ދުޝްމަން ލޯބިވެރިޔާ - 21

(21 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ދިހައެއް

ޓޫރިސްޓް ބަންގްލޯގެ ދިމާކުރިމަތީގައި ކަޅުކުލައިގެ ވޯކްޝޯލް ކާރެއް އޮތެވެ. ޑާގަރް އެ ކާރުގައި އިނެވެ. އޭނާ އިނީ ކާރު ދުއްވަން އިން ޑްރައިވަރު ކައިރީގައި ކުރިމަތީގައި ހުރި ސީޓްގައެވެ. ފަހަތު ސީޓް ހުރީ ހުސްކޮށެވެ. އިންދަރްޖީތާއި އޭނާ ބަލާ ދިޔަ މީހާއަށް ޓަކައި ހުރީކަން ނޭނގެއެވެ.

"އައިމް ސޮރީ... ކުޑަކޮށް ލަސްވީ." އިންދަރްޖީތު ކާރުގައި އިށީންނަމުން ބުންޏެވެ. ޑާގަރް ހީނލިއެވެ. ކާރު ސްޓާޓްކޮށްލުމުގެ ކުރިން އިންދަރްޖީތުގެ ކައިރީގައި އިންމީހާގެ ޖީބުން ކަޅުކުލައިގެ ފޮތިގަނޑެއް ނަގާފައި އިންދަރްޖީތުގެ ލޯމަތީގައި އަޅައި ބަނދެލައިފިއެވެ. އިންދަރްޖީތު ހަމަ އެއްވެސް އެއްޗެއް ނުބުނެ ހިމޭންކަމާއެކު އިނެވެ.

"މިއީ ކަލޭ ކަލޭގެ ވިސްނުމަށް މާބޮޑަށް ބާރުލާން އުޅެފާނެތީ އަހަރެމެން އަޅާ ފިޔަވަޅެއް..." ޑާގަރް ބުނާއަޑު އިންދަރްޖީތަށް އިވުނެވެ.

"އެކަމަކު ލޯ ކަނު މީޙުންގެ ހަވަނަ ޙިއްޞު އަދި ވަކީން ތޫނުވާނެ ޑާގަރް!" އިންދަރްޖީތު ބުނެލިއެވެ.

ޑާގަރް ވަރަށް ބާރަށް ހީނގަތެވެ. "އިންދަރްޖީތު.. މިރޭ ކަލެއަކީ އަހަރެމެންގެ މެހެމާނެއް... އެހެންނަމަވެސް ބައެއްކަންތައްތައް އަހަރެންގެ ރައްކަލަކަށް ވެސް ކުރަންޖެހޭ.. އެއީ ކޮންމެ ކަހަލަ ކަމަކަށް ވިޔަސް އަހަރެމެންގެ ފައިދާއަށްޓަކައި ކުރަންޖެހޭ ކަމެއް ކުރަންޖެހޭނީ ހަމަކުރަން. އަހަރެމެންގެ ގެޔާ ހަމައަށް ދިޔުމަށް ކަލޭ ކަނު ބަންނަން ޖެހޭނީ.." ޑާގަރް ބުންޏެވެ.

އިންދަރްޖީތު ކަނު ބަންނަން ޖެހޭނީ ޑާގަރްގެ ގެއަށްދާމަގު އޭނާއަށް އެއްގޮތަކަށްވެސް އެނގުނަ ނުދިނުމަށްޓަކައި ކަން އޭނާއަށް ވިސްނެއެވެ. ޙަޤީޤަތުގައިވެސް ޕެހެލްގާމްއާ ބެހޭގޮތުން އޭނާއަށް އެނގެނީ ވަރަށްކުޑަކޮށެވެ. އެހެންކަމާއެކު މިހާރު އޭނާ ވަރަށް ފަރުވާތެރިކަމާއެކު މަސައްކަތް ކުރަމުންދަނީ އޭނާގެ ކަންފަތުންނެވެ. މަގުމަތިން އިވެމުންދާ ހުރިހާ އަޑުތަކަށް ސަމާލުކަން ދިނުމާއެކު ކާރު މަގުމަގުން ނުވަތަ ގޯޅިގޯޅިން ލަނބާލަމުންދާ ވަރުވެސް އޭނާ ފާހަގަ ކުރަމުން ދެއެވެ. މިހާރު ކާރު މިގޮތަށް ދުއްވަމުންދާތާ ފަސް މިނެޓެއްހާ އިރު ވެއްޖެއެވެ. އެވަގުތުކޮޅުގެ ތެރޭގައި ކާރު ދެ ފަހަރަކަށް ލަނބާލިކަން ފާހަގަ ކުރެވުނެވެ. އެއްފަހަރު ވާތަށެވެ. އަނެއް ފަހަރު ކަނާތް ފަރާތަށެވެ. ކަނާތް ފަރާތަށް ލަނބާލި ފަހަރު ކާރުދުއްވަން އިން ޑްރައިވަރު އޭނާގެ ކުޅަދާނަކަން ދައްކަން ވަރަށް މަސައްކަތް ކުރިއެވެ. އޭނާ ލަނބާލީ ކާރުގައި ތިބޭ މީހުންނަށް ވެސް އިޙްޞާސް ނުކުރެވޭހާ މަޑުމަޑުން ލަސްލަހުންނެވެ. ނަމަވެސް އިންދަރްޖީތަކީވެސް ހަމައާދައިގެ މަށް މީހެއްނޫނެވެ. ސީކްރެޓް ސަރވިސްގައި އެތައް ދުވަހަކު މަސައްކަތްކޮށްފައިވާ ތަޖްރިބާ ކާރެކެވެ. އެހެންވީމާ ޑްރައިވަރުގެ މި ހުޝިޔާރުކަން ވެސް އޭނާ ނޯޓިސްކުރިއެވެ. ކާރު ދުއްވަމުން ދިޔައިރު ޑާގަރް މަސައްކަތް ކުރަމުން ގެންދިޔައީ، ހުއްޓާނުލާ އިންދަރްޖީތާ ވާހަކަ ދެއްކޭތޯއެވެ. އެއީ ބޭރުން އިވޭ އަޑުތަކާއި ކާރުގެ ދަތުރާ ބެހޭގޮތުން އިންދަރްޖީތުގެ ވިސްނުން މަސައްކަތް ކުރިޔަ ނުދިނުމަށްޓަކައެވެ. އަދި އެގޮތަށް ކާރު ދަތުރުކުރާ މަގު އެއްގޮތަކަށްވެސް ފާހަގަކުރިޔަ ނުދިނުމަށްޓަކައެވެ.  އިއްތިފާޤުން ދިމާވިގޮތުން އެވަގުތު ކޮންމެވެސް ތަނަކުން ބަންގިގޮވާ އަޑުއިވިއްޖެއެވެ. ﷲއަކްބަރް..ﷲ އަކްބަރް.. އިންދަރްޖީތު ހިތްހަމަޖެހުމުގެ ނޭވާއެއްލިއެވެ. މާތް ރަސްކަލާނގެ ޙަޟްރަތުން އޭނާއަށް މަދަދު ލިބެނީއޭ އޭނާގެ ހިތަށް ވަންނަމުންނެވެ. ކާރު ފަސްމިނެޓެއްހާ އިރު ދުއްވިފަހުންވެސް ބަންގީގެ އަޑު އިވުނެވެ. އެހާތަނުން ކާރުގޮސް ކޮންމެވެސް ތިރިމަގަކަށް ލަނބާލުމާއެކު، ދުވެލި މަޑުކޮށްލައިފިއެވެ. އަދި ކޮންމެވެސް ގޭޓެއް ހުޅުވާއަޑު އިވިއްޖެއެވެ. ކާރު އެތެރެއަށް ވަދެއްޖެއެވެ. އަދި އެތެރޭގެ ވަކި ހިސާބަކަށް ގޮސްފައި ކާރު ހުއްޓާލައިފިއެވެ. ދެތިން މީހަކު ހިނގާއުޅޭ އަޑު އިވުނެވެ. ކާރުގޮސް ހުޅުވާލައިފިއެވެ.

" މިސްޓަރ އިންދަރްޖީތު...ފައިބަންނަވާ..!" ޑާގަރް ބުނި އަޑު އިވުނެވެ.

ކޮންމެވެސް މީހަކު ކުރިޔަށް ޖެހިލާފައި އިންދަރްޖީތުގެ ލޯމަތީގައި އައްސާފައިވާ ފޮތިގަނޑު މޮހާލައިފިއެވެ. ކުޑައިރުކޮޅެއް ވަންދެން އިންދަރްޖީތަށް އެއްވެސް އެއްޗެއް ނުފެނެއެވެ. ނަމަވެސް ތަންކޮޅަކަށް ހިނގާލިތަނާ، ގެއެއްގެ ފެންޑާމައްޗަށް އާދެވިއްޖެއެވެ. އެތައްއިރެއް ވަންދެން ކަނުބަނދެފައި އިނުމުގެ ސަބަބުން އިންދަރްޖީތަށް އަދިވެސް އެއްވެސް މީހަކު ވަކިކުރާކަށް ނޭނގެއެވެ. އޭނާއަށް ލަފާކުރެވޭ ގޮތުގައި އެގެއަކީ ދުވަސްވީ ބަންގްލޯއެއް ހެން ފެންނަ ކޮޓެޖެކެވެ. ޑާގަރް އެގޭގެ ދޮރުހުޅުވާލާފައި އިންދަރްޖީތު އެތެރެއަށް ވަނުމަށް އިޝާރަތްކޮށްލަމުން ބުންޏެވެ. "ވެލްކަމް" އިނިސްޕެކްޓަރް އިންދަރްޖީތު!"

އިންދަރްޖީތު ގޭތެރެއަށް ވަދެއްޖެއެވެ. އެތާނގައި ވަނީ ރަށް މޮޅަށް، އެހާމެ ބޯ ދޫލައެއް އަޅާފައެވެ. ބޭރުން އެގެ ފެންނަ އެއްވެސް މީހަކަށް ގޭގެ އެތެރޭގެ ކަންތައްތައް މިފެންނަވަރަށް ހުންނާނެއޭ ހިތަށްވެސް ނުގެނެވޭނެއެވެ. ރީތި ރަތްކުލައިގެ ދޫލައެކެވެ. ރީތި ދޮރުފޮތިތަކެކެވެ. ނުހަނު އަގުބޮޑު ފަރުނީޗަރެވެ. މަޝްހޫރު ކުރެހުންތެރިންގެ އަގުބޮޑު އަދި އޮރިޖިނަލް ކުރެހުންތަކެވެ. އިންދަރްޖީތު ކުޑައިރުކޮޅެއްވަންދެން ބަސްހުއްޓިފައި ހުންނަ ގޮތްވިއެވެ. ގޭގެ ބޮޑުކޮޓަރީގެ ތެރޭގައި ހުރި ސޯފާއެއްގައި ވަރަށް ރީތި އަންހެން ކުއްޖަކުވެސް އިނެވެ. އޭނާ އިނީ މެގަޒީނެއް ބަލަންކަމަށްވާތީ އެވަގުތު އޭނާގެ މޫނެއް ނުފެނެއެވެ.

އިށީންނަވާ! އިންދަރްޖީތު ކަލާގެ އަމިއްލަ ގެ ކަމުގައި ހީކުރައްވާ" ޑާގަރް އެއަންހެންކުއްޖާއާ ޖެހިގެން އިށީންނަމުން ބުންޏެވެ. އެވަގުތު އެއަންހެންކުއްޖާ އޭނާގެ މޫނުމަތިން މެގަޒީން ދުރަށް ޖައްސާލިއެވެ. އިންދަރްޖީތު އެއަންހެން ކުއްޖާގެ މޫނަށް ބަލާލިއެވެ. ވަރަށް ފުންކޮށް ބަލާލިއެވެ.

"އެއީ ސީމާއެވެ."!!! ޑާގަރްގެ ކައިރީގައި އިނީ ސީމާއެވެ. އިންދަރްޖީތަށް މިފެންނަ މަންޒަރު އޭނާއަށް  ޔަޤީން ނުކުރެވޭކަން ނޭއެވެ. ނަމަވެސް އެއީ ޙަޤީޤަތެވެ. އެއީ ސީމާއެވެ. ކޮޓަރީގެ ފަޔަރް ޕްލޭސްގައި ދަރުތައް އަނދަމުންދެއެވެ. އޭގެ ހުޅުގަނޑުން އެންމެންގެ މޫނަށް އަލި އެޅިފައިވެއެވެ. އިންދަރްޖީތު ހައިރާންވީ ގޮތް ނުދައްކާ ސިނގިރޭޓް ޕެކެޓެއް ޖީބުން ނަގަން އުޅުނެވެ. ހަމައެވަގުތު އެތާނގައި ހުރި މީހަކު ކުރިއަށްޖެހިލާފައި ވަރަށް ރީތިކޮށް ހަދާފައިވާ ސިނގިރޭޓް އަޅާ ފޮއްޓެއް އިންދަރްޖީތާ ދިމާއަށް ދިއްކޮށްލިއެވެ. އޭގައި އެތައް ވައްތަރެއްގެ ސިނގިރޭޓް ހުއްޓެވެ. އިންދަރްޖީތު އެފޮށީގެ ތެރެއިން ދިގު ސިނގިރޭޓެއް  ނެގިއެވެ. "ތެންކިޔޫ" އޭ ބުނެލަމުންނެވެ. އެވަގުތު އެމީހާ ލައިޓަރު ރޯކޮށްލާފައި ދިއްކޮށްލުމުން އިންދަރްޖީތު ސިނގިރޭޓް ރޯކޮށްލިއެވެ.

އިންދަރްޖީތަށް އިޙްސާސް ކުރެވުނު ގޮތުގައި މިހާރު އެކޮޓަރީގައި ތިބީ ހަމައެކަނި ތިން މީހުންނެވެ. އޭނާއާ ޑާގަރްއާއި ސީމާއެވެ. ނަމަވެސް ބޮޑު ކޮޓަރީގެ ތެރެއިން ދެވެން އޮތް، އެތާނގެ ވައަތް ފަރާތުގައިވާ ކޮޓަރިތެރޭގައި އެހެން މީހަކު ހުއްޓެވެ. އެމީހާގެ މޫނެއް ނުފެނެއެވެ. އޭނާ ހުރީ ބަޓްލަރެއްގެ ހެދުން އަޅާފައެވެ.

ޑާގަރް ސީމާގައިގައި.... ގައިގައި އަތްޖައްސާލާފައި ބުންޏެވެ. "އިންދަރްޖީތު" ކަލާ ހިއްޕަވާނީ ކޮންއެއްޗެއްތޯ؟"

"ވިސްނުންތެރިންނަށް ފިނި، ފެންތައްޓަކަށް ވުރެ ރަނގަޅު އެހެންއެއްޗެއް ނޯންނާނެ ނޫންތޯ؟" އިންދަރްޖީތު ހިނިތުންވެލާފައި ޖަވާބުދިނެވެ.

"މާބޮޑަށް ވިސްނުންތެރި ނޫން މީހުންނަށޯ؟" ޑާގަރް އަހާލިއެވެ. އޭނާ މިހާރު އިންދަރްޖީތާ ވާހަކަ ދައްކަމުން ދަނީ ރީތި ބަހުންނެވެ.

"ކަލާ ތިޔަ އިޝާރާތް ކުރެއްވީ އަޅުގަނޑަށްތޯ؟" އިންދަރްޖީތު އަހާލިއެވެ.

"ނޫން.. އަޅުގަނޑަށް..." ޑާގަރް ހީނލާފައި ބުންޏެވެ. "އެކަމަކު އެއް ވާހަކައެއް ބުނަން އަޅުގަނޑު ހަނދާން ނެތިއްޖެ..އެއީ ކަލާ މިތަނުން ދުރުވިނަމަވެސް ކަލާއަށްފަހު އެހެން އެޖެންޓެއް އަންނާނެއެއްނު..." ޑާގަރް މިހާރު އިނީ ވަރަށް ސީރިއަސްކޮންނެވެ.

ކުޑައިރުކޮޅެއްވަންދެން އިންދަރްޖީތު ހިމޭނުން އިނުމަށްފަހު ޖަވާބު ދިނެވެ. "ތިޔައީ ހަމަ ރަނގަޅު ވާހަކައެއް"

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.