(7 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ހަމަ އެ ހިނިތުންވުމެވެ. ހަމަ އެ ހިމޭންކަމެވެ. ހުރިހާ ކަމެއްވެސް ހަމަ އެގޮތުގައެވެ. ހަމައެކަނި މިދެމެދުގައި ފަސްއަހަރު ވެދާނެކަމެވެ.
" ކަލާ ދުރުވާނެކަން އަޅުގަނޑަށް އެނގޭ އަޅުގަނޑަށް ޔަޤީން ކުރެވޭ. އަޅުގަނޑަށް ބޮޑުކަމެއް ދިމާވެގެން އުޅޭއިރު ކަލާ ދުރުވެ ހުންނަވާނެކަން..." ސީމާގެ އަޑުގައި އެތައް ވާހަކަ ތަކެއް ހިމެނިގެންދިޔައެވެ. ޚުދު އޭނާއަށްވެސް އެވާހަކަތަކެއް ނޭނގެއެވެ. އޭނާ ބުނަންވީ ކީކޭ ކަމެއް އަދި މިބުނެވެނީ ކީކޭ ކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ.
އިންދަރްޖީތު ޖީބުން ޑަންހިލް ސިނގިރޭޓް ޕެކެޓެއް ނަގާފައި، ސިނގިރޭޓެއް ރޯކޮށްލިއެވެ. " މައްސަލައަކީ ކަލޭގެ ފިރިމީހާ ކިޑްނެޕް ކުރުންދޯ!" އިންދަރްޖީތު އެއްޗެއް ވިސްނަން އިނދެފައި ބުނެލިއެވެ." މިހާރު ހުރިހާ ވާހަކައެއް ސާފު ސާފުކޮށް އަހަރެންނަށް ކިޔާދީބަލަ ..."
" އަޅުގަނޑުގެ ފިރިމީހާ އަގަރވާލް ނުފެންނަތާ މިހާރު ހަތަރު އަހަރުވެއްޖެ. އަބަދުވެސް ރޭގަނޑުގެ ކެއުމަށްފަހު އޭނާ ކުޑައިރު ކޮޅަކު ހިނގާލަން ބޭރަށް ނުކުންނާނެ. މީގެ ހަތަރު ފަސް ރެއެއް ކުރިން އޭނާ އެގޮތަށް ހިނގާލަން މަގުމައްޗަށް ނުކުމެފައި އެނބުރިއެއް ނާދޭ.." ސީމާ ބުންޏެވެ.
" ނަމަވެސް އޭނާ އެނބުރި ނައީމާ އެއީ ކިޑްނެޕް ކުރީ ކަމަށްވީ ކީއްވެގެން؟" އިންދަރްޖީތު ސިނގިރޭޓްގެ ކިޝްއެއް ދަމާލާފައި ބުންޏެވެ." އޭނާ ކޮންމެވެސް ތަނަކަށް ދިޔައީ ކަމަށްވެސް ވެދާނެއެއްނު... އަދި ފަހަރެއްގައި ކަލާއާ ދެމެދުގައި ކޮންމެވެސް ކަމަކާ ދޭތެރޭ ހަމަނުޖެހުމެއް ހިނގައިގެން ދިޔައީކަމަށްވެސް ވެދާނެއެއްނު!" "ނޫން... ސީމާ ކުޑަކޮށް ވިސްނައިލާފައި ބުންޏެވެ." " އެހެނެއްނޫން.. އެއްގޮތަކަށްވެސް އެހެނެއްނޫން..."
" ކަލޭމެން ޕެހެލަގާމަށް އައީ ކޮންއިރަކު؟" " ގާތްގަނޑަކަށް ދެ މަސްދުވަސް ވެދާނެ މިތަނަށް އައީ މާރޗްމަހުގައި.." " ކަލޭގެ ފިރިމީހާ ކުރަނީ ކޮންކަހަލަ މަސައްކަތެއް؟"" އޭނާއަކީ ބިޒިނަސް ކުރާމީހެއް ދިއްލީގައި އޭނާގެ ފިހާރައެއް ހުރޭ!"
" ކޮންކަހަލަ އެއްޗެއް ވިއްކާ ފިހާރައެއް؟ އިންދަރްޖީތު ސުވާލު ކުރިއެވެ."ކޮފީއެއް ބައްލަވާނަންތޯ؟! ސީމާ ކޮފީ ތައްޓެއް އިންދަރްޖީތު އަތަށް ދިއްކޮށްލަމުން ބުނެލިއެވެ. އިންދަރްޖީތު ކޮފީތަށީގައި ހިފިވަގުތު އޭނާގެ އިނގިލިތައް ސީމާގެ އިނގިލިތަކުގައި ބީހިލިއެވެ. އެވަގުތު ހިނދުކޮޅަކަށްޓަކައި އޭނާގެ ޢުމުރުން ފަސްއަހަރު މަދުވެގެން ދިޔައެވެ. ކޮފީތަށި ބޯންފެށުމާއެކު އިންދަރްޖީތު ބުންޏެވެ. "ސީމާ ކަލޭ އަހަރެންގެ ސުވާލުތަކަށް ޖަވާބެއް ނުދެމެއްނު؟ ކަލޭ ފިރިމީހާ ކުރަނީ ކޮންއެއްޗެއްގެ ވިޔަފާރިއެއްތަ؟"
" އޭނާ... އޭނާ.. އޭނާގެ އެތައް ފިހާރައެއް ހުރޭ އަދި އޭނާގެ އެތައް ވައްތަރެއްގެ ތަކެތީގެ ވިޔަފާރިކުރޭ" ސީމާ ހިސާބަކަށް ކަންބޮޑުވާގޮތް ވެފައިވާތީ އިންދަރްޖީތަށް އިޙްސާސް ކުރެވުނެވެ." ސީމާ ރަނގަޅަށް ވިސްނާލާ ކަލޭ އަހަރެން އަންނަން އެންގީ ކަލެއަށް ދިމާވެގެން އުޅޭ ނުހަނު ބޮޑުކަމެއްގައި ކަލެއަށް އެހީ ވެދިނުމަށް. އެހެންވީމާ އަހަރެންނަށް ކަމެއް ކޮށްދެވޭނީ އަހަންނަށް ހުރިހާ ވާހަކައެއް ސާފު ސާފުކޮށް އެނގިގެންނެއްނު!އިންދަރްޖީތު ބުންޏެވެ.
" އަސްލުގައި... އަސްލުގައި .. އިންދަރް... އަހަރެން ފިރިމީހާއަކީ ފުލުހުންގެ ބްލެކް ލިސްޓުގައި އޮންނަ މީހެއް..!" މާނައަކީ ވަރަށް ގިނަގިނައިން އޭރު ފުލުސް ސްޓޭޝަނަށް ގެންދެއޭ އަދި އެއްފަހަރަކު ދެފަހަރަކު ޕޮލިސް އިންސްޕެކްޓަރުން މިގެއަށް އައިސް ގޮސްފައިވޭ" ސީމާ މިހާރު ހުރިހާ ވާހަކައެއް ކިޔާދޭން ތައްޔާރުވެއްޖެއެވެ.
" މިތާނގައި އެހެން މީހެއް ނޫޅޭތަ؟ އަހަރެން މިބުނީ މިގޭގައި ކަލޭމެންގެ ދެމަފިރިން ނޫނީ ދެން އުޅެނީ ކޮންކޮން މީހުންނެއްހޭ؟" އެހެން މީހަކު ނޫޅޭނެ.. މިގޭގައި އުޅެނީ އަޅުގަނޑާއި އަޅުގަނޑުގެ ފިރިމީހާ އެކަނި އަދި މަސައްކަތް ކުރަން އުޅޭ ކުޑަ ފިރިހެން ކުއްޖަކު އުޅޭ.. އޭނާ މިހާރުވީ ބާޒާރަށް ގޮސް..." ދެން އެނިމުނީ؟ " އާނ.. ހަމައެކަނި އަޅުގަނޑުމެންގެ ދެމަފިރިން ދެން މިބުނާ މަސައްކަތްކުރަން އުޅޭ ކުއްޖާ.. ބަގީޗާ ބަލަހައްޓަން އަންނަ މާލީ ކޮންމެ ދުވަހަކުވެސް ދުވާލު މަސައްކަތް ކުރަން އުޅެފައި ހަވީރު ގެއަށް ދަނީ" އެހެން ގޮތަކަށް ބުނާނަމަ މިހާރު ކަލޭގެ ފިރިމީހާ ކިޑްނެޕް ކުރިފަހުން ކަލޭ ގޭގައި އުޅެމުން ތިދަނީ ގާތްގަނޑަކަށް މުޅިން އެކަނިދޯ؟" " ލައްބަ"
" ކަލޭވެސް ކޮންމެވެސް އިރަކުން ކިޑްނެޕްކޮށްފާނެ ކަން ކަލެއަށް އިނގޭތަ؟"
" ތިޔަ ބުނުއްވި އެއްޗެއްގެ މާނައަކީ ކީކޭތޯ؟ " ސީދާ ސާދާ ބަހުން މިބުނީ".... ކަލޭގެ ފިރިމީހާ މިހާރުވަނީ ގެއްލިފައި ގޭގައި ކަލޭ ތިޔަ އުޅެނީ މުޅީން އެކަނި ކަލޭމެންގެ ދުޝްމަން މީހާ " އެއީ ކޮންމެ މީހެއް ކަމުގައި ވިޔަސް، އޭނާ އަށް އެންމެ ފުރަތަމަ ލިބޭ ފުރުޞަތެއްގައި ކަލޭވެސް ގެންގޮސްފާނެއޭ..... "
" އެންމެހެންވީމާ އަޅުގަނޑު ކުރަންވީ ކީއްތޯ؟ " ސީމާ ދެރަވެލާފައި ސުވާލުކޮށްލިއެވެ. " ފުރަތަމަ ކަމަކަށް ކުރަންވީ ކަމަކީ' ކަލޭގެ ފިރިމީހާ ގެއްލުމާއި އެކު ހަމަ ވަގުތުން އެކަން ފުލުހުންނަށް އެންގުން.. އިންދަރްޖީތު ކޮފީ ތަށި މޭޒުމަތީގައި ބަހައްޓަމުން ބުންޏެވެ. ނަމަވެސް އެވާހަކަ ފުލުހުންނަށް އެންގުމުން ބަދުނާމު ލިބުމުގެ ބިރު ވަރަށް ބޮޑެވެ." ބަދުނާމުވުން.....ބަދުނާމުވުން.. ބާއްވާ ފުރަތަމަ މީހާގެ ސަލާމަތް ހޯދާ. އެހެން ނޫނީ ތިޔަ ހުރިހާ ވާހަކަތައްވެސް ވަނީ މޮޔަވާހަކަތަކަކަށް...؟ އިންދަރްޖީތު ކުޑަކޮށް ނުރުހޭ ގޮތް ދައްކާލާފައި ބުންޏެވެ. " އެކަމަކު ..... ފަހަރެއްގައި މިބާވަތުގެ ކަމެއް ދިމާވި ނަމަވެސް އަޅުގަނޑު އެކަން ފުލުހުންނަށް ނޭންގުމަށް އޭނާ ވަނީ އަޅުގަނޑު ގާތުގައި ބުނެފައެވެ. އަދި ފުލުހުންނަށް އަންގައިފިނަމަ އިތުރު ކަންތައްތަކާއި ކުރިމަތިލާންޖެހިދާނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.... ސީމާގެ އަޑުގައި ވަނީ ބިރުގަތުމުގެ އަސަރެވެ. އެންމެ ރަނގަޅު މިހާރު ތިޔަ ކަންތައް އަހަރެންނަށް ވިސްނިއްޖެ. އެހެންނަމަވެސް ކަލޭ މިގޭގައި އެކަނިމާއެކަނި އުޅޭކަށް އެއީ އަހަރެންނަށް އެއްގޮތަކަށްވެސް ނުވިސްނޭ ކަމެވެ. އަހަރެންނަށް ހީވާ ގޮތުގައި ކަލޭގެ މުޅި ޙަޔާތުގައިވެސް މިއަށްވުރެ މޮޔަކަމެއް ވެސްކޮށް އޮންނާނެ ކަމެއް ނޭނގެ"
އެންމެ ރަނގަޅު... މިއަދު ކަލެއަށް އަޅުގަނޑު ދިމާއަށް މޮޔައެކޭވެސް ބުނެވިދާނެ. ކޮންމެ އެއްޗެކޭވެސް ބުނެވިދާނެ. އަޅުގަނޑަށް ހަމައެއްވެސް އެއްޗެއް ނުބުނެވޭނެ. އަޅުގަނޑު މިވަނީ މަޖްބޫރުވެފައި. ކުރާނެ ކަމެއް ނޭނގިފައި. އަޅާލާނެ މީހެއް ވެސް ނެތިފައި." ސީމާ ތިންވަނަ ފަހަރަށް ރޯން ފެށުމަށް ތައްޔާރުވަނީ ކަން ނޭނގެއެވެ. އިންދަރްޖީތު ހީނގެންފިއެވެ. އަހަރެން އެހެން ބުނުމުގެ މަޤްސަދަކީ ތިޔައެއް ނޫން... އަހަރެން އެހެން ބުނުމުގެ ބޭނުމަކީ، މިކަހަލަ ބިރުވެރި ދަނޑިވަޅެއްގައި ކަލޭ ވަރަށް ބޮޑަށް ރައްކައުތެރިވާން ޖެހޭނެއޭ ބުނުން. އަނެއް ބޭނުމަކީ މިރޭ ކޮންމެވެސް ގޮތެއްގައި ޕެހެލްގާމްގައި ކަލޭ ހޭދަ ކުރި ނަމަވެސް މާދަމާ އަވަހަށް ކަލޭ މިތަނުން އެހެންތާކަށް ދާން ނަޞޭހަތްތެރިވުން .. ދެން ކުރައްވީ ކަންތައްތައް އަހަރެން ބަލަހައްޓާނަން.." އިންދަރްޖީތު ގޮނޑިން ތެދުވަމުން ބުންޏެވެ.
އެކަމަކު ... މިރޭ... އަޅުގަނޑަކަށްވެސް ނޭނގެ މިއަދުއްސުރެ އަޅުގަނޑު މިހުންނަނީ ވަރަށް ބޮޑަށް ބިރުގެންފައި.... ކަލާ ތިޔަ ދެއްކި ވާހަކަ ތަކުން އަޅުގަނޑު އަދި މާބޮޑަށް ބިރުގެންފި... ކަލާ ... ކަލާއަށް ... މިރޭ މިގޭގައި މަޑުކޮށެއް ނުލެވޭނެތޯ! " ނޫން... އެއްގޮތަކަށް ވެސް ނުވެވޭނެ...." އިންދަރްޖީތު ވަރަށް ފައިޞަލާ ކުރަނިވި ގޮތަކަށް ބުނެލިއެވެ."
(ނުނިމޭ)