ޒިކުރަކަށް ވަކި ވަގުތެއް ނެތް

މިއީ އަޅުގަނޑު ވަރަށް ކުރީއްސުރެ އަޑުއަހާ ވާހަކައެކެވެ. މި ވާހަކައިގެ ތެދުދޮގެއް ނޭނގެއެވެ. ވާހަކަ ނިސްބަތް ކުރަނީ ރާއްޖޭގެ ޤަދަރުވެރި، ޢިލްމުވެރި ބޭކަލަކަށެވެ. ވާހަކައަކީ ތެދު ވާހަކައެއްކަން ޔަގީން ނުވާތީ އެބޭކަލެއްގެ ނަންފުޅު ނުލިޔާނަމެވެ. މި ވާހަކަ މިތާނގައި ލިޔެލަނީ މިއީ މުޅިން ތެދު ވާހަކައަކަށް ނުވިޔަސް، ޢިބްރަތްތެރި ވާހަކައަކަށް ވާތީއެވެ.

މިއީ މާލޭގައި ހިނގި ކަމެކެވެ. އެއް ރެއަކު މެންދަމުން އަލިވެ ތިނެއް ޖަހަން އުޅެނިކޮށް ކޮންމެވެސް މީހަކު މާލޭގެ ހުކުރު މިސްކިތަށް ޢިޝާ ނަމާދަށް ދާން ނުކުމެއްޖެއެވެ. މިމީހާ ހުކުރު މިސްކިތާ ވަރަށް ގާތް ވެފައި ވަނިކޮށް، މުނާޖާ ގޮވަން ވަޑައިގަތް ބޭކަލަކާ ދިމާވެއްޖެއެވެ. އެބޭކަލު ސުވާލުކޮށް ލެއްވިއެވެ.

"މާ ދަންވަރަކު ކޮން ތާނކަށް ތިޔަދަނީ-؟"

އެމީހާ ދެންނެވިއެވެ. "މިދަނީ ހުކުރު މިސްކިތަށް ޢިޝާ ނަމާދަށް-"

އެބޭކަލަކު ވިދާޅުވިއެވެ. "މިހާ ދަންވަރުތަ-؟"

އެމީހާ ވަރަށް މަޢްޞޫމް ރާގަކަށް ދެންނެވިއެވެ. "މިހާރު އަވަހާރަފުޅު ލައްޕަވަފާނެ ދޮގެއްތޯ-؟"

އެމީހާ މިހެން ދެންނެވީމާ އެބޭކަލަކު އެއްވެސް އެއްޗެކޭ ވިދާޅުނުވެ ކުރިއަށް ވަޑައިގަތީކަމަށް ވެއެވެ.

އާދެ، މިއީ ނޭނގިނަމަވެސް އަޅުގަނޑުމެންގެ ބައެއް މީސްމީހުންގެ ހިތުގައި އޮންނަ އެއްޗެކޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. ބައެއް މީހުން ހީކުރަނީ އަޅުކަމަކީ ވަކި ވަގުތަކު ކުރަން އޮންނަ އެއްޗެއް ކަމަށެވެ. ވަކި ވަގުތުތަކެއް ކަނޑައަޅާފައި އޮންނަ އަޅުކަންތައް ހުރެއެވެ. އެއީ ދީނުގެ ރުކުން ކަމުގައި ބެލެވޭ އަޅުކަމެވެ. އެކަމަކު އެއަޅުކަންވެސް އެ ވަގުތުގައި ނުކުރެވިއްޖެ ނަމަ ކަންތައް ކުރަން ޖެހޭ ހަމަތަކެއް އިސްލާމްދީނުގައި ކަނޑައަޅާފައި އޮވެއެވެ. ކަނޑައެޅިފައިވާ ވަގުތުގައި ނުކުރެވިއްޖެ ނަމަ އެއީ ނުކުރެވި ދިޔަ އަޅުކަމަކަށް ވެގެން ދަނީއެއް ނޫނެވެ. މިސާލަކަށް ޖަމާޢަތުގައި ނަމާދު ނުކުރެވިއްޖެ ނަމަ، ނަމާދު ވަގުތު ފާއިތު ނުވަނީސް ނަމާދު ކުރެވިދާނެއެވެ. ވަގުތު ފާއިތުވެއްޖެ ނަމަ ޤަޟާ ކުރެވިދާނެއެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނާއެކު ވޮޑިގެން ވަނީ ވަކި ވަގުތަކު ނޫނެވެ. ވަކި ތަނެއްގައެއްވެސް ނޫނެވެ. އެހެންވީމާ ކޮންމެ ތަނެއްގައި ހުރެވުނު ނަމަވެސް އަދި ކޮންމެ ވަގުތަކު ނަމަވެސް ﷲ ގެ މަތީން ހަނދާން ކުރުމާއެކު ހުންނާނީ ﷲ އާ ގުޅިފައެވެ. ބޭނުން ކޮންމެ ކަމަކަށް އެދެންވީއެވެ. ކޮންމެ ވާހަކައެއްމެ ދަންނަވަން ވީއެވެ. ދުޢާ ކުރުމާއި އަޅުކަން ކުރުމަކީ ކުޑަ ހިނދުކޮޅަކަށްވެސް ހުއްޓާލައިގެން ވާނެ ކަމެއް ނޫނެވެ.

ބައެއް މީހުން ހީކުރާ ގޮތުގައި ﷲ ހަނދުމަކުރުމަކީ ތާއަބަދު ތުން ތަޅުވައިލަތަޅުވައިލާ ހުރުމެވެ. ﷲ އަށް ޒިކުރުކުރުމަކީ އޮތް ކަމެކެވެ. އެކަމަކު ކުރާ ކޮންމެ ކަމެއްގައި ﷲ ގެ މަތީން ހަނދާންކޮށްގެން ހުރެ، އެކަލާނގެ އެންގެވި މަގުން ކައްސާނުލައި ކުރިއަށް ދިއުމަކީ ﷲ ހަނދުމަ ކުރުމެވެ. އެއީ ދަރުމަހުރި ކަމެކެވެ. މުސްލިމުން އުޅެން ޖެހޭ ގޮތަކީވެސް އެއީއެވެ.

ޣައިރު ދީންދީނުގެ ބައެއް މީސްމީހުން ކުރާ ކޮންމެ ކަމެއްގައި އެމީހުންގެ ކަލާނގެ ހަނދާންކުރާތަން ފެނެއެވެ. އަޅުގަނޑުމެންގެ އާދަ ހުންނަ ގޮތުން ދިރިއުޅުމާއި ދީން އޮންނަނީ ވަރަށް ބޮޑަށް ވަކިވެފައެވެ. ކަމެއް ކުރަން ކަނޑައަޅާފައި ދީނުގައި އެކަމުގެ ޙުކުމް އޮންނަ ގޮތް ހޯދަން މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ އާދައެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.