ހދ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
ރާއްޖޭގެ މޫސުމާއިބެހޭ ޤައުމީ އިދާރާ އިން މިއަދު ހަވީރު ފަހަކުން ރޭގަނޑު އެގާރަ އާހަމައަށް ހުދު ސަމާލު ނެރެފައިވާއިރު، މިގަޑިތަކުގައި މިސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
އެ އިދާރާ އިން ބުނީ މާދަމާ ހެނދުނު 6:00އާ ހަމައަށް އެންމެ ދެކުނުގެ ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އެހެން ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށެވެ. އަދި އުތުރުގެ ރަށްތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް ބުންޏެވެ.
މީގެ އިތުރުން އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
ކަނޑުތައް މެދުރާއްޖެތެރެއާއި ދެކުނުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އުތުރުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާ އިން ބުނެފައިވެއެވެ. އެހެންނަމަވެސް ވިލާގަނޑުގައި ކަނޑުތައް ގަދަވާނެކަމަށާއި ރާޅުގެ އުސްމިނުގައި ގާތްގަނޑަކަށް 5 ފޫޓާއި 2 ފޫޓު ހުންނާނެކަމަށް ވެސް ބުނެފައިވެއެވެ.
މިވަގުތުތަކުގައި މިސަރަހައްދުގެ ކަނޑުތައް ގަދަވާނެތީ ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.