކުރީގެ ގަރލްފްރެންޑް މިސިޒް އަގަރްވާލް އަމިއްލަ ގޮތުން އަހަރެންނަށް ސިޓީއެއް ފޮނުވާފައި ވާތީ. އެސިޓީގައި އޭނާ އަހަރެންގެ ފަރާތުން އެދިފައި އޮތީ ކަލޭ ކަޝްމީރަށް ދާން އެދުމުން ނުހިފެހެއްޓުމަށް... ކަލޭ އެއްފަހަރަކު އޭނާ އަހަރެންނާ ބައްދަލުކުރި ހަނދާން އެބަހުރިތަ! އޭނާ އެސިޓީ އަހަރެންނަށް އެލިޔުނީ އެ ބައްދަލުވުމުގެ ސަބަބުން ބާރު ހޯދައިގެން ކަމަށް ވެދާނެ. އޭނާ އަހަރެންގެ ފަރާރުން އެހީއަށް އެދިފައިވަނީ ކަލެއަށް ކުޑަ ދުވަސްކޮޅަކަށް ޗުއްޓީއެއް ދިނުމަށް." ސީނިއަރ އޭނާގެ ކަށިގަނޑަށް ދުންފަތް އަޅަމުން ބުނެލިއެވެ.

"އެހެންވިއްޔާ ކަލާ އަޅުގަނޑަށް ޗުއްޓީ ދެއްވީ ކަމަށް ބަލަންތޯ؟"

"އާނ... އަހަރެން އެއްވެސް މީހެއްގެ ޛާތީ ކަންތައްތަކަކާ ނުބެހެން... ކަލެއަށް މާދަމާ ހެނދުނުގެ ފްލައިޓުން ސްރީނަގަރަށް ދެވިދާނެ. ކަލޭގެ ދަތުރުގެ ހުރިހާ ކަމެއް އިންތިޒާމްކޮށްދެވޭނެ. ނަމަވެސް މިހާރު އިހަށް އިންފޮމޭޝަން ރޫމަށް ގޮސްބަލަ. އަދި އެތަނުން ބައެއް ކަންތައްތައް ސާފުކޮށް، މަޢުލޫމާތު ހޯދުމަށްފަހު އަހަރެންނާ ބައްދަލުކޮށްލާ!"

އިންފޮމޭޝަން ރޫމަށް ދިޔުމުން، އޭނާ ޕެހެލްގާމަށް ދިޔުމުގެ އަމުރު ސީނިއަރ ދިނީ ކީއްވެގެންކަން އިންދަރްޖީތަށް އެނގިއްޖެއެވެ. ސީނިއަރ އަކީ ކޮންމެވެސް ބޭނުން ކަމަކާ ނުލާ އެންމެ ފިޔަވަޅެއް ވެސް ނާޅާނެ މީހެއްކަން އިންދަރްޖީތު ކުރިންވެސް ދަނެއެވެ. ހަމަ އެހެން ޑިޕާރޓްމެންޓްގެ ބޭނުމަކު ނޫނީ އޭނާ އެތާނގެ މުވައްޒަފަކަށް ޗުއްޓީވެސް ނުދޭނޭކަން އިންދަރްޖީތަށް ވިސްނެއެވެ.

މިއަދުވެސް އިންދަރްޖީތު ހީކުރިގޮތަށް ކަންތައްތައް ދިމާވީއެވެ. ޕެހެލްގާމްގައި ހުންނަ އެޑިޕާރޓްމެންޓްގެ ސިއްރު އެޖެންޓްގެ ޚަބަރެއް ނުވާތާ މިހާރު ހަތަރު ދުވަސްވެއްޖެއެވެ. ވީމާ އިތުބާރުކުރެވޭ ކަހަލަ ރަނގަޅު މީހަކު އެތަނަށް ފޮނުވަން މިހާރުވަނީ ބޭނުންވެފައެވެ. އެއީ އެތާނގެ ކަންތައްތައް ބަލައި ޚަބަރުތައް ފޮނުވުމަށެވެ. މިފަދަ ކަމަކަށް އިންދަރްޖީތަށް ވުރެ ވަކީން ރަނގަޅު މީހެއް ނުހުންނާނެއެވެ.

މިހާރު އިންދަރްޖީތަށް އޮތީ ވީހާ އަވަހަކަށް ޕެހެލްގާމަށް ދިޔުމެވެ. އޭނާއަށް ކުރަންޖެހިފައިވަނީ ދެ މަސައްކަތެކެވެ. އެއްކަމަކީ، ސީމާއާ ބައްދަލުކޮށް އޭނާއަށް ކުރިމަތިވެފައިވާ މައްސަލައެއް ޙައްލުކޮށް ދިނުމެވެ. އަނެއް ކަމަކީ ޑިޕާރޓްމެންޓުން އޭނާއާ ޙަވާލުކުރި ކަންތަކެވެ. މި ދެކަންތަކުގެ ތެރެއިން ފުރަތަމަ ކުރާނީ ކޮ ންކަމެއްކަން އަދިވެސް އިންދަރްޖީތަކަށް ކަނޑައެއް ނޭޅެއެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.