(15 މެއި 2022 ގެ ބަޔާ ގުޅޭ)
ޚުންސާގެ ވާހަކަ
ﷲ އީ ކޮންމެ ކަމަކަށްވެސް ކުޅަދުންވަންތަ ކަލެއްކަމާއި ކަންކަން ނިންމެވުމުގައި އިންސާނާއަށް ދެރަގޮތެއް މިންވަރު ނުކުރައްވާނެކަމުގައި ކަރީމްވަނީ، އެތައްފަހަރަކު އަޅުގަނޑުގާތު ބުނެފައެވެ. އޭނާގެ އެ ހެޔޮބަސްތަކުގެ އަޞްލު މާނަޔަކީ ކޮބައިކަން، އަޅުގަނޑަށް މިހާރު އެބަ ވިސްނެއެވެ. ﷲ އީ، ޢިބްރަތްތެރި މުޢުޖިޒާތްތަކުން ފިލާވަޅު ލިބިގަނެވޭގޮތަށް ކަންކަން ހިންމަވާ ކަލެކެވެ. އަޅުގަނޑު، ކަރީމަށް މަރުޙަބާކިއުމަށްފަހު، ޢުމަރާދިމާއަށް އެނބުރިލީމެވެ. ސޫދާނުގެ ޢުމަރު، ﷲ މިވަނީ މިގޭގައި އަޅުގަނޑުމެންނާއެކީ ދިރިއުޅުމަށް ފޮނުއްވާފައެވެ. އަޅުގަނޑު އޭނާއާ ދިމާއަށް ހިނިތުންވެލީމެވެ.
ކަރީމަކީ ޢާންމުގޮތެއްގައި ޢަރަބި މެހެމާންދާރީއަދާކުރުމުގައި އަރާހުންނަ މީހެކެވެ. އޭނާ އެކަންކުރާނީ އޭގެ އެންމެ ފުރިހަމަ ގޮތުގައެވެ. އެކަމަކު އަޅުގަނޑުދެކެ ހިތްހަމަނުޖެހި ހުރިކަން އެއިޙްސާސްވަނީ ކީއްވެގެންކަމެއް ނޭނގެއެވެ. އަޅުގަނޑާޖެހިގެން އިން، ބީރައްޓެހި ކުޑަކުޑަ މީހާއާދިމާއަށް ކަރީމް ބަލައިލިއެވެ. އަދި ހިނިތުންވުމާއެކު، ހޫނުމަރުޙާބާއެއް ކިއެވެ.
"ޢުމަރުއެވެ! އަހަރެމެންގެ ގެޔަށް ޢުމަރަށް މަރުޙަބާއެވެ!"
"ކަރީމް އެވެ! މިޢުމަރުގެ ވާހަކަޔަކީ، އަހަރެމެންގެ އިހުޒަމާނުގެ ތާރީޚީ ހެކިތަކެއް ސާބިތުކޮށްދޭ ވާހަކައެކެވެ." ޢުމަރުގެ ކޮޅަށް ޖެހިހުރެ، އަޅުގަނޑުގެ ހިތުގައިވާ ފުން އިޙްސާސްތަކަށް އުއްމީދު އާވެދާގޮތަށް ޢުމަރު ތަޢާރުފް ކުރެވޭތޯ އަޅުގަނޑު ބެލީމެވެ. ޢުމަރު ލައިގެން އިނީ އެކިކުލަތަކުން މަސްހުނިވެފައިވިޔަސް ވަރަށް ނަލަ ހެދުމެކެވެ. ހީވަނީ ކަރާޗީ ލޮރީއެއް ހެންނެވެ. އޭގައި ނެތްކުލައެއް ނެތެވެ. ކަރީމުވެސް ޢުމަރުގެ ހެދުމަށް ވަރަށް ފުންކޮށް ނަޒަރު ހިންގައިލިއެވެ. ލޮލަށް ބަލައިލީމާ، ކަރީމުގެ ޝަޢުޤުވެރިކަންވެސް އިތުރުވިކަން ފާޅުވިއެވެ.
ގޯސްގޮތަކަށް ޢުމަރާމެދު ވިސްނަން ކަރީމަށް ފުރުޞަތުދޭކަށް އަޅުގަނޑު ބޭނުމެއްނޫނެވެ. މިކުޑަކުޑަމީހާގެ ޙަޔާތުގައި، މަޖުބޫރީ ޙާލަތުގައި އުޅެފައިވާ ދުވަސްތައް އިތުރަށް ތަކުރާރުކުރާކަށް އޭނާވެސް ބޭނުމެއްނުވާނެއެވެ. އަދި އޭނާ މިގެޔަށް އެއައީ އެފަދަގޮތަކަށް އޭނާގެ ޙަޔާތް، އަޅުގަނޑުމެންނާއެކު ހޭދަކޮށް ބޭކާރުކޮށްލާކަށްނޫނެވެ.
"ޢުމަރުގެ މުޅިޢުމުރު ހޭދަކުރީ އެހެންމީހުންގެ ރައްކަލާއި ސަލާމަތަށެވެ. އަންހެނުންނަށް، ރައްކާތެރިކަމާއި ސަލާމަތްކަން ދިނުމުގައެވެ." އަޅުގަނޑު އިތުރަށް ބުނީމެވެ. އެވަގުތު އަމާނީވެސް އެތަނަށް އައިސް ވަނެވެ. އޭނާގެ އަތުގައި ބަރިޔަކަށް ދޫނިތައް އަތުރާފައި ހުއްޓެވެ. ދޫނިތައްވެސް އޭތިން ބޭތިއްބި ތަރުތީބުން ގުޑިވެސްނުލައި އިށީނދެގެން މަޑުމަޑުން ތިއްބެވެ. އެހާއަވަހަށް އަމާނީވަނީ އެދޫނިތަކާކުޅެ އޭނާއަށް އޮޅުކޮށްފައެވެ. އެއީ ހަމަ ޢަޖައިބެއްކަހަލަ ކަމެކެވެ. އޭގެތެރޭގައި ގިނައީ ފަޟްލުގެ ގަނޑުވަރުން ސަލާމަތްކޮށްގެން އޭނާގެނައި ދޫންޏެވެ.
ދަތްނެތް އަނގަ ތަނމިނަށް ހުޅުވޭވަރަށް ހިނިއައިސްހުރެ، ޢުމަރު އޭނާގެ ދެފައިމައްޗަށް ކޮޅަށް ތެދުވިއެވެ.
"ކުޑަ ސާހިބުކަމަނާއެވެ! ފަޟްލުގެ ގަނޑުވަރުން ސަލާމަތްކުރައްވައިގެން ކަމަނާ ތިދޫނިތައް ގެންނެވިތަން، ގަސްތަކުގެ އަނެއްފަރާތުން އަޅުގަނޑު ބަލަން ހުރީމެވެ. ޔަޤީނުންވެސް، މާތް ﷲ ކަމަނާގެ ތިކުރެއްވި ރަނގަޅު ޢަމަލަށް ހެޔޮ ޖަޒާދެއްވާނެއެވެ." އިޙްތިރާމް އަދާކުރުމަށް ގުދުވެލަމުން، އަމާނީއާ ދިމާއަށް ބަލަހައްޓައިގެންހުރެ ޢުމަރު ބުންޏެވެ.
މީގެކުރިން އަމާނީއަކީ އެއްވެސްވަރަކަށް ދޫނިސޫފާސޫފި ގެންގުޅުނު ކުއްޖެއްނޫނެވެ. އޭނާ ޢުމަރާދިމާއަށް ބަލާލާފައި ހީލިއެވެ. ކަރީމަށްވެސް، ކުރިން ވެރިވެފައިހުރި ނުތަނަވަސްކަން އަދިވެސް ކެނޑޭގޮތެއް ނުވެއެވެ. ހިތްހަމަނުޖެހިފައިހުރިކަން ރީތިކޮށް ފާޅުވާން ހުއްޓެވެ.
"މާތް ކަލާކޯ އެވެ! ސުލްޠާނާއެވެ. މީކޮންކަމެއް ހެއްޔެވެ؟ އެންމެފަހުން، ފަޟްލުގެ ކުރުމީހާވެސް ސުލްޠާނާ ގެނައީ ހެއްޔެވެ؟" ކަރީމް ސުއާލުކުރިއެވެ.
"ޢުމަރަކީ ކުރު މީހެއްނޫނެވެ. ޢުމަރަކީ ޚުންސާއެކެވެ." އަޅުގަނޑު ޢުމަރާ އެއްކޮޅަށް ވަކާލާތު ކުރީމެވެ.
"ސުލްޠާނާ!" ކަރީމް އޭނާގެ އަތް ރުޅިވެރިކަމާއެކު ހޫރާލިއެވެ. އަދި އަޑުގަދަކަމުން މުޅިކޮޓަރިތެރެ ހަލަބޮލިވިއެވެ. އަމާނީއަތުގައި އިށީނދެތިބި ދޫނިތައްވެސް ސިހިގެންގޮސް ކޮޓަރިތެރޭގައި އުދުއްސައިގަތެވެ. އަމާނީވެސް ބައްޕާއޭ ކިޔާ ހަޅޭއްލަވައިގަތުމާއެކު ރޯން ފެށިއެވެ.
ޢުމަރު، އަވަސް އަވަހަށް ތެދުވެ، ދޫނިތައް ހިފުމުގައި އަމާނީއަށް އެހީތެރިވެދިނެވެ. އަދި ދޫނިތައް ބަގީޗާއަށް ގެންދަން އަމާނީއަށް އެހީތެރިވެދިނެވެ. ޢުމަރާއި އަމާނީ އެތަނުން ނުކުމެ ދޮރުލައްޕާލުމުން، ސުލްޠާނާ ކަރީމާ ކުރިމަތިލިއެވެ. އަދި، ފަޟްލުގެ ގަނޑުވަރުގައި މިއަދު އެހިނގައިދިޔަ ކަންތައްތަކުގެ ވާހަކަ ކިޔައިދޭން ފެށިއެވެ. އަދި ކުލަތަކުން ޖަރީވެއިން ޚުންސާ، ޢުމަރަށް އެގެޔަށް އަންނަންޖެހުނު ގޮތުގެ ތަފްޞީލު ކިޔައިދިނެވެ.
އަޅުގަނޑުގެ ވާހަކަޔަށް ދެބަސްވާން ކަރީމަށް ފުރުޞަތު އެބައޮތެވެ. ދެވަނަ ފަހަރަށް އެގެޔަށް ނުދާން ބުނެފަ އޮއްވަ އަޅުގަނޑަށް އެގެޔަށް ދެވުމެވެ. އަދި އެގެޔަށްގޮސް، މިނިވަންކަމަށްޓަކައޭ ކިޔާފަ ބޮޑު ސަކަރާތްގަނޑެއްޖެހުމެވެ. އިތުރު މައްސަލަތަކެއް އުފެއްދުމެވެ. ކަރީމްގެ ރުޅިގަނޑު ހައްތާދިޔައީ ގަދަވަމުންނެވެ. އަޅުގަނޑަށް އެކަމާ އެއްޗެކޭ ބުނެވޭކަށްނެތެވެ. އަޅުގަނޑު މިހުރީ، ކަރީމް ނުކުރަންބުނި ކަމެއްކޮށްފަ، ބޭނުންނުވާނެ ކަންތައްގަނޑެއް ހިންގާފައެވެ. އެތާނގައި އެތިބަކުދިން ހައްޔަރުކޮށްފައި، ޖިންސީ ގޯނާކުރަމުންއެގެންދަނީ ހަމަޔަކުން ނޫންކަމަށް އަޅުގަނޑު ކުރަމުންގެންދިޔަ ދަޢުވާގެ އަޑެއް ކަރީމެއް ނޭހިއެވެ. އެއަޑަށްވުރެ ކަރީމްގެ އަޑު ގަދައެވެ. ދެމީހުންގެ ވާހަކައިގެ އަޑުގަދަވަމުންގޮސް، އިސާހިތަކު ބޮޑު ޒުވާބަކަށް ވެއްޖެއެވެ. ކިރިޔާވެސް ހަމަޔަކަށް އެޅުނީ ދެމީހުން ހަޅޭއްލަވަމުންގޮސް އަޑު ކުރަކި ވުމުންނެވެ.
ކަރީމު، ހަމަހިމޭންވެލި ވަގުތު، އެކުދިން ބަންދުކޮށްގެން އެގެންގުޅެނީ ޝަހުވަތުގެ އެދުން ފުއްދުމަށްޓަކައި އަދި އެކުދިންގެ އަމިއްލަ އިޚްތިޔާރުގައިނޫންކަން ސާފުކޮށްދެވޭތޯ ބެލީމެވެ. އެހެންނަމަވެސް އެވާހަކަތަކުން ކަރީމަކަށް އެއްވެސް އަސަރެއް ނުކުރިއެވެ. އޭނާގެ ރުޅިގަނޑު ހައްތާދިޔައީ ގަދަވަމުންނެވެ. ކަރީމު އެބުނަނީވެސް ރަނގަޅު ވާހަކައެކެވެ. މަހާ ގޮވައިގެންގޮސް އެކަހަލަ ކަމެއްކުރަން އަޅުގަނޑު އުޅުމަކީ ކޮށްގެންވާނެކަމެއް ނޫނެވެ. އެއީ އަޅުގަނޑުމެން ކިތަންމެވަރަކަށް މަސައްކަތް ކުރިޔަސް، ސުޢޫދީން ފުހެލެވޭނެ އާދަކާދައެއްނޫނެވެ.
"އަހަރެންނަށް އެނގެއެވެ. ކަރީމުގެ އެހީތެރިކަމަށް އަހަރެން ޝުކުރުވެރިވަމެވެ. ކަރީމުވަނީ އަމާނީއަށް މަޢާފުކޮށް، ދޫނިތަކުގެ މައްސަލަ ޙައްލުކޮށްދީފައެވެ. މަހާވެސް އެހުރީ އެކަހަލަ ކަމެއްގައި ދެރަވެފައެވެ. އެކުދިންގެ ކަންތައް މަހާއަށް އެނގުނީއްސުރެ، އެކުދިން ސަލާމަތްކޮށްދިނުމަށް އަހަރެންގާތު އާދޭސް ކުރަމުންގެންދިޔައެވެ. އެވާހަކަ ކަރީމްގާތު ބުނާނެ ފުރުޞަތެއް އަހަރެންނަށް ނުހޯދުނީއެވެ." އަޅުގަނޑު ކުރިޔަށްޖެހިލައި ކަރީމްގެ ފައިގާ ބޮސްދިނީމެވެ.
"އަހަރެން މަހާއާއެކު ނުދިޔަނަމަ، އަދި އެކުދިން މިނިވަންކޮށްދޭން މަސައްކަތްކޮށް އެހީތެރިނުވިނަމަ، މަހާ އަހަރެންނަށް މަޢާފެއް ނުކުރާނެއެވެ." އަޅުގަނޑު ކަރީމުގެ ހަމްދަރުދީއަށް ބޭނުންވިއެވެ.
"ސުލްޠާނާއެވެ! ކުރެވުނީ ރަނގަޅު ކޮންކަމެއް ހެއްޔެވެ؟ އެކުދިންނަކީ ފަޟްލުގެ ޙައްޤެކެވެ. އެޙަޤީޤަތް ބަދަލެއް ނުވާނެއެވެ. އަންހެނުންގެ ކަންތަކުގައި، އާދަކާދައާ ތަފާތުކޮށް މިޤައުމުގައި އެއްވެސްކަމެއް ނުކުރެވޭނެކަން ސުލްޠާނާއަށްވެސް ރަނގަޅަށް އެނގޭނެއެވެ. އަދި އަމްދުން، ފަޟްލު ކަހަލަ މީހަކު ހިންގާ އެކަހަލަ ކަމެއްގައި، އެކުދިންނަށް ކިތަންމެ ހަމްދަރުދީވިޔަސް، އެއާދެކޮޅަށް ކަމެއް ނުކުރެވޭނެކަން މަހާ އަށް ނޭނގުނަސް ސުލްޠާނާއަށް ރަނގަޅަށް އެނގޭނެއެވެ. އަހަރެން އެކަމަށް ތާއީދު ކުރަނީކީ ނޫނެވެ. އެއީ މިޤައުމުގެ ޙަޤީޤަތެވެ. އެކަމުން ލިބުނު ފައިދާއަކީ ކޮބައި ހެއްޔެވެ. ބޭނުމެއް ނުކުރެވޭ އިހުގެ މުސްކުޅި ޚުންސާއަކު، ގޭގައި ބޯގިނަކުރަން ގެނެވުން ހެއްޔެވެ؟" ޢުމަރު އިށީނދެއިން ތަނަށް ބަލައިލަމުން ކަރީމް ބުންޏެވެ.
އަޅުގަނޑުމެންގެ ފަހަތުން، ޢުމަރު ކަރުކެހެލި އަޑަށް ދެމީހުންވެސް ސިއްސައިގެންދިޔައެވެ. ޢުމަރުގެ މޫނުމަތިން ލަދުވެތިކަމާއި ނިކަމެތިކަމުގެ އިޙްސާސްތައް ފައުޅުވާން ހުއްޓެވެ. އޭނާހުރީ ހަށަންބަދެގެން އިސްޖަހައިގެންނެވެ. އޭނާއާ ބެހޭގޮތުން ކަރީމްގެ ދުލުން ބޭރުވި އިހާނެތި ބަސްތަކުގެ އަޑު އޭނާއަށް އިވޭނީކަން، އަޅުގަނޑަށް ޔަޤީނެވެ.
"ސާހިބާއެވެ! ހަމަ މިހާރު އަޅުގަނޑު، ސާހިބާގެ ގެއިން ނުކުމެގެން މިދަނީއެވެ. ސާހިބާ ތި ވިދާޅުވީ ހަމަ ރަނގަޅަށެވެ. ޚުންސާއިންނަކީ، ޚަލްޤުކުރައްވަންވެސް އެކަށީގެންވާ ބައެއްނޫނެވެ. އަދި އަމްދުން މިހާރު، މިދުވަސް ވަރުއެވެ." ކަރުތެރެ ސާފުކުރަމުން، ލަސްލަހުން ޢުމަރު ބުންޏެވެ. އަދި ޢުމަރުގެ ލޮލުން ފާއްދަމުންދިޔަ ކަރުނަތައް ގަދަކަމުން ހިފަހައްޓަމުންދާކަން އެނގުނެވެ. އެނިކަމެތި އިންސާނާގެ ހިތްފަޅައިގެންގޮސް، ދެކަކޫ މައްޗަށް ތިރިވެ، ބަޑިފަޅައިގެން ހިނގައިދާނެކަމަށްޓަކައި އަޅުގަނޑު ބިރުގަތެވެ. ވީދެރަޔަށްވުރެ ގަތްބިރު މާބޮޑެވެ.
އެނިކަމެތި މީހާގެ ޙާލަށް ކަރީމުގެ ހިތުގެ ކަނަކުންނަމަވެސް ހަމްދަރުދީ އުފެދުނު ކަހަލައެވެ. އަދި ކަރީމުގެ ރުޅިގަނޑުވެސް ކޮންމެވެސް ވަރަކަށް މަޑުވި ކަހަލައެވެ. ކަރީމަކީ ވަރަށް ޖަޒުބާތީ މީހެކެވެ. ވަރަށް ފަސޭހައިން އަސަރު ކުރާނެއެވެ. ކުރިންވެސް އެކަހަލަ ކަންކަން ދިމާވެފައި އެބަހުއްޓެވެ. މިއީވެސް އެކަހަލަ ވަގުތަކަށްވުމަށް އަޅުގަނޑު ހުރީ އުއްމީދު ކޮށްގެންނެވެ.
"ޢުމަރާއެވެ! ވިސްނާ ނުލައި އަހަރެންނަށް ބުނެވުނު އެއްޗަކަށް މަޢާފު ކުރާށެވެ ! ﷲ ގެ ޙަޟުރަތުގައި ކޮންމެ އިންސާނަކީވެސް އަގުހުރި މަޚުލޫޤެކެވެ. އެއީ އެކަލާނގެ ޚަލްޤުކުރެއްވި އިންސާނުންނެވެ. އެކަލާނގެ ޙަޟުރަތުގައި އެންމެންވެސް ހަމަހަމައެވެ. ތަފާތުވާނީ ތަޤުވާވެރިކަން އިސްކުޅަ ބަޔެކެވެ. އެމީހެއްގެ ޞާލިޙު ޢަމަލުންނެވެ. ޢުމަރަށް ފަޟްލުގެ ފަރާތުން ޙިމާޔަތެއް އަދި ރައްކާތެރިކަމެއް ނެތްނަމަ، މިގެއިން ޢުމަރަށް މަރުޙަބާ ކިޔާނެއެވެ. ޢުމަރަށް މިގޭގައި ހުރެވިދާނެއެވެ." ކަރީމުގެ ބަސްތަކުން ޢުމަރުގެ މޫނު އުޖާލާވެގެންދިޔައެވެ. ލޮލުން އުއްމީދުގެ އަލިކަން ފާޅުވެގެންދިޔައެވެ.
"ސާހިބާއެވެ! އަޅުގަނޑު އެގޭގައި އުޅުނަސް އަދި ނޫޅުނަސް، އެގޭގެ މީހުންނަށް އެއްވެސް ތަފާތެއް ނުވާނެއެވެ. އަޅުގަނޑަކީ އެމީހުންނަށް އެހާ މުހިންމުމީހެއް ނޫނެވެ. ހިތަށް އުނދަގޫވެ ހިތްދަތިވި ދުވަސްވަރެއްގައި އަޅުގަނޑުގެ ރައްޓެއްސަކާއެކު ޠާއިފަށްވެސް ދިޔައިމެވެ. އެތާނގައި ދެތިން ހަތަރުމަހަކު މަޑުކުރީމެވެ. އަޅުގަނޑު އެނބުރި އައުމުން އެއީ ފަޟްލުގެ ދެމަފިރިންނަށް ބަލައިގަންނަން ބޭނުންވި ކަމެއްނޫނެވެ. އަދި އަޅުގަނޑު ނެތަސް ވީއުނިކަމެއް އަދި ހުރެގެން އެމީހުންގެ ހިތަށްލިބޭ ތަސައްލީއެއްވެސް ނޯވެއެވެ. ގޭގައި އުޅޭ އެހެން ނޯކަރުންގެ ފަރާތުން އެނގުނުގޮތުގައި، ފަޟްލުވެސް އަދި ޚާލިދާވެސް ހީކުރީ، ވަލުތެރެޔަށްވަދެ އުޅުމުގެ ތެރޭގައި ކޮންމެވެސް ގޮތެއްވެގެން އަޅުގަނޑު މަރުވީ ކަމަށެވެ. އަޅުގަނޑުގެ މިކުޑަ ބަނޑަށް ލާ ކާއެތިކޮޅަށްވެސް އެމީހުންގެ ރުހުމެއް ނުލިބެއެވެ. އަޅުގަނޑު ބަލިވިޔަސް އަދި ކެޔަސް، ނުކެޔަސް އެއީ އެމީހުންނަށް މައްސަލައެއްނޫނެވެ. ފަޟްލު އަޅުގަނޑަށް އަންނައުނެއްވެސް ނުދެއެވެ. މިލައިގެންހުރި އިހުޒަމާނުގެ ފޭޜާންލާން އަޅުގަނޑަށް މަޖުބޫރުވެފައި އޮންނަ ސަބަބަކީ އެއީއެވެ. ވަރަށްބޮޑަށް މަޢާފު ކުރައްވާށެވެ!"
"ޢުމަރު ބޭނުންވަރަކަށް މިގެއިން ކާން ލިބޭނެއެވެ. ޢުމަރަށް އާ ހެދުން ގަނެދޭން އަހަރެން މުޙައްމަދު ގާތު ބުނާނަމެވެ. އަހަރެމެންނާއެކު މިގޭގައި އުޅެން ޢުމަރު ނިންމާނަމަ، ހުންނަންވާނީ އެކަށީގެންވާ ހެދުން ލައިގެންނެވެ." ޢުމަރުގެ ވާހަކަތަކުން ކަރީމުގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ.
ޢުމަރު އުފަލުން ފޮޅުނެވެ. ކަރީމުގެ ކުރިމަތީ ސަޖޖިދަޔަށް ތިރިވާން އުޅުނު ކަހަލައެވެ. އަޅުގަނޑާދިމައަށް ބަލައިލުމަށްފަހު ހީލުމާއެކު ކަރީމަށް ބަލައިލިއެވެ.
"ސާހިބާއެވެ! އަޅުގަނޑުގެ ދުޢާ، ﷲ އިޖާބަކުރައްވައިފިއެވެ. ސާހިބާގެ އަނބިކަލަކުންފަދަ ޚުލްޤު ރަނގަޅު ހެޔޮލަފާ އަނބިން ދެއްވާނީ ހެޔޮލަފާ ފިރިންނަށްކަން އަޅުގަނޑަށް އެނގެއެވެ." ހިނިތުންވެހުރެ ޢުމަރު ބުންޏެވެ. ޢުމަރުގެ ތަޢުރީފުގެ ބަސްތަކަށް ކަރީމް އެއްޗެއް ބުނާނެކަމަށް އަޅުގަނޑަށް ހީވިޔަސް، ކަރީމު އެއަކަށް ޖަވާބެއް ނުދެއެވެ. އޭގެ ބަދަލުގައި ޢުމަރުގެ ބުރަކަށީގައި ޖަހައިލަމުން ބުންޏެވެ.
"ރަޙުމަތްތެރިޔާއެވެ! އަހަރެންނާ ވާހަކަ ދައްކާއިރު ސާހިބާއޭ ނުކިޔާށެވެ. އެއްވެސް މީހަކީ އަނެކާގެ ސާހިބާއެއްނޫނެވެ. އެންމެ މަތިވެރިވެގެންވަނީ ކީރިތި ﷲ އެވެ. އަހަރެންނާ މުޚާތަބުކުރާއިރު ޕްރިންސް ކަރީމޭ ބުނުމުން ފުދޭނެއެވެ." ކަރީމުގެ ރުޅިގަނޑު މައިތިރިވެ، ހަމަޖެހިލީތީ އަޅުގަނޑު ވަރަށް އުފާވިއެވެ. އެއީ ގިނަފަހަރަށް އެހާ ފަސޭހައިންވާ ކަމެއްނޫނެވެ.
"އެއީ މާކުރީއްސުރެ އަޅުގަނޑަށް އާދަވެފައިހުރި ކަމެކެވެ. ބޭނުންނުކޮށް ދޫކޮށްލަން އެހާ ފަސޭހަ ބަހެއްނޫނެވެ. އެހެންނަމަވެސް، ޕްރިންސް ކަރީމުއޭ ބުނެ ސާހިބާއާ މުޚާތަބު ކުރުމަށް އަޅުގަނޑު މަސައްކަތް ކުރާނަމެވެ."
(ނުނިމޭ)