ދުޝްމަން ލޯބިވެރިޔާ - 4

(4 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ތިނެއް

އަނެއްދުވަހުގެ ހަވީރު ފަހެއް ޖެހިއިރު އިންދަރުޖިތު ހުރީ ޕެހެލްގާމްގައެވެ.

ޝްރީނަގަރުން ޕެހެލްގާމް އާހަމައަށް އޭނާއައީ ފުލުހުންގެ ޖީޕްގައެވެ. އޭނާ ކުރީއްސުރެ ހީކޮށްފައިވާ ގޮތުގައި މަތިން ޝްރީނަގަރުގައި ފުލުހުންގެ ޖިޕެއް އޭނާގެ އިންތިޒާރުގައި އޮތެވެ. ޝްރީނަގަރުގައި އިންދަރުޖީތުގެ ނަން ވަނީ ވަރަށް ބޮޑަށް މަޝްހޫރުވެފެއެވެ. އެއީ މީގެ ދުވަސްކޮޅެއް ކުރިން، އޭނާ ގުލްމާރކްގައި އުޅުނު މަޝްހޫރު ހެންރީ ބްރައުންއާއި އޭނާގެ ގްރޫޕް ހައްޔަރުކޮށް ހެދުމުންނެވެ. އޭރުއްސުރެ ކަޝްމީރުގެ އެންމެން ވެސް އިންދަރުޖީތުގެ ނަން ދަނެއެވެ. ނަމަވެސް މީގެ ކުރިން އޭނާއަށް ޕެހެލްގާމަށް އައުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ.

މިފަހަރު އޭނާ ކަޝްމީރަށް މިއައީ ވަރަށް ބޮޑުބައެއްގައި އޭނާގެ އަމިއްލަ މަސައްކަތެއްގައެވެ. އެހެންވީމާ އޭނާ ކަޝްމީރަށް އަންނަ ވާހަކަ މާގިނަ މީހުންނަށް އޭނާ ނާންގައެވެ. އޭނާ ހަމައެކަނި ގުޅާލީ ކަޝްމީރުގައި އޭނާ އުޅޭއިރު ކޮންމެހެން އެމީހުންގެ ބޭނުން ޖެހިދާނެ ކަމަށް ފެންނަ މަދު ބަޔަކާއެވެ.

އިންދަރުޖީތު ބޮމްބޭއިން ފުރީ ހެނދުނު 8 ޖެހިއިރު ދިއްލީއަށް ދާން ފުރި ފްލައިޓުންނެވެ. ދިއްލީގެ ޕާލަމް އެއަރޕޯޓުން، ޝްރީނަގަރަށް ދާން ފުރީ ބާރަގަޑި ބައިގެ ފްލައިޓަކުންނެވެ. ގާތްގަނޑަކަށް ދޭއް ޖެހި އިރު އޭނާއަށް ޝްރީނަގަރަށް އާދެވިއްޖެއެވެ. އޭނާ ފުލުހުންގެ ޖީޕަކާއި ޑްރައިވަރެއް ލިބުނު އިރު ތިނެއް ޖަހަނީއެވެ. އެތަނުން އޭނާ ސީދާ އައި ޕެހެލްގާމްއަށެވެ. ސިރީނަގަރާއި ޕެހެލްގާމް އާ ދެމެދުވަނީ 60 މޭލެވެ. ޢާއްމު ގޮތެއްގައި ޕެހެލްގާމަށް ދާ މަގުމަތީގައި ވަރަށް ގިނަމީހުން ކަކަރނާގް އަރާއި އަޗާބަލްއަށް ހުއްޓާލައެވެ. ކަކަރނާގްގައި އޮންނަ ލޭކްއަކީ ވަރަށް މަޝްހޫރު ލޭކްއެކެވެ. ކަކަރނާގްއާއި އަޗާބަލްގައި މޯގަލް އެމްޕަޔަރްގެ ޒަމާނުގައި ހަދާފައިވާ ގާރޑްންތައް މިހާރުވެސް އެބަހުއްޓެވެ. އެހެންކަމުން އެތަން ތަނަކީ ޓޫރިސްޓުން ޝައުޤުވެރިކަން ވަރަށް ބޮޑަށް ދޭ ތަނެއް ކަމުގައިވެއެވެ. އެއާއިއެކު ޓޫރިސްޓުންނަށް ތިބެވޭފަދަ ގެސްޓުހައުސްތައް ވެސް މިހާރު އެތަންތާނގައި ހުރެއެވެ. ނަމަވެސް އިންޖަރުޖީތުގެ މިދަތުރު އެތަންތާނގައި މަޑުކުރާނެ ވަގުތެއް ނެތެވެ. މިއަދު މެންދުރު ކެއުމަށް ތަނެއްގައި ވެސް މަޑުކޮށްލަން ވެސް އޭނާއަށްވަނީ ވަގުތު ނެތިފައެވެ. އެހެންކަމުން މެންދުރުގެ ކެއުންވެސް ހަމަޖައްސާލީ ސިރީނަގަރުން ފުރަމުން ހޯދާލި ސޭންޑްވިޗެއް ދަތުރުމަތީގައި ކާލައިގެންނެވެ. އޭގެއިތުރަށް، މަގުމަތިން، މޭވާ ވިއްކާމީހެއްގެ އަތުން މޭވާކޮޅެއް ވެސް ގަނެގެން އެ ބޭނުންކޮށްގެންނެވެ. އެއެއްޗެތި ކާލުމަށްފަހު ޖީޕްގައި އެއިންގޮތަށް އިނދެ އޭނާއަށް ކުޑަކޮށް ލޯވެސް މަރާލެވުނެވެ. އެވަގުތު އޭނާގެ ހިތަށް އަރަމުންދަނީ ދުނިޔޭގައިވާ އެންމެ ހިތްފަސޭހަ އެއްރަށްކަމަށްވާ ކަޝްމީރުގެ ވެރިރަށް ސިރީނަގަރަށް އޭނާއަށް އާދެވެން އަބަދުވެސް ދިމާވަނީ މިކަހަލަގޮތަކަށްކަމެވެ. ކޮންމެވެސް ކަހަލަ ތަޅާފޮޅުމަކާއި ނުރައްކާތެރިކަމާއި ގުޅިގެންކަމެވެ. ކުރާނީވެސް ކީއްބާއެވެ. އޭނާ އަދާކުރާ ވަޒީފާއަކީ ވެސް އެކަހަލަ ވަޒީފާއެއް ވިއްޔާއެވެ. އެވަޒީފާގައި އަރާމަކީ ހަރާން އެއްޗެކެވެ. ނަމަވެސް އިންދަރްޖީތަކީ ވެސް އަރާމުކުރަން ބޭނުންވާނެ މީހެކެވެ. އެހެން ކަމުން ޑިޕާޓްމަންޓްގެ ހުރިހާ މަސައްކަތްތަކެއް ކޮށްފައި ވެސް އޭނާއަށް ފޫހިފިލުވާލަން ތަންތަނަށް ގޮސްލާ އުޅެން ފުރުޞަތު ހޯދައެވެ. ބައެއްފަހަރު ސިނަމާއަށެވެ. އަނެއްބައި ފަހަރު ކޮންމެވެސް އަންހެން ކުއްޖެއް ގާތަށެވެ. ބައެއް ދުވަސްދުވަހު ބްރިޖްކުޅެން އަނެއްބައި ފަހަރު ފަހަރަށް ކޮންމެވެސް ޕާޓީއަކަށެވެ. ބައެއްފަހަރު ދެތިން ދުވަހަށް ޝިކާރަ ކުރުމަށް ވެސް ދެއެވެ. އެހެންގޮތަކަށް ދަންނަވާނަމަ އޭނާއަށް ފުރުޞަތު ލިބޭވަރަކުން އުފާކޮށް އަރާމުކޮށް ހަދައެވެ.

ކަޝްމީރާ ގުޅޭގޮތުން އޭނާގެ ނަސީބު ހަމަ ދެރައީއެވެ. ކަޝްމީރަށް އައުމުގެ ފުރުޞަތު މިހާރު އޭނާއަށް ދެވަނަ ފަހަރެއްގެ މަތީން ލިބިއްޖެއެވެ. ނަމަވެސް އެ ދެފަހަރު ވެސް އޭނާއަށް އާދެވުނީ ކޮންމެވެސް ޚާއްޞަ މަސައްކަތެއްގައެވެ. އިހަށްދުވަހު ރޭސް ކޯސްއިން ޖެކްޕޮޓް ކާމިޔާބުވުމުން އެންމެ ފުރަތަމަ އޭނާގެ ހިތަށް އެރީ އޭނާ ކޮންމެވެސް ގާރލްފްރެންޑަކާއިއެކު ކަޝްމީރަށް ދިއުމަށެވެ. އުފާކޮށްލުމަށް ޓަކައި ޗުއްޓީއެއް ނަގައިގެންނެވެ. ނަމަވެސް ކަންދިމާވީ ކިހިނެއްތޯއެވެ. ޝައްކެއް ނެތެވެ. އޭނާ މިހާރު މިވަނީ  ކަޝްމީރުގައެވެ. ނަމަވެސް ތަފާތު ގޮތެއްގައެވެ. އަދި އޭނާ އެކުއްޖަކާއެކު ކަޝްމީރަށް އަންނަން ޚިޔާލުކުރި ގާރލްފްރެންޑް މިހާރުވަނީ އެހެން ފްރެންޑަކާއެކު ދާރޖީލިންގްއަށް ގޮހެވެ. މިޒަމާނުގެ މޮޑަން ދިރިއުޅުމަކީ މިކަހަލަ އެއްޗެކެވެ. އެއްވެސް މީހަކު އަނެކަކަށް ޓަކައި  މާގިނައިރު އިންތިޒާރެއް ނުކުރާނެއެވެ. ކޮންމެއަކަސް ދިރިއުޅުމުގައި މިހާތަނަށް އިންދަރްޖީތަށް ދަސްނުވެ އިންނަ އެއްކަމެއް އެބައޮވެއެވެ. އެއީ އެއްވެސް ކަމަކާމެދު ހިތާމަކުރުމެވެ.

ކުޑަކުޑަ ހިތެއްގެ ވެރިޔަކާއި ތަނަވަސް ބޮޑު ހިތެއް ލިބިފައިވާ މީހަކާ ދެމީހުންގެ ދެމެދުގައި ފަރަގަކީ މިއީއެވެ. ކުޑަކުޑަހިތެއް ލިބިފައިވާ މީހާ، ދާދިކުޑަކަމަކާ ވެސް ކަންބޮޑުވެ ހާސްވާގޮތްވެއެވެ. އަނެއްކޮޅުން ތަނަވަސް ބޮޑު ހިތެއް ލިބިފައިވާ މީހާ އެންމެ ބޮޑަށް ހާސްވެ ކަންބޮޑުވާންޖެހޭ ކަންތައްތައް ދިމާވުމުން ވެސް ހިނގަނޑަކުން އެކަންތައް ދުއްވާލާނެއެވެ.

ހަތަރެއް

އިންޖަރްޖީތުއިން ޖިޕް ޓޫރިސްޓް އޮފީހުގެ ދޮރުމައްޗަށް އައިސް ހުއްޓާލައިފިއެވެ. އަދި ޖިޕުން ފައިބައިފިއެވެ. ލުދަރވާދީގެ ފިނިފިނި މީރުވަސްދުވާ ވައިރޯޅިތައް އޭނާގެ ހަށިގަނޑުގައި ޖެހިލައިފިއެވެ. އޭރު އެދުވަހުގެ އިރުއޮއްސެނީއެވެ. އުސްއުސްކޮށް ހެދިފައިވާ  ޕައިންޓްރީތަކަށް އޭނާގެ އެންމެ ފަހުގެ ދޯދިތައް ފޮނުވަމުން ދަނީއެވެ. ވައިގެ ތެރެއަށް ވެރިވެފައިވަނީ ޕައިންޓްރީތަކުގެ ފެތުރޭ މީރުވަހެވެ. ޓޫރިސްޓު އޮފީސް ކައިރީގައިވާ މަގުތަކުގައި އާދައިގެ ވަރަކަށް މީހުން ހިނގާބިނގާވެ އުޅެއެވެ. ގިނަމީހުން ތިބީ ސުވިޓަރގަޔާއި ކޯޓްގައެވެ. ބައެއް މީހުން ޖެކެޓުގައިވެސް ތިއްބެވެ. އެކިކުލަކުލައިގެ ކެހެރި ހެދުމުގައި އުޅޭ ރީތި އަންހެން ކުދިންތައް ވެސް އުޅެއެވެ. އަސް ދުއްވަން އުޅޭ ކުދިންތައްވެސް ފެނެއެވެ. އިންދަރްޖީތު އެއުފާވެރި މަންޒަރު ބަލާލުމަށްފަހު ހިތަށް ލިބުނު ހަމަޖެހުމުން ހިނިތުންވެލިއެވެ. އެވަގުތު ޖީޕްގެ ޑްރައިވަރު،  ޓޫރިސްޓް ގައިޑް ކާރޑެއް ހިފައިގެން އޭނާ ކައިރިއަށް އަތުވެއްޖެއެވެ.

" އެއްވެސް މީހެއް ގާތުގައި އަހަރެންގެ ނަމެއް ނުބުނަން ދޯ؟" އިންދަރްޖީތު ޑްރައިވަރު އަތުން ކާޑު އަތުލަމުން ސުވާލުކުރިއެވެ. "ލައްބަ .. ނުބުނަން..." ޑްރައިވަރު ބުންޏެވެ.

"އެންމެ ރަގަނޅު..... އާނ! މިއޮތީ ދިހަރުފިޔާ ...... އެންމެ ފުރަތަމަ ލިބޭ ބަހެއްގައި އަވަހަށް އެނބުރި ކަޝްމީރަށްދޭ... އަހަރެން ޕެހެލްގާމުން ފޯނުކުރާނެއޭ ޑީ.އައ.ޖީ. ޞާޙަބްއަށް ނަންގަނޭ" އިންދަރްޖީތު ދިހަ ރުފިޔާގެ ނޫޓެއް ޑްރައިވަރުގެ އަތަށް ދެމުން ބުންޏެވެ. އެވަގުތު ޑްރައިވަރު އޭނާއާ ސަލާމްކޮށްލާފައި ހިނގައްޖެއެވެ.

އިންދަރުޖީތު އަނެއްކާވެސް ޖީޕަށް އަރައިފިއެވެ. އަދި އޭނާ އަތުގައި އޮތް ގައިޑް ކާރޑް ހުޅުވާލާފައި ބަލަން ފަށައިފިއެވެ. އޭނާ މިވަގުތު ބޭނުންވެފައިވަނީ ވީހާ އަވަހަކަށް ކޮންމެވެސް ރަނގަޅު ފެންވަރެއްގެ ހޮޓަލަކަށް ގޮސް އޭނާގެ ފޮށި އެތާނގައި ބެހެއްޓުމަށް ފަހު އެހެން މަސައްކަތްތަކަށް އަވަހަށް ދިޔުމަށެވެ. އެހެންކަމުން އެންމެ ފުރަތަމަ  އެނާ ކިޔަންފެށީ ހޮޓާތަކުގެ ނަންތަކެވެ. ހުރިހާ ހޮޓަލަކާއި އެހޮޓާތަކާއި ބެހޭ ގޮތުން، އޭގައި ދީފައިވާ ހުރިހާ މަޢުލޫމާތެއް އޭނާ ކިޔައިފިއެވެ. ނަމަވެސް އޭނާ ހުންނާނީ ކޮން ހޮޓަލެއްގައި ކަމެއް އޭނާއަކަށް ކަނޑައެއް ނޭޅުނެވެ. ހުރިހާ ހޮޓަލަށް ގޮސް އެތަންތާނގެ ކަންތައްތައް ހުރީ ކިހިނެތްތޯ ބަލާހަދާނެ ވަގުތެއްވެސް  އޭނާއަކަށް ނެތެވެ. ކޮންމެއަކަށް އެންމެ ފަހުން އޭނާ ޖީޕް ދުއްވާލައިފިއެވެ. އަދި އަނބުރާލާފައި ފަރުބަދަ މައްޗަށް ދާން އޮތް މަގަކުން ދާން ފަށައިފިއެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.