އަމީރާ ސުލްޠާނާގެ ނާރެސް - 61

(17 އޯގަސްޓް 2022 ގެ ބަޔާ ގުޅޭ)

ޢަލީއާ ދިމާއަށް ބަލައިލުމަށްފަހު ، އަޅުގަނޑު ހިނިތުންވެލީމެވެ. އަޅުގަނޑުގެ ލޮލާއި ޢަލީގެ ލޯ ސީދާވުމާއެކު ، އަޅުގަނޑާ ޢަލީއާ  ދެމެދު އަދިވެސް އޮތީ ނުރުހުމާއި ނަފުރަތުކަން ސާފުވިއެވެ. އަދި އަޅުގަނޑާއި ޢަލީއަކީ ދެ ދުޝްމަނުންގެ ގޮތުގައި ދެމިތިބޭނެކަން އެނގުނެވެ. ކަރީމާއެކު ، އަޅުގަނޑުގެ ފޭލިގެޔަށް އަޅުގަނޑުމެން އެނބުރި އައީމެވެ. އެރޭ ހަތަރުދަމު ކަރީމް އޮތީ އަރާމުކޮށް ނިދާލާފައެވެ. އަޅުގަނޑަކަށް އެއްވެސް މިންވަރަކަށް ލޮލުފިޔައެއް ނުޖެހެއެވެ. ނިދީގެ ކަންފުޅެއްވެސް ނެތެވެ. ހުވަފެނުގައި އިރުއިރުކޮޅުން މަންމަ އަޅުގަނޑުގެ ގާތަށް އާދެއެވެ. މަންމަ ދެނީ ހަމަ އެއް މެސެޖެކެވެ. އެއީ އަޅުގަނޑުގެ ޙަޔާތުގައި އަޅުގަނޑަށް ޙައްޤު މިންވަރަށް ހަމަޖެހުމާއި އުފާ ނުލިބޭކަމެވެ. ފަތިސްނަމާދުގެ ބަންގީގެ އަޑު އަޅުގަނޑުމެންގެ ފޭލިގެޔަށް އިވުމާހަމަޔަށް އަޅުގަނޑު އޮތީ އެނދުމަތީ ފުރޮޅިފުރޮޅިއެވެ.

މަންމަ ދެމުންއަންނަ މެސެޖްގެ ޙަޤީޤަތް ވަރަށް ސާފެވެ. މަންމަ ނިޔާވުމަށްފަހު ، ވޭތުވެގެންމިދާ ދުވަސްތަކުގައި އަޅުގަނޑުގެ ޙަޔާތުގައި ހަމަޖެހުމުގެ ނޭވާއެއްލާން ލިބެނީ މަދު ފުރުޞަތެކެވެ. ފޭލިގޭގެ ހަތަރު ބިތަށް އަޅުގަނޑު ނަޒަރު ހިންގައިލީމެވެ. އެއިން ކޮންމެވެސް ބިތެއްގައި ނުވަތަ ކަނެއްގައި މަންމަގެ ރޫޙު އެބަ އުޅެއެވެ. މަންމަގެ އެންމެ ހަގުދަރިފުޅަށް ، އިތުރު ދުވަހަކަށް އިރުއެރުމުގެ ޚަބަރައިގެން ނަޞޭޙަތް ދޭނެ ފުރުޞަތަކަށް މަޑުކޮށްލައިގެންނެވެ. މަންމަ ނިޔާވެފައިވަނީ އަޅުގަނޑަށް މަންމަ ނުވެސް އެނގޭ ޢުމުރުގައެވެ. މަންމަގެ އޯގާތެރިކަމާއި މަންމަގެ މުހިންމުކަން އެއިރަކު އަޅުގަނޑަކަށް ނުވިސްނެއެވެ. މަންމަ ނިޔާވީ ، އަޅުގަނޑުގެ ޢުމުރުން އެންމެ 16 އަހަރުގައެވެ. އޭގެފަހުން މަންމައާ ނުލައި އަޅުގަނޑު 24 އަހަރު ، އަޅުގަނޑުގެ ޢުމުރުން ހޭދަކޮށްފީމެވެ. ހިތަށް އުނދަގޫވެގެންދިޔަ އެ ޚިޔާލުތަކާއެކު ، އެއްވެސް މީހެއްގެ ގާތު ނުވެސްބުނެ އަޅުގަނޑު ފޭލިގެއިން ނުކުތީމެވެ. ދެވޭވަކިތަނެއް ޚުދު އަޅުގަނޑަށްވެސް ނޭނގޭ ޙާލުގައެވެ. ލޮލުން ފާއްދަމުންދިޔަ ކަރުނަތައް އޮހޮރިގަތުމަށް ފުރުޞަތު ދެމުން ، ސަހަރާތެރެޔަށް އަޅުގަނޑު ނުކުތީމެވެ.

އަޅުގަނޑުގެ މަންމަ އަޅުގަނޑުގެ ފަރާތުން ބޭނުންވަނީ ކޮންކަމެއްބާވައެވެ ؟ މަންމަ ބޭނުންވަނީ ، އަޅުގަނޑަކީ ކޮންކަހަލަ މީހަކަށްވާން ބާވައެވެ ؟ މަންމަ ބޭނުންވާ ކަހަލަ ދަރިޔަކަށްވާން އަޅުގަނޑު ފުރިހަމަކުރަންވީ ކޮންކަމެއް ބާވައެވެ ؟ އަޅުގަނޑު ފެއިލްވެފައިވަނީ ކޮންކޮން ކަންތައްތަކެއްގައި ބާވައެވެ ؟ މަންމަ ބޭނުންވާފަދަ ދަރިޔަކަށް ވުމަށްޓަކައި އަޅުގަނޑު އުޅެންވީ ކޮންގޮތަކަށް ބާވައެވެ ؟ އަޅުގަނޑުގެ ސިކުނޑީގައި ކެތްނުކުރެވޭފަދަ ތަދެއް ފެތުރިގެން ދިޔައެވެ. ދުވާލުގެ ގަދަ ހޫނުގައި އިރު އޭގެ އެންމެ ތާޒާކަންމަތީ މެދުއުޑުގައިހުރިކަންވެސް އަޅުގަނޑަކަށް އިޙުސާސެއް ނުވިއެވެ. އަޅުގަނޑުގެ ހިތަށް ސިހުމެއް ލިބިގެންދިޔައީ ސާރާއައިސް އަޅުގަނޑާޖެހިގެން އިށީނދެލުމުންނެވެ. އޭނާ އަޅުގަނޑުގެ ފަހަތުން އައިކަމެއް ނުވެސް އެނގެއެވެ.

"ސުލްޠާނާއެވެ!" އަޅުގަނޑުގެ ލޮލުން ފެންނަންހުރި މާޔޫސްކަމާއި ތަދު އިޙްސާސް ކުރެވި ސާރާއަކަށް ކެތެއް ނުކުރެވުނެވެ.

"ސުލްޠާނާއެވެ! ކަނބުލޮ ރަނގަޅު ހެއްޔެވެ؟ ކިހިނެއްވީ ހެއްޔެވެ؟" ސާރާ ސުއާލުކުރަން ފެށިއެވެ. މަޑުމަޑުން ދެލޯފުހެމުން އަޅުގަނޑު ، ސާރާގެ އަތުތެރެޔަށް ބޮނޑިވެގަތީމެވެ.

"ބުނާށެވެ! ކިހިނެއްވީ ހެއްޔެވެ؟ ދައްތަގާތު ބުނެބަލާށެވެ؟" ސާރާގެ ސުއާލުތައް ކުރިޔަށް ގެންދިޔައެވެ.

"އަހަރެން އަބަދުވެސް އަހަރެންގެ ދިރިއުޅުމުގައި ޢަމަލުތައް މިބެހެއްޓީ އަހަރެންނަށް ފެންނަ ގޮތަކަށެވެ. އަހަރެންނަށް މިހޭދަކުރެވުނީ ބޭކާރު ޙަޔާތެއްކަން އަހަރެންނަށް މިހާރު ވިސްނިއްޖެއެވެ. މަންމަ އަހަރެންގާތު އެވާހަކަ ބުނެފިއެވެ." ގިސްލަމުން އަޅުގަނޑު ބުނީމެވެ.

"ސުލްޠާނާއެވެ! ސުލްޠާނާގެ ޙަޔާތަކި ބޭކާރުވެގެންގޮސްފައިވާ އެއްޗެއްނޫނެވެ. ކަރީމަކީ ހަރުދަނާ ފިރިޔަކަށް ހަދައިފީމުއެވެ. އަހަރެމެން އަންހެނުންގެ ޙައްޤުގައި މިޤައުމުގެ އެއްވެސް އަންހެނަކު ނުގެންދާ ހިސާބަށް ސުލްޠާނާގެ މަސައްކަތް ގެންގޮއްސީމުއެވެ." އަޅުގަނޑުގެ މޫނަށް ބަލަހައްޓައިގެން އިނދެ ސާރާ ބުނަމުން ގެންދިޔައެވެ.

"އެވަރަކުން ނުފުދެއެވެ. އެވަރަކުން ނުފުދެއެވެ. މަންމަ އަހަރެންގާތު އެހެން އެބަބުނެއެވެ. އަހަރެންގެ މަސައްކަތް އިތުރަށް ކުރިޔަށް ގެންދަންޖެހޭކަމުގައި މަންމަ އެބަ ހަނދާން ކޮށްދެއެވެ." އަޅުގަނޑުގެ ލޮލުން ކަރުނަ ފުހެމުން ބުނީމެވެ.

އެއްވެސް އެއްޗެކޭ ނުބުނެ އެތައް އިރަކު ސާރާ އިނެވެ. ސާރާގެ ހިތުގައިވެސް އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ ހަމަނުޖެހުމުގެ އަސަރު އެބަހުރިކަން އަޅުގަނޑަށް އިޙްސާސްވިއެވެ.

"ސުލްޠާނާއެވެ! އެކަށީގެންވާ މިންވަރަކަށް މަސައްކަތް ކުރެވެނީ އަހަރެމެންގެ ތެރެއިން މަދު މީހަކަށެވެ. އަހަރެންނަށް މިހާރު އެކަން ސާފު ވެއްޖެއެވެ." ސާރާ ބުންޏެވެ. އިތުރު ޝަޢުޤުވެރިކަމަކާއެކު އަޅުގަނޑަށް ސާރާއާ ދިމާއަށް ބަލައިލެވުނެވެ. އަނެއްކާ ސާރާއަށްވެސް މަންމަ ހުވަފެނުން ފެންނަނީ ބާވައެވެ؟

"ތިބުނި އެއްޗެއްގެ މާނަޔަކީ ކޮބައި ހެއްޔެވެ؟" އަޅުގަނޑު ކުއްލިޔަކަށް އަހައިލީމެވެ.

އިރުކޮޅަކު އަނެއްކާވެސް މަޑުން އިނުމަށްފަހު ހެދުމުގެ ތެރެއިން ކަރުދާސްގަނޑެއް ނަގާ އަޅުގަނޑަށް ދިއްކޮށްލިއެވެ.

"ލަދުޙަޔާތް ކެނޑިފައިވާ ޢަމަލުތަކަކީ ސުޢޫދީގައި ދާދިފަސޭހައިން ކުރެވިދާނެ ކަމެކެވެ. ގެއްލިގެންދާން އެތައް އެއްޗެއް އެބަހުއްޓެވެ." ސާރާ ބުންޏެވެ. އޭނާގެ މޫނުމަތިން ފެނިގެންދިޔައީ ނާއުއްމީދާއި ހިތާމައެވެ.

"ސުލްޠާނާއެވެ! އަހަރެންނަށް ހީވާގޮތުގައި މުނީރާއަށް އެހީތެރިވުމަށްޓަކައި އަހަރެން މަސައްކަތްތަކެއްކުރަން އެބަ ޖެހެއެވެ. އަހަރެމެންގެ އެހެންހުރިހާ ކުދިންނާއެކީ އެންމެން ގުޅިގެންނެވެ. މުނީރާ އެހެން ޤައުމަކަށް ބަދަލުކުރުމަށްޓަކައި އަހަރެމެންނަށް ކުރިން ވިސްނުންތަކެއް ގެންގުޅެވުނުނަމަ ކިހާ ރަނގަޅު ހެއްޔެވެ؟" ސަމާރާ ބުންޏެވެ. އަޅުގަނޑަށް ކުށްހީތަކެއް ކުރެވުނެވެ. މުނީރާއަށް ކިހިނެއްވީ ބާވައެވެ؟ އެކުއްޖާފުޅު މަރުވީ ބާވައެވެ؟ އަޅުގަނޑުގެ ހިތަށް އެރިއެވެ.

"އަހަރެންނަށް  މިގަނޑުކޮޅު ލިބުނީ މިދިޔަ ހަފުތާގައެވެ. އަހަރެންގެ ހިތް ހަލާކު ވެއްޖެއެވެ." ސާރާގެ އަޑު މަޑުވެގެން ދިޔައެވެ.

ބޮނޑިބޮނޑިވެފައި އޮތް އެގަނޑު އަޅުގަނޑު ހުޅުވައިލީމެވެ. އަތުން ލިޔެފައިވާ ލިޔުންކޮޅަށް އަޅުގަނޑުގެ ކަޅި ހުއްޓުނެވެ.

"މީގެ ދުވަސްކޮޅެއްކުރިން ، އަހަރެން އަތުގައިހުރި ފޮތްތަކެއް މުނީރާއަށް ދިނީމެވެ. އަހަރެން މިދަތުރަށް ތައްޔާރުވަމުން ދަނިކޮށް އެއްދުވަހަކު މުނީރާ އަހަރެންނަށް ފޮތެއް އަނބުރާ ދިނެވެ. މިދަތުރުގައި އެފޮތް ކިޔާލާންކަމަށް ހީކޮށް ގެނައީމެވެ. އެފޮތްލީ އަހަރެންގެ ހެދުންލާ ފޮށްޓަށެވެ. ރޭ ، އެއްވެސް ވަރަކަށް އަހަރެންނަކަށް ނުނިދުނެވެ. ފޮތެއް ކިޔާލާނީއޭ ހީކޮށް އެފޮތް ނެގިތަނުން އަހަރެންނަށް އެފޮތުގެ ތެރެއިން ފެނުނީ މިގަނޑެވެ." ސާރާގެ ލޯހުރީ ރަތްވެފައެވެ. އަދި އެވަގުތު ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ.

"މުނީރާ ބުނެފައެއޮތީ ކީކޭކަން ނިކަން ކިޔާލަ ބަލާށެވެ!" އެގަނޑަށް ޢިޝާރާތްކޮށް އިނގިލި ދިއްކޮށްލަމުން ސާރާ ބުންޏެވެ. އަޅުގަނޑަށް ކިޔެން މިއުޅެނީ އަމިއްލަޔަށް  މަރުވުމުގެ ނޯޓެއްކަމުގައި ހީވެ ބިރުންގޮސް އެ ކަރުދާސްގަނޑަށް އަޅުގަނޑު ބަލައިލީމެވެ. ހިތްބިރުގެންފަހުރިވަރުން އަޅުގަނޑުގެ އަތުގައި އެގަނޑު ހަރުލަނީވެސް ކިރިޔާއެވެ. ސާރާ އަޅުގަނޑުގެ އަތުގައި ހިފަހައްޓާލައި އެނޯޓު ކިޔާލަން އެހީތެރިވެދިނެވެ. މުނީރާ ލިޔެފައިވަނީ ޅެމެކެވެ.

 

ދިރިހުއްޓައި ވަޅުލެވިފައި

އަހަރެން ދިރިއުޅުނީ ، އަދި ދިރިއުޅެން ދަސްވީ ހިނިތުންވުމަށްޓަކައެވެ.

އަހަރެން ދިރިއުޅުނީ ، އުއްމީދުންފުރިގެންވާ ވަޢުދު ތަކަކާ އެކީގައެވެ.

އަހަރެން ދިރިއުޅުނީ ، އަންހެންކުއްޖަކު އޭނާގެ އުފާވެރި މިނިވަން ޙަޔާތަށް އުއްމީދުކުރާނެ ހުރިހާ ހުވަފެންތަކެއް ދެކެމުންނެވެ.

އަހަރެން ދިރިއުޅުނީ ، އަހަރެންދެކެ ލޯބިވާ ފިރިހެނެއްގެ ބަރޯސާގައި އަހަރެންގެ ޙަޔާތު ބާއްޖަވެރި ވުމުގެ އުއްމީދުގައެވެ.

އަހަރެން ދިރިއުޅުނީ ، އުއްމީދުގެ ދިރުން ކެނޑިފައިވާ އަންހެނެއްގެ ވަޢުދުތައް ބޭކާރުކުރެވިފައިވާ އަންހެނެއްގެ ގޮތުގައެވެ.

އަހަރެން ދިރިއުޅުނީ ، ހުވަފެންތައް ބިލާހަކަށްވެފައިވާ ނިކަމެތި އަންހެނެއްގެ ގޮތުގައެވެ.

އަހަރެން ދިރިއުޅުނީ ، ފެންނަ ކޮންމެ ފިރިހެނަކީ ބިރުވެރިކަމެއްގެ ގޮތުގައި ސިފަކުރެވިގެންނެވެ.

އަހަރެން ދިރިއުޅުނީ ، ގުޅިފައިވާ ޝައިޠާނީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

އަހަރެން ދިރިއުޅުނީ ، ފިރިހެނެއްގެ ހަށިގަނޑުގައިވާ ޝައިޠާނީ ރޫޙަކުން އަހަރެންގެ ކޮންމެ ޙަރަކާތަކަށް ބާރު ހިންގޭ ޙާލުގައެވެ.

އަހަރެން ދިރިއުޅުނީ ، އެފިރިހެނާގެ އަޅެއްގެ ގޮތުގައި އަދި އަހަރެން ދޫކޮށްލުމަށް އެދި އާދޭސް ކުރާ ޙާލުގައެވެ.

އަހަރެން ދިރިއުޅުނީ ، އަހަރެނގެ ފިރިމީހާއަކީ ފިރިހެންވަންތަ ފިރިހެނެއްގެ ސިފައިގާ ދުށުމަށެވެ.

އަހަރެން ދިރިއުޅުނީ ، އަހަރެން ޙަވާލުކުރެވުނުމީހާގެ ފާޙިޝް ޢަމަލުތަކުގެ ޝިކާރައެއްގެ ގޮތުގައެވެ.

އަހަރެން ދިރިއުޅުނީ ، ބިރުވެރިކަމުން ފުރިގެންވާ ކޮންމެ ރެއެއްގައި އަހަރެން ރޭޕް ކުރެވިގެންނެވެ.

އަހަރެން ދުރުއުޅުނީ ، ފުރާނަ ހުރެމެ ، ދިރިހުއްޓާ އަހަރެންގެ ފުރާނަ ކަށްވަޅަށް ފޮނުވިގެންނެވެ.

އަހަރެން ދިރިއުޅުނީ ، އަހަރެންދެކެ ލޯބިވާ މީހުން އަހަރެން ދިރިހުއްޓާ ކަށްވަޅަށް ފޮނުވީ ކީއްވެތޯ ސުއާލު ކުރުމުގައެވެ.

އަހަރެން ދިރިއުޅުނީ ، ތަކުރާރު ވަމުންދިޔަ ، މިހުރިހާ އަނިޔާއަކާއި ވޭނާ އެކުގައެވެ. އެކަމަކު ، އަހަރެންނަށް އަދި 25 އަހަރުވެސް ނުވެއެވެ.

ހިތަށް ލިބުނު ތަދުން އަޅުގަނޑުމެން ދެބެންތިބީ ބަސް ހުއްޓިފައެވެ. އަޅުގަނޑަށް އަޅުގަނޑުގެ މޭގައި އަމިއްލަޔަށް ފިރުމައި ލެވުނެވެ. ތިބެވުނީ އެކަކު އަނެކަކަށް ބަލަހައްޓައިގެން ފެންކަޅި ވެފައެވެ.

ސާރާއާ ދިމާއަށް އެއްވެސް އެއްޗެއްބުނުމަކާނުލައި ، އަޅުގަނޑު ، އަޅުގަނޑުގެ ގޮތް އެވަގުތު ނިންމީމެވެ. މުނީރާފަދަ އަންހެންކުދިންނަށް އެބައިމީހުންގެ މިނިވަންކަން ހޯދައިދިނުމަށްޓަކައި އިތުރަށް ، އަޅުގަނޑު މަސައްކަތްތަކެއް ކުރަންވެއްޖެ ކަމުގައި ނިންމީމެވެ. އެކުދިންނަކީ ދިރިހުއްޓާ ވަޅުލެވިފައިވާ ފުރާނަ ތަކެކެވެ. ދައްތައާއެކު ، ފޭލިގެޔަށް އައިސް ވަދެ ، ހަމަޖެހިލީމެވެ. އެއިރު ، އަޅުގަނޑަކީ ކުރީގެ ސުލްޠާނާއެއް ނޫނެވެ. އަޅުގަނޑުގެ ވިސްނުމާއި ފިކުރު އަދި ޢަޒުމާއި އުއްމީދުވަނީ މުޅިން ބަދަލުވެފައެވެ. އަޅުގަނޑުގެ މަޤްޞަދު ޙާޞިލް ނުވަނިސް ، އިރާދަކުރެއްވިއްޔާ އެކަންކަމަށް ބަދަލެއް ނުގެންނާނަމެވެ. މަންމަ އަޅުގަނޑުގެ ކިބައިން އަބަދާ އަބަދު އެއެދެނީ ، އެކަންކަމުގައި އިތުރަށް މަސައްކަތްކޮށް ، އަޅުގަނޑުގެ ދިރިއުޅުން މާނަވީ ނަތީޖާއަކަށް ބަދަލުކުރަންކަން އިޙްސާސް ކުރެވުނެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.