ދުޝްމަން ލޯބިވެރިޔާ - 17

(17 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ނަމަވެސް އަހަރެންނަށް އެކަމުގެ އަގުލިބެން ބޭނުން" އިންދަރްޖީތު ބުންޏެވެ. އޭނާހުރީ ޑާގަރްގެ ލޮލާ ދިމާލަށް ބަލަހައްޓައިގެންނެވެ.

"ޤަބޫލު ކުރަން.. އެކަމަކު ޝަރުތަކާއެކު.. އެއީ ކަލޭ މާދަމާ ހެނދުނާ ހަމައަށް މިތަނުން ނިކުމެންގެން ދާންޖެހޭނެ" ޑާގަރް ބުންޏެވެ.

"ވިޔަފާރީގެ ވާހަކަ ދައްކާ ސޭޓް! ވިޔަފާރީގެ ވާހަކަ" އިންދަރްޖީތު ބުންޏެވެ.

"ކިތައް ރުފިޔާ"

"ކިތައް ރުފިޔާހޭ؟" ޑާގަރް ހިނލާފައި ބުންޏެވެ.

 "އަހަރެންގެ ނޯކަރުންނަށް ދޭންވެސް ރުފިޔާގެ ވާހަކައެއް އަހަރެން ނުދައްކަން..އަހަރެން ވާހަކަ ދައްކާ އުޅެނީ ޑޮލަރުން.. ބުނޭ ބޭނުމީ ކިހާ ޑޮލަރެއް؟"

"ތިރީސް ހާސް" އިންދަރްޖީތު ސިނގިރޭޓް ޕެކްޓް ނަގަމުން ބުންޏެވެ.

"އެކަމަކު ގެރެންޓީއާއިއެކު!" ޑާގަރް ބުންޏެވެ.

"ފިރިހެނުންގެ ބަހަކީ ގެރަންޓީ!"

"މިރޭ ފައިސާ ފޮނުވާ ދޭނަން އިނިސްޕެކްޓަރ!"

"އަހަރެން އިންތިޒާރު ކުރާނަން. ބަރާބަރު އަށެއް ޖަހާއިރު!"

"އެންމެ ރަނގަޅު …"

"މިރޭ ޑިނަރ އަހަރުމެންނާއެކު ނަގަންވީނު..؟"

"އެންމެ ރަނގަޅު"

  އިންދަރްޖީތުގެ ފަހަތުގައި އޭނާއާ ދިމާއަށް ފިސްތޯލަދިއްކޮށްގެން ހުރިމީހާ ފިސްތޯލަ ތިރިކޮށްލައިފިއެވެ. ހީވަނީ ޑާގަރް އޭނާއަށް އިޝާރާތެއް ކޮށްލީހެންނެވެ. ދިގުކަޝްމީރު މީހާގެ އަތުގައި އޮތް ރައިފަލްވަނީ ކުރީންވެސް ތިރިކޮށްލާފައެވެ.

އިންދަރްޖީތު އެ ކޮޓަރީން ބޭރަށް ނިކުމެއްޖެއެވެ. މިހާރު އަވިވެސް ވަރަށް ބާރެވެ. ސްނޯވއިން ފުރިފައިވާ ފަރުބަދަތަކަށް އަވިދިނުން އަދި ވަކީން އަލިގަދަކޮށް ވިދަމުންދެއެވެ. މަޑުމަޑުން ހިނގަމުންގޮސް އިންދަރްޖީތު މަތީ މަގަކަށް އަރައިފިއެވެ. އޭނާގެ އަތުގައި ރޯކޮށްފައިވާ ސިނގިރޭޓެއްއޮތެވެ. ޚިޔާލުތަކުގެ ވާދީއެއްގައި ހިނގަމުން ދަނިކޮށް އެ ޚިޔާލުތަކުން އޭނާ ވަކިކޮށްލީ އޭނާގެ ބަނޑުހައިކަމެވެ. އެ ދުވަހުގެ މެންދުރުގެ ލަންޗްވެސް އަދި ނުނަގާހުރިކަން ހަނދާން ވުމުންނެވެ. އޭނާ އެހިސާބުން އަވަސްވެގަތީ ކާއެއްޗެއް ހޯދުމަށެވެ. އަވަސް އަވަހަށް ހިނގާފައި ދިޔައީ ޕެހެލްގާމްގެ ބާޒާރަށެވެ. ކުރިމަތިން ފެންނަން ހުރި ޝާލިމާރް ހޮޓެލްގައި މިހާރުވެސް ޕޫރީއާއި ރޮށި ފަދަތަކެތި ކާންތިބި މީހުން ތިއްބެވެ. އޭނާވެސް އަވަހަށް އެތެރެއަށް ވަދެ ތަންދޫރީޗިކަންއާއި ތިންނާނު (ރޮށީގެ ބާވަތެއް)އަށް އޯޑަރުކޮށްލިއެވެ. ލަހެއްނުވެ އެއެއްޗެތި ގެނައުމުން ހުރިހާ އެއްޗެއް ހުސްކޮށްލުމަށް ފަހު ބިލް އަދާކޮށްފައި ހޮޓަލުން ނިކުމެއްޖެއެވެ.

މިހާރު ހަވީރު ތިނެއް ޖަހަނީއެވެ. ވައިވެސް ފިނިވާން ފަށައިފިއެވެ. ސާފު އަވީގެ ތެރޭގައި ފިނިވައި ލިބިގަތުމަށް ޓަކައި ވަރަށް ގިނަމީހުން މަގުމައްޗަށް ނިކުމެ އުޅެއެވެ. ކޮޓެޖްތަކާއި ހޮޓާ ހޮޓަލުގައި ތިބޭ މީހުންގެ ތެރެއިން ވެސް ގިނަ ބަޔަކު މިވަގުތު އުޅެނީ ބޭރުގައެވެ. ބައެއްމީހުން ހެނދުނުކޮޅު ތަންތަން ބަލަން ބޭރުގައި އުޅެފައި މިހާރު އެނބުރި އެމީހުންގެ ގޭގެއަށް ނުވަތަ ހޮޓާ ހޮޓަލަށް ދަނީ ކަންނޭނގެއެވެ.

އިންދަރްޖީތުވެސް ތަންކޮޅެއް ހަނިމަގަކުންލާފައި، ޓޫރިސްޓް ބަންގްލޯއާ ދިމާއަށް ދަނީއެވެ. މަގުވަނީ ވަރަށް ބޮޑަށް ގުދުގުދުލާފައެވެ. ތަންކޮޅެއް ދުރުން މަގުގެ އެއްފަރާތުގައި ކުޑަކުޑަ ބަގީޗާއެއްއޮތެވެ. އެތާނގައި ކުލަކުލައިގެ މާތައް ފޮޅިފައި ހުއްޓެވެ. އިންދަރްޖީތު ވެސް ހިނގަމުން ހިނގަމުންގޮސް އެތަނުން މަލެއް ބިނދެލިއެވެ. ވަރަށް ރީތިރީނދޫ ކުލައިގެ ކުޑަކުޑަމަލެކެވެ. އޭނާ މީގެކުރިން ދުވަހަކުވެސް އެކަހަލަ މަލެއް ނުދެކެއެވެ.

 މާ ބިނދެލައިގެން ކުރިއަށް ހިނގައިގަތްތަނާ، ކުއްލިއަކަށް އޭނާގެ ބޮލުގައި ކޮންމެވެސް އެއްޗަކުން ޖެހިއްޖެއެވެ. އެއާއިއެކު އޭނާ ބިންމައްޗަށް ވެއްޓިއްޖެއެވެ. އޭނާ ނުތެދުވިގެން އުޅެނިކޮށް އޭނާގެ ފަހަތުން ވަޅިއެއްގެ ތިލައެއް ހުޅުވިގެން ދިޔަ އަޑު އިވިއްޖެއެވެ. އިންދަރްޖީތު ފަރުވާތެރިކަމާއެކު ބިންމަތީގައި ފުރޮޅިގަތެވެ. އަދި އަވަސް އަވަހަށް އޭނާގެ ފަޓްލޫނުގެ ޖީބުން ޖަރުމަނު ސްޓީލްވަޅި ނަގައިފިއެވެ. އަދިހަމަ އެ ހިނދުކޮޅުގެތެރޭގައި އެވަޅި ވެސް ހުޅުވާލައިފިއެވެ. ވަޅި ހުޅުވުނު އިރު އިންދަރްޖީތު ވެސް ހުރީ ކޮޅަށް ތެދުވެއެވެ. އޭނާއާ ޙަމަލާދޭ މީހާ، އޭނާ އަތުގައި އޮތް ވަޅިން އިންދަރްޖީތު ގައިގައި ޖަހަން މަސައްކަތް ކުރަނީއެވެ. އިންދަރްޖީތު ކުއްލިއަކަށް ފަހަތަށް ޖެހިލިއެވެ. ފަހަތަށް ޖެހިލިތަނުން އޭނާ ވެއްޓުނީ ވަޅުގަނޑުގެ ތެރެއަށެވެ. އެއީ ވަރަށް ފުން ވަޅުގަނޑެކެވެ. އަދި އެ ވަޅުގަނޑުން އެރުމަކީވެސް މާފަސޭހަ ކަމަކަށް ނުވިއެވެ. އިންދަރްޖީތު މަތި ބަލާލިއިރު އެމީހާ އެވަޅުގަނޑާ ދިމާ މަތީގައި އެބަހުއްޓެވެ. އޭނާގެ އަތުގައި އޭރުވެސް ވަޅި އޮތެވެ. ހީވާގޮތުގައި އޭނާ ވިސްނަމުން އެދަނީ ވަޅުގަނޑު ތެރެއަށް ފުންމާލަންވީތޯ ނުވަތަ ނޫންތޯއެވެ. ނަމަވެސް އޭނާ އަށް ވަކިގޮތަކަށް ވިސްނާނުލެވިގެން އުޅެނިކޮށް އިންދަރްޖީތު ފުންމައިގެން އަރައި އެމީހާގެ ފައިގައި ހިފައިގެން ދަމާ ވަޅުގަނޑުގެ ތެރެއަށް އެމީހާ ވައްޓާލައިފިއެވެ. އިންދަރްޖީތު އެމީހާ ގަޔަށް ވަޅި ހަރާލަން ޤަސްދުކޮށްފައި މަޅައިގަތެވެ. ނަމަވެސް އެވަގުތު އިންދަރްޖީތުގެ ވަޅީގެތިލަ ވަޅުގަނޑުގެ އެއްފަރާތު ކައިރީގައިވާ ކިސަޑުގަނޑުގެ ތެރެއަށް ވަދެގެން ތާށިވާގޮތް ވެއްޖެއެވެ. އެތަންވަޅު އެމީހާއަށް ވެސް ފުރުޞަތު ލިބިގެން އިންދަރްޖީތުގެ އަތުގައި ވަރަށްބާރަށް ފައިން ޖަހައިފިއެވެ. އޭނާ ޖެހިލެއް ބާރުކަމުން އިންދަރްޖީތުގެ އަތުން ވަޅި ދޫވެގެން ވެއްޓިއްޖެއެވެ. މިހާރު އޭނާގެ އަތުގައި އެއްވެސް ކަހަލަ ހަތިޔާރެއް ނެތެވެ. އަނެއް މީހާގެ އަތުގައި މިހާރުވެސް ވަޅިއެއް އެބައޮތެވެ. އެކަތި އަނެކަތީގެ ލެޔަށް ދަހިވެތިވެފައި ތިބި ދެ ޖަނަވާރު ފަދައިން ދެމީހުންވެސް އެކަކު އަނެކަކާ ދިމާއަށް ބަލަމުންދެއެވެ. އެމީހާ އިންދަރްޖީތުގެ ގަޔަށް ވަޅި ހަރާލެވޭތޯ މަސައްކަތް ކުރިއެވެ. ތަންވަޅު ބަލާފައި އިންދަރްޖީތު ގުދުވިއެވެ. އޭނާ ހޫރާލި އެތިފަހަރު ދިޔައީ ހުހަށެވެ. ގުދުވި ބޮނޑީގައި އިންދަރްޖީތު ދެއަތް ފުރާ ކިސަޑުނެގިއެވެ. އަދި ތެދުވުމާއެކު އަނެއްމީހާގެ ދެލޮލަށާއެކު މޫނު މައްޗަށް އެ ކިސަޑުތައް ޖަހައިފިއެވެ. އެ މީހާއަށް އެނބުރުން އަރައިގެން ދިޔައެވެ. އެއްއަތުން އޭނާގެ ލޯމަތިން ކިސަޑުތައް ސާފުކުރަން ފަށައިފިއެވެ. އިންދަރްޖީތަށް ދަނޑިވަޅު ލިބިގެން ކުރިއަށް ޖެހިލާފައި އޭނާގެ ބަނޑުކޮޅުގައި ވަރަށް ބާރަށް ޖަހައިފިއެވެ. އަދިހަމަ އެ ދަނޑިވަޅުގައި އެއަށްވުރެ ތިރީގައި ވެސް ދެވަނަ ފަހަރަށް ޖަހައިފިއެވެ. އެމީހާ ވަރަށް ބާރަށް ހަޅޭއްލަވައިގެންފައި އަތުގައި އޮތް ވަޅި ވައްޓާލާފައި ތަދުވިތާނގައި ދެއަތުން ހިފަހައްޓައިގެން އިށީނދެއްޖެއެވެ. އިންދަރްޖީތު އެ ވަގުތު އެ ވަޅި ނަގާފައި އެމީހާގެ ކަނދުރާގައި ޖައްސާފައި ސުވާލުކުރިއެވެ.

"ކަލެއަކީ ކާކު؟"  އޭނާ އެއްވެސް އެއްޗެއް ނުބުނެ ހިމޭނުން އިނެވެ.

"ބުނާނީތަ... ނޫނީ ކަރަށް ވަޅި ހަރާލަންވީތަ؟" އިންދަރްޖީތު އޭނާގެ ކަނދުރާ މަތީގައި ވަޅި ކާއްތާލާފައި ބުންޏެވެ.

"އަހަރެން މިމަސައްކަތުގެ އަގު ލިބޭ.. މިއީ އަހަރެން ކާންބޯން ކުރާ މަސައްކަތް..." އޭނާ ވަރަށް ބިރުން އިނދެ ބުންޏެވެ. "ސާހިބާ... އަޅުގަނޑަކީ ހަމަ އާދައިގެ ގުންޑާއެއް...."

"އެހެންވިއްޔާ ބުނެބަލަ...އަހަރެން މަރާލަން ކަލެއަށް ފައިސާ ދިނީ ކާކު؟.." އިންދަރްޖީތު ރުޅިއައިސްފައި ސުވާލުކުރިއެވެ.

"އަޅުގަނޑު އޭނާގެ ނަމެއް ނުދަންނަން.. އެކަމަކު.. އެއީ ކާކުކަން އަޅުގަނޑު ދަންނަން..."

" އެއީ ކާކުތަ؟" އިންދަރްޖީތު އަވަސް އަވަހަށް ސުވާލުކުރިއެވެ.

"ޓޫރިސްޓް ބަންގްލޯގެ 8 ނަންބަރު ކޮޓަރީގައި ހުންނަ އިނގިރޭސި މޭމް..ސާހިބް."

"ޑޮރޮތީ؟" އިންދަރްޖީތު ކުއްލިއަކަށް ބުނެވުނެވެ.

ކުޑައިރުކޮޅެއް ފަހުން އޭނާ އެވަޅުގަނޑުން އަރައިގެން ޓޫރިސްޓް ބަންގްލޯއާ ދިމާއަށް ދާން ފަށައިފިއެވެ. އޭނާއާ ޙަމަލާދިން ގުންޑާ އެ ވަޅުގަނޑަށް ދޫކޮށްލާފައެވެ. އެވަގުތު އޭނާގެ ހިތަށް ކުއްލިއަކަށް އެރީ އޭނާ ގެއާދިމާއަށް މިދަނީ، އޭނާ ގެންގުޅުނު ޖީޕް ޕެހެލެގާމް ކްލަބް ކައިރިއަށް ދޫކޮށްލާފައިކަމެވެ. އެހެންކަމުން އޭނާ އަނެއްކާވެސް އަނބުރާލާފައި އައިކޮޅަށްގޮސް ބާޒާރުމަތިން ލާފައި ކްލަބް ކައިރިއަށް ހިނގައްޖެއެވެ. އަދި  ޖިޕަށް އަރައިގެން ޓޫރިސްޓް ބަންގްލޯއަށް އަތުވެއްޖެއެވެ.

ޓޫރިސްޓް ބަންގްލޯ ކައިރީގައި ޖީޕް ބޭއްވުމަކީ ބުއްދިވެރި ކަމެއްކަމުގައި އިންދަރްޖީތަށް ނުފެނިގެން އޭނާ ޖީޕް ބޭއްވީ ތަންކޮޅެއް ދުރުގައި އޮތް ހަނި ގޯޅިއެއްގެ ތެރޭގައެވެ. އެތާނގައި އޭނާ ޖީޕް ބޭއްވިތަން ވަނީ ވަރަށް ބޯކޮށް ހެދިފައިވާ ޕައިންޓްރީތަކުން ނިވާވެފައެވެ. ޖީޕް ބާއްވާފައި، މަޑުމަޑުން އައިސް ޓޫރިސްޓް ބަންގްލޯއަށް އޭނާ ވަނީ އެތާނގެ ފަހަތުންނެވެ. އެއީ އޭނާ ހަމަ ޤަޞްދުގައިކުރިކަމެކެވެ. އަޞްލުގައި އޭނާގެ ބޭނުމަކީ އޭނާ އެނބުރި އައިކަން ޑޮރޮތީއަށްވެސް އަދި ސީމާއަށްވެސް ނޭންގުމަށެވެ. އިންދަރްޖީތު ކޮޓަރިއަށް ވަނުމަށްފަހު އެންމެ ފުރަތަމަ ގޮވާލީ ވެއިޓަރް ޣުލާމްރަސޫލަށެވެ. އަދި ވެއިޓަރަށް އެންގީ އޭނާ މި ކޮޓަރިއަށް އެނބުރި އައިކަން އެކަކަށްވެސް  ނޭންގުމަށެވެ.

"ވަރަށް ރަނގަޅު... ސާހިބް.. ކަލާ ފިކުރު ނުކުރައްވާ.. މެންދުރު ކެއުމަށް ކަލާ ދުރުވޭތޯ ވަރަށް ބޮޑަށް ބެލިން.. މިހާރު ސައި ގެންނަންތޯ؟"

"ނޫން.. އެއްވެސް އެއްޗެއް  ބޭނުމެއްނޫން....މިހާރު އަހަރެން ބޭނުމީ އަރާމު ކޮށްލަން...."

ވެއިޓަރް ސަލާން ކުރަމުން ނުކުމެއްޖެއެވެ. އަދި އޭނާގެ ކޮޓަރީގެ ދޮރުގެ ބޭރުން ތަޅު އަޅުވާލި އަޑާއެކު ސިޑީން ތިރިއަށް ދާއަޑު އިވުނެވެ.

އިންދަރްޖީތު ކޯޓުބާލާފައި ގަމީސް ބަދަލުކޮށްލައިގެން އެނދުގައި އޮށޯތެވެ. އޭނާވަނީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ކުޑައިރުކޮޅަކު އަރާމުކޮށްލުމަކީ އޭނާ ކޮންމެހެން ބޭނުންވެފައިވާކަމެކެވެ. އެނދުގައި އޮށޯންނަމުން އޭނާ ސިނގިރޭޓެއް ރޯކޮށްލިއެވެ. އަދި ލޯމަރާލައިގެން އޮވެ ޚިޔާލުގެ ކަނޑަށް ޣަރަގުވިއެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.