ކޮންމެ މުސްލިމަކީ އޭނާފަދަ އެހެން އިންސާނުންނަށްޓަކައި ހެޔޮ ނަމޫނާއަކަށް ވުމަކީ ކީރިތި ޤުރްއާނާއި، މާތްނަބިއްޔާ صَلَّى اللَّهُ عَلَيهِ وَسَلَّمَ ގެ ބަސްފުޅުތަކުން ކަށަވަރުވާ މުހިއްމު ކަމެކެވެ. އިޖުތިމާޢީ ސަލާމަތާއި، ފަރުދީގޮތުން މީސްތަކުންގެ ރައްކާތެރި ކަމަށްޓަކައި މިއީ ކޮންމެހެން ބޭނުން ކަމެކެވެ. ކީރިތި ޤުރްއާނުގައި އަމުރުކުރައްވަނީ މިފަދައިންނެވެ. {وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَى وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ} (الْمَائِدَة:2) މާނައީ: {އަދި ހެޔޮކަންތައް ކުޅައުމާއި، ތަޤުވާ ވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި ޢަދާވަތްތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ!}
މުޖުތަމަޢުގެ ސަލާމަތަށްޓަކައި ހެޔޮކަމާއި ތަޤްވާގެމަގުގައި އެހީތެރިވުމާއި، ފާފައާއި ޢަދާވާތްތެރިކަމުގައި އެހީތެރިނުވުން ބިނާވެގެންވަނީ މީސްތަކުންގެ ޢަމަލީ ކަމެއްގެ ގޮތުގައެވެ. އެއީ، ކޮންމެ މުސްލިމަކުމެ، ތިމާގެ އަމިއްލަ ދިރިއުޅުމުގައި އެ ސިފަތައް ހަރުލައްވައި، އެއްވެސް އިންސާނެއްގެ ކިބައިން، ވަކިން ޚާއްޞަކޮށް ތިމާމެންފަދަ މުސްލިމު އަޚެއްގެކިބައިން ފެންނަން ނޭދެވޭ ކަންކަމުގައި އެއުރެންނަށް ނަޞީޙަތާއި އިރްޝާދުދީ، އިޞްލާޙުކުރުމުގެ ޢަމަލީ މަސައްކަތެވެ.
މިކަން ވަރަށް ސާފުކޮށް ރަސޫލު اللَّهِ صَلَّى اللَّهُ عَلَيهِ وَسَلَّمَ ބަޔާންކުރައްވައި ޙަދީޘްކުރައްވާފައިވެއެވެ. {الْمُؤمِنُ مِرْآةُ الْمُؤْمِنِ، وَالْمُؤمِنُ أَخُو الْمُؤمِنِ، يَكُفُّ عَلَيهِ ضَيْعَتَه، وَيَحُوطُهُ مِن وَرَائِهِ.} (رَوَاهُ الْبُخَارِىُّ فِى الأَدَبِ الْمُفْرَدِ، وَأَبُودُاوُدُ) މާނައީ: {މުއުމިނަކީ، އަނެއް މުއުމިނާގެ މޫނުބަލާ ލޯގަނޑެ(އްފަދަ މީހެކެ)ވެ. މުއުމިނަކީ އަނެއް މުއުމިނާގެ އަޚާއެވެ. އޭނާ، އޭނާގެ އަޚާގެ ދިރިއުޅުމުގެ އެންމެހައި ކަމެއްގައި އޭނާއަށް ލަފަޔާއި އިރްޝާދުދީ ވާގިވެރިވާހުއްޓެވެ. އަދި އޭނާ ނެތްތަނެއްގައި އޭނާއަށް އެއްވެސް ކަހަލަ ގެއްލުމެއް ނިކަމެތިކަމެއް މެދުވެރިވިޔަނުދީ ރައްކާތެރިކަން ލިބިދޭހުއްޓެވެ.}
މިފަދަ އެހެން ބަސްފުޅެއްގައިވެއެވެ. {الْمُسْلِمُ مِرْآةُ الْمُسْلِمِ، فَإِذَا رَأَى بِهِ شَيئًا فَلْيَأْخُذْهُ.} (رَوَاهُ الْبُخَارِىُّ فِى الأَدَبِ الْمُفْرَدِ، ابْنُ وَهْبٍ) މާނައީ: {މުސްލިމަކީ، އަނެއް މުސްލިމާގެ މޫނުބަލާ ލޯގަނޑެ(އްފަދަ މީހެކެ)ވެ. ފަހެ، ތިމާއަށް އޭނާގެ ކިބައިން (ރަނގަޅުނޫން) ކަމެއް ފެނިއްޖެނަމަ، އެ ކަމެއްގައި ހިފާހުށިކަމެވެ. (އެބަހީ: އޭނާއަށް އެ ކަމެއް އަންގައިދީ އިޞްލާޙު ކުރުވާހުށިކަމެވެ.)}
ކީރިތި ޤުރްއާނުގެ ނައްޞުން ސާބިތުވާގޮތުގައި އިސްލާމީ އުއްމަތް އެހެން އުއްމަތްތަކުގެ މައްޗަށް މާތް އުއްމަތެއް ކަމުގައިވީ މި އުއްމަތުގެ އަހުލުވެރިންނަކީ، އަނެކުންނަށްޓަކައި ނަމޫނާ ބަޔަކުކަމުގައިވެ، އިންސާނިއްޔަތުގެ ސަލާމަތަށްޓަކައި މަސައްކަތްކުރާތީއެވެ. ޢާލުޢިމްރާނު ސޫރަތުގެ 110 ވަނަ އާޔަތުގައި މިކަން ކަށަވަރުކޮށްދެއްވައި اللَّهُ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވެއެވެ. {މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ އުއްމަތްކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރުކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން اللَّهُއަށް އީމާންވަމުއެވެ.}
މާތް اللَّهُ އަޅަމެންގެ ޢަމަލުތައް އިޞްލާޙުކުރައްވައި، އިހުތިބި ޞާލިޙުންފަދަ ޢަމަލުތައް ރަނގަޅު ބަޔަކުކަމުގައި އަޅަމެން ލައްވާށިއެވެ. އާމީން!