(20 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އޭނާ ކުރިން ބުނަމުން ދިޔައީ އަހަރެންނާ ނުލާ ދިރި ނޫޅެވޭނެކަމަށެވެ. އަދި މިހާރު އެބުނަނީ އަހަރެން މަރާލުމަށް އޭނާއަށް މަޖްބޫރުވެފައިވާ ކަމަށެވެ. މާތްރަސްކަލާނގެ ކުޅަދުންވަންތައެވެ." އިންދަރްޖީތު ހިތަށް އަރަމުންދެއެވެ. "ޕެހެލްގާމްގައި ތިބި އޭނާ ދަންނަ އެންމެ ދެ އަންހެން ކުދީންނެވެ. އެ ދެ ކުދީންވެސްވަނީ އޭނާގެ ފުރާނައަށް ދަހިވެތިވެފައެވެ. ދެން އޭގެއިތުރުން ޕެހެލްގާމްއިން އޭނާއަށް އެނގެނީ އެންމެ މީހެކެވެ. އެއީ އޭނާގެ ދުޝްމަނެކެވެ. ޑާގަރްއެވެ. މިހާރު އޭނާ އެދަނީ ޑާގަރްއާއެކު ރޭގަނޑުގެ ޑިނަރަށެވެ. މިހާރު އޭނާ އިތުބާރު ކުރަންވީ މިތަނުން ކާކަށްބާވައެވެ..؟ "
ކުރިއަށް ހިނގައިގަންނަމުން އިންދަރްޖީތު ޑޮރޮތީއާ ދިމާއަށް ބުންޏެވެ. "ޑިނަރު ނިމިގެން ލަހެއްނުވެ އަންނާނަން... އިންތިޒާރު ކުރައްވާތި!."
ފްލެޓް ހެޓެއް އަޅައިގެން އިންމީހަކު، ލައުންޖްގައި، އިންދަރްޖީތުގެ އިންތިޒާރުގައި އިށީނދެލައިގެން އިނެވެ. އޭނާގެ ވެސް ވަރަށް ވަރުގަދަ މަތިމަހެއް ހުއްޓެވެ. އިންދަރްޖީތު ފެނުމާއެކު އޭނާ ތެދުވެގެން އިންދަރްޖީތުގެ ކައިރިއަށް އަތުވެއްޖެއެވެ.
"މިސްޓަރ ޑާގަރް ކަލާގެ އިންތިޒާރުގައި އެބައިންނެވި.." އެމީހާ ބުންޏެވެ. "ކަލާ ބަލާ ދުރުވީ ޚުދު އޭނާ.. ބޭރުގައި ކާރުގައި އޭނާ އެބައިންނެވި.."
ފެންޑާއިން ބޭރަށް ނިކުމެ މަގުމައްޗަށް ފައިބަން އޮތް ސިޑީން އިންދަރްޖީތާއި އެމީހާ ތިރިއަށް ފައިބަން ފަށައިފިއެވެ.
"އެކްސްކިޔޫޒް މީ" ސިޑިން މައްޗަށް އަރަމުން އައިމީހަކު ބުނެލިއެވެ. އަދި ހުއްޓިލާފައި ބުންޏެވެ. "ކަލާ އަތުގައި އަލިފާން ފޮށްޓެއް އެބައޮތްތޯ؟"
އިންދަރްޖީތު ޖީބުން ލައިޓަރު ނަގާފައި އެމީހާގެ ތުނބުގައި ހުރި ސިނގިރޭޓް ރޯކޮށްދޭން އުޅުނެވެ. ނަމަވެސް އެތައް ފަހަރަކު ފިތާފިތާވެސް ލައިޓަރު ދިއްލޭގޮތެއް ނުވިއެވެ. އެތަންވަޅު އިންދަރްޖީތު އަތުގައިއޮތް ސިނގިރޭޓް އޭނާގެ އަތަށް ދިއްކޮށްލާފައި ބުންޏެވެ. "މާފުކުރައްވާ...ފަހަރެއްގައި އަޅުގަނޑުގެ ލައިޓަރުން ގޭސް ހުސްވީކަމަށް ވެދާނެ.. މި ސިނގިރޭޓުން ކަލާގެ ސިނގިރޭޓް ރޯކޮށްލާ!"
އެމީހާ އިންދަރްޖީތު ސިނގިރޭޓް އަތުލާފައި، އޭނާގެ ތުނބުގައި ހުރި ސިނގިރޭޓް ރޯކޮށްލިއެވެ. އަދި އިންދަރްޖީތުގެ ސިނގިރޭޓް އަނބުރާ އޭނާ އަތަށް ދެމުން ބުންޏެވެ. "ކަލާ ބައްލަވަނީ ކޮންކަހަލަ ސިނގިރޭޓެއްތޯ؟.. އެ ސިނގިރޭޓުން ހާދަ މީރުވަހެއް ދުވައޭ..!"
"އަޅުގަނޑު ޢާއްމުގޮތެއްގައި ބޮނީ ޑަންހިލް..." އިންދަރްޖީތު ބުންޏެވެ. އޭރު އޭނާއާއެކުގައި ޑާގަރްގެ މީހާ ތިރިއަށް ހިނގައްޖެއެވެ. އަނެއްމީހާއާ ދެމީހުންނަށް ހުއްޓެވިފައި މިތިބީ ސިޑީގެ މެދެއްހާ ހިސާބުގައެވެ.
"ކަލާ ތިޔަ ބައްލަވާ ސިނގިރޭޓަކީ ވަރަށް ރަނގަޅު ބްރޭންޑެއްގެ ސިނގިރޭޓެއް.. ވަރަށް މީރުވަސް ދުވާ.. މީރުވަސް ދުވާ އެއްޗެތީގެ އެންމެކުޑަމިނުން ވަސްގަތުމަކީ ބޭނުންކަމެއް.. ކަލާ ތިޔަ ސިނގިރޭޓް އަޅުގަނޑަށް ދެއްވަފާނުތޯ؟ ވަސް ގަނެލުމަށްޓަކައި..؟" އެމީހާ އިންދަރްޖީތާ ދިމާއަށް ބަލަންހުރެ ބުންޏެވެ.
އިންދަރްޖީތު ޙައިރާންވެގެން ދިޔައެވެ. ނަމަވެސް އޭނާ އެކަން ފާޅުނުވެވޭތޯ މަސައްކަތް ކުރިއެވެ. މިއީ އޭނާގެ ކުރީގެ އެޖެންޓްގެ ޚާއްޞަކޯރޑް ވޯރޑް އޭނާއަށް ޕެހެލްގާމުން އިވުނު ދެވަނަ ފަހަރެވެ. ނަމަވެސް މިހާރު އޭނާގެ ހިތުގައި މިކޯރޑް ވޯރޑާމެދު ވެސްވަނީ ޝައްކު އުފެއްދިފައެވެ. އިންދަރްޖީތު ބުނެލިއެވެ.
"ކަލާ ބައްލަވަނީ ކޮންކަހަލަ ސިނގިރޭޓެއްތޯ؟"
"އަޅުގަނޑު ބޮނީ ޕްލެޔަރޒް ނަންބަރް ތިރީ" އޭނާ ޖަވާބު ދިނެވެ.
"ޕްލެޔާރޒް ނަންބަރްވަންއާއި ނަންބަރްޓޫއާ ބެހޭގޮތުން ކަލާ އެއްވެސް އެއްޗެއް ބުނުއްވާ ދެއްވަފާނުތޯ؟" އިންދަރްޖީތު އަހާލިއެވެ.
"ޕްލެޔާރޒް ނަންބަރު ވަން ލިބޭނީ ބޮމްބޭގެ ކަމްބާލާ ހިލްއިން އަދި ޕްލެޔާރޒް ޓޫ ސިރީނަގަރުގެ ޑިލްގާޓުން.." އޭނާ އަދިވެސް ހުރީ އިންދަރްޖީތާ ދިމާއަށް ބަލާށެވެ. އިންދަރްޖީތުވެސް ވަރަށް ފަރުވާތެރިކަމާއެކު އޭނާއާ ދިމާއަށް ބަލަމުން ދިޔައެވެ.
ތިރީގައި ހުރި ޑާގަރްގެ މީހާ މިހާރު ކުޑަކޮށް ފޫހިވާގޮތްވެއްޖެ ކަހަލައެވެ. އިންދަރްޖީތަށް އެކަން ވިސްނިގެން އޭނާއާ ދިމާއަށް ބަލާލާފައި ބުންޏެވެ. "ކަލާ މަޑުމަޑުން ކާރާ ދިމާއަށް ދުރުވޭ. އަޅުގަނޑު ވެސް މިނެޓެއްހާ އިރުތެރޭ މިއަންނަނީ...." އެމީހާ ކާރާދިމާއަށް ހިނގައިގެންފިއެވެ.
އިންދަރްޖީތު އަނެއްކާވެސް ސިނގިރޭޓް ބޯ މީހާއާ ދިމާއަށް ބަލާލާފައި ސުވާލު ކޮށްލިއެވެ.
"އައިޑެންޓިޓީ ނަންބަރް؟"
"ތިރީ ޒިރޯ ޓޫ.."
"ކޯޑް"
"ޒީރޯ ޓޫ ތިރީ"
"ރޭންޖް؟"
"އައްޗާބަލް. ޓޫ. ޗަންދަވާޅީ"
"އޮޕަރޭޝަން"
"ޑާގަރް؟"
"ދެވަނަޑީ."
"ޑްރަގްސް؟"
"ނީލް"
"ނަން"
"އޯ.ޕީ"
"އިންފޮމޭޝަން" އިންދަރްޖީތު އޭނާއާ ދިމާއަށް އަތްދިކޮށްލަމުން ބުންޏެވެ. އެމީހާ ޖީބުން ސިނގިރެޓް ޕެކެޓެއް ވަރުގެ ކުޑަ ޕެކެޓެއް ނަގާފައި އިންދަރްޖީތު އަތަށް ދިނެވެ. އަދި ބުންޏެވެ. "މިރޭ ފަތިހު ފަހެއް ޖަހާއިރު..."
"އެންމެ ރަނގަޅު" އިންދަރްޖީތު އެމީހާއާ ސަލާމްކޮށްލާފައި އަވަސް އަވަހަށް ތިރިއަށް އަތުވެއްޖެއެވެ. ތިރިޔަށް އައިއިރު އިންދަރްޖީތަށް ވަނީ ހިސާބެއްގެ ހިތްހަމަޖެހުމެއް ލިބިފައެވެ. ދެންމެ މި ބައްދަލުވި މީހާގެފުށުން އެނގުނީ އެމީހުންގެ އެޖެންޓް މަރުނުވެ ގަދަވެ ސަލާމަތުން ހުރިކަމެވެ. އޭނާ މަރުވީކަމަށް ޑޮރޮތީ އެބުނި ވާހަކައަކީ ދޮގެއްކަމެވެ. އަދި އޭނާ މަރުވަމުން ހުރިހާ ވާހަކައެއް ޑޮރޮތީއަށް ކިޔާދިންކަމަށް އެބުނި ވާހަކައަކީ ވެސް ތެދެއް ނޫންކަމެވެ. އިންދަރްޖީތުގެ ހިތަށް އަރަމުންދަނީ ބޮމްބޭގެ ހެޑްކްއޯޓަރަށް ލިބޭ އިންފޮރމޭޝަންގައިވެސް ބައެއްފަހަރު ކުށްހުންނަކަމެވެ. އެތަނަށް އިވިފައިވަނީ އޯޕީ ކިޑްނޭޕްކޮށްފައިވާކަމަށެވެ.
(ނުނިމޭ)
Vvv.reethi