(25 އޭޕްރީލް 2022 ގެ ބަޔާ ގުޅޭ)
ފަޟްލަކީ، އޭނާބޭނުންވާ ކަންކަން ފުރިހަމަކުރުމުގައި ވަރަށް ދަހި މީހެކެވެ. އަދި މީހުންނާ ކުރެވޭ އެކިއެކި މުޢާމަލާތުތަކުގައި ވަރަށް ވަގު މީހެކެވެ. ޤަބޫލުކުރެވޭގޮތުގައި، ފަޟްލު ގެންގުޅޭ ނޯކަރުންނަށް ކުޑަކޮށްނަމަވެސް، ހަމަޔަށް މުސާރަ ދޭނެއެވެ. އަދި އެއްވެސް މައްސަލައެއް ޖައްސައިފި ފަޤީރެއްގެ މޫނު ސަހަރާގެ ފަސްތަކުތެރެޔަށް ވަންނާނެކަން އެމީހަކަށް އެނގޭނެއެވެ. އެވަރުމީހަކު، އޭނާގެ އަމިއްލަ ފައިސާ ހޭދަކޮށްގެން، ހުރިހައި ދޫނިތަކެއް ގެއްލުނީމައި މަޑެއްކޮށެއް ނުހުންނާނެއެވެ.
މިކަހަލަ ކަންތައްތަކެއް ސިކުނޑީގައި ހިނގަމުންދަނިކޮށް، އަޅުގަނޑުމެންގެޔަށްދާން ކާރެއް ހަމަޖައްސައިފިއެވެ. އެކަން ހަމަޖައްސައިދިނީ، ޚާލިދާގެ ނޯކަރެއްކަމުގައިވާ މުޞްތަފާއެވެ. އަޅުގަނޑުމެން ދެމައިން ކާރަށް އަރައިހަމަޖެހިލުމާއެކު ކާރުދުއްވައިލިއެވެ. އަދި ޖިއްދާގެ މަގުތަކުންލާފައި ބާރަށް ދުއްވަމުންގެންދިޔައެވެ. ފަޟްލު އެގެންގުޅޭ ޅަ އަންހެންކުދިންގެ ކަންތަކުގައި މަހާ އަދިވެސް އެބަވިސްނައެވެ. އެވާހަކަ ފަށަން އޭނާ އެއިނީ ކެތްމަދުވެފައެވެ. އަޅުގަނޑު މިބަލަނީ އެވާހަކަ އޮށްބައި ލެވޭތޯއެވެ. ވަރަށްބަލައިގެން ދުއްވާ ޑްރައިވަރެކެވެ.
މަހާ އެއްވެސް ވާހަކައެއް ފަށާފާނެތީ އަޅުގަނޑު އިނީ ކަންބޮޑުވެފައެވެ.
"ދަރިފުޅާއެވެ! ދަރިފުޅުތިބުނާ ވާހަކަ މަންމަ އަހާނަމެވެ. އަހަރެމެން، އެކުދިންކޮޅު ސަލާމަތްކުރާނަމެވެ. އެކަމަކު، އެންމެފުރަތަމަ ކުރަންޖެހޭ ކަމަކީ، އެދޫނިތައް ގެއްލުނުކަން އެނގުމުގެ ކުރިން ދޫނިހޯދުމެވެ." މަހާ މައިތިރިކުރަންވެގެން،އޭނާއާ ދިމާއަށް ބަލައިލަމުން އަޅުގަނޑު ވައިއަޑަކުން ބުނީމެވެ. އިރުކޮޅަކުން، ގެޔަށް އައުދެވިއްޖެއެވެ. ބިމުގައިފައިޖެހުމާއެކު، އެންމެ ފުރަތަމަވެސް އަޅުގަނޑު ސަމާލުވީ އަމާނީއަށް ގޮވައި ، އޭނާވީތަނެއް ބެލުމެވެ. ޓޮނީ، ފްރޭންކް އަދި ޖެރީވެސް ތިބީ ބަގީޗާގައި ގަސްކޮށާށެވެ. އެތިންމީހުންނަކީވެސް ފިލިޕީންސުން އަޅުގަނޑުމެން ގެނެސްގެން ގެންގުޅޭ ތިން ނޯކަރުންނެވެ.
"ސާހިބު ކަމަނާއެވެ! އޭނާ ދިޔައީ މިދިމާލަށެވެ!" އަންހެނުންގެ ބަގީޗާއާ ދިމމާއަށް އިނގިލި ދިއްކޮށްލަމުން ޓޮނީ ބުންޏެވެ.
"އެހައިގިނަ ދޫނިތަކެއްވީމަ، އެއްޗެތި ހިފައި އުފުލުމުގައި އަޅުގަނޑުމެން އެހީތެރިވެދިނީމުއެވެ." ޖެރީ އޭނާގެ ވާހަކަ ކިޔައިދިނެވެ. ވަރަށް ރަނގަޅެވެ. ޚާދިމުންތައް ދޫނިކޮށިތައް ބޭލުމުގެ މަސައްކަތްކުރަމުންދަނިކޮށް، އަމާނީއާ ވާހަކަ ދައްކައިލަން އެންމެ ރަނގަޅު ވަގުތަކީ އެއީކަމުގައި އަޅުގަނޑުގެ ހިތަށް އެރިއެވެ. ހަމައެވަގުތު، ކަރީމުގެ ކާރުވެސް އަޅުގަނޑުމެންތިބިތަނާ ދިމާއަށް މަޑުމަޑުން ދުއްވާފައި އަންނަތަން ފެނުނެވެ. އަންނަންއޮތް ކަމަކަށް އަޅުގަނޑު ފިލީމެވެ. ކާރުގެ ފަހަތު ޝީޓުން ތެދުވެ، ކާރުންފައިބައިގެން ކަރީމް މިސްރާބުޖެހީ އަޅުގަނޑާ ދިމާއަށެވެ. ދުވާލު ހަތަރުދަމު، ރަސްގެފާނާއެކު ގަނޑުވަރުގައި އުޅެ އުޅެފައި، ޝާހީޢާއިލާގެ ގާތްތިމާގެ މީހުންނާ ބައްދަލުވެލުމުން، ކަރީމުގެ މޫނުމަތިން ތާޒާކަން ފެނެއެވެ. މޫނުމަތީގައިވަނީ މަޑު ހިނިތުންވުމެކެވެ.
އަޅުގަނޑުގެ ފިރިމީހާއާމެދު ދެރަވިއެވެ. އެހައި ހަމަޖެހިލައިގެންހުރި މީހާއަށް، މިއަދުގެ ކަންތައްގަނޑުން ކުޑަތަންކޮޅެއްގެ އަޑު އިވުނަސް، އޭނާގެ ދުވަސް އެދިޔައީއެވެ. މޫޑު އެއްކޮށް ހަލާކުވެގެން ދާނެއެވެ. މޫނުމައްޗަށް ވެރިވެފައިހުރި ހަމަޖެހުމާއި ހިނިތުންވުމަކީ، ފަޅިސިކުންތެއްގެ ތެރޭގައި ނިމި ހިނގައިދާނެ އެއްޗެކެވެ. މަރުޙަބާކިއުމަށްޓަކައި އަޅުގަނޑު ދެބުމަ އަރުވައިލީމެވެ. ހިންޏެއްވެސް ނާންނަމެވެ. އަދި ވާހަކައެއްވެސް ނުދައްކަމެވެ. ކަރީމަށް، އަޅުގަނޑު ވަރަށް ރަނގަޅަށް އެނގޭނެއެވެ. މިއަދު، ފަޟްލިުގެ ގަނޑުވަރުގައި އަމާނީ އާއި މަހާގެ ފުށުން އެހިނގައިދިޔަ ވިޔާނުދާ ޢަމަލުތައް، އަކުރުން އަކުރަށް، ކަރީމަށް ކިޔައިދިނީމެވެ. އަޅުގަނޑުގެ ވާހަކަ ކުރިޔަށް ދިޔަދިޔަހެން، ކަރީމްގެ މޫނުމަތި ރަތްވަމުންދިޔަތަން އަޅުގަނޑު ދުށީމެވެ. ރުޅި އައިއައިނުންގޮސް، މީހާ ތުރު ތުރު އަޅަން ފެށިއެވެ.
"މިހާރުވެސް އަމާނީ އެއިނީ، އެދޫނިތައް ހިފައިގެން ބަގީޗާގައެވެ." އަޅުގަނޑުގެ ވާހަކަ ކުރުކޮށްލީމެވެ. ކަރީމް ހުރީ ކުރާނެކަމެއް ނޭނގިފައެވެ. މިއުޅެނީ، ޝާހީ ޢާއިލާގެ ތިމާގެ މީހެއްގެ ގަނޑުވަރުން، ދޫނިތަކެއް ވަގަށް ނަގައިގެންނެނެވެ. އޭރުވެސް ކަރީމް ހުރީ އަނގައިން ބަސްހުއްޓިފައެވެ. ތަން ހަލުވައިލީ، ކަރީމުގެ ޖީބުގައި އޮތް އޭނާގެ މޮބައިލްފޯނުގެ ރަނގަބީލުވާން ފެށުމުންނެވެ. އަޅުގަނޑުމެން ދެމީހުންވެސް ތިބީ އެއްޙާލެއްގައެވެ. ދެން ކުރަންވީ ކަމެއް ނޭނގިފައެވެ. ކަރީމް، އޭނާގެ ފޯނަށް ޖަވާބު ދިނެވެ. އަނެއްކޮޅުން ވާހަކަދެއްކި މީހެއްގެ ގޮތުންކަމަށްވެސް ވެދާނެއެވެ. އެއީ ކަރީމ އެހައި ގަޔާވާ މީހަކަށް ނުވީއެވެ. އެއާއެކު، އައިސްފައިހުރި ރުޅި، ހައްތާ ދިޔައީ ގަދަ ވަމުންނެވެ.
"އާނއެކެވެ! ތިޔައަޑުއިވުނީ ހަމަ ރަނގަޅާށެވެ! އާނއެކެވެ! ވަގުތުން އަހަރެން ތިކަމަށް ފިޔަވަޅު އަޅާނަމެވެ." ކަރީމްގެ އަޑުގައި ރުންކުރުގޮތެއް ހުއްޓެވެ. އަޅުގަނޑަށް ހީކެރިވުނީވެސް ހަމަ ރަނގަޅާށެވެ. ކަރީމް އެހުރީ ރުޅިއައިއްސައެވެ. އިންތިހާއަށެވެ. އަދި ހަމަ އެއާއެކު ދެރަވެފައެވެ. ދެއަންހެންބެއިންގެ ފަރާތުން މިއަދު އެކުރިމަތިވި ހާދިސާއާ ހެދިއެވެ.
"އެއީ ކާކު ހެއްޔެވެ!" އަޅުގަނޑަށް އަވަސް އަވަހަށް ސުއާލުކޮށްލެވުނެވެ.
"ފަޟްލު ބޭނުންވަނީ އެދޫނިތައް ވަގުތުން އަނބުރާ ގެންގޮސްދޭޝެވެ!" އަޅުގަނޑުގެ ސުއާލު އޮތްތާކު ބާއްވައިފައި ކަރީމް ބުންޏެވެ.
އަޅުގަނޑަށް ބޯހޫރައިލަމުން، ޔާރައްބީއޭ ބުނެވުނެވެ. އަމާނީ އެދޫނިތައް، ފަޟްލުގެ ގެއިން ވަގަށް ގެނައިތާ މިހާރު ގަޑިއެއްހައިއިރު ވަނީއެވެ. އަދި އެދޫނިތައް ނެތްކަން ފަޟްލުމެންނަށް ފާހަގަނުވަނިސް، އެދޫނިތައް އަނބުރާ އެގެޔަށް ގެންދަން އަޅުގަނޑު ވިސްނި ވިސްނުން މިހާރު ބޭކާރެވެ. ފަޟްލަށް މިހާރު އެހުރިހައިކަމެއްވެސް އެނގޭނެއެވެ. އެވަގުތު މަހާ ދުވަމުން އައިސް ބުންޏެވެ.
"މަންމާއެވެ! ބައްޕާއެވެ! އެދޫނިތައް އޭނާގެ އަތުން އަތުލައިފިނަމަ، އަމާނީ އަމިއްލަޔަށް މަރުވާނެކަމުގައި ބުނެފިއެވެ." އަޅުގަނޑުގެ ދެއަތް ދެއަތަށް ޖަހައި ކާއްތައި ލެވުނެވެ.
"އަހަރެންނަށް ހީވަނީ އަމާނީ ވަރަށް ސީރިއަސް ހެންނެވެ. އަމާނީ ގެންގުޅޭ ރަތް ލެދަރ ބެލްޓް ބޭނުންކޮށްގެން، އަމިއްލަޔަށް މަރުވާނެކަމުގައި ބުނެފިއެވެ." މަހާ އިތުރަށް ބުންޏެވެ. އަޅުގަނޑަށް ހަޅޭއްލަވައިގަނެވުނެވެ. އަދި ކަރީމުވެސް އަވަސް އަވަހަށް، އަންހެނުންގެ ބަގީޗާއާދިމާއަށް ދުއްވައިގަތެވެ. މަހާއާއި އަޅުގަނޑުވެސް ކަރީމުގެ ފަހަތުން ދުއްވައިގަތީމެވެ. އަދި ޓޮނީއާއި ޖެރީ އަދި ފްރޭންކްވެސް، ތަންކޮޅެއްދުރުގައިތިބެގެން އަޅުގަނޑުމެންގެ ފަހަތުން އައެވެ. އަމާނީ ހުރީ ދޫނިކޮށިތައް ބަރިޔަކަށް އަތުރައިގެން، ގާރޑް ކުރަން ކޮޅަށެވެ. ދޫނިތަކާދިމާއަށް ބަލަހައްޓައިގެން އޭނާހުރީ އެތަކެތި ޙިމާޔަތްކޮށްދޭ ނަޒަރަކުންނެވެ. މޫނުމަތީގައިވަނީ ހިތްނުތަވަސްކަމެވެ. އޭގެ މާނަޔަކީ، މިކަން އެހައި ފަސޭހައިން ޙައްލު ނުކުރެވޭނެ ކަމެވެ.
ކަރީމް އެދިޔަގޮތަށްގޮސް އަމާނީއާ ވާހަކަދައްކަން ފެއްޓިއެވެ.
"އަމާނީއެވެ! ދެންމެ ފަޟްލު ބައްޕަޔަށް ގުޅިއެވެ. އެއީ އަޑުއަހަން އެހައި ފަސޭހަ ވާހަކަތަކެއްނޫނެވެ. އޭނާ އެބުނި ވާހަކަޔަކީ ޤަބޫލުކުރަން އުނދަގޫ ވާހަކަ ތަކެކެވެ. އޭނާ ބުނިގޮތުގައި، ދަރިފުޅު، ފަޟްލުބޭބެގެ ދޫނިތައް ވަގަށް ގެންދިޔައީއެވެ. އެއީ ތެދެއް ހެއްޔެވެ؟" ކަރީމުގެ މިސުއާލަށް އަމާނީ ހިނިތުންވެލިއެވެ. އެކަމަކު އޭނާގެ ލޮލުން ފާޅުވާންހުރީ ގޮތް ދޫނުކުރުމެވެ.
"ބައްޕާއެވެ! އަހަރެން، ބައެއްދޫނިތައް މަރުވާންދޫނުކޮށް ސަލާމަތް ކުރީއެވެ." އަމާނީ ޖަވާބު ދިނެވެ.
"ދަރިފުޅަށް އެނގޭނެއެވެ. އަހަރެމެން މިދޫނިތައް، ބޭބެ ފަޟްލަށް ރައްދުކޮށްދޭން އެބަޖެހެއެވެ. އެއީ ބޭބެގެ އެއްޗެއްނޫންހެއްޔެވެ. އެއީ ދަރިފުޅުގެ އެއްޗެއްނޫނެވެ." ކަރީމް، ވަރަށް މަޑުމައިތިރި ކަމާއެކު އަމާނީއަށް ނަޞޭޙަތް ދިނެވެ. އަޅުގަނޑުގެ ދެލޯ އަމާނީއާ ދިމާއަށް އަމާޒުވިއެވެ. އޭނާ ބަސްޤަބޫލުކޮށް، އެކަމަށް އެއްބަސް ވާނެކަމަށް ހީކުރަމުންނެވެ. އެހެންނަމަވެސް، އަމާނީގެ ތުންފަތަށް ވެރިވެފައިހުރި ހިނިތުންވުން ކުއްލިޔަކަށް ގެއްލުނެވެ. ކުޑައިރުކޮޅަކު ވިސްނާލަންހުރެފައި ބޯހޫރާލިއެވެ. އަދި އަޑު ސާފުކޮށްލާފައި ކީރިތި ޤުރުއާނުގެ އާޔަތެއް ކިޔައިލިއެވެ. އެއީ ކީރިތި ޤުރުއާނުގެ އަލްއިންސާން ސޫރަތުގެ 8 ވަނައާޔަތެވެ.
(ނުނިމޭ)