ޒިކުރާ މިސްކިތުގެ މައްސަލައިގައި ކުރީގެ އިސްލާމިކް މިނިސްޓަރ، ޑރ. އަޙްމަދު ޒިޔާދު ބާޤިރަށާއި އެ މިނިސްޓްރީގެ ކުރީގެ އިސްވެރިއެއްގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
ޕީޖީ އޮފީހުން ހާމަކޮށަފައިވާ ގޮތުގައި ޑރ. އަޙްމަދު ޒިޔާދުގެ އިތުރުން ޒިކުރާ މިސްކިތުގެ މައްސަލައިގައި ދައުވާ އުފުލީ އިސްލާމިކް މިނިސްޓްރީގެ ކުރީގެ ވެރިއަކީ، އެމިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއަކަށް ކުރިން ހުރި، މ. މުހައްމަދީއާބާދު، އިބްރާހިމް ޢަބްދުﷲ ސަޢީދެވެ.
އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަޙްޤީޤުކޮށް ދައުވާ ކުރުމަށް ޕޮރޮސެކިއުޓަރ ޖެނަލް އޮފީހަށްށް ފޮނުވި މައްސަލައިގައި ޑރ ޒިޔާދުގެ މައްޗަށް ދައުވާ ކުރަނީ މަޤާމުގައި ހުންނެވިއިރު ޒިކުރާ މިސްކިތް ހުރި ތަނުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަންއިން ހުށަހެޅި ޕްރޮޕޯސަލްއާ ހިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ގާއިމުކޮށްފައިވާތީއެވެ. އަދި އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަންއަށް އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާއިރު، އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ނުލިބި، އެކުންފުންޏަށް ނާޖާއިޒު ފައިދާއެއް ހޯދައި ދީފައި ވާތީއެވެ.
އިސްލާމިކް މިނިސްޓްރީގެ ކުރީގެ ވެރިޔެއްކަމަށް އިބްރާހިމް ޢަބްދުﷲ ސަޢީދަށް ކޮށްފައިވާ ތުޙުމަތަކީ އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްގައި ކޮންމެހެން ހިމެނެންޖެހޭ މައުލޫމާތު ނެތްއިރު، އެޕްރޮޕޯސަލްތަކާ ގުޅިގެން ތައްޔާރުކުރި ޓެކްނިކަލް ރިޕޯޓްގައި އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކުރުމަކީ ދައުލަތަށް އެންމެ ފައިދާބޮޑު ގޮތްކަމަށް ބަޔާންކޮށް، އެ ކުންފުންޏަށް ނާޖާއިޒު ފައިދާއެއް ހޯދައި ދީފައި ވުމެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރ ޒިޔާދާއި އެމިނިސްޓްރީގެ ކުރީގެ ވެރިޔެއްކަމަށް އިބްރާޙިމް ޢަބްދުﷲ ސަޢީދުގެ މައްޗަށް އުފުލައިފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.