ކުރީގެ އިސްލާމިކް މިނިސްޓަރ ޒިޔާދު ބާގިރުގެ މައްސަލަ ހައިކޯޓުގައި މާދަމާ ފަށަނީ

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްސަލަ ހައިކޯޓުގައި މާދަމާ ފަށަން ތައްޔާރުވެއްޖެއެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތްކުރި އިރު ރަސްމީ ހައިޘިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ދައުވާއެވެ. އެ މައްސަލަ ހައި ކޯޓުގައި ފެށުމަށް ތާވަލުކޮށްފައި ވަނީ މާދަމާ ހެނދުނު 9:45 ގައެވެ.

އެ މައްސަލަ އޭނާގެ މައްޗަށް އުފުލާފައިވަނީ އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އަޅައި އޭގެތެރެއިން ހަ ބުރި އެސްޖޭ ކޮންސްޓްރަކްޝަނަށް އަދި ހަތަރު ބުރި ދައުލަތަށް ލިބޭ ގޮތަށް ޕްރޮޕޯސަލްގައި އޮއްވައި، ދައުލަތަށް ތިން ބުރި އަދި އެސްޖޭ ކޮންސްޓްރަކްޝަނަށް ހަތް ބުރި ލިބޭ ގޮތަށް އެއްބަސްވުން ހެދި މައްސަލައިގައެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުން މިދިޔަ ނޮވެމްބަރުމަހު ކުރި ހުކުމުގައިވަނީ އިސްލާމިކް މިނިސްޓްރީގެ ޒިންމާއަކީ މަޝްރޫއު ހިންގުން ކަމަށާއި އެސްޖޭއާ އެކު ހެދި އެއްބަސްވުމުގައި ސޮއިކުރީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެންކަން ހެކިންގެ ބަހުން އެނގޭ ކަމަށެވެ. އެހެންވެ، އެއްބަސްވުމުގައި ކުށެއް އޮއްވާ އެއްބަސްވުމުގައި ސޮއިކުރި ކުރުމަކީ ރަސްމީ ހައިޘިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ނުބެލެވޭނެ ކަމަށެވެ.

ހަވާލުކުރީ އެސްޖޭ ކޮންސްޓްރަކްޝަނާ "ދާރުލް ޒިކްރާ"ގެ ނަމުގައި 10 ބުރިއަށް މިސްކިތް އިމާރާތް ކުރަން ހަވާލުކުރީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގަން ހަވާލުކުރި މަޝްރޫއުގެ އަގަކީ 130 މިލިއަން ރުފިޔާއެވެ. އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ސަރުކާރުން ވެސް ދިނެވެ.

ނަމަވެސް އެއްބަސްވުމާ އެއްގޮތަށް އެސްޖޭ ކުންފުނިން މަސައްކަތް ނިންމާފައި ނުވާތީ މި ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލް ކޮށްފައެވެ. އެ މައްސަލާގައި ބަދަލުގެ ގޮތުގައި 141 މިލިއަން ރުފިޔާ ހޯދަން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން ވަނީ ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.