عَنْ أَبِي أَيُّوبَ الأَنْصَارِيِّ، - رضى الله عنه - أَنَّهُ حَدَّثَهُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ " مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ ". (صحيح مسلم، كتاب الصيام، باب اسْتِحْبَابِ صَوْمِ سِتَّةِ أَيَّامٍ مِنْ شَوَّالٍ اتِّبَاعًا لِرَمَضَانَ)
އަބޫއައްޔޫބު އަލްއަންޞާރީ رضى الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘުކުރެއްވިއެވެ. ރަމަޟާން މަހު ރޯދަހިފައި، ދެން އެއާ ވިއްދައިގެން ޝައްވާލު މަހުން ހަ ރޯދަހިފި މީހާ މުޅި އަހަރު ރޯދަހިފި ފަދައެވެ. (ޞަޙީޙު މުސްލިމް، ޙަދީޘު: 1164)
ދުނިޔޭގެ ހުރިހާ ކަމެއް ދޫކޮށްފައި އަޅުކަމަށް އެކަނި މީހާ ހުސްވުމަކީ ދީން އަންގަވާ ގޮތެއް ނޫނެވެ. އެ ގޮތުން ދުވަހަކުވެސް މީހަކާ ނުއިންނާނެކަމަށާ، އެެއްގޮތަކަށްވެސް ނުނިދާ މުޅި ރޭ އަޅުކަން ކުރާނެ ކަމަށް ބުނި މީހުންނަށް ރަސޫލުﷲ ވަނީ އެކަން މަނާކުރައްވާފައެވެ. އަދި އެފަދައިން އޭނާ އަބަދުވެސް ހުންނާނީ ރޯދައަށް ކަމަށް ބުނި މީހާވެސް އެގޮތަށް ކަންކުރުން އެކަލޭގެފާނު މަނާކުރެއްވިއެވެ.
އެހެންނަމަވެސް އެގޮތަށް މުޅި އަހަރު ރޯދައަށް ނުހުރެ، މުޅި އަހަރު ރޯދަހިފުމުގެ ދަރުމަ ހޯދުމުގެ ފުރުސަތު މާތް ﷲ މިވަނީ މުސްލިމުންނަށް ދެއްވާފައެވެ. އެއީ ރޯދަމަހުގައި ފުރިހަމައަށް ރޯދަހިފުމަށް ފަހު، ޝައްވާލު މަހުން ހަ ދުވަހު ރޯދައަށް ހުރުމެވެ. ކުރާ ކޮންމެ ހެޔޮ ކަމަކަށް ދަރުމަ ދެއްވާއިރު، ރަމަޟާން މަހު ތިރީސް ދުވަހު ރޯދަ ހިފުމުން ތިންސަތޭކަ ރޯދައިގެ ދަރުމަ ލިބޭނެއެވެ. ދެން ޝައްވާލުމަހުން ހަ ރޯދަ ހިފުމުން ފަސްދޮޅަސް ރޯދައިގެ ދަރުމަ ލިބޭނެއެވެ. ހިޖުރީ އަހަރެއްގައި ހުންނަނީ ގާތްގަނޑަކަށް 354 ދުވަހެއެވެ. އޭގެ މާނަައަކީ ހިޖުރީ އެއް އަހަރު ރޯދަ ހިފުމުގެ ދަރުމަ އެ ރޯދަތަކުން ލިބޭނެއެވެ.
އެެއްވެސް ޝައްކެތް ނެތް ގޮތުގައި މާތް ﷲގެ ފަޟްލުވަންތަކަމާއި، ދީލަތިވަންތަކަން ނިޔާކުރަނީ މުސްލިމުންނަށް ލުއި ފަސޭހަ ކޮށްދެއްވައި ގިނަ ދަރުމަ ލިބޭނެ ގޮތް ހެއްދެވުމެވެ. ޝައްވާލު މަހުގެ ހަ ރޯދައާއެކު އެކަލާނގެ ވަނީ އެމަތިވެރި ފުރުސަތު ހުޅުއްވާފައެވެ. ބުއްދިވެރިއަކީ މާތް ﷲ ދެއްވާ މިފަދަ ދީލަތިވަންތަކަމުގެ ފުރުސަތުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފާ މީހާއެވެ.