އަމީރާ ސުލްޠާނާގެ ނާރެސް - 37

(18 މެއި 2022 ގެ ބަޔާ ގުޅޭ)

ކަރީމުގެ މޫނުމައްޗަށް އެންމެފަހުން ހިނިތުންވުން ވެރިވިއެވެ. އަދި ހަމަޖެހިލާފައި ސޯފާގައި ބުރަކަށިޖައްސައި ހަމަޖެހިލިއެވެ. އެއަށްފަހު، އަޅުގަނޑުމެންނަށް ސައިގެނެސްދޭން ޚާދިމަކަށް އެންގިއެވެ. އެކުޑަ ކުޑަ އިންސާނާގެ މައްޗަށް ހަމްދަރުދީވެ އިންސާނިއްޔަތު ކަމުގެ މާތްސިފަ އިސްކުރިލެއް އަވަސްކަމުން، ކަރީމަށްޓަކައި އަޅުގަނޑު ފަޚުރުވެރިވަމެވެ. އެ ޚުންސާގެ މަސައްކަތުން އަޅުގަނޑު ހަމަޔަކަށް އަޅުވައިލީ ދާދިކުޑަ އިރުކޮޅެއްގެ ކުރިންނެވެ. އޭނާގެ އެހުނަރަށް އަޅުގަނޑު ތަޢުރީފު ކުރަމެވެ. އާ ވިސްނުމަކާއެކު، އަޅުގަނޑު ޢުމަރާދިމާއަށް ބަލައިލީމެވެ. މިއީ، އަޅުގަޑުމެންގެ މިނާޒުކު ޢާއިލާއަށް، ނޭނގިހުއްޓާ، ﷲ ހަދިޔާކުރެއްވި ރަޙުމަތެއްބާވައެވެ.

"ޢުމަރާއެވެ! މިހާތަނަށް ޢުމަރު އުޅެމުންއައިގޮތް ކިޔައިދޭށެވެ! އަހަރެންނަށް އެނގޭގޮތުގައި، ސުޢޫދީ ޢަރަބިއްޔާގައި އެންމެފަހުން ހުރި ޚުންސާ، މީގެ އަހަރުތަކެއްކުރިންވަނީ ނިޔާވެފައެވެ."  ޢުމަރާދިމާއަށް ހިތްހެޔޮކަމާއެކު، ޢުމަރު ބަލައިލިއެވެ.

"އަޅުގަނޑު ގާތު އެއްސެވި ކޮންމެ ކަމަކަށް ޖަވާބުދިނުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެކެވެ." ޢުމަރު ލަދުވެތިކަމާއެކު ޖަވާބުދިނެވެ. އަޅުގަނޑުވެސް ހީލީމެވެ. ކުރީގެ ބަހުރުވައިން ރީތި ޢިބާރާތުން ވާހަކަ ދެއްކުމަކީ ޢުމަރު ލޯބިކުރާކަމެއްކަން އަޅުގަނޑަށް އެނގުނެވެ.

ވަރަށް އަދަބުވެރިކަމާއެކު، ޢުމަރު ސޯފާގެ މައްޗަށް ޖެހި، ލެނގި ހަމަޖެހިލުމާއެކު އެއްކަކޫ މައްޗަށް އަނެއްކަކޫލައި، މައްޗަށާއި ތިރިޔަށް ބަލައިލިއެވެ. އޭނާ ދައްކަންހުރި ވާހަކަތައް އެއްކޮށް ތަރުތީބުކުރަނީކަމަށް ވެދާނެއެވެ. ކަރީމާ ދިމާއަށް އިސްއުފުލައި ޢުމަރު ބަލައިލިއެވެ.

"ބިލާދުއްސޫދާން، ނުވަތަ ޢާންމުކޮށް މަޝްހޫރުވެ އެންމެންނަށް އެނގޭ  ކަޅުމީހުންގެ ބިން، އަޅުގަނޑަށް އެނގެނީ ވަރަށް ކުޑަކޮށްނެވެ. އެކަމަކު، އަޅުގަނޑުގެ ޤަބީލާ އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެއީ ހަމްރު އެވެ ލިއުނު ޤަބީލާއެކެވެ. ބަކަރި ހުއިހައްޕާ އުޅުނު ބަޔެކެވެ. ވިއްސާރައަށް އަޅުގަނޑުމެން ތަބާވަމެވެ. އަދި ދިގު ހުއިތައް އެއީ އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމާ ގުޅިފައިވާ އެއްޗެކެވެ. އެއީ ބަކަރި ހުއި ހައްޕާތީއެވެ." ޢުމަރު ކަރުކެހިލައި އޭނާގެ އަޑު ތޫލިކޮށްލިއެވެ.

"އެއީ ވަރަށް ބިރުވެރި ދުވަސްތަކެކެވެ. އެފްރިކާގެ ވަރަށްގިނަވެރިން، އަޅުންގެންގުޅޭ މުސްލިމުންނާ ގުޅިގެން އަޅުންގެ ވިޔަފާރީގައި ނަގާކިޔާ އުޅުނު ދުވަސްވަރެވެ. އެމީހުން، އެމީހުންގެ އަމިއްލަ ރައްޔިތުން ހިފައި، ވަގަށްނަގައި ވިއްކަމުން ގެންދިޔަ ދުވަސްވަރެވެ. އޭނާގެ ދަރިފުޅު ވަގަށްނަގައިގެން ގެންގޮސް ވިއްކާލާނީ ކޮންއިރަކުންކަމާމެދު ކަންބޮޑުވެ ބިރުންތިބުމަކީ، ހަމްރު ޤަބީލާގެ ކޮންމެ މަންމައެއްގެ އެންމެ ބޮޑު ވޭނެވެ." ޢުމަރު އިސްދަށަށް ޖަހައިލިއެވެ.

"އަޅުގަނޑުގެ މަންމަގެ ބްރައުންކުލައިގެ ތޫނު ލޮލުގެ ތަޞައްވުރު މިހާރުވެސް ފެންނަ ފަދައެވެ. އަދި ޤަބީލާގެ މީހުންނާ ދުރަށް ނުދިއުމަށް . ކެނޑިނޭޅި މަންމަ، އަޅުގަނޑަށްދޭ އިންޒާރުގެމަތިންވެސް ހަނދާން އެބަހުއްޓެވެ." ޢުމަރުގެ ލޮލުން ހިތްދަތިކަމުގެ އިޙްސާސްތައް ފާޅުވިއެވެ. އެއީ އެ ހަނދާންތަކުން ހިތަށް ވީތަދުންކަން ގައިމެވެ.

"އަޅުގަނޑު އޭރު ވަރަށް ޅައެވެ. އަދި މަންމަގެ ނަޞޭޙަތަށް ވިސްނޭވަރަށް ސިކުނޑި މަސައްކަތެއް ނުކުރެއެވެ. ހިލަ އެއްކޮށް، ހިލައުކައިގެން ދޫނި މެރުމާއި ޖަނަވާރު ބަލިކޮށް ޝިކާރަކުރުމަކީ، ހަމްރު ޤަބީލާގެ ކޮންމެ ޒުވާނެއްގެވެސް ޒުވާންލެޔާ ގުޅިފައި އޮންނަ ކަމެކެވެ. އަޅުގަނޑަކީވެސް އޭގެތެރެއިން އެއްކުއްޖެކެވެ. އެއްދުވަހަކު، ހިލަ އެއްކުރަމުން ވިސްނައިނުލާ، އެކުގައިއުޅުނު ކުދިންތަކާ ދުރަށް އަޅުގަނޑަށް ދެވުނީއެވެ.

ހިލައުކައިގެން މަރާލަން ޢުމަރު އުޅުނު ދޫނި

"ވަލުތެރެއިން އަޅުގަނޑަށް ދޫންޏެއް ފެނުނެވެ. އެއީ ޢާންމުކޮށް އަޅުގަނޑުމެން މަރައި، ހިފައިގެން ކައިއުޅޭ ދޫންޏެކެވެ. އެދޫންޏާ ދިމާއަށް ހިލަކޮޅު އެއްލަން ތައްޔާރުވި ވަގުތު، ކުއްލިޔަކަށް އަޅުގަނޑު ދަމައިގަނެވުނެވެ. އަދި ނަގައިގަނެގެން އެތަނުން ގެންދެވުނެވެ. ދޮގެއްނުލާ ތެދަށްބުނާކަމަށް ވަންޏާ އޭރު، އަޅުގަނޑުގެ ޢުމުރުންވާނީ އެންމެ އަށެއްކަ އަހަރެވެ. ރަނގަޅަށް ކާންނުލިބޭތީ ހުންނާނީވެސް ވަރަށް އަނަރޫފަކޮންނެވެ. އޭގެފަހުން އަޅުގަނޑަށް، އަޅުގަނޑުގެ މަންމަ ފެނިފައެއް ނުވެއެވެ. މިއޮއްހުރިހާ ދުވަސްވީއިރުވެސް މަންމަ ލޮލަކަށް ނުފެނެއެވެ. އެކަމަކު އެއީ، ވަރަށް، ވަރަށް ކުރިއެވެ." ޢުމަރު، އޭނާގެ ލޮލުން ފައިބަންފެށި ކަރުނަތައް އޭނާގެ ކުޑަކުޑަ ދެއަތުން ފުހެލިއެވެ.

މުޅިތަނަށް ހަމަހިމޭންކަން ވެރިވިއެވެ. މަންމައެއްގެ ޅަދަރިޔަކު ވަގަށްނަގައިގެން ގެންދިއުމާމެދު ވިސްނާލާފައި، ޢުމަރުގެ މަންމަޔަށް އެދުވަހު ކުރާނެ އަސަރު އަޅުގަނޑުގެ ސިކުނޑީގައި ހިނގައިގަތެވެ. އެއީ އަޑުއަހަން އުނދަގޫވި ވާހަކައެކެވެ. އެއީ އޭނާ ދުނިޔެއަށް އުފަންވުމަށްފަހު، އޭނާގެ ދިރިއުޅުން ބިނާވާން އޮތް ގޮތެއްނޫނެވެ. ކަރީމާ ދިމާއަށްވެސް އަދި އަޅުގަނޑާ ދިމާއަށްވެސް ނުބަލާ އިނދެ، ޢުމަރުގެ ވާހަކަ ލަޑުމަޑުން ކުރިޔަށް ގެންދިޔައެވެ.

"އެ މުޞީބާތާ ކުރިމަތިލާންޖެހުނީ އަޅުގަނޑަށް އެކަންޏެއްނޫނެވެ. އަޅުގަނޑާއެކު، އެތައް ފިރިހެނަކާ އަންހެނަކު އެ އަވަށުން ވަގަށްނަގައިގެން ގެންދެވުނެވެ. އަޅުގަނޑުމެން އެންމެންތިބީ އެއްކޮށް ބަނދެފައެވެ. އަޅުގަނޑުމެން ގެންދެވުނީ، އެއްގަމު މަގުންލާފައި ރަތްކަނޑާ ކައިރި ސަރަޙައްދަށެވެ. އެތަނުން މިޞްރުގެ ޔަހޫދީންގެ އިސްމީހަކު އަޅުގަނޑުމެންނާ ބައްދަލުކުރިއެވެ. އަޅުގަނޑުމެން ޅަކޮށް، ކުޑަކޮށްތިބި ކުދިންގެ ވާހަކަ އެހާބޮޑަކަށް ނުދައްކައެވެ. އަޅުގަނޑުމެންގެ ތެރޭގައި ކުޑަކޮށް އަޑުގަދަވެގެން ދިޔައެވެ. އެއީ އިވުނު އަޑަކާ ގުޅިގެންނެވެ. އަޅުގަނޑުމެންނަށް އިވުނީ، ޅަކޮށް، ޒުވާންކޮށްތިބި ކުދިންކޮޅެއް އަގުހުރި ހަދިޔާއެއްގެ ގޮތުގައި ދެވޭނެކަމަށް އެމީހުން ބުނި އަޑެވެ. އެބުނި އަގުހުރި ހަދިޔާއަކީ ކޮބައިކަމެއް ނޭނގެއެވެ. ހުރިހާ ކުދިން ބަރިޔަކަށް އަތުރާފައި ތިއްބާ އަޅުގަނޑު އެސަފުން ކޮއްޕާލިއެވެ. އަޅުގަނޑު އެއްވެސް ވަރަކަށް ހަޅޭކެއް ނުލަވަމެވެ. އަޅުގަނޑު ގެންދެވުނީ ސަފުގައިތިބި އެހެންކުދިންނާ ވަކިކޮށް ތަންކޮޅެއް ދުރަށެވެ." އެހާ ހިސާބުން، އެވާހަކަތައް އަޑުއަހަން ކަރީމަށް އުނދަގޫވެގެން ކަރީމަށް ގޮވާލިއެވެ.

"ޢުމަރާއެވެ! އިހަށް މަޑުކޮށްލާށެވެ!" ކަރީމް، އަޅުގަނޑާ ދިމާއަށް ބަލައިލިއެވެ.

"ސުލްޠާނާއެވެ! ބަދިގެދޮށަށްގޮސް، އަހަރެމެންނަށް ކާއެއްޗެއް ހަދަން ބުނާށެވެ!"  އަޅުގަނޑަށް ކަރީމްގެ މަޤްޞަދު ވިސްނުނެވެ. އަޅެއްގެ ގޮތުގައި ޢުމަރު ވިއްކާލެވުނު ވާހަކަ ނުވަތަ އަޅެއްގެގޮތުގައި އޭނާ ހަދިޔާކުރެވުނު ވާހަކައިގެ ތަފްޞީލް ކިޔައިދޭއިރު، އެތާނގާއި އަޅުގަނޑު އިނުމަކީ ކަރީމް އެހާ ހިތްހަމަޖެހޭނެ ކަމެއްނޫނެވެ. އެކަހަލަ ވާހަކަ ދެކެވޭއިރު، އަންހެނުން އެތަނެއްގައި ތިބުމަކީ، ދީނީގޮތުން ހައްދުފަހަނަޅާފައިވާ ސުޢޫދީންގެ ތެރޭގައި ކުރެވޭ ކަމެއްނޫނެވެ. އަމްދުން، އެނިކަމެތި ޢުމަރަކީ ފިރިހެނަކަށްނުވާތީއެވެ. އަދި އަންހެނަކަށްވެސް ނުވާތީއެވެ. ޚުންސާއެއް ކަމަށްވަތީ، ޢުމަރުގެ ނަފްސަކީ ފިރިހެނަކަށްވުރެ ދަށް، އެހެނަސް އަންހެނަކަށްވުރެ އިސް ޝަޚުޞެކެވެ. ކަރީމްގެ އެދުމަށް އަޅުގަނޑު ދެކޮޅެއް ނުހަދަމެވެ. އެހެންނޫނަސް، ޢުމަރުގެ އެވާހަކަތައް ކޮންމެވެސް ވަރަކަށް އޮތީ ކުރިން ކިޔައިދީފައެވެ. އަޅުގަނޑަށް  ޤަބޫލުކުރެވޭގޮތުގައި، އަޅުގަނޑުމެން އެކަނިވީމަ، އެވާހަކަތައް، ކަރީމް އަޅުގަނޑަށް ކިޔައިދޭނެއެވެ. އެކަމަކު، އެވާހަކަތަކުގެ ތަފްޞީލު އަޑުއަހާލަން އަޅުގަނޑުހުރީ ކެތްމަދުވެފައެވެ. އެހެންކަމުން، ދޮރުގެ އަނެއްފަރާތުގައި ބޭރުގައި ހުރެގެން ޢުމަރުގެ ވާހަކަތައް އަޑުއަހަން އަޅުގަނޑު ނިންމީމެވެ.

"އާނއެކެވެ! މިދަނީއެވެ!" ކޮޅަށްތެދުވެ، އެތަނުން ނުކުންނަން ހިނގައިގަންނަމުން އަޅުގަނޑު ބުނީމެވެ. އަދި އަވަސް އަވަހަށް ބަދިގެޔަށްގޮސް، މެވާއާއި ޗީޒާ އަދި ތަފާތު މޭވާ ހިމަނައިގެން، ނާސްތާއެއް ތައްޔާރުކޮށްލުމަށް ބުނީމެވެ. އަދި ހަމައެހާ އަވަހަށް އެނބުރިއައިސް، އަޑެއް ބަޑެއް ނީއްވާ، ސިޓިންރޫމަށް ވަންނަންހުރި ދޮރުކައިރީ ބޭރުގައި މަޑުކޮށްލީމެވެ. އޭރުވެސް ޢުމަރު ވާހަކަ ދައްކަމުން ގެންދިޔައެވެ. އޭނާގެ ވާހަކައިގެ މައިގަނޑުބައިތައް އަޑުނީވި އަދި ނުދާކަން އަޅުގަނޑަށް އެނގުނެވެ.

އެތާހުރި މީހާ އޭނާގެ ވާޖިބު އަދާކުރުމަށް ހުރީ ތައްޔާރާއެވެ. އޭނާގެ އަތުގައި އޮތް ރޭޒަރު ވަރަށްތޫނުކަން އެނގުނެވެ. ދެންވާނެގޮތަކާމެދު ވިސްނާލާނެ ފުރުޞަތެއް ނުލިބުނެވެ. ކުއްލިޔަކަށް، އަޅުގަނޑުގެ ފިރިހެންވަންތަކަމަށް ނިސްބަތްވާ ގުނަވަން އެކުގައި ވަކިވެގެންދިޔަކަން އިޙްސާސް ކުރެވުނެވެ. އެވަގުތު ކަރީމަށް ބާރަށް ބުނެވުނެވެ.

"އެ އަނިޔާވެރި ހިންގި މީހުންނަށް ﷲ ގެ ޙަޟުރަތުން ޢަޒާބު ހުއްޓެވެ! އެމީހުންނަށް ﷲ ލަޢުނަތް ލައްވާނެތެވެ."

"ﷲ ވޮޑިގެންވާކަން އެނގެއެވެ. އެކަމަކު އެދުވަހު، ﷲ ވޮޑިގެންވީ ކޮންތާކުކަމެއް ނުވިސްނުނެވެ." ޢުމަރަށް އެވާހަކަ ބުނެވުނީ ވަރަށް މަޑުންނެވެ. ޢުމަރާއެކު ވަގަށް ގެންދެވުނު އެހެންކުދިންނަށްވެސް ހަމަ އެ އަނިޔާވެރި ޙާލަތުވަނީ ކުރިމަތިވެފައެވެ. ކަރީމު ކަންބޮޑުވެފައި އިނދެ، މާނޭވާއެއްލީ އަޑު އަޅުގަނޑަށް އިވުނެވެ. ޢުމަރަށް އެމީހުން އެދުވަހު ހެދި ހުރިހާގޮތެއް ރީތިކޮށް ހަނދާން ހުއްޓެވެ.

"އަޅުގަނޑުގެ ކުރިމަތިފަރާތަށް ހޮޅިއެއް ލެއްވުނެވެ. އެއީ ކުޑަކަމުދާ ހޮޅި ބެދުނަ ނުދިނުމަށްޓަކައެވެ. ވަރަށްގިނަ ލޭ އޮހޮރިގެން ދިޔައެވެ. ލޭ މަނާވީ، އެތާހުރި ދެވަނަމީހާ އަޅުގަނޑުގެ ގާތަށް ޖެހިލާ، ކެކިކެކިހުރި ތެޔޮތަކެއް އަޅުގަނޑުގެ ގަޔަށް ޒަޚަމްވެފައިހުރި ތަނަށް އަޅާލުމުންނެވެ." ޢުމަރު ޗޮކެއް ކަނޑާފައި އަނގައިން، ނޭވާ އެތެރެޔަށް ދަމާލި އަޑު އިވުނެވެ.

"އަޅުގަނޑުގެ ހަށިގަނޑުން ބުރިކޮށްލެވުނުބައި ޖަގަޔަށްލާފައި އަޅުގަނޑާ ޙަވާލުކުރެވުނެވެ. އޭރު އަޅުގަނޑު އޮތީ އަޅާވޭނުން އެތަނަށް ބިންމައްޗަށް ވެއްޓި ތެޅިތެޅިއެވެ. އެޖަގާއި އޭގައިވާ ގުނަވަން އެތައް އަހަރެއްވަންދެން ފޮރުވައިގެން އަޅުގަނޑު ގެންގުޅުނީމެވެ. އެކަމަކު މީގެ ފަނަރަ އަހަރުކުރިން، ވަގަކުވަދެ، އޭނާގެ އަތުޖެހުނު އެއްޗެއްވިއްޔާ ގެންދިޔަ ހާދިސާއެއްގައި އެޖަގުވެސް ވަގަށް ގެންދިޔައެވެ." ޢުމަރު ވަރަށް އަސަރާއެކު ބުންޏެވެ.

"ތިހުރިހާ ވޭނަކާ އަނިޔާއެއް ލިބިގެންދިޔައިރު، ޢުމަރުގެ ފުރާނަ ސަލާމަތްވުމަކީ ވަރަށްބޮޑު ނަޞީބެކެވެ." ވަރަށް އުނދަގުލުން، ކަރީމް ބުނި އަޑު އިވުނެވެ.

"ﷲ ގެ ރަޙުމަތުން އަޅުގަނޑު ސަލާމަތްވީއެވެ. ޖުމްލަ ދިހަ ފިރިހެންކުދިންނަށް އެދުވަހު އެއަނިޔާ ލިބުނެވެ. އެތަނުން އެއްކުއްޖަކު، ވަގުތުން މަރުވިއެވެ. އަޅުގަނޑުމެން ހުރިހާ ކުދިން ދެން، ބިމުގައި ކޮނެފައިވާ ވަޅުތަކެއްގައި ވަޅުލެވުނެވެ. ވަޅުތައް ކޮނެފާހުރީ އަޅުގަނޑުމެންގެ ކަރާހަމަޔަށެވެ." ޢުމަރުގެ އަޑުގައިވަނީ ވޭނާއި ރިހުމެވެ.

"އަޅުގަނޑުމެންނަށް ދެވުނު އަނިޔާގެ ފަރުވާއަކީ، ހޫނުފަހުގައި ވަޅުލެވިގެންލިބޭ އެއްޗެއްކަން އެއަނިޔާވެރިންނަށް އެނގުނު ގޮތެއް ނޭނގެއެވެ. ތިންދުވަސްވަންދެން، އަޅުގަނޑުމެންނަށް ކާއެއްޗެއް ނުދޭތާނގައި ފެނފޮދެއްހާ ހިސާބުވެސް ނުދެއެވެ. ހައިވެ، ވާތާވެގެންގޮސް ދެންމެ ދެންމެ ފުރާނަދަނީއޭ ހީވާވަރަށް ބަނޑުހައިކަން އިޙްސާސް ކުރެވުނެވެ. އެގޮތަށް ވަޅުލެވިފައި ތިބޭތާ ތިންދުވަސްވީއިރު، ނުވަކުދިންގެ ތެރެއިން ފުރާނަހުރީ އެންމެ ތިންކުދިންގެއެވެ." ޢުމަރުގެ އަޑު ހުއްޓުނެވެ.

ޢުމަރުގެ ވާހަކަތައް އަޑުއަހަން ކުޅަދާނަ ނުވެގެން، އަޅުގަނޑުގެ ކަކުލުހުޅުން ވާގިދޫވިއެވެ. އެއީ، އަޅުގަނޑުގެ މުޅި ޢުމުރުގައިވެސް، އިންސާނެއްގެ ދުލުން، އޭނާއަށް ލިބުނުކަމަށް ކިޔައިދިން އެންމެ އަނިޔާވެރި ވާހަކަތަކެވެ. ޚުންސާއިން ބޮޑުއަގުގައި އެކިޤައުމުގައި ވިއްކޭވާހަކަ، މީގެކުރިން އަޅުގަނޑުވަނީ އަޑުއަހާފައެވެ. އެކަމަކު، އެހާ އަނިޔާވެރިކޮށް އިންސާނަކާމެދު ޢަމަލުކުރެވިގެން އެމީހާގެ އަމިއްލަދުލުން ކިޔައިދިން ވާހަކައެއް މީގެކުރިން އަޑޑުއިވިފައެއް ނުވެއެވެ. އަޅުގަނޑަށް އެތާ ހުންނަން ކުޅަދާނައެއް ނުވިއެވެ. އެކަމަކު، ކަރީމް އެބުނާ ނާސްތާ ހހިފައިގެންނޫނީ އެތެރެޔަށް ވަދެވޭކަށްވެސް ނެތެވެ. އަޅުގަނޑު އުއްމީދުކުރަނީ، ނަރަކައިގެ އެންމެ އަޑިން، ﷲ ގެ ކޯފާއާއި ޢަޒާބު އެއަނިޔާވެރިންނަށް މިންވަރުކުރައްވާނެ ކަމުގައެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.