ދުޝްމަން ލޯބިވެރިޔާ - 29

(29 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޓޫރިސްޓް އޮފީހުގެ ކުރިމަތީގައި އެ ޓޮޔޯޓާ ކާރު ހުއްޓާފައި  އޮތީއެވެ. ލަފާކުރެވޭގޮތުގައި ޑާގަރް އެ ކާރު ދޫކޮށްލާފައި ކޮންމެވެސް އެހެން ކާރެއްގައި ފިލީއެވެ. ކުއްލިއަކަށް އިންދަރްޖީތުގެ ފަހަތުން ކޮންމެވެސް މީހަކު ބަޑިޖަހައިފިއެވެ. އެ ބަޑީގެ އުންޑަދިޔައީ އިންދަރްޖީތުގެ ކަންފަތް ކައިރިންނެވެ. އޭނާގެ ގައިގައި ނުޖެހުނީ ހަމަކިރިޔާއެވެ. އިންދަރްޖީތު އަވަސް އަވަހަށް ޖީޕުން ފުންމާލައިގެން ބިންމަތީގައި އޮށޯވެއްޖެއެވެ. އޭނާއާ ދިމާއަށް ބަޑިޖެހީ ކުރިމަތީގައި ހުރި ފިހާރައެއްގެ ތެރެއިންނެވެ. ބަޑީގެ އަޑު އިވިގެން މީހުންތައް ފިލަން ދުވަން ފެއްޓިއެވެ. ބާޒާރުމަތީގައި މީހުންތައް ހޯބޯލަވައި ގަންނަގޮތް ވެއްޖެއެވެ. އިންދަރްޖީތު ޖީޕްގެ ނިވަލުގައި އޮވެގެން އެ ފިހާރައާ ދިމާއަށް ބަޑި ޖަހަމުން ދިޔައެވެ. އެ ފިހާރައިގެ ތެރެއިން ވެސް ބަޑިޖަހަމުން ދިޔައެވެ. އިންދަރްޖީތުގެ އަތުގައި އޮތް އެއް ފިސްތޯލައިން އުންޑަ ހުސްވުމަށްފަހު އަނެއް ފިސްތޯލަ ނަގައިފިއެވެ.

 އިރުކޮޅަކު ޖީޕްގެ ނިވަލުގައި އޮތުމަށްފަހު އިންދަރްޖީތު ދަނޑިވަޅެއް ބަލާފައި ދުވެފައިގޮސް މަގުގެ އަނެއް ފަރާތުގައި ހުރި ފިހާރައަކަށް ވަދެއްޖެއެވެ. މިހާރު އޭނާވަނީ ޑާގަރް ފިލަން ވަދެހުރި ފިހާރަވެސް ހުރި ފަތީގައި ހުރި ފިހާރައެއްގައެވެ. އެހެންކަމުން ޑާރަގްއަށް ހީކުރެވުނީ އެއީ އޭނާ ފިލަން ލިބުނު ރަނގަޅު ފުރުޞަތެއް ކަމުގައެވެ. އަދި އޭނާ ހުރި ފިހާރައިގެ ފަހަތުން ނިކުމެގެން ފިލަން ދުއްވައިގަތެވެ. ނަމަވެސް އިންދަރްޖީތު ހުރީ މިކަންތައްތައް މިހެން ވެދާނެކަން އެނގިގެން ތައްޔާރަށެވެ. ޑާގަރް ފިހާރައިގެ ފަހަތުން ނިކުމެގެން ދުއްވައިގަތުމާއެކު އިންދަރްޖީތު އޭނާގެ ފިސްތޯލަ ޖަހައިފިއެވެ. ޑާގަރްގެ ފަޔަށް އުންޑަ ވަނުމާއެކު ޑާގަރް ބިންމައްޗަށް ވެއްޓިއްޖެއެވެ. ޑާގަރް އެނބުރިފައި އިންދަރްޖީތާ ދިމާއަށް ބަޑިޖަހަން އުޅުނެވެ. ނަމަވެސް އޭނާގެ އަތުގައި އޮތް ފިސްތޯލައިން އެވަގުތުވަނީ އުންޑަ ހުސް  ވެފައެވެ.

އިންދަރްޖީތު ދުވެފައި ޑާގަރް ކައިރިއަށް ދިޔައެވެ. އޭރު ފުލުހުންގެ ހަތަރުފަސް ޖީޕެއްވެސް އެތަނަށް އަތުވެއްޖެއެވެ. ޑީ.އައި.ޖީ (ޑެޕިއުޓީ އިނިސްޕެކްޓަރް ޖެނެރަލް)އާއި އެނޫންވެސް އެތައް އިނިސްޕެކްޓަރުންނެއް ވެސް އައިސް ތިއްބެވެ. ޑާގަރް ކުރާނެ ކަމެއް ނެތި ގޮތް ހުސްވެއްޖެއެވެ. އޭނާގެ ފައިން ލޭތައް ފައިބަނީއެވެ. ކޮންސްޓެބްލުންގެ ދެ މީހަކު ޑާގަރް ނަގައިގަނެގެން ގެންގޮސް ފުލުހުންގެ ޖީޕަކަށް ލައިފިއެވެ.

 އިންދަރްޖީތު އެވަގުތު ފުލުހުންނަށް އެންގީ ވިހާ އަވަހަކަށް ޗަންދަންވާޅީއަށް ދާން އޮތް މަގާ ދިމާއަށް ދިޔުމަށެވެ. އަދި އޭނާ މިއައީ އެތާނގައި ހުންނަ ފެކްޓަރީގައި ރޯކޮށްލާފައި ކަމެވެ. އެތަނުން ވަރަށް ގިނަ މީހުން ސަލާމަތްވެގެން ނިކުންނަން މަސައްކަތް ކުރަމުންދާތީ އެތަނަށް ދިޔުމަށް ބޭނުންވެފައިވާކަމެވެ.

މިހާރު ޕެހެލްގާމްގެ ހުރިހާ ފުލުހުންވަނީ، ޑާގަރްގެ ފެކްޓަރީ ވަށާލާފައެވެ. އަދި މުޅި ދުނިޔެއަށް މަޝްހޫރު ޑްރަގް އުފައްދާ އަދި ސްމަގްލް ކުރާ ޑާގަރްއާއި އޭނާގެ ބައިވެރިން ވަނީ ފުލުހުންގެ އަތް ދަށުގައި ހައްޔަރުވެފައެވެ.

އެގާރަ 

އިންދަރްޖީތު ޕެހެލްގާމްގެ ޓޫރިސްޓް ބަންގްލޯ އަށްދާން މައްޗަށް އަރަން އޮތް މަގުން ހިނގާލާފައި ދަނީއެވެ. އޭރު އޭނާގެ ހިތަށް އަރަމުންދަނީ ޑާގަރްގެ ގޭގުންގެ ބައެއްމީހުން ފިލައިގެން ގޮސްފައި ވާނޭ ކަމަށާއި އެމީހުން އޭނާއާ ޙަމަލާއެއް ދީފާނޭކަމުގައެވެ. އަދި އެމީހުން އޭނާ ދުނިޔޭގައި ހުއްޓަނުދޭން މަސައްކަތް ކުރާނޭކަމަށާއި، އެހެންވީމާ ދެން އޭނާ ޓުއަރިސްޓް ބަންގްލޯގައި ހުރުމަކީ ރައްކާތެރިކަމެއް ނޫން ކަމުގައެވެ. އެހެން ކަމުން އޭނާ ގަސްދުކުރީ ވީހާ އަވަހަކަށް އަދި އެންމެ ލަސްވެގެން ވެސް މިރޭ އެތަނުން ދިޔުމަށެވެ.

އެކަހަލަ ޚިޔާލުތަކެއްގައި ހިނގަމުންގޮސް ޓޫރިސްޓް ބަންގްލޯ ކައިރިއަށް ދެވުނުތަނާ އޭނާއަށް ފެނުނީ ސީމާއެވެ. އޭނާގެ ކުޑަދަރިފުޅާއެކު އެވަގުތު ސީމާ ހުރީ އެމީހުންގެ ކޮޓެޖްގެ ފެންޑާމަތީގައެވެ. އަދި އެމީހުންގެ ފޮށްޓާއި ބައެއްސާމާނު ކޮޓެޖުން ނެރެ ދޮރުމަތީގައި ބަހައްޓާފައި ހުއްޓެވެ. އަދި އިންދަރްޖީތު ޓޫރިސްޓް ބަންގްލޯއަށް ދަމުން އެ ގެދޮށަށް ހުއްޓިލިއެވެ. އަދި ސީމާއާ ދިމާއަށް ބަލާލާފައި ސުވާލުކޮށްލިއެވެ.

"ކޮންތާކަށް ދާން ތައްޔާރުވަނީ؟"

"އަޅުގަނޑު ޕެހެލްގާމް ދޫކޮށްލާފައި ދަނީ!"

" ކޮން އިރަކުން؟"

"ހަމަ މިހާރު"

"ކީއްވެގެން"

"މިހާރު މިތާ އުޅޭހިތެއްނުވަނީ" އެހެންބުނިއިރު ސީމާގެ ލޮލުން ކަރުތައް ފައިބަން ފަށައިފިއެވެ. އޭނާ ލައިގެންހުރީ ވައިޓް ކުލައިގެ ސާޅީއެކެވެ. އޭނާ އިސްތަށިގަނޑުވަނީ ކަނދުރާ މައްޗަށް ވައްޓާލާފައެވެ. އަދި ކަރުނުން ފުރިފައިވާ ދެ ލޮލާއެކު އޭނާގެ މޫނުމަތިން އެވަގުތު ފާޅުވަމުންދަނީ އެނާގެ ހިތަށް ލިބެމުންދާ ވޭނާއި ތަދުގެ އަސަރުތަކެވެ. އިންދަރްޖީތަށް ވެސް އެވަގުތު އަސަރުތަކެއް ކުރަމުން ދިޔައެވެ. އޭނާ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ ލޯބި މިހިރީ އޭނާގެ ކުރިމަތީގައެވެ. ނުލާހިކު ހިތްދަތިކަމާއި އެކުގައެވެ. އޭނާގެ ހިތްހަމަޖައްސާލަދޭ ހިތްވިއެވެ. އޭނާއަށް ހަމްދަރުދީ ވެދޭ ހިތްވިއެވެ. ނަމަވެސް އިންދަރްޖީތު އޭނާގެ އިޙްސާސްތައް ކޮންޓްރޯލް ކުރިއެވެ.

ސީމާ ފެންޑާމަތިން ބޭރަށް ހިނގާފާއި އައިސް އިންދަރްޖީތު ކައިރިއަށް ހުއްޓުނެވެ.

"އަޅުގަނޑު... އަޅުގަނޑު... އަޅުގަނޑުގެ ފިރިމީހާ ގާތުން ވަރިވަނީ..."

"ކީއްވެގެން؟"

"އޭނާކޮށް އުޅެނީ ކޮންކަހަލަ މަސައްކަތެއްކަމެއް ކުރިން އެއްގޮތަކަށް ވެސް އަޅުގަނޑަކަށް ނޭނގެ. އަޅުގަނޑުގެ މައިން ބަފައިން، އަޅުގަނޑު ކަލާއާ އިންނަން ޤަބޫލުނުވެ، އޭނާއާ ދެވީ އޭނާއަކީ މިލިޔަނަރެކޭ ހީކޮށްގެން، އީމާންތެރިކަމާއެކު މަސައްކަތްކުރާ މީހުންނަށް މިލިޔަނަރުންނަށް ނުވެވޭނެކަން މިހާރު އަޅުގަނޑަށް އެނގިއްޖެ.

ކޮންމެ މިލިޔަނަރެއްގެ ވިޔަފާރީގެ ފަހަތުގައި، ޢާއްމުންނަށް އެއްގޮތަކަށް ވެސް ނޭނގޭކަހަލަ ނުބައިކަމާއި ބޭއީމާންތެރިކަމުގެ ދިގުވާހަކައެއް އޮންނާނެކަން އަޅުގަނޑަށް މިއަދު ޔަޤީންވެއްޖެ."

"ދެން މިހާރު ކަލޭ ކުރަން ޤަސްދުކުރަނީ ކޮންކަމެއް؟" އިންދަރްޖީތުގެ ހިތުގައި އުފެދެމުންދާ ހަމްދަރްދީގެ ޝުޢޫރުތައް އޭނާގެ ކޮންޓްރޯލުން ނައްޓާލަން އުޅެނީއެވެ.

"އަޅުގަނޑު މިހާރު މިދަނީ ދިއްލީއަށް. އަޅުގަނޑު ޤަސްދުކޮށްގެން މިއުޅެނީ އެތަނަށް ގޮސް ކޮންމެވެސް ސްކޫލެއްގެ ވަޒީފާއެއް ހޯދަން. އަދި ދަރިފުޅު ގޮވައިގެން އުޅެން ފަށަން. އަޅުގަނޑުގެ ނަސީބުގައި ކަލާއާ ގުޅެވޭކަށް ނެތް. އެހެންނޫންނަމަ....... އެހެން ނޫންނަމަ..." ސީމާ އަޑު ބެދިގެން ދިޔައެވެ.

އެހެނަސް އަޅުގަނޑު ދިއްލީގައި ކަލާއަށްޓަކައި އިންތިޒާރު ކުރާނަން..." އޭނާއަށް ބުނެވުނީ މިހާވަރަށެވެ. އޭނާއަށް ރޮވިއްޖެއެވެ. ލޮލުން ފައިބާ ކަރުނަތައް ހިފެހެއްޓޭތޯ މަސައްކަތް ކުރަމުން އޭނާ އެނބުރިލާފައި އަވަސް އަވަހަށް ކޮޓެޖްތެރެއަށް ވަދެގެން ހިނގައްޖެއެވެ.

އިންދަރްޖީތު އިސްޖަހާލައިގެން ހުރެ ޓޫރިސްޓް ބަންގްލޯއާ ދިމާއަށް ހިނގައިގަތެވެ. އޭނާއަށް ފިނިނޭވާއެއް ލެވުނެވެ. ފިކުރާއި ޚިޔާލުގެ ހަލަބޮލި ކަނޑަކަށް އޭނާ ޣަރަޤުވެގެން ދިޔަކަހަލައެވެ.

"ދިރި އުޅުމަކީ މިކަހަލަ އެއްޗެކެވެ. އެމީހަކު ބައްދަލު ވާން ބޭނުންމީހަކާ އެމީހަކަށް ބައްދަލެއް ނުވެވެއެވެ. އެމީހަކާ ބައްދަލުވުމަށް ޚިޔަލުވެސް ނުކުރާ މީހަކާ ބައްދަލުވާގޮތް ދިމާވެއެވެ. އަދި އެމީހަކާއެކު މުޅި ދިރިއުޅުން ވޭތުކުރާތަންވެސް އެބައާދެއެވެ. ނަމަވެސް މިއަދު ސީމާއަށް ޓަކައި އަހަރެންނަށް ކޮށްދެވޭނީވެސް ކޮންކަމެއް ހެއްޔެވެ؟

ކުރިން ސީމާ އަހަރެންނާ ކައިވެނި ކުރިނަމަ އަހަރެން މިވަޒީފާއެއްވެސް ނުހޯދީމުހެވެ. ނަމަވެސް މިހާރު މި ވަޒީފާގައި އުޅެމުން އަހަރެން ކައިވެންޏާއިމެދު ޚިޔާލުކުރާނީވެސް ކިހިނެއް ހެއްޔެވެ؟ މި ވަޒީފާގައި ކޮންމެ ހިނދުކޮޅަކީވެސް މަރުގެ ތުންފަތްމަތީގައި، ފުރާނަ ހިނގައިދާނެކަމުގެ ބިރުގައި ހުންނަންޖެހޭ ވަޒީފާއެކެވެ. މި ވަޒީފާގައި އުޅޭ މިހުންގެ ހަޔާތަށް އަންހެނުން އައިސް އުޅޭނެއެވެ. ނަމަވެސް އެއީ ދިރިއުޅުމަކަށް ނޫނެވެ. ހިނދުކޮޅެއްގެ ފޫހިފިލުވާލުމަށް ޓަކައެވެ. އިރުކޮޅެއްގެ ތެރޭގައި އެމީހުން ވަކިވެދާނެއެވެ. ފިސްތޯލައެއްގެ އުންޑައިން ކަން ނޭނގެއެވެ. ވާހަކަ އެހިސާބުން ނިމުނީއެވެ.  އިންދަރްޖީތު ހިތަށް އަރަމުން ދިޔައެވެ."

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.