ދުޝްމަން ލޯބިވެރިޔާ - 10

(10 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އޭނާގެ އިސްކޮޅުވަނީ ފަސް ފޫޓް ހަތަރު އިންޗިވަރެވެ. އިސްކޮޅު ދިގުކުދިންނެއް މާ ރީއްޗެއް ނޫނެވެ. ބޮމްބޭގައި އޭނާ އުޅޭ ގޭކައިރިން ކޮންމެ ދުވަހަކުވެސް އޭނާއަށް ދިގުދިގުއަންހެންކުއްޖަކު ދިމާވެއެވެ. ދިގުކަމުގެ އިތުރަށް އެކުއްޖާ އަކީ ވަރަށް ހިކިވެސް ކުއްޖެކެވެ. މަގުމަތީގައި އެކުއްޖާ ހިނގަމުންދާއިރު އިންދަރްޖީތަށް ހީވަނީ އެކުއްޖާ ހިނގަމުންދަނީ މަގުމައްޗަކު ނޫންހެންނެވެ. އަދި ކޮންމެވެސް ބިލްޑިންގެއްގެ ފުރަތަމަ ފުލޯރްގައި ހިނގަމުންދާހެންނެވެ.

ނަމަވެސް މިރޭ މިފެނުނު ކުއްޖާގެ އިސްކޮޅަކީ ވަރަށް ހެޔޮވަރުގެ އިސްކޮޅެކެވެ. މިއީ އަނެއްކާ ކޮންކުއްޖެއްބާވައެވެ؟... ޚާލިޞް އިނގިރޭސި (މުޅިން އިނގިރޭސި) ކުއްޖެއްހެންވެސް ހިއެއް ނުވެއެވެ. އިނގިރޭސި ކުދިންގެ ހިނގުމުގައި ތަންކޮޅެއް ޙަރަކާތްތެރި ގޮތެއް ހުންނާނެއެވެ. މިކަހަލަ މަޑުމައިތިރި  ގޮތެއް ނުހުންނާނެއެވެ. މިހާރު އެ އަންހެންކުއްޖާވެސް ހިނގައްޖެއެވެ. އެހެންކަމުން އިންދަރްޖީތު ވެސް އަވަސް އަވަހަށް ކެއުން ނިންމާލާފައި ޑައިނިންގް ރޫމުން ބޭރަށް ނިކުމެއްޖެއެވެ. ޑައިނިންގް ރޫމާ ގުޅިފައިވަނީ ޓޫރިސްޓް ބަންގްލޯގެ ބާރއެވެ. އެވަގުތު އެތާނގައި ބާރމަންއާއި އެއްކަލަ އަންހެން ކުއްޖާ ނޫން އެހެން އެއްވެސް މީހަކު ނެތެވެ.  އެކުއްޖާ އެތާނގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެން، އުނގުގައި ފޮތެއް ބާއްވައިގެން އިނެވެ. އެއްއަތުގައި ވަނީ ޕޯޑިނޭގެ ރާތަށްޓެކެވެ.

އިންދަރްޖީތު އޭނާގެ ކޮޓަރިއަށް  ދަމުން އަނބުރާލާފައި ބާރއަށް ވަދެއްޖެއެވެ. އަދި ބާރމަން ކައިރިއަށް ޖެހިލާފައި އޭނާއަށް ވެސް ރާތަށްޓެއް ނަގައިފިއެވެ. އަދި ބާރގެ ކުރިމަތީގައި ހުރި ރަތްކުލައިގެ ސްޓޫލްގައި އިށީންދެއްޖެއެވެ. އެތާކައިރީގައި އެހެން ސްޓޫލްތައްވަނީ ހުސްކޮށެވެ. އަންހެން ކުއްޖާ އިނީ ތަންކޮޅެއް ދުރުގައި ހުރި ގޮނޑިއެއްގައެވެ. އެވަގުތު އޭނާ އެއްގޮތަކަށްވެސް އިންދަރްޖީތުއާއި ދިމާއަށް ނުބަލައެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ  އޭނާގެ އަތުގައިވާ ތަށިތެރޭގައިވާ ފެހިކުލައިގެ ރާފޮދަށެވެ.

އިންދަރްޖީތު ނެގި ރާތަށި އެއްނޭވާއިން ކަހަލަ ގޮތަކަށް ބޯލާ ހުސްކޮށްލުމަށްފަހު، ދެތަށި ކޮންޔާކް އަޅާދިނުމަށް ބާރމަން ކައިރީގައި ބުނެފިއެވެ.

"ދެކޮންޔާކް އޭ ތޯ... ކީއްކުރަންވަންތޯ ޞާޙަބް؟"  ބާރމަން އަހާލިއެވެ.

"އެއްތަށި އަހަރެން އަނެއްތަށި މޭމް ޞާޙަބް؟" ބާރމަން އަހާލިއެވެ. އަންހެންކުއްޖާ ބޯން އިން ރާތަށިން އިސް އުފުލާލާފައި އިންދަރްޖީތާ ދިމާއަށް ބަލާލަމުން ބުންޏެވެ." މާފު ކުރައްވާ އަޅުގަނޑު ކޮންޔާކްއެއް ނުބޮން..."

"މާފުކުރައްވާ ... އަޅުގަނޑު މިހެން ބުނެވުނީ މިރޭ ވަރަށް ފިނިބާރުވާނެތީ. ފަރުބަދަތަކަށް ވަރަށް ބޯކޮށް ސްނޯވ ފައިބާނެތީ. އެހާ ފިނި ރެއެއްގައި ކަލާ ތިޔަ ބައްލަވާ ކަހަލަ ޕޯޑިނޭގެ ލުއިލުއި ހިއްޕެވުމެއްގެ ބަދަލުގައި ކޮންޔާކް ކަހަލަ އެއްޗެއް ބެއްލެވުމުން މާ އާރާމުގައި ނިދި ކުރެއްވޭނެ!"

އަންހެން ކުއްޖާ ހީނލިއެވެ. އަދި އޭނާ އަތުގައި ހުރި ރާތަށި ހުސްކޮށްލާފައި އެގޮނޑިން ތެދުވެގެން އައިސް، އިންދަރްޖީތުގެ ކައިރީގައި ހުރި އަނެއް ސްޓޫލްގައި އިށީނދެއްޖެއެވެ.  ބާރމަން ދެތައްޓަށް ކޮންޔާކް އަޅާދީފިއެވެ. އަދި އިންދަރްޖީތާއި އެކުއްޖާއާ ދެމީހުން ދެތަށި ނަގާފައި" ޗިއަރޒް" އޭ ބުނަމުން ދެތަށި ޖައްސާލިއެވެ.

"އަޅުގަނޑު ތަޢާރަފް ވާނަން އިނގޭތޯ؟ އަޅުގަނޑުގެ ނަމަކީ ޖޯޒޮފް ގަލްގާޑޯ." އިންދަރްޖީތު ބުންޏެވެ. " ޖޯޒޮފް ދަލްގާޑޯ. އަޅުގަނޑަކީ ގޯވާގައި އުޅޭމީހެއް. މިދުވަސްވަރު އުޅެނީ ބޮމްބޭގައި. އަޅުގަނޑަކީ ޖާރނަލިސްޓެއް. ވަރަށް ގިނަ ނޫސްތަކަށް ކަރެސްޕޮންޑްކުރަން. ނަމަވެސް ޚާއްޞަ ގޮތެއްގައި ގުޅުން އޮންނަނީ "ބޮންބޭ ހެރަލްޑް"އާ.

"ކަލާ ތިޔައީ ޖާރނަލިސްޓެއް.... އަޅުގަނޑަކީ ރައިޓާރއެއް.. ވާހަކަ ލިޔާ މީހެއް. އަޅުގަނޑު ލިޔަނީ އިނގިރޭސިބަހުން. އަޅުގަނޑުގެ ނަމަކީ ކްލެރޭރޮބިންސް."  ދެމީހުން އެކަކު އަނެކަކަށް ސަލާން ކޮށްލިއެވެ އޭރު އަންހެން ކުއްޖާގެ މޫނުމަތި އުފާވެރި ހިނިތުންވުމެއް ފެންނަމުންދިޔައެވެ. "ހެރަލް ރޮބިންސްގެ ނަން އަޑުއަހަން... ނަމަވެސް ކްލެރާ ރޮބިންސްގެ ނަން" ... އިންދަރްޖީތު ބުންޏެވެ. "އަޅުގަނޑު އެހާ މަޝްހޫރެއް ނޫން ... އެހާ..." "އެހާ ރީތި" އިންދަރްޖީތު އޭނާގެ ވާހަކަ މެދުކަނޑާލިއެވެ. އެފަހަރު އަންހެން ކުއްޖާގެ ލޮލުންވެސް ހިނިތުންވުމުގެ އަސަރު ފެނުނެވެ. އިންދަރްޖީތު އަންހެން ކުއްޖާގެ ފޮތާ ދިމާއަށް އިޝާރާތް ކޮށްލާފައި ސުވާލުކޮށްލާ  ރާގަކަށް  އަހާލިއެވެ. މިފޮތުގެ މުޞައްނިފާއަކީ އަނެއްކާ...؟

" ނޫން... އަޅުގަނޑެއް ނޫން" މިފަހަރު އެކުއްޖާ އިންދަރްޖީތުގެ ވާހަކަ މެދުކަނޑާލިއެވެ. މިއީ ކޯމޯ ލިޔެފައިވާ ފޮތެއް... " ދިޕްލެއިގް" " އަޅުގަނޑު ކޯމޯގެ ވާހަކަ ކިޔާ ހިތެއް ނުވޭ." އިންދަރްޖީތު ބުންޏެވެ. "އަޅުގަނޑު ކޯމޯގެ ވާހަކައާ ވަރަށް ރުހެން." އަންހެން ކުއްޖާގެ އަޑުގައިވަނީ ތޫނުކަމެއް އެކުލެވިފައެވެ. "ކަލާ އޭނާގެ ވާހަކައާއި ރުހިލައްވަނީ ކީއްވެތޯ؟ އޭނާގެ ވާހަކައިގާ  އެއްވެސް ކަމެއްގެ މައްޗަށް ޔަގީންކަމެއް ނޯންނާތީ އެއްވެސް ކަމަކަށް އިތުބާރު ނުކުރާތީ ރަނގަޅު ވުމަކަށް ނުވަތަ ނުބައި ވުމަކަށް، އަމަލުކުރުމަކަށް ނުވަތަ ތަދްބީރަކަށް އަދި ތަޤްދީރަކަށް ނުވަތަ ސައިންސަކަށް އަދި ސޮސައިޓީގެ އާދަކާދަތަކަށް އޭނާގެ ވާހަކައިގާ އިތުބާރު ނުކުރާތީ. ނުވަތަ ނުރައްކާތެރި ވަބާއެއް " ( ޕްލައިގްއެއް ") ހެން ، ހަފަރާތުން އަހަރުމެން ވަށާލައިގެން އުޅޭ ހުރިހާ ކަންތައްތަކުގެ ތެރެއިން އެއްކަމަކީވެސް ކަމަކަށް ނުހަދާތީ... ކަލާގެ ރީތިކަން ފިޔަވައި އެހެން އެއްވެސް ކަމަކީ ކަމެއް ނޫން..." އިންދަރްޖީތު އޭނާގެ ތަށި ނަގާފައި އަންހެން ކުއްޖާގެ ލޮލުގެ ތެރެއަށް ބަލަމުން ބޯން ފަށައިފިއެވެ. އެރީތި އަންހެން ކުއްޖާގެ ލޮލަށް ބަލަމުން އެރާފޮދު ބޯލުމުން އެއިން ލިބޭނެ މަސްތުވުން އިތުރުވެގެންދާނެއޭ އިންދަރްޖީތު ހިތަށް އެރުވިއެވެ.

އަންހެން ކުއްޖާ ހިނލިއެވެ. އަނެއްކާވެސް ދެމީހުންގެ އަތުގައިވާ ތަށި ޖައްސާލިއެވެ. އިންދަރްޖީތު ހިނލާފައި ވާހަކަ ދައްކަން ފެއްޓިއެވެ.

"ކޯމޯއާއި ބެހޭ ދެ ވާހަކައެއް އަޅުގަނޑަށްވެސް ކަމުދިޔަ.. އެއްވާހަކައަކީ އޭނާ ގަޑިއަކު 100 މޭލު ބާރު މިނުގައި ކަރު ދުއްވަމުން ދަނިކޮށް އޭނާ މަރުވި ވާހަކަ... އަނެއް ވާހަކައަކީ އޭނާއަށް ނޯބަލް ޕްރައިޒް ލިބުމަށްފަހު އަބަދުވެސް އޭނާއާއެކު ރީތި އަންހެން ކުއްޖެއް އުޅޭވާހަކަ. ނަމަވެސް މި ނޯބަލް ޕްރައިޒް ލިބުމަށްފަހު މާގިނަ ދުވަހެއްނުވެ ބޭޒާރާ އެކްސިޑެންޓެއް ވެގެން މަރުވެއްޖެ.... ރީތިކަމަކީ ވެސް ފާޑެއްގެ އެކްސިޑެންޓެއް" ....  އަންހެންކުއްޖާ ބުންޏެވެ. "ކުއްލިއަކަށް އުފެދޭކަމެއް... އެކަމުގެ ފެށުމެއް ނެތް. އަދި އެކަމުގެ ނިމުމެއްވެސް ނެތް.. އަދި އެކަން ވާރުތަ ވުމެއްވެސް ނެތް.."

ދެމީހުންގެ އަތުގައި ހުރި ތަށިވެސް ހުސްވެއްޖެއެވެ. އިންދަރްޖީތު އަނެއްކާވެސް އާ ދެ ތައްޓަށް އޯޑަރު ކުރިތަނާ ކުއްލިއަކަށް ފަހަތުން އަޑެއް އިވިއްޖެއެވެ. މޭމް ޞާޙަބް ... ކަލާއަށް ފޯނެއް! އަންހެން ކުއްޖާ ސިއްސައިގެން ދިއުމާއެކު ގޮނޑިން ފުންމާލައިގެން، އޭނާ އަތުގައި އޮތް ވާހަކަ ފޮތް ހިފައިގެން ހިނގައިގަތެވެ. "ފަހުން ބައްދަލު ވާނަން..." ހިނިތުންވެލުމާއެކު އޭނާ އިންދަރްޖީތާ ދިމާއަށް ބުނެލުމަށްފަހު ބާރއިން ނިކުމެގެން ހިނގައްޖެއެވެ.

ކްލެރާ ދިއުމަށްފަހު އިންދަރްޖީތު ބާރގައި ކުޑައިރުކޮޅަކު މަޑުކޮށްލިއެވެ. އަދި ކޮންޔާކްގެ އިތުރު ދެ ތަށި ބޯލިއެވެ. އެއަށްފަހު ދެން އޭނާ އެނބުރި ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަނުމަށްފަހު އޭނާ އަތުގައިވާ ދަބަހުން ކުޑަ ފުޅެއް ނަގާފައި އޭގައި ހުރި ކެމިކަލަކުން ދެތިން ތިކި ދޫލަމައްޗަށް އެޅިފައިވާ ލޭތަކުގެ މައްޗަށް އަޅާލިއެވެ. އަދި އޭގެ މައްޗަށް ދެތިން ހަތަރުތިކި ފެން ވިއްސާލިއެވެ. ބަލަބަލާ ހުއްޓާ ކަޅުކުލައި ހުރި އެލޭތަކުގެ ކުލަ ރަތްކުލައަށް، ދެން ފެހި ކުލައަށް އެއަށްފަހު ފިޔާތޮށި ކުލައަށް އަދި އެންމެފަހުން ސާފުފެނުގެ ކުލައަށް ބަދަލުވެގެން ހިނގައްޖެއެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.