ދުޝްމަން ލޯބިވެރިޔާ - 19

(19 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ހަމައެވަގުތު ކޮންމެވެސް މީހަކު ކޮޓަރީގެ ދޮރުގައި ޓަކިދީފިއެވެ. ކޮޓަރިތެރޭގައި ތިބި މީހުންކުރެ އެކަކުވެސް އެއްވެސް  އެއްޗެކޭ ނުބުނެއެވެ. އެކަކު އަނެކަކުގެ މޫނަށް ބަލާލާފައި މަޑުމަޑުން ގޮސް އެކަކަށްފަހު އަނެކަކު، އެކޮޓަރީން، ބޭރަށް ހުޅުވިފައިވާ ހުރި ކުޑަދޮރުން ބޭރަށް ފައިބާން ފަށައިފިއެވެ. ގަސްތަކުގެތެރޭގައި ފިލާއޮތް އިންދަރްޖީތަށް ފެނުނުއިރު އެއެންމެވެސްވަނީ މޫނު މަތީގައި ފޮތިގަނޑެއް އޮޅާ ނިވާކޮށްފައެވެ. އެހެންކަމުން އެއިން އެކެއްގެވެސް ސިފައެއް އެނގޭގޮތެއް ނުވިއެވެ. އެ ފަސްމީހުން ވެސް ކޮޑަދޮރުން ފުންމާލައިގެން ޓޫރިސްޓް ބަންގްލޯގެ ފުރަގަހަށްގޮސްވަނީ އެތާނގައިވާ ޕައިންޓްރީ ގަސްތަކުގެތެރެއަށެވެ. އޭރުވަނީ ފުދޭވަރަކަށް އަނދިރިވެފައެވެ. އެހެންކަމުން އިރުކޮޅެއްގެ ތެރޭގައި އެމީހުން ގެއްލިއްޖެއެވެ.

       ފަސްމީހުން ފިލައިގެން ދިޔުމާއެކު އިންދަރްޖީތަށް ފެނުނީ އޭނާގެ ކޮޓަރީގެ ބޮކިވެސް ނިވުނުތަނެވެ.  އިންދަރްޖީތު ބުނެދީފައިވާ ގޮތުގެ މަތީން ޣުލާމް ރަސޫލް އެކޮޓަރީގެ ދޮރުގައި ޓަކިދިނީ ރަނގަޅު ވަގުތުގައެވެ. އެހެންކަމުން ހުރިހާކަމެއްވެސް އެދިޔައީ އިންދަރްޖީތު  ޚިޔާލުކޮށްފައިވާ  ގޮތަށް މުޅީން ރަނގަޅަށެވެ. އިންދަރްޖީތު އަވަސް އަވަހަށް އޭނާ ފިލާއިން ތަނުން ނުކުމެގެން އައިސް ޕައިޕްގައި ހިފަހައްޓައިގެން މައްޗަށް އަރައިފިއެވެ. ވަރަށް ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެނާ ހުރީ ބާތުރޫމްގައެވެ. އެތާނގެ ދޮރުފަތް ވަނީ ހަލާކުވެގެން ބަތުރޫމް ތެރެއަށް ވެއްޓިފައެވެ. އޭރުވެސް ބާލިދީއަށް ފެންއެޅިގެން ބޭރަށް އޮހެމުންދެއެވެ. އިންދަރްޖީތު ފެންއިސްކުރު ބަންދުކޮށްލާފައި ކޮޓަރިތެރެއަށް އަތުވެއްޖެއެވެ. ކޮޓަރި ތެރެއަށްވަނީ އަނދިރިކޮށްގެންނެވެ. އެނާ ވަރަށް އަވަސް އަވަހަށް ގޮސް ކޮޓަރީގެ ދޮރުހުޅުވާލާފައި ކޮރިޑޯތެރެއަށް ނުކުތެވެ. އޭރު ސީމާ ވަރަށް ބާރަށް ހިނގާފައިގޮސް ސިޑިން ތިރިއަށް ފައިބަނީއެވެ.

އިންޖަރްޖީތު ވަރަށް އަވަހަށް އޭނާގެ ފަޓްލޫންގެ ޖީބުގައިވާ ފިސްތޯލަނަގާފައި ސީމާއާ ދިމާއަށް ދިއްކޮށްލާފައި ގޮވާލިއެވެ. "އަވަހަށް މައްޗަށް އާދޭ.. އަހަރެންގެ ކޮޓަރިއަށް އެނބުރި އާދޭ... ދިރިދުނިޔޭގައި ހުންނަން ބޭނުމިއްޔާ އާދޭ.!" ސީމާ އެނބުރި ބަލާލިއެވެ. ފުރަތަމަ އޭނާ ހިމޭނުން މަޑުކޮށްލިއެވެ. ދެން މަޑުމަޑުން ފިޔަވަޅު ނަގަމުން މައްޗަށް އަންނަން ފަށައިފިއެވެ. އެއްފިޔަވަޅު.. ދެފިޔަވަޅު.... ތިންފިޔަވަޅު...ކޮންމެ ފިޔަވަޅަކާއެކު އިންދަރްޖީތު ލޮލަށް އިތުރު ރަތްކަން އަންނަމުންދެއެވެ.

ސީމާ މުޅީން ކައިރިއަށް އައުމުން އިންދަރްޖީތު އޭނާގެ އަތުގެ މުލައްދަނޑީގައި ވަރަށް ބާރަށް ހިފަހައްޓައިފިއެވެ. އަދި ކޮޓަރިއާއި ދިމާއަށް ދަމައިގަތެވެ. އަނދިރިކޮށް އޮތް ކޮޓަރިއަށް ވެއްދުމަށްފަހު، އެނދުމަތީގައި ބައިންދާފައި އިންދަރްޖީތު އަތުގައި އޮތް ފިސްތޯލަ އޭނާގެ މޭމަތީގައި ޖައްސާފައި ބުންޏެވެ. "ކީއްކުރަން ތިޔަ އުޅުއްވަނީ ...؟" އިންދަރްޖީތު އެންމެ ޖުމްލައަކުން އެތައް ސުވާލެއް އެއްފަހަރާކޮށްލިއެވެ.

"އަޅުގަނޑަށް ވަނީ މުޅީން މަޖްބޫރުވެފައި..."

"އަހަރެން މަރާލުމަށް ރާވާ ރޭވުމެއްގައި ކަލޭ ބައިވެރިވާން ޖެހޭނެ އޮންނާނީ ކޮންކަހަލަ މަޖްބޫރެއްތަ..." އިންދަރްޖީތުގެ އަޑުގައި ވަނީ ރުޅިވެރިކަމާއި ނަފްރަތުގެ އަސަރެވެ.

"ޑާގަރްގެ މީހުން އަޅުގަނޑުގެ ޢުމުރުން 4 އަހަރުގެ ކުޑަ ދަރިފުޅު ވަގަށްނެގީ. އޭނާއަކީ ސިރީނަގަރުގެ ލިލީވައިޓް ކޮންވެންޓްއަށް ކިޔަވަންދާ ކުއްޖެއް."

"ޑާގަރްގެ މީހުން އެކޮޓަރީގެ ކުޑަދޮރުގެ ބޭރުގައި އެކުއްޖާ އަޅުގަނޑަށް ދެއްކީ އެކުއްޖާފުޅަށް އަޅުގަނޑު ފެނުނީމާ އަތްދިއްކޮށްފައި މަންމާއޭ ގޮވަންފެށި..." ސީމާ މިހާރު އަޑުން އަޑުނަގާ ރޮނީއެވެ.

"ދެންވީ ކިހިނެއް"

"ދެން އެމީހުން އެކުއްޖާފުޅު ގެންދިޔައީ." ކުޑައިރުކޮޅެއް ފަހުން އެމީހުން އައިސް ބުނީ އަހަރެމެން ބުނާކަމެއް ފުރިހަމައަށް ކޮށްދެނިކޮށް ކަލޭގެ ދަރިފުޅު ކަލެއަށް އަނބުރާ ދީފާނަމޭ ޑާރަގް ބުންޏެވެ. ސީމާ  މޫނުގައި ދެއަތް އަޅާފައި ގިސްލަގިސްލާފައި ރޯން ފަށައިފިއެވެ. އަދި އިރުކޮޅެއްގެ ތެރޭގައި އެނދުމައްޗަށް ވެއްޓިއްޖެއެވެ.

ރޭގަނޑުގެ އަށެއް ހަމަޖެހިތަނާ އިންދަރްޖީތު ބަލައި، ޑާގަރްގެ މީހުން ޓޫރިސްޓް ބަންގްލޯއަށް އަތުވެއްޖެއެވެ. ސީމާ އަނބުރައިގަންފައި އޮއްވާ އިންދަރްޖީތު ސީމާގެ ހެދުން ބަދަލުކޮށްލިއެވެ. މިހާރުއޭނާ ވަނީ ކަޅުކުލައިގެ ކޯޓް ފަޓްލޫނު ހެދުމެއްގައެވެ. އެތަންވަޅު ޣުލާމް ރަސޫލަށް ގޮވާލާފައި، އިންދަރްޖީތު އޭނާއަށް ވަރަށް ގިނަކަންތައްތަކެއް ކިޔާދިނެވެ. އަދި އޭނާ އެނބުރި އަންނަންދެން ސީމާ އެތަނުން ދިޔަ ނުދީ ހިފެހެއްޓުމަށް އެންގިއެވެ. އެއާއެކު ސަތޭކަ ރުފިޔާގެ ނޫޓެއްވެސް ޣުލާމް ރަސޫލުގެ އަތަށްދިނެވެ. އެއީ އެކަންތައްތައް ސިއްރު ކުރުމަށްޓަކައި ނުވަތަ އޭނާ ހިފެހެއްޓުމަށްޓަކައި ފައިސާއެއް ހޭދަކުރަން ވެސް ޖެހިދާނެތީއެވެ. ޣުލާމް ރަސޫލްއަށް އިންދަރްޖީތު ކޮޓަރިން ނިކުމެފައި ކޮޓަރީގެ ބޭރުން ތަޅުއަޅުވާލައިފިއެވެ. އަދި ތިރިއަށް ދާން ސިޑިއާ ދިމާއަށް ހިނގައިގެންފިއެވެ.

ކުރީރެއިން ފެށިގެން ޣުލާމްރަސޫލްވަނީ އިންދަރްޖީތަށް ވަރަށް ބޮޑަށް އިތުބާރުކުރެވޭ ނޯކަރަކަށްވެފައެވެ. އެކަމުގެ އެއްސަބަބަކީ އިންދަރްޖީތު ޣުލާމްރަސޫލްގާތުގައި ބުނެފައިވާ ގޮތުން އޭނާއަކީ ވެސް މުސްލިމަކަށްވާކަމެވެ. އަނެއް ސަބަބކީ މިރޭ ދިން ސަތޭކަ ރުފިޔާގެ ނޫޓްކަމަށްވެސް ވެދާނެއެވެ.  އިންދަރްޖީތު ސިޑީން ތިރިއަށް ނުދެވިގެން އުޅެނިކޮށް އޭނާއަށް ކޮންމެވެސް މީހެއްގެ އަޑު އިވިގެން ހުއްޓިލަން މަޖްބޫރުވިއެވެ.

"ގުޑް އީވްނިންގް.." 8 ނަންބަރު ކޮޓަރިން ނުކުންނަމުން ޑޮރޮތީ އިންދަރްޖީތާ މުޚާތަބްކޮށް ބުނެލިއެވެ. "ގުޑް އީވްނިންގ...." އިންދަރްޖީތު ޖަވާބުދިނެވެ.

 "އަޅުގަނޑު ހީކުރީ ކަލާ އަދިވެސް ބަންގްލޯއަށް އެނބުރި ނުދުރުވާކަމަށް.." ޑޮރޮތީ އެނާގެ ޚާއްޞަ ފޮނިފޮނި އަޑަކުން ބުނެލިއެވެ. އަދި އޭނާގެ ޖަވާބު ހިނިތުންވުން ފާޅުކޮށްލިއެވެ.

"އަޅުގަނޑު އެނބުރި އާދެވުނުކަމަށް ޓަކައި އަޅުގަނޑު ހިތާމަކުރަން..." ޑޮރޮތީ! އިންދަރްޖީތު އޭނާއާ ދިމާލަށް ބަލާލާފައި ބުންޏެވެ.

"ކޮންތާކަށްތޯ ކަލާ ތިޔަ ދުރުވަނީ؟" ޑޮރޮތީވެސް ސިޑީން ފައިބަމުން އަހާލިއެވެ. އިންދަރްޖީތު އޭނާއާ ދިމާއަށް ބުނި ޖުމްލަ އޭނާއަށް އިވުނުކަމަކަށްވެސް ނުހެދިއެވެ. އިންދަރްޖީތު ހިމޭނުން ހުރުމަށްފަހު ޑޮރޮތީގެ ކައިރިއަށް ޖެހިލައިފިއެވެ. ޑޮރޮތީހުރީ ފެހިކުލައިގެ އަތްދިގު ސުވިޓަރަކާއި ކަޅުފެހި ކުލައިގެ ޖީންސެއްލާފައެވެ. އޭނާގެ އިސްތަށިގަނޑުވަނީ ކަނދުރާ މައްޗަށް ހުޅުވާލާފައެވެ.

"އަޅުގަނޑު މިދަނީ މީހަކާ ބައްދަލުކޮށްލަން. އަޅުގަނޑުގެ ރައްޓެއްސަކާ ބައްދަލުކޮށްލަން." އިންދަރްޖީތު ހުއްޓިފައި ބުންޏެވެ.

"އަޅުގަނޑުވެސް ކަލާއެކު ގެންދަވާ..." އިންދަރްޖީތާ ތަންކޮޅެއް ކައިރިވެލާފައި ޑޮރޮތީ ބުންޏެވެ.

"އެތަނަށް އަޅުގަނޑު ދާންއޮތީ އެކަނި.." އިންދަރްޖީތު، ލައިޓަރުން ސިނގިރޭޓެއް ރޯކޮށްލާފައި ބުންޏެވެ. "އެތަނަށް ދަޢުވަތު ދީފައިވަނީ އަޅުގަނޑަށް އެކަނި.. ހަމައެކަނި އަޅުގަނޑަށް..."

"އޯކޭ..." ޑޮރޮތީ ބުނެލިއެވެ. "ކަލާ އެނބުރި ދުރުވާނީ ކިހާއިރަކުން؟"

"ދެތިންގަޑިއިރު ފަހުން. ޑިނަރުން ނިމިގެން..." އިންދަރްޖީތު ޖަވާބުދިނެވެ.

"އެންމެ ރަނގަޅު.. އަޅުގަނޑު ކަލާއަށް އިންތިޒާރު ކުރާނަން." ޑޮރޮތީ އަނެއް ފަރާތަށް އެނބުރިލަމުން ބުންޏެވެ.

"އިންތިޒާރޭތޯ.... ކޮންކަމަކަށް އިންތިޒާރު ކުރައްވާ ވާހަކައެއްތޯ... އަޅުގަނޑު އަންނާނީ ޑިނަރުވެސް ނަންގަވައިގެންނޭ ނަންގަނެފީމު ނޫންތޯ.. ކަލާއާއެކު ޑިނަރުގައި ބައިވެރިވާކަށް އަޅުގަނޑަކަށް ނާދެވޭނެ!"

"އެކަން އަޅުގަނޑަށްވެސް އެނގޭ... ނަމަވެސް ކެއުމުގެ ފަހުންވެސް...؟"

އިންދަރްޖީތު، ޑޮރޮތީގެ ބޮލުން ފެށިގެން ފަޔާހަމައަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. "މިއީ އަހަރެން މަރާލުމަށްޓަކައި މީހަކަށް ފައިސާދީފައި މިއަދު ފޮނުވި އަންހެން ކުއްޖާއެވެ. މިހާރު އޭނާ ދައްކަމުން އެދަނީ ކިހާ މަޢުޞޫމް ގޮތަކަށްދޯއެވެ. ކިހާ ލޯބިވެތި ގޮތަކަށް ދޯއެވެ. މިއީ މިކުއްޖާއެވެ. އަނެއް އަންހެންކުއްޖާ މިހާރު އެއޮތީ އަހަރެންގެ ކޮޓަރީގައި ހޭނެތިފައެވެ. އެއީ ސީމާއެވެ. އަހަރެންގެ އެންމެ ފުރަތަމަ އަދި  އެންމެ ފަހުގެ ލޯތްބެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.