މުސްލިމު އުއްމަތް ބަލިކަށިވެފައިވަނީ، اللَّهُގެ އަމުރުފުޅަށް ފުރަގަސްދިނުމުން

ކީރިތި ޤުރްއާނާއި، މާތްރަސޫލާ صَلَّى اللَّهُ عَلَيهِ وَسَلَّمَގެ ސުންނަތުގައި، އިސްލާމީ އުއްމަތަކީ އެއް އުއްމަތެއްކަމާއި، އިސްލާމީ އުއްމަތް އެއް އުއްމަތެއްކަމުގައިވުމުގެ އަސާސަކީ ކޮބައިކަން ކަށަވަރުކޮށްދެއްވާފައިވެއެވެ. އެ މީހަކު އިސްލާންވުމުގެ ކުރިން ކޮންމެފަދަ ގޮތަކަށް އުޅެފައި ވީނަމަވެސް އިސްލާމްދީން ޤަބޫލު ކުރުމަށްފަހު އެ މީހަކަށް އެއްވެސް ތަފާތެއްނެތި މުސްލިމު އެންމެތަކުންނަށް ލިބިގެންވާ ޙައްޤުތައް ލިބިގެންވެއެވެ.

މީސްތަކުން އެ ބިންގަލެއްގެމަތީގައި ނުވަތަ އެ އަސާސެއްގެ މަތީގައި އެއް ބައެއް ކަމުގައި ވެގެންދަނީ، اللَّهُފިޔަވައި އެހެން އިލާހަކުނުވާކަމަށް ހެކިވުމާއި، މުޙައްމަދުގެފާނީ اللَّهُގެ ރަސޫލާކަމަށް ހެކިވެ، އިޤްރާރު ވުމުންނެވެ. މުސްލިމުއުއްމަތަކީ އެއްބަޔެއްކަން އަންގަވައި اللَّهُވަޙީކުރައްވާފައިވެއެވެ. {إِنَّ هَذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاعْبُدُونِ} (الأنبياء: 92) މާނައީ: {ހަމަކަށަވަރުން، މިއީ، އެއް އުއްމަތެއް ކަމުގައިވާ ތިޔަބައި މީހުންގެ އުއްމަތެވެ. އަދި ތިމަންރަސްކަލާނގެއީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެވެ. ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް އަޅުކަންކުރާށެވެ!}

މުސްލިމުންގެ ވަޙުދަތާއި އެއްބައިވަންތަކަން ގެއްލިދާނެ އެއްވެސް ކަމެއް ނުކުރުމަށް އަމުރު ކުރައްވައި اللَّهُވަޙީކުރައްވާފައިވެއެވެ. {وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا وَاذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ إِذْ كُنْتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُمْ بِنِعْمَتِهِ إِخْوَانًا وَكُنْتُمْ عَلَى شَفَا حُفْرَةٍ مِنَ النَّارِ فَأَنْقَذَكُمْ مِنْهَا كَذَلِكَ يُبَيِّنُ اللَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَهْتَدُونَ} (آل عمران: 103) މާނައީ: {ތިޔަބައިމީހުން އެންމެން اللَّهގެ ދީނުގައި ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ! އަދި، اللَّهُ ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތް ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެހެނީ، ތިޔަބައިމީހުން ޢަދާވާތްތެރިން ކަމުގައިވަނިކޮށް، އެކަލާނގެ ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއެވެ. ދެން، އެކަލާނގެ ދެއްވި ނިޢުމަތުގެ ސަބަބުން ތިޔަބައިމީހުންނީ އަޚުންތަކެއް ކަމުގައި ވެއްޖައީމުއެވެ. އަދި، ތިޔަބައިމީހުން ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތްމަތީގައި ވީމުއެވެ. ދެން، އެކަލާނގެ ތިޔަބައިމީހުން އެއިން ސަލާމަތް ކުރެއްވިއެވެ. اللَّهُ، އެކަލާނގެ އާޔަތްތައް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވަނީ، އެފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ.}

އެއްބަނޑު އެއްބަފާ ބަޔަކުފަދައިން މުސްލިމުންގެ ގުޅުންތައް ބަދަހިވެފައިވުމަށް اللَّهُ އަމުރުކުރައްވާފައި ވުމާއެކުވެސް، ހިތާމައަކީ މިއަދު ދޭދޭ ޤައުމުތަކާއި ފަރުދުންވެސް اللَّهُގެ އަމުރުފުޅަށް ބީރުކަންފަތެއް ދީފައިވާކަމެވެ. މުސްލިމުން މިއަދު ބަލިކަށިވެފައިވަނީ އެހެންވެއެވެ.

ދޭދޭ ފަރުދުންނާއި ޤައުމުތަކުގެ މެދުގައިވިއަސް ދެބަސްވުންތަކާއި އަރާރުންވުމަކީ މުސްލިމުންގެ ބާރުނެތިގެންގޮސް ފިނޑި ބަޔަކުކަމުގައި ވެގެންދާނެ ކަމެއްކަން އަންގަވައި އެކަމާ ދުރުހެލިވުމަށް އަމުރުކުރައްވައި ވަޙީކުރައްވާފައިވެއެވެ.

{وَأَطِيعُوا اللَّهَ وَرَسُولَهُ وَلَا تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِيحُكُمْ } (الأنفال:46) މާނައީ: {އަދި اللَّهُއަށާއި، އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ދެބަސްވެ އަރާރުންނުވާށެވެ! (ދެބަސްވެ އަރާރުންވާނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ.}

މާތް اللَّهُ މުސްލިމުންގެ ވެރިންނާއި، ރައްޔިތުންނަށް ހެޔޮ ވިސްނުން ދެއްވާށިއެވެ. މުސްލިމުންގެ މެދުގައިވާ ދެބަސްވުންތައް ފިއްލަވައި އެއުރެންގެ ސަފުތައް އެކުވެރިކުރައްވާށިއެވެ. އާމީން!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.