ޒިކުރާ މިސްކިތުގެ މަސައްކަތް އެސްޖޭ އާ ހަވާލު ކޮށްފައި ވަނީ މާލިއްޔަތު ޤަވާއިދާއި އެއްގޮތަށް: ވަކީލުން

ޒިކުރާ މިސްކިތުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައި ވަނީ މާލިއްޔަތު ޤަވާއިދާއި އެއްގޮތަށްކަމަށް އެކުންފުނީގެ ޤާނޫނީ ވަކީލްކަންކުރަމުންދާ އެޑްވޮކަސީ ޗެމްބާޒް އިން ބުނެފިއެވެ.

އެޑްވޮކަސީ ޗެމްބާޒް އިން ނެރުނު ބަޔާނެއްގައި ބުނީ އެ މަސްރޫޢުގެ މަސައްކަތް އެސްޖޭއާ ހަވާލުކުރުމުގެ މަރުހަލާގައި ޤާނޫނާއި ޤަވާއިދާއި ހިލާފަށް އެއްވެސް ކަމެއް އެސްޖޭގެ ފަރާތުން ކޮށްފައިވާކަން ފާހަގަކުރެވިފައި ނުވާކަމަށެވެ. ޒިކުރާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.27 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އެމާއްދާގައި ބުނަނީ "ސަރުކާރުން ހިންގަން ކަނޑައަޅާ މަޝްރޫއެއް ހިންގުމުގައި ބިޑްކުރުމާއި ނުލައި ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތްތަކާއި ހަވާލުކޮށްގެން އެމަޝްރޫއު ހިންގިދާނެ" ކަމަށެވެ.

އެސްޖޭގެ، ލޯޔަރުން ބުނީ އެކުންފުނިން މަޝަރޫޢާ ހަވާލުވުމުގެ ކުރިން މިނިސްޓްރީގެ ފަރާތުން ހޯދަންޖެހޭ ހުއްދަތައް ހޯދާފައިވޭތޯ ބެލި ބެލުމުން، ބިޑް ކުރުމަކާއި ނުލައި މަސްރުޢު ހަވާލުކުރުމުގެގޮތުން، މިނިސްޓްރީގެ ފަރާތުން 15 މާޗު 2015 ގައި މާލިއްޔަތު ގަވާއިދުގެ 10.27 ގައި ބަޔާންކޮށްފައިވާ ހުއްދަ ހޯދުމަށް ރައީސް އޮފީހުގައި ދެންނެވިކަމަށެވެ. ރައީސް އޮފީހުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމުގެ ގޮތުން ފިނޭންސް މިނިސްޓްރީގެ ބަހެއް ހޯދާފައިވާ ކަމަށް ވެސް ވަކީލުން ފާހަގަ ކުރައްވަ އެވެ.

ޕްރޮޕޯޒަލްތައް ދިރާސާ ކުރުމަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓުގައި އެންމެ ފައިދާ ހުރި އަދި ބަޖެޓަށް ބުރަ ބޮޑު ނުވާގޮތަށް ޕްރޮޕޯޒަލް ހުށަހަޅާފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަންކަމަށްފިނޭންސް އިން ފާހަގަކޮށްފައިވާކަމަށް ވެސް ވަކީލުން ބުނެއެވެ.

ވަކީލުންގެ ބަޔާނުގައި ކުންފުނީގޭ ޤާބިލްކަށް ހާމަކޮށްފައި ވެއެވެ. އެގޮތުން އެސްޖޭ ކޮންސްޓްރަކްޝަން އަކީ ހައުސިންގް މިނިސްޓްރީގެ ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ކެޓެގަރީގައި އަންލިމިޓެޑް ކޮށް ބިޑްކުރެވޭ ގޮތަށް ކެޓަގަރައިޒް ކުރެވިފައިވާ ކުންފުންޏެއްކަން ވަނީ ފާހަގަކޮށްފައެވެ. އެސްޖޭ އަކީ 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު 200 މިލިއަން ރުފިޔާގެ އަގުހުރި ޕަބްލިކް ސެކްޓަރ އިންފްރާ ސްޓްރަކްޗާގެ މަސައްކަތްތައް ކާމިޔާބު ކަމާއިއެކު ނިންމާފައިވާ ކުންފުންޏެއްކަމަށް ބަޔާންކޮށްފައިވެއެވެ.

"ޕްރޮޖެކްޓުގެ މަސައްކަތް ކުރުމަށް މިނިސްޓްރީ އާއި އެސްޖޭ ކޮންސްޓްރަކްޝަންއާއި ދެމެދު 9 ޖުލައި 2018 ގައި ވެފައިވާ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރީގައި މި އެންމެހައި ކަންކަން އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ކަށަވަރުކޮށްފައި އޮތުމުން، މި ޕްރޮޖެކްޓު އެވޯޑުކޮށްފައިވަނީ މާލިއްޔަތު ޤާނޫނާއި ޤަވާއިދާއި އެއްގޮތަށްކަން ޕްރޮޖެކްޓު އެވޯޑު ކުރުމުގެ ކުރީގައި އެސްޖޭއިން ކަށަވަރުކޮށްފައިވާކަން މި ލޯފާމަށް ޤަބޫލު ކުރެވެއެވެ." ވަކީލުންގެ ބަޔާނުގައި ވެއެވެ.

ޒިކުރާ މިސްކިތުގެ މަސައްކަތް އެސްޖޭއާޙަވާލުކޮށްފައިވަނީ ސިންގަލް ސޯސްކޮށް، މާލިއްޔަތު ޤަވާޢިދުގައި ބަޔާންކޮށްފައިވާ އުސޫލުގެ ތެރެއިންކަން ކަށަވަރު ކުރެވިފައިވާކަމަށް ވެސް އެސްޖޭގެ ޤާނޫނީ ވަކީލުން ބުނެއެވެ. ނަމަވެސް އެމަސައްކަތް ހަވާލުކޮށްފައިވަނީ ކޮމްޕެޓިޓިވް ބިޑިން ޕްރޮސެސްއެއްގެ ތެރެއިން ކަމަށް ދެއްކުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކޮށްފައިވާކަން އެޑްވޮކަސީ ޗެމްބާރސް އިން ބުނެއެވެ. ކުރީ ސަރުކާރާއި މި ސަރުކާރުންވެސް ބިޑް ކުރުމަކާއި ނުލައި ސިންގަލް ސޯސްކޮށް ގިނަ މަސްރޫޢުތަކެއް ހަވާލުކޮށްފައިވާކަމަށްވެސް ވަކީލުން ފާހަގަ ކުރައްވައެވެ. އެހެންކަމުން، ޤާނޫނާ ޚިލާފު ކަންތައްތަކެއް ކޮށްފައިވާކަން ދައްކައި އެ ކުންފުނީގެ ނަމަށް ހުތުރުވާ ގޮތަށް ވާހަކަ ނުދެއްކުމަށާއި ކަމުގެ ހަޤީޤަތް ހޯދުމަކާއި ނުލައި އެފަދަ ވާހަކަތައް ގަބޫލު ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެސްޖޭގެ ވަކީލުން އެކުންފުނީގެ ދިފާއުގައި ބަޔާނެއް ނެރެފައިވާއިރު، ޒިކުރާ މިސްކިތުގެ މައްސަލައިގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޒިޔާދާއި އެމިނިސްޓްރީގެ ކުރީގެ ވެރިޔެއްކަމަށް އިބްރާޙިމް ޢަބްދުﷲ ސަޢީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ވަނީ އުފުލައިފައެވެ. މިދެބޭފުޅުންނަށް ވެސް ތުޙުމަތު ކޮށްފައިވަނި ދައުލަތަށް ގެއްލުންވާ ގޮތަށް، އެސްޖޭއޭއަށް ނާޖާއިޒު ފައިދާއެއް ހޯދައި ދީފައިވާ ކަމަށެވެ. އަދި ޒިކުރާ މިސްކިތުގެ މަސައްކަތް ޙަވާލުކުރުމުގައި ހިގައިފައިވާ އިތުރު ކަންތަކަކާ ގުޅޭ ޖިނާއީ ތަޙްޤީޤެއް ހިންގުމަށް ޕީޖީ އޮފީހުން ވަނީ ފުލުހުންނަށް ހުށަހަޅައިފައެވެ. އޭގެތެރާގައި އިސްލާމިކް މިނިސްޓްރީން އާއްމުކޮށްފައި ނުވާ މަޢުލޫމާތުތަކެއް އެސްޖޭއަށް ލިބިފައިވާ މައްސަލައެއް ވެސް ހިމެނެއެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.