އަމީރާ ސުލްޠާނާގެ ނާރެސް - 34

(8 މެއި 2022 ގެ ބަޔާ ގުޅޭ)

އަޅުގަނޑުގެ ބޮލުގައި ރިއްސައިގަތެވެ. އެ 24 ކުދިން އެއްފަހަރާ ނުގެންދެވޭނެކަން އަޅުގަނޑަށް އެނގެއެވެ. މިކަމަކީ ކިތަންމެ ސިއްރެއްކޮށް ކުރަންޖެހޭ ކަމެއްކަމަށްވިޔަސް، އަޅުގަނޑުގެ ގެޔަށް ފޯންކުރަން އެބަޖެހެއެވެ. އަދި އިތުރު ޑްރައިވަރުންނާއެކު، އިތުރު ކާރުގައި ފަޟްލުގެ ގަނޑުވަރުން އެމީހުން އަޅުގަނޑާ ބައްދަލުކުރަން އެދުންނޫން ގޮތެއް ނެތެވެ. މިނުރައްކަލާ ކުރިމަތިލާން އަޅުގަނޑަށް އެބަޖެހެއެވެ. އަޅުގަނޑު މަހާއަށް ޢިޝާރާތް ކުރީމެވެ.

"ދަރިފުޅާ މަހާ! މިކުދިން ގެންގޮސް ބެޑްޝީޓްތަކުން އެކުދިން ނިވައިކުރާށެވެ!" އަޅުގަނޑުގެ އަތުގައި އެލިގަނެގެން ތިބި ކުދިން ގޮވައިގެން މަހާ ދުރަށް ޖެހިލިއެވެ. އަޅުގަނޑުވެސް ފޯނުނަގާ، ގެޔަށް ފޯނުކުރުމަށް މަސައްކަތް ކުރީމެވެ. އެހެންނަމަވެސް، އެފޯނު ކުރެވޭގޮތެއް ނުވިއެވެ.

ފަޟުލާއި ޚާލިދާ އަދި ބިޔަ ބޮޑު ތިންމީހަކު އެކޮޓަރިތެރެޔަށް ވަދެގަތެވެ. އެއާއެކު މުޅި ކޮޓަރިތެރޭގައި އަޑުފަށްގަނޑު ގަދަވެގެން ދިޔައެވެ. ފަޟްލުގެ ބޮޑުވެފައިހުރި ދެލޯފެނިފައި އަޅުގަނޑު ހޭނުނެތުނީ ހަމަ ކިރިޔާއެވެ. ފަޟްލު އެއައިގޮތަށް އައިސް އަޅުގަނޑުގެ އަތުގައި އޮތް ފޯނު ދަމައިގަތެވެ.

"ސުލްޠާނާ! މިތަނަށް ސުލްޠާނާއަށް ވަދެވިގެން ނުވާނެއެވެ. ހަމަ މިހާރު މިތަނުން ނުކުންނާށެވެ!" ބާރު އަދި ބަރު އަޑަކުން އަޅުގަނޑާދިމާއަށް ފަޟްލު ހަޅޭއްލަވައިގަތެވެ. ފަޟްލަށް ބަލައިލުމަށްފަހު، ޚާލިދާއަށް އަޅުގަނޑު ބަލައިލީމެވެ. އެންމެފަހުން އަޅުގަނޑަށް ޚާލިދާ ފެނުނުފަހަރު، އޭނާ ހޭނެތިގެން ވެއްޓުނެވެ. އެކަމަކު މިހާރު އެހުރީ ވަރަށް ހަމަޖެހިލައިގެންނެވެ.

"ޚާލިދާ! ޔަޤީން ހެއްޔެވެ؟ މިއީ ޚާލިދާ ހުއްދަ ކުރާކަމެއް ނޫންހެއްޔެވެ؟"

"ސުލްޠާނާ! އެހެންމީހުންގެ ގޭގޭގައި ވާހާކަމަކާ ސުލްޠާނާއަކާ ނުބެހޭނެއެވެ." ސުލްޠާނާ ހަމަޖެހިލާފައި ބުންޏެވެ. އެތާ ތިބި ކުދިންނަށް ވެގެންއުޅޭގޮތް އެނގުމުން، މުޅިތަނުގައި އިތުރަށް އަޑުގަދަވެގެން ދިޔައެވެ. ފަޟްލުގެ އަތުގެ ޢިޝާރާތުން، އެތާތިބި ބިޔަ 3 މީހުންނަށް އަމުރެއްކުރިއެވެ. އެވަގުތު އެ ތިންމީހުން، އެކުދިންތައް ލަވަމުންގެންގޮސް ބަންދުކޮށް ތަޅުލުމުގެ މަސައްކަތް ފެށިއެވެ.

"މަހާ! ދަރިފުޅު އަވަހަށް މަންމަ ގާތަށް އަންނާށެވެ." އެކުދިންނާއެކު މަހާވެސް ގެންގޮސް ހައްޔަރުކޮށްފާނެތީ، މަހާ ސަލާމަތް ކުރުމަށް މަސައްކަތް ކުރީމެވެ. އެފަކީރު ހައްޔަރު ވެއްޖެނަމަ، އަޅުގަނޑުގެ ދުވަސް ދިޔައީއެވެ. މަހާގެ އަތް އަޅުގަނޑުގެ އަތުގައި ޖެހުމާއެކު، އޭނާ އަޅުގަނޑާ ގާތަށް ދަމައިގަނެ ގަޔާ ބޮނޑިކޮށްލީމެވެ. އަދި ޚާލިދާ އަށް އާދޭސް ކުރީމެވެ. ފަހަރެއްގައި އަންހެނަކަށް ވީތީ، އެނިކަމެތި ކުދިންގެ ޙާލަށް ހަމްދަރުދީވެދާނެކަމަށް ބަލާފައެވެ.

"ޚާލިދާއެވެ! މިތިބަ ޅަ ޒުވާން އަދި ނިކަމެތިކުދިން އަޅުންގެ ގޮތުގައި ތަކުރާރުކޮށް ރޭޕް ކުރެވެމުން އެބަދެއެވެ. ގަދަކަމުން އެކުދިންނާ ޖިންސީގުޅުން ހިންގެމުން އެބަދެއެވެ. އަދި އެކަން ކުރަނީ ޚާލިދާގެ ފިރިމީހާއާއި ކުދިންނާ އިތުރު މީހުންނެވެ. މަންމައެއްގެ ޙައިޞިއްޔަތުންނާއި އަނތްބެއްގެ ޙާއިޞިއްޔަތުން މިއީ ޚާލިދާ އަށް ޤަބޫލުކުރެވޭ ކަމެއް ހެއްޔެވެ؟"

      ބޭރުން ބަލައިލާއިރު، ޚަލިދާއަކީ ރީތި އަންހެނެކެވެ. އެހެންނަމަވެސް، މިއަދު ޚާލިދާގެ ފުށުން ފެންނަމުން އެދަނީ، އަޑިނުބައިވެފައި، ފިރިމީހާއާއި ޒުވާން ފިރިހެންދަރިން ފާފައަށް އަރައިގަތުމަށް ދޫކޮށްލައިގެންހުރި ނުބައި ނުލަފާ މީހެއްގެ ގޮތުގައެވެ. ޚާލިދާ އަޅުގަނޑުގެ ބަހަށް އަޅާލާނެ ކަމުގެ އެއްވެސް ނިޝާނެއް ނެތެވެ.

"ސުލްޠާނާއެވެ! މިއީ ފިރިހެނުންނާ ބެހޭ ކަމެކެވެ. މިކަހަލަ ކަންކަމާ އަހަރެމެން އަންހެނުން، އެންމެ ރަނގަޅުވާނީ ދުރުގާ ތިބިއްޔާއެވެ." ޚާލިދާ ގޮތްދޫނުކުރާ ރާގެއްގައި ބުންޏެވެ.

"ޚާލިދާއަށް، ޙަޤީޤަތުގައިވެސް އެގޮތް ޤަބޫލުކުރެވޭކަމަށްވަންޏާ، ތިއީ، ވައިގެ ތެރޭގައި އެނބުރެމުންދާ ފަތަކަށްވުރެވެސް އަގެއްނެތް މީހެކެވެ. އަމިއްލަ ވިސްނުމާއި ދިރިއުޅުމުގެ އެއްވެސް ޙައްޤެއް ޚާލިދާއަށް ލިބިގެންނެއް ނުވެއެވެ." ހިތްހަމަ ނުޖެހިހުރެ އަޅުގަނޑު ބުނީމެވެ.

ޚާލިދާގެ މޫނުމަތި ރަތްވެގެންދިޔައެވެ. އެހެންނަމަވެސް، އަޅުގަނޑުގެ އެގޮންޖެހުމާ އަދި ދެރަކޮށްލަން ބުނިބަހަށް ރައްދުދޭކަށް ނުކެރުނެވެ. ތަންކޮޅެއް ކުރީދުވަހެއްގައި އަޅުގަނޑަށް އެނގުނުގޮތުގައި، ޚާލިދާ އަނގަމަޑުން ލައިގެން ފަޟުލުގެ ޢަމަލުތަކަށް ކެތްކޮށްލައިގެން އެހުންނަނީ، ފަޟްލުގެ މުއްސަނދިކަމުން ލިބެންއޮތް ފައިދާއަކަށްޓަކައެވެ.

ޢަރަބި ހަރުބަހެއްގައި ބުނާ ވާހަކައެއް ބުނެ ޚާލިދާއާ ދިމާއަށް ހަޅޭއްލަވައިގަތުމަށް އަޅުގަނޑުގެ ހިތަށް އެރިއެވެ. އެއީ "ފައިސާގެ ދަހިވެތިކަމުގައި ގޮރެއްލާއަކާ އަންހެނަކު އިނދެ، އެގޮރިއްލާގެ ފައިސާ ހުސްވުމުން ގޮރެއްލާ ވާނީ ހަމަ ގޮރެއްލާ އަށެވެ."  ދިރިއުޅުމަކީ، ފާޑެއްގެ ކަމެކެވެ. ފަޟްލުގެ ފައިސާއަށްވުރެ، އޭނާގެ ނުބައި ނުލަފާކަން ޚާލިދާއަށް ޤަބޫލުކުރެވޭ ދުވަސްވެސް އައުން ދުރެއްނޫނެވެ.

ފަޟްލަކީ، އަބަދުވެސް އޭނާކުރާ ކުށާއި ފާފަ ދިފާޢުކޮށް ޤާނޫނުގެ ކޮންމެވެސް ލޯވަޅަކުން ގޮތެއް ހޯދައިގެން އެކަމަކުން ސަލާމަތްވާ މީހެކެވެ. އެހިސާބުން ފަޟްލުގެ އަޑު އިވުނެވެ.

"ސުލްޠާނާ! މިތާ ތިބި ހުރިހާކުދިންނަކީވެސް، އެކުދިންގެ މައިންބަފައިން، އަހަރެންނަށް ވިއްކާފައިތިބި ކުދިންނެވެ. އެމީހުން ބޭނުންވާ ކަންކަން ވަނީ ފުރިހަމަކުރެވިފައެވެ. މިތާ މިކުދިން އެތިބީ، އަހަރެންވެސް ދޭންޖެހޭ އެއްޗެއް ދީފައެވެ. އެއީ ޤާނޫނާ ޤަވާޢިދާ އެއްގޮތަށް ހިންގިފައިވާ މުޢާމަލާތެކެވެ. އަހަރެން އެއްވެސް ކުށެއް އަދި ފާފައެއް ނުކުރަމެވެ."

"ފަޟްލެވެ. ޤާނޫނީގޮތުން ހުއްދަ ވެދާނެއެވެ. އެކަމަކު އިންސާނިއްޔަތުގެ ގޮތުން އިންތިހާއަށް ގޯސް އަނިޔާވެރި ޢަމަލެކެވެ." އަޅުގަނޑުބުނި ބަހަށް ފަޟްލު ބޯހޫރާލިއެވެ.

ހުރިހާގޮތަކަށް ބެލިނަމަވެސް، މިކުދިން މިނިވަންކޮށް، ސަލާމަތްކުރުމަކީ ދެން، އަޅުގަނޑަށް ކުރެވޭނެކަމެއްނޫނެވެ. ކަނޑައެޅިގެން ފަޟްލާ މުޚާތަބުކޮށް އަޅުގަނޑު ބުނީމެވެ.

"ފަޟްލުއެވެ! ކުދިންތަކެއް ބަންދުކޮށް ހައްޔަރުކޮށްގެން ނޫނީ ފަޟްލަށް ޝަހުވަތުގެ ޢަމަލުތައް ނުހިންގެނީ ހެއްޔެވެ؟" އަޅުގަނޑަށް މިހެން ބުނެވުނުތަނާ މަހާ ރުޅިއައިސް ރަތްވެފާހުރެ، ފަޟްލާ މުޚާތަބު ކުރިއެވެ.

"ތިޔައީ ނުބައި ނުލަފާ އިންސާނެކެވެ." މަހާގެ މިބަސްތަކުން ފަޟްލު އިތުރަށް ރުޅިއަންނަ ގޮތްވިއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.