އަމީރާ ސުލްޠާނާގެ ނާރެސް - 39

(25 މެއި 2022 ގެ ބަޔާ ގުޅޭ)

ސުޢޫދީ ޢަރަބިއްޔާއިން މިޞްރަށްދިއުމަށްޓަކައި، ޢުމަރު ފުރިތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަސަދާއި ކަރީމް، ނިއުޔޯރކަށް ދިއުމަށްޓަކައި ފުރަންޖެހުނު ވާހަކަ، ކަރީމު ބުންޏެވެ. ވިޔަފާރީގެ މުހިންމު ނިންމުންތަކަށް އެމީހުން ވަރަށް ސަމާލުކަން ދޭނެއެވެ. ފަޟްލުމެންގޭގައި ތިބި އެނިކަމެތި ކުދިންގެ ކަންތަކާ އަޅުގަނޑު ހުންނާނީ ކަންބޮޑުވެފައިކަން ކަރީމަށް އެނގޭނެއެވެ. އެހެން ކޮންމެވެސްކަމެއްގައި މަސްޣޫލުވެގެން އަޅުގަނޑުގެ ސިކުނޑިއަށް ހަމަޖެހުމެއްގެންނަންޖެހޭކަންވެސް ކަރީމް ދެނެގަތެވެ. އަދި، އެމީހުންނާއެކު، ނިއުޔޯރކަށް ދާން އަޅުގަނޑުގާތު ބުންޏެވެ.

އެންމެފުރަތަމަ، އަޅުގަނޑުވެސް ހުރީ ސުޢޫދީ ޢަރަބިއްޔާއިން ބޭރަށްދެވޭނެ ކޮންމެވެސް ގޮތަކާމެދު ވިސްނަ ވިސްނައެވެ. އެކަމަކު، އަޅުގަނޑު އެކަނި ސުޢޫދީ ޢަރަބިއްޔާގައި ހުންނަން ކަރީމަށް އިތުބާރު ނުކުރެވޭތީ އެކަމާ އަޅުގަނޑު ހުރީ ވަރަށް ދެރަވެފައެވެ. ކަރީމް ރަށުންބޭރަށް ދާތަނުން، ފަޟްލުގެ ގޭގައި ހައްޔަރުކޮށްގެން އެގެންގުޅޭ ކުދިން ސަލާމަތްކުރަން އުޅޭނެކަމަށް ހީކޮށް އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑަށް އިތުބާރު ނުކުރާނަމަ އެއީ ގޯހެކެވެ. އެއީ ކަރީމަށް ކުރެވޭ ކުށްހީއެކެވެ. ކޮށްދެވޭނެ އެއްވެސްކަމެއްނެތް އެޙާލަތުގައި އަޅުގަނޑު އެކަން ދޫކޮށްލައިފިކަން ކަރީމަށް ޔަޤީންކޮށްދިނުމަށްޓަކައި، އަޅުގަނޑަށް ކުރެވޭނެ އެއްވެސްކަމެއް ނޯންނާނެއެވެ. އެކުދިންނަށް އެހީވުމަށް، އިންތިހާއަށް އަޅުގަނޑު ބޭނުމެވެ. ޢާންމު ހަމަތަކާ އުޞޫލުތައް އެއީ އަޅުގަނޑާ ވަކިކުރެވޭނެ ކަންކަމެއްނޫނެވެ. މައިންބަފައިން އަތުން ގަނެގެން ގެނެސް ގެންގުޅޭ ކުދިންތަކަކަށް، އެކުރާކަމެއްކުރުން އެއީ ގޯސްކަމެއްކަމަށް ސަރުކާރުންނެއް ނުދެކެއެވެ. އެކަހަލަގޮތަކަށް ބަޔަކުގެނެސް ގެންގުޅޭ ކުދިންތަކެއް މިނިވަންކޮށް ސަލާމަތްކުރުމަށް އަޅުގަނޑަށް ކުރެވޭނެ އެއްވެސްކަމެއް ނޯންނާނެކަމަށް އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. އެހެންކަމުން، އަޅުގަނޑު މިހުރީ އެކުދިންނަށް އެހީތެރިވެވިދާނެ ޙާލަތެއްގައެއްނޫނެވެ.

އަޅުގަނޑުގެ ދެބެންގެދެދަރިކުދިންކަމުގައިވާ، ހުދާ އާއި މައިސަރާވެސް ސާރާއާއެކު ނިއުޔޯރކަށްދާކަން އެނގުމާއެކު، ނިއުޔޯރކަށް ދިއުމުގެ ބޭނުން އިތުރުވެގެންދިޔައެވެ. ރަމަޟާންމަހަށް މަދަރުސާތައް ބަންދުވީމަ، އަޅުގަނޑުމެންގެ ކުދިން، ދޮށީ ދައްތަކައިރީގައި ރިޔާޟުގައި ބޭތިއްބުމަށް، ސާރާއާއި އަޅުގަނޑުވާނީ އެއްބަސްވެފައެވެ.

އަޅުގަނޑުމެން ނިއުޔޯރކަށް ފުރާ ދުވަސް އަތުވެއްޖެއެވެ. ނިއުޔޯރކަށްދާން ނިންމާފައިއޮތީ، އަޅުގަނޑުމެންގެ އަމިއްލަ ޖެޓްތަކުން ޖެޓެއްގައެވެ. ފުރަތަމަ ދާންއޮތީ ލަންޑަނަށެވެ. އެމެރިކާއަށް ދާންއޮތީ، ލަންޑަނުގައި މަޑުކޮށްލުމަށްފަހުގައެވެ. އަޅުގަނޑުމެންގެ ޖެޓްގައި 7 އަންހެނުން ދަތުރު ކުރިއެވެ. އެއީ އަޅުގަނޑުމެންގެ ނޯކަރުންކަމުގައިވާ ޢަފާފާއި ބެޓީއާ އަދި ލިއްބީއާވެސް އެކީގައެވެ. ވަގުތު ދުއްވާލުމަށްޓަކައި އަޅުގަނޑުމެން އެކަކު އަނެކަކަށް ވާހަކަ ކިޔައިދިނީއެވެ. އަޅުގަނޑުމެން މަޖާކޮށް ހެމުންދިޔަ އުފާވެރި މާޙައުލު ބަދަލުވެގެންދިޔައީ، މާއިސާއަށް ދިމާވި އަހަން އުނދަގޫ ނިކަމެތި ވާހަކަތަކެއް އިވުމުންނެވެ.

މާއިސާއަކީ ފަލަސްތީނުގެ ކުއްޖެކެވެ. އޭނާ އިނދެގެން އުޅެނީ އަޅުގަނޑުމެންގެ ތިމާގެމީހެއްކަމުގައިވާ ނާއިފް އަލް ސަޢުދާއެވެ. އެހާ ޙަރަކާތްތެރި ނޫންނަމަވެސް، މާޔާއަކީ އަކީ ފިރިހެނުން އަޅައިގަންނަގޮތެއްހުންނަ ކުއްޖެކެވެ. އެކަމަކު އެހާ ރީތި ކުއްޖެއްނޫނެވެ. އެހެންނަމަވެސް މާއިސާއާ ބައްދަލުވާ މީހުން އޭނާއަށް އިޙްތިރާމްކުރުމާއެކު ޤަދަރުކުރެއެވެ. ހެބްރޫން ނުވަތަ އަލްޚަލީލުއްރަޙްމާން އަކީ ޖެރޫސަލަމްއާ 30 ކިލޯމީޓަރު ދުރުގައި އޮންނަ ފަލަސްތީނުގެ އަވަށެކެވެ. މާއިސާ އުފަންވީ އަލްޚަލީލުއްރަޙްމާނުގައެވެ. އެއީ، އިސްރާއީލުގެ ބާރުގެދަށުގައި އޮތް ތަނަކަށްވާތީ، މާއިސާގެ ޅަދުވަސް ހޭދަވެފައިވަނީ މުޅިންވެސް އެކި ޙާދިސާތަކުގެ މައްޗަށެވެ.  ރެފިއުޖީންގެ ގޮތުގައި މާއިސާގެ ދިރިއުޅުން ހޭދަވިގޮތުގެ އެތައްވާހަކަތަކެއް، މިވޭތުވެދިޔަ ދުވަސްތަކުގައި އޭނާވަނީ އަޅުގަނޑުމެންނަށް ކިޔައިދީފައެވެ. އިސްރާއީލުސިފައިންނާ ފަލަސްތީނުގެ ޒުވާނުންގެ މަގުމަތީގެ ކުރިމަތިލުންތަކާ އަދި މާއިސާގެ ބޭބެ އިންތިފާދާގައި ބައިވެރިވުމާ އަދި އިސްރާއީލާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން ހިންގަމުންގެންދާ ޙަރަކާތްތަކާބެހޭ އެތައް ވާހަކަތަކެއް މާއިސާވަނީ އަޅުގަނޑުމެންނަށް ކިޔައިދީފައެވެ. ފަލަސްތީނުގެ ޢަރަބީންނަކީ ސަހަރާގައި ދިރިއުޅޭ ޢަރަބީންނަށްވުރެ ބޮޑަށް އަންހެނުންގެ ޙައްޤުތަކަށް ވިސްނާ ބަޔެކެވެ. މާއިސާއަކީ ތޫނުފިލި ކުއްޖެކެވެ. އެހެންކަމުން މާއިސާއަށް ކިޔަވައިދިނުމަށްޓަކައި އޭނާގެ މައިންބަފައިންވަނީ އެތައް ޤުރުބާނީއެއް ވެފައެވެ. އެމެރިކަން ޔުނިވަރސިޓީ އޮފް ބޭރޫތުގައި ކިޔެވުމަށްޓަކައި އޭނާ ބޭރޫތަށް ފޮނުވުނެވެ. އަޅުގަނޑުގެ ކޮއްކޮ ނާއިފާ މާއިސާއާ ދިމާވަނީ އެތަނުންނެވެ. ތޫނުފިލި މާއިސާ، އިސާހިތަކު ނާއިފުގެ ހިތް އަތުލިއެވެ. އެދެމީހުން އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވެއެވެ. ސުޢޫދީގެ ފަސްގަނޑުގައި ދެމީހަކު ލޯބިވެގެން ލިބޭނެ އެންމެ ހިތްގައިމު އުފާވެރިކަން އެދެމީހުންނަށް ލިބުނެވެ. އެދެމީހުންނަށް ލިބުނީ އެންމެ ކުއްޖެކެވެ. އެއީ އަންހެން ކުއްޖެކެވެ. އިތުރު މީހަކާ އިންނަން ނުވަތަ އޭނާގެ ޢާއިލާ ބޮޑުކުރަން އިތުރު ކުދިން ހޯދުމުގެ ވިސްނުމެއް ނާއިފް ނުގެންގުޅެއެވެ.

މާއިސާއަކީ ވަރަށް ހިތްހެޔޮ އަދި މީހުންނާ އަޅާލާ ކުއްޖެކެވެ. އެހެންމީހުންނަށް އޭނާގެ ފަރާތުން އުނދަގުލެއް ފޯރާފާނެތީ އަބަދުވެސް ހުންނާނީ ކަންބޮޑުވެފައެވެ. އަދި އަމިއްލަ މަޞްލަޙަތު ފަސްކޮށް އެހެންމީހުންނަށް އިސްކަންދޭނެއެވެ. ޢިރާޤުގައި ބަނޑަށް މަރުވަމުންދާ ކުޑަކުދިންނާމެދު ނުވިސްނާނަމަ، އީރާނާއި ޗައިނާގެ ބިންހެލުންތަކުގައި ގެއްލުންވާ މީހުންނާމެދު ވިސްނާނެއެވެ. މާއިސާގެ މައިންބަފައިންގާތަށް، ހެބްރޫނަށްގޮސް އެއައީ ދާދިމިދާކަށްދުވަހުއެވެ. އަހަރަކު އެއްފަހަރު، ޤަވާޢިދުކޮށް މާއިސާ އޭނާގެ މައިންބަފައިންގާތަށް ދާނެއެވެ. މާއިސާ އެންމެފަހުން ކުރި ދަތުރުގައި، އިންސާނެއްގެ ލޮލަށް ފެންނާނެ އެންމެ ހިތްދަތި އަނިޔާވެރި ހާދިސާ، މާއިސާވަނީ ލޮލުންދެކެ އަތުން ހިފާފައެވެ.

މާއިސާ ދައްކަމުންދިޔަ ވާހަކަތަކުގައި ވޭނީ އިޙުސާސްތަކެއް އުފެދެމުންދާކަން އަޅުގަނޑަށް ފާހަގަ ކުރެވުނެވެ. އެހިސާބުން އެއީ އޭނާގެ އަމިއްލަ ދެލޮލަށް ފެނުނު މަންޒަރުތަކެއްކަމަށްވާތީ، އެކަން އެހެންވުމަކީ އެކަށީގެންވާ ކަމެކެވެ.

"އެދުވަސް، އެއީ އަހަރެމެން ބޭރަށްދާން ނުޖެހޭދުވަހެއްކަން އަހަރެމެންނަށްވެސް އެނގެއެވެ. އެހެންނަމަވެސް، ކޮންމެވެސް ނޭނގޭ ސަބަބަކާހުރެ ބޭރަށް ނުކުމެވުނީއެވެ. އޭރު، އިސްރާއީލް ސިފައިން، ފަލަސްތީނުމީހުން މަގުމަތިން ހިފާ ހައްޔަރުކުރަމުންގެންދާތާ އެތައް ހަފުތާއެއް ވެއްޖެއެވެ. ފަލަސްތީނުގެ ޒުވާނުން ގާއުކަނީއެވެ. ފުރޮޅުގައި ރޯކޮށްފައި އިސްރާއީލު ސިފައިންނާ ދިމާއަށް އުކަނީއެވެ. އިސްރާއިޅު ސިފައިން އެކުދިން ހައްޔަރު ކުރަނީއެވެ. އަހަރެންގެ ލޮބުވެތި މަންމަ، އެކަހަލަ ކަންތައްގަނޑެއްގެ ތެރެއަށް ވަންނަން ޖެހުމަކީ، އަހަރެން އެއްގޮތަކަށްވެސް އެދޭކަމެއްނޫނެވެ. މަންމަ ބޭނުންވީ، އަހަރެމެންގެ ގެހުންނަ މަގުގެ ކަންމައްޗާ ހަމަޔަށް ގޮސްލުމަށެވެ. އެހިސާބަށް ގޮސްލާފައި އެނބުރި ގެޔަށް އަންނާށެވެ. ގޭތެރޭ ތިބޭއިރު ވައިރޯޅިއެއްވެސް ނުޖެހެއެވެ. އަހަރެމެން ބޭނުންވީ، މަގުމައްޗަށް ނުކުމެލާ، ހަމައެކަނި ތާޒާވައިން ނޭވާއެއްލުމަށެވެ. އެނޫން އެއްވެސް ބޭނުމެއް ނެތެވެ. މަގުމައްޗަށް ނުކުމެލެވުނީމަ ހަމަޔަށް ނޭވާލެވޭގޮތްވެ، ފުރާނަޔަށް ދިރުން ލިބުނެވެ. މަގުމަތި އޮތީ ހަމަހިމޭންވެ ވަރަށް އަމާން ކޮށެވެ. އެހެންވީމާ، އަހަރެމެން ނިންމީ އަދި އެއްމަގު ހުރަސްކޮށް އެމަގުގެ ކަންމައްޗާހަމަޔަށް  ގޮސް އެނބުރި ގެޔަށް އަންނާށެވެ. އެއީ އަހަރެމެންނަށް އެދުވަހު ހެދުނު، ވަރަށްބޮޑު ގޯހެކެވެ." މާއިސާ އޭނާގެ ދެއަތުން ނިތްކުރީގެ ދެފަރާތުގައި ހިފަހައްޓާލިއެވެ.

"އަހަރެމެންގެ ކުރިމަތިން ޒުވާޏް އަންހެންކުއްޖަކު ދުވަމުން އައިތަން އަހަރެމެންނަށް ފެނުނެވެ. އެއަންހެންކުއްޖާ އައީ ފާރުގައި ޕޯސްޓަރު ހަރުކުރަމުންނެވެ. އަހަރެމެން ހީކުރީ އެއީ އިސްރާއީލާ ދެކޮޅަށް ޕޯސްޓަރު ހަރުކޮށް، މުޒާހަރާ ކުރާ ހިތްވަރުގަދަ އަންހެން ކުއްޖެއްކަމަށެވެ." މާއިސާ އިހަށްވިރެ ބާރަށް އޭނާގެ ނިތްކުރީގައި ދެފަރާތުން ޖަހައިލިއެވެ.

"އެއަންހެންކުއްޖާއަކީ، އަހަރެމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް މަލާމާތްކޮށް އެއްޗެތިކިޔާ ޔަހޫދީއެއްކަން އަހަރެމެންނަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟" މާއިސާ އޭނާގެ ގޮނޑީގައި ލެނގިލައި ފުން ނޭވާއެއްލައި، އޭނާގެ ހަނދާންތައް އާކޮށްލިއެވެ.

"މާއިސާއަށް އުނދަގޫވަންޏާ ތިވާހަކަ ނުކިޔާށެވެ!" ސާރާ، މާއިސާގެ ކޮނޑުގައި ފިރުމާލަމުން ބުންޏެވެ.

"އަހަރެން މިވާހަކަ ކޮޔައިދޭން ޖެހޭނެއެވެ. ސާރާއެވެ. ކޮންމެ މުސްލިމަކަށްވެސް މިވާހަކަ އިވެން ޖެހޭނެއެވެ." މާއިސާ ކުއްލިއަކަށް ގޮނޑިންތެދުވެ ކޮއްޅަށް ހުއްޓިއްޖެއެވެ. މާއިސާއަކީ ދީންވެރި އަންހެނެކެވެ. އެކަމަކު، ސުޢޫދީގައި އޮންނަހާ ހަރުކަށިފިކުރެއް ނުގެންގުޅޭނެއެވެ.

އެވަގުތު، އެންމެންގެ ސަމާލުކަން މާއިސާއަށް ހުއްޓުނެވެ. ކަރީމާއި އަސަދުވެސް މާއިސާއާ ދިމާއަށް ކަޅިޖަހާނުލައި ބަލަހައްޓައިގެން ތިއްބެވެ.

"އެންމެ ރަނގަޅެވެ. އަހަރެން މިވާހަކަ ކިޔައިދޭނަމެވެ. އަހަރެންނަށް އެވަރުގެ ޝޮކެއް، މުޅި ޙަޔާތުގައިވެސް ލިބިފައެއް ނުވެއެވެ. އަހަރެމެންވެސް މިވަނީ ކީއްތޯ ބަލައިލާހިތް ވެގެން އެތަނުން ޕޯސްޓަރެއް ކައިރީ މަޑުކޮށްލީމެވެ. އެއީ، މުސްލިމަކު އޭނާގެ މުޅި ޙަޔާތުގައިވެސް ފެންނަން ބޭނުންނުވާނެވަރުގެ އެއްޗެއްކަން ދެނެގަންނަން  އަހަރެމެންނަށް  ވަގުތުކޮޅެއް ނެގިއެވެ." މާއިސާ ކުއްލިޔަކަށް ގަނޑުވެ، ޙަރަކާތް ހުއްޓުނެވެ. އެކަމަކު އޭރުވެސް ހުރީ ކޮޅަށެވެ.

"މާއިސާ!" ސާރާ، މާއިސާގެ ކޮނޑުގައި ޖަހާލަމުން ގޮވާލިއެވެ.

"އަހަރެން ކިޔައިދޭނަމެވެ. ސާރާއެވެ! އަހަރެންގެ އަމިއްލަދުލަށްވެސް އެމަންޒަރު ސިފަކޮށްދޭން ކުޅަދާނަ ނުވީއެވެ. ބަސްހުއްޓުނީއެވެ."

"ﷲ އަށްޓަކައި ތިވާހަކަ ކިޔައިދޭށެވެ. މާއިސާއެވެ!" އަޅުގަނޑަށްވެސް ނީނދެވިގެން ބުނެލެވުނެވެ.

މާއިސާ، އަޅުގަނޑުމެން އެންމެންނާދިމާއަށް ވަކިވަކިން ބަލައިލިއެވެ. އޭނާގެ މޫނުމަތީގައި ވަނީ ނުތަވަސްކަމެވެ. މާއިސާގެ އަޑު މަޑުވިއެވެ. ބާރަށް ބުނަން ނުކެރިގެން އުޅޭގޮތަށް ވައިއަޑުން ވާހަކަދައްކާ ގޮތަށެވެ.

"އެއީ، އަހަރެމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ، ހުތުރުގޮތަކަށް ސިފަކޮށްދޭ ކާޓޫނެކެވެ. އެކަލޭގެފާނު ސިފަކޮށްދީފައިހުރީ އޫރެއްގެ ގޮތުގައެވެ." މާއިސާއަށް ރޮއެގަނެވުނެވެ. އަދި އޭނާގެ މޫނު ދެއަތުން ނިވާކޮށްލިއެވެ.

އެވަގުތު، ޖެޓްގެ އެތެރޭގައިތިބި ހުރިހާ އަންހެންވެރިންނަށް ރޮއެގަނެވުނެވެ. މުޅި ތަން އެއްއަޑަކުން ރުއިމަށް ބަދަލުވިއެވެ. އަޅުގަނޑުގެ ހިތަށް ތަދުވެގެންގޮސް ރޮއެގަނެވުމާއެކު، ކަރީމްގެ އަތުގައި ބައްދާލެވުނެވެ.

"ބުނަން ހެއްޔެވެ؟ އަހަރެންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. މަންމަގެ ޙާލު އަދި މާބޮޑެވެ. މަންމަގެ ޚަބަރު ހުސްވެގެން ބިންމައްޗަށް ވެއްޓުނެވެ. މަންމަ ގެޔަށް ގެންދަންޖެހުނީ، ގެޔަށް އަންގައިގެން ގެއިން މީހުން ގެނެސްގެންނެވެ. މަންމަ، އަދިވެސް މުޅިން ރަނގަޅެއް ނުވެއެވެ. މިހާރު  އެއީ ކުރިން އަހަރެންނަށް ފެންނަ މަންމައެއްނޫނެވެ." މާއިސާ، އޭނާގެ ގޮނޑިޔަށް ވެއްޓުނެވެ.

"އޭގެފަހުން، އަހަރެންނަށް މިއުޅެވެނީ ހިތްހަމަނުޖެހުމެއްގެ ތެރޭގައެވެ. އެކަން ހަނދާންވާ ކޮންމެ ފަހަރަކު ރޮވެއެވެ. ފާޑު ފާޑުގެ ނުބައި ހުވަފެންތައްވެސް ވަރަށް ގިނައިން ފެނެއެވެ."

"މާއިސާއެވެ! ހިތްވަރު ކުރާށެވެ! އެމީހުންނަށް އަހަރެމެންގެ ދީނަކާ ނުކުޅެވޭނެއެވެ." އަޅުގަނޑު، މައިސަރާއަށް ގޮވާލުމަށްފަހު، ހިތްވަރުދެމުން ބުނީމެވެ. އަދި، އިހަށްވުރެ ގާތްކޮށް މާއިސާއާމެދު ޢަމަލުކުރީމެވެ. އޫރުމަސް ކެއުމަކީ މުސްލިމުންނަށް ޙަރާން ކަމެކެވެ.

މާއިސާގެ އަޑު އަދިވެސް ރަނގަޅެއް ނުވެއެވެ. އަދި ސާރާއަށް ގޮވާލުމަށްފަހު، އޭނާއަށް ނިދިޖެހިއްޖެކަމަށްވަންޏާ ތަޅުވާލައި، ހޭލައްވާލަދޭން އެދުނެވެ. ސާރާއިނީ މާއިސާއާ ޖެހިގެންނެވެ.

އަޅުގަނޑުވެސް، މާއިސާގެ ހިތަށް ހަމަޖެހުން ދެއްވައި، ފެންނަމުންއެދާ ނުބައި ހުވަފެންތަކުން އޭނާ ސަލާމަތްކޮށްދެއްވާތޯ ދުޢާކުރީމެވެ. އަދި މަޑުމަޑުން ހިނގާލާފައި އަޅުގަނޑުގެ ގޮނޑިއާދިމާއަށް ހިނގައިގަތީމެވެ. ގޮނޑީގައި އިށީނދުމުގެ ކުރިން، ސާރާގެ ޚާދިމާ ޢަފާފުގެ މައްޗަށް އަޅުގަނޑުގެ ނަޒަރު ހުއްޓުނެވެ. އޭނާއިނީ ވަކިންނެވެ. ރޮމުން ލޯފުހެމުން ގެންދެއެވެ. އަޅުގަނޑުގެ ލޮލުގެ ޢިޝާރާތުން ސާރާއަށް، ޢަފާފު ދައްކައިލީމެވެ. އަދި ސާރާއާ އަޅުގަނޑާ ދެމީހުން ޢަފާފާ ދިމާއަށް ހިނގައިގަތީމެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.