އަމީރާ ސުލްޠާނާގެ ނާރެސް - 23

(23 އޭޕްރީލް 2022 ގެ ބަޔާ ގުޅޭ)

މަޑުމަޑުން ދޮރެއްހުޅުވައިލެވުނު އަޑެއް އިވުނެވެ. އަޅުގަނޑު އިސްއުފުލައި ބަލައިލީމެވެ. އެތާއެހުރީ ޚާލިދާއެވެ. ޚާލިދާގެ ފަހަތުން ލައިލާވެސް އައެވެ. ޚާލިދާ ނުފެންނަތާ އެތައް ޒަމާނެއް ވެއްޖެއެވެ. އެހެންނަމަވެސް ، އޭނާގެ އެހުންނަ ރީތިކަމަކަށް އެއްވެސް ބަދަލެއް ނައުދެއެވެ. އެކިއެކި ކަންތައްތަކާ އަވަދިނެތި އުޅެންހަދައިގެން ، ފަޟްލުގެ ވަގުތުތައް އޮންނަނީ ފުރިފައެވެ. މިއޮއްހުރިހައި ދުވަހެއްވީއިރުވެސް ޚާލިދާގެ ރީތިކަން އެގޮތުގައި އެހުރީ ސަބަބުތަކެއް އޮވެގެންނެވެ. އެރީތިކަން އެގޮތުގައި ނެތްނަމަ ، ފަޟްލު މިހާރު ، އޭނާ ވަރިކޮށްފީހެވެ.

އިޙްތިރާމް އަދާކުރުމުގެގޮތުން އަޅުގަނޑުމެން ކޮޅަށް ތެދުވީމެވެ. އަދި ޚާލިދާއަށް ގޮވައިލީމެވެ.

"ސުލްޠާނާ! މަރުޙަބާއެވެ!" ޢާންމުގޮތެއްގައި ސަލާމް ޤަލާމްކޮށް ހަދާގޮތަށް އަޅުގަނޑުމެން ސަލާމްކޮށް ހެދީމެވެ. މަހާ ކުރިޔަށް ޖެހިލައިފާ ޚާލިދާއާ ހަދިޔާތައް ޙަވާލުކުރިއެވެ. އަދަބުވެރިކަމާއެކު ހަދިޔާ ބަލައިގަނެ ، އެއްފަރާތެއްގައި ބަހައްޓަމުން ، ޝުކުރު އަދާކުރިއެވެ. އަދި ބަންދުކުރެވިފައިހުރި 3 ހަދިޔާ ޕެކެޖެއް ، އެތާހުރި މޭޒެއްމަތިން ނަގައި ލައިލާއާ ޙާވާލުކޮށް އަޅުގަނޑުމެންގެ ޑްރައިވަރުގެ އަތަށް ގެންގޮސްދޭށޭ ބުންޏެވެ. އަދި ހަދިޔާ ކަނޑާނީ ގެޔަށްގޮއްސައޭ ވެސް ބުންޏެވެ.

ޚާލިދާ އެވަގުތު ހުރީ އެކަންޏެވެ. އެކަމަށްޓަކައި ޚާލިދާ މަޢާފަށް އެދުނެވެ. ޚާލިދާ ބުނިގޮތުގައި ، ފަޟްލާއި އެމީހުންގެ 6 ފިރިހެންކުދިންވީ ރައްޓެއްސެއްގެ ގަނޑުވަރަށް ގޮހެވެ. އަދި ލަހެއްނުވެ އަންނާނެވާހަކަވެސް ޚާލިދާ ބުންޏެވެ. ނަޞީބު ކަންދިމާކުރިގޮތުން ، ޚާލިދާއަށް ލިބުނީ މުޅިންވެސް ފިރިހެންކުދިންނެވެ. އެކަމުގެ ސަބަބުން ، ޚާލިދާއަކީ އެންމެންވެސް ވަރަށް ޤަދަރުކުރާ ، ޢިއްޒަތްތެރިޔަކަށްވަނީ ވެފައެވެ. ޚާލިދާ ހުރީ އަޅުގަނޑުމެންނަށް އެގަނޑުވަރުތައް ދައްކައިލަން ކެތްމަދުވެފައެވެ. އަދި އަޅުގަނޑުމެންވެސް ތިބީ އެތަންތަން ބަލައިލަން ބޭނުންވެފައެވެ. ޚާލިދާ ފަހަތުން ތަންތަން ބަލަމުން އަޅުގަނޑުމެން ދިޔައިމެވެ. އެހެންނަމަވެސް ، އަޅުގަނޑުގެ ބޮލުގައި ކުޑަކޮށް ރިއްސާގޮތް ވިއެވެ. ބަލަންޖެހުނު ތަންތަން ގިނަވެފައި ދައްކައިލެވުނު ތަކެތީގެ ތަފްޞީލުގިނައީއެވެ. އަދި އެތަނުން ބޭރަށް ނުކުންނަން ބޭނުންވެގެން ބުނީމެވެ.

"ޚާލިދާމެންގެ ބަގީޗާގެ ފުރިހަމަކަމުގެ ވާހަކަ މީހުން ދައްކާތީ އިވެއެވެ."

"އެހެން ހެއްޔެވެ! ހިނގާށެވެ. ބަގީޗާގައި އިށީނދެތިބެލީމަ ވަރަށް އަރާމުވާނެއެވެ." ވަދެވިފައިތިބި ގަނޑުވަރުން ބޭރަށް ނުކުންނަން އޮންނަ މަގަށް އިޝާރާތްކުރަމުން ޚާލިދާ ބުންޏެވެ.

"އަދި އަސްތައްވެސް ދޯއެވެ. މަންމާއެވެ!" އަމާނީ އަޅުގަނޑަށް ހަނދާން ކޮށްދިނެވެ. އަމާނީ އެހެން ބުނުމުން ، ޚާލިދާގެ މޫނުމަތީގެ ކުލަބަދަލުވެގެންދިޔައެވެ. އަދި އަމާނީއަށް ގޮވާލައިފައި އެއީ ، ފިރިހެނުންނަށް ޚާއްޞަ ކަމެކޭ ބުންޏެވެ.

"އަހަރެން އަހަށް ލޯބިކުރަމެވެ. އަދި އަހަރެންނަކީ ފިރިހެނެއްނޫނެވެ." އަޅުގަނޑު ، އަމާނީއަށް ގޮވާލައިފާ މަޑުންހުރުމަށް ބުނީމެވެ. އަދި އަހަރެމެން މިއަދު ދާންޖެހޭ ވަރަށްގިނަ ތަންތަން ހުރިކަމަށާއި މިއަދު ބަލައިލާނީ ހަމައެކަނި ބަގީޗާ ކަމުގައި އަޅުގަނޑު ބުނީމެވެ.

އަޅުގަނޑަކީ ޚާލިދާމެންނާ އެހައިގުޅުންބޮޑު މީހެއްނޫނީމެވެ. ހަމައެއާއެކު ، އަމާނީމެން ކަހަލަ ، ކޫސަނި ކުދިންނާ އެކީއުޅެން އެނގޭނީ ވަކިކަހަލަ ބަޔަކަށްކަން އަޅުގަނޑަށް އެނގެއެވެ.

"އަންނާށެވެ! ބަގީޗާއަށް ދަމާ ހިނގާށެވެ!" އަމާނީ އެބުނި އެއްޗަކަށް އަޅައިލުމެއްނެތި ، ޚާލިދާ ބުންޏެވެ.

މަހާ ކުއްލިޔަކަށް ފާޚާނާއަށް ދާން ވެއްޖެއެވެ. ތިމަންނަ ފަހުން ބައްދަލުކުރާނަމޭވެސް ބުންޏެވެ. އަދި ފާޚާނާތައް ހުރިދިމާލަށް ، ލައިލާއާއެކު ހިނގައްޖެއެވެ. އަމާނީ އައިސްހުރި ރުޅިއާއި ވެފައިހުރިފޫހި އޭނާގެ ލޮލުންނާއި ތުންފަތްމަތިން ފައުޅުވެއެވެ. ޚާލިދާއަށްވެސް އެކަން ފާހަގަކުރެވޭނެކަމަށް ފެނެއެވެ. އެކަމާ ޚާލިދާ އެއްޗެއް ބުނެފާނެތީ އަޅުގަނޑު ހުރީ ވަރަށް ބިރުންނެވެ. އަމާނީ ހިނގަމުންދިޔައީ އަޅުގަނޑާ ޖެހިގެންނެވެ. އޭނާ ގާތަށް ޖެހިލައި ، މަޑުމަޑުން އަތުގައި ޖަހައިލީމެވެ. ރުޅިމަޑުކުރުމަށާ އަދި އަނގަ ހިމޭނުންލައިގެން ހުންނާށޭ ބުނުމަށް އިޝާރާތް ކޮށްފައެވެ.

އަޅުގަނޑުމެން އެގަނޑުވަރަށް އައިތާ އެތައް އިރެއްވެއްޖެއެވެ. އެ ބަގީޗާ ބަލައިލާނެ ވަގުތު މިތިބީ ބޭކާރުކޮށްލައިގެންނެވެ. ގަސްތައް ހުރީ ވަރަށް ތަރުތީބުކޮށް އެތުރިފައެވެ. އަދި ބައެއްގަސްގަހުން ދުވާ ސެންޓްގެ ވަހުން މުޅިތަން އޮންނަނީ އެއްވަސް ކޮށްލާފައެވެ. ބައެއްދިމަދިމާލުގައި މަސްފެންގަނޑު ހެދިފައި ވެއެވެ. އަދި ފެންގަނޑުގެ މެދުން ހިނގޭނެގޮތް ހަދއިފާ ހުއްޓެވެ. ބައެއް ގަސްގަހުގައި ، ކޮށިކޮށީގައި ދޫނިތައް ތިބެގެން އެސޮރުމެން އެކިޔާ ލަވައެއް ކިޔަމުން ގެންދެއެވެ. މަސްފެންގަނޑުތަކާ ދިމާއަށް އަމާނީގެ ކަޅި ހުއްޓުނެވެ. އެތަނަށްދާ މީހެއްގެ ލޮލުގައި އަޅައިގަންނާނެ ކަންކަމާއި ސިކުނޑީގައި ހަރުލައިދާނެ އެތައްކަމެއް އެތަނުން ފެންނަން އެބަހުއްޓެވެ.

"ހާދަހާ ދޫންޏެކެވެ. ޚާލިދާއެވެ!" ޚާލިދާގެ ސަމާލުކަން ދަމައިގަތުމަށްޓަކައި އަޅުގަނޑު ބުނީމެވެ. އޭރު ، އަމާނީ ، އެއްކޮށިން އަނެއްކޮށްޓަށް ބަލަމުން ދޫނިތަކާ މައްލަވަކުރަމުން ގެންދެއެވެ. ޚާލިދާ ޔަޤީނުންވެސް އެހުރީ އަމާނީ އެބުނި އެއްޗަކާ ހިތްހަމަ ނުޖެހިފައެވެ. އަނެއްކޮޅުން ، އަމާނީގާތަށް އައިސްހުރި ރުޅި ވަރަށް ސާފުކޮށް އޭނާގެ މޫނުމަތިން ފެންނަން ހުއްޓެވެ.  މަންމަ މެންނާއެކު އަންނާށޭ ބުނެ ، އަމާނީ ހަމަޖައްސައިލެވޭތޯ އަޅުގަނޑު ބެލީމެވެ.

"އެދޫނިތައް އެތިބީ ޖާގަނެތް ކުދި ކޮށިތަކެއްގައެވެ. ކާއެއްޗެތިވެސް އަދި ފެންވެސް ފުދޭވަރަކަށް ނެތެވެ. ޚާލިދާ އާ ކައިރިޔަށް ޖެހިލައި ، އަމާނީ އަޑުގަދަކޮށްލިއެވެ. އަމާނީގެ އެ އަދަބުކުޑަ ޢަމަލުން ޚާލިދާގެ ކެތްތެރިކަން ކޮޅުންލައިފިކަން އަޅުގަނޑަށް އިޙްސާސް ކުރެވުނެވެ. އަދި އަމާނީއަށް އަމުރުކުރީމެވެ."

"އަމާނީ! ޚާލިދާގެ ކިބައިން މަޢާފަށް އެދޭ!" ހަރުކަށި ރާގަކަށް އަޅުގަނޑު ބުނީމެވެ.

"ބައެއް ދޫނި މަރުވެފައިވެސް އެބަހުއްޓެވެ."  އަމާނީގެ ލޮލުން ކަރުނަ އައެވެ. މަޝްރަޙު ތަންކޮޅެއް ފިނިކޮށްލުމަށްޓަކައި ، އަޅުގަނޑު ، ޚާލިދާއާ ދިމާއަށް އެނބުރިލީމެވެ.

"އަޅައިނުލާށެވެ! ދިރޭ ކޮންމެ އެއްޗަކީ ނެތިގެންދާނެ އެއްޗެކެވެ." އަމާނީއާ ދިމާއަށް ބުނީމެވެ.

"އެކޮށިތައް މާ ކުޑައެވެ. އަދި ކާއެއްޗެއްވެސް ނެތެވެ." އަޅުގަނޑާދިމާއަށް ބަލަހައްޓައިގެންހުރެ ، އަނެއްކާވެސް އަމާނީ ބުންޏެވެ.

އަމާނީއަށް ގޮވައިލާފައި ، ހަމަ މިހާރު ، ޚާލިދާގެ ކިބައިން މަޢާފަށް އެދޭށޭ ބުނެ އަމުރު ކުރީމެވެ.

"ސުވަރުގޭގައިވެސް ދޫނި އުޅޭނެއެވެ." އަމާނީ ހަމަޖައްސައިލުމަށްޓަކައި ޚާލިދާ ބުންޏެވެ.

"އެކަމަކު ސުވަރުގޭގައި ދޫނި އުޅެނީ މިނިވަންކަމާއެކުގައެވެ." އަމާނީ ހަޅޭއްލަވައިގަތެވެ. ރުޅިއައިސްހުރިވަރުން ، އޭނާގެ ނިތްކުރިންނާއި ކަރުން ނާރު ފާޅުވެގެންދިޔައެވެ. ޚާލިދާއަށް ލިބުނު ކުއްލި ސިހުމަކާއެކު ، އޭނާގެ ކަރުދޮށުގައި އަތްކާއްތައި ލެވުނެވެ.

އަމާނީއަށް ބުނެވޭ އެއްޗެއް ނުބުނެވޭއެއްޗެއްވެސް ނޭނގޭވަރު ވެއްޖެއެވެ. އަނެއްކާވެސް އަމާނީގެ އަޑެވެ.

"ސުވަރުގޭގެ ދޫނިތައް މިނިވަންކަމާއެކު އުދުހި އުޅޭނެއެވެ. އެކަމަކު ކަލޭމެން ތިއުޅެނީ ، އެދޫނިތައް ކޮށްޓަކަށްލައި ބަންދުކޮށްގެންނެވެ. ތިޔަ ނުބައި ދެލޮލަށް ސުވަރުގެއިން އެތަނެއް ނުފެންނާނެއެވެ." އަމާނީގެ ރުޅިގަނޑު ހައްތާވެސް ވީ ގަދައެވެ.

އެކަންތައްގަނޑުގެ ތެރޭގައި ހާސްވެގެން އުޅެނިކޮށް ، މަހާ އެތަނަށް އައިއްސިއެވެ. އޭނާވެސް ހުރީ ހާސްވެފައެވެ.

"މަންމައަށް އެނގޭ ހެއްޔެވެ؟ ފަޟްލުބޭބެ ޅައަންހެންކުދިންތަކެއް ބަންދުކޮށްގެން އެބަ ގެންގުޅެއެވެ. އެކުދިންތައް ބަންދުކޮށްފައި ތިބީ މިތަނުން އެއް ގަނޑުވަރުގައެވެ." މަހާ ކުއްލިއަކަށް އަޑުގެ ނެތްތަނަށް ގޮވައިލިއެވެ. އަޅުގަނޑަށް ބުނާނެ އެއްޗެއްވެސް ނޭނގި ޙާއިރާންވެ ދެލޯބޮޑުވެފައި ހުރެވުނެވެ. ޚާލިދާއަށް ކަމެއްވީކަން އެނގުނީވެސް މަހާ ބުނީމައެވެ. ޚާލިދާގެ ހެޔަށް ގޮތްވެ ، ހޭނެތިގެން ވެއްޓުނީއެވެ. ޚާލިދާ އަޑުއަހަން ބޭނުންނުވާ ވާހަކަތަކެއް ބުނުމުން ، ޚާލިދާ ކަންތައްބޮޑުވެގެންގޮސް ހެޔަށް ގޮތްވީއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.