އަރަބް އިސްލާމިކް އިންޓަނޭޝަނަލް ސްކޫލްގެ ވަފްދެއް ރާއްޖޭގައި!

index

ވޯލްޑް ފެޑަރޭޝަން އޮފް އަރަބް އިސްލާމިކް އިންޓްނޭޝަނަލް ސްކޫލްގެ ވަފްދެއް، ރަސްމީ ދަތުރެއްގައި ރޭ ރާއްޖެ އައިސްފިއއެވެ.

މިއީ ރާއްޖޭގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑރ.އަހުމަދު ޒިޔާދުގެ ދަޢުވަތަކަށް މި ވަފްދު ރާއްޖެއަށް ކުރައްވާ ދަތުރުފުޅެކެވެ. މި ވަފްދުގައި ރާއްޖެ ވަޑައިގެންފައި ވަނީ މިޞްރުގެ ވޯލްޑް ފެޑެރޭޝަން އޮފް ޢަރަބިކް އިސްލާމިކް އިންޓަރނޭޝަނަލްގެ ސެކްރެޓަރީ ޖެނެރަލް، ޕްރޮފެސަރ ޢަބްދުލް ފައްތާޙް ސުލައިމާން އަޙްމަދު ޢަބްދުﷲ އާއި، އެމަނިކުފާނުގެ އަނބިކަނބަލުންނާއި އެސިސްޓެންޓް އަދި ޕަރސަނަލް ސެކެޓްރީ ޖެނެރަލް އެވެ.

މި ދަތުރުފުޅުގެ މަޤްސަދަކީ ރާއްޖޭގައި އިސްލާމީ ޘަޤާފަތް ދިރުވައި އާލާކޮށް، ޢަރަބި ބަހާއި، އިސްލާމީ ތަޢުލީމުގެ ސްކޫލުތަކަށާއި ޔުނިވަރސިޓީތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، މިފަދަ ކަންކަމަށް އެހީތެރިވެދެއްވާ މުއައްސަސާތަކާއި އެކު ގުޅުން ބަދަހިކުރުމެވެ.

ވޯލްޑް ފެޑަރޭޝަން އޮފް އަރަބް އިސްލާމިކް އިންޓަނޭޝަނަލް ސްކޫލަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ދަށުން ހިނގާ އިދާރާ އެކެވެ. މި އިދާރާއަކީ ދުނިޔޭގައި ޢަރަބި އިސްލާމީ ތަޢުލީމް އެއް މަންހަޖަކަށް ފެތުރުމުގެ މަޤްސަދުގައި އުފެއްދި އިދާރާއެކެވެ. މި މަޤްސަދުގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި އިދާރާ ނުވަތަ އިންސްޓިޓިއުޓްގެ ސްކޫލްތައް ޤާއިމް ކުރެވިފައިވެއެވެ. އަދި މި ހުރިހާ ސްކޫލެއްގައި ވެސް ޢަރަބި ބަސް ކިޔަވައިދިނުމާއި އިސްލާމީ ތަޢުލީމާއި ސަޤާފަތް ކިޔަވައިދެވެމުން ދެއެވެ. އަދި ޢަރަބި ބަހާއި އިސްލާމީ ތަޢުލީމް ކުރިއެރުވުމަށް އެ ތައުލީމްދޭ ޤައުމުތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް މި އިދާރާގެ މަޤްސަދެކެވެ. މިސްރުގައި ހުންނަ މިއިދާރާގެ މައި އޮފީހުން ސައިންސް ރިސާރޗް ކުރުން ފަދަ މަސައްކަތްތަކުގައި ފަންނީ ބޭފުޅުން ހަރަކާތްތެރިވެއެވެ. އެގޮތުން ވޯލްޑް ފެޑަރޭޝަން އޮފް އަރަބް އިސްލާމިކް އިންޓަނޭޝަނަލް ސްކޫލަކީ ފަންނީ ޕްރޮފެސަރުންނާއި ޑޮކްޓަރުންގެ އިދާރާއެކެވެ.

މިދަތުރުގައި މި ވަފްދުގެ ބޭފުޅުން މިފަދަ ގިނަ މުއައްސަސާތަކާއި އެކު ބައްދަލުކުރުމަށް ވަނީ ތާވަލް ކުރެވިފައެވެ. ދަތުރުގައި އެންމެ ފުރަތަމަ މިވަފްދު ޒިޔާރަތްކޮށް ބައްދަލުކުރައްވާފައިވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑރ. އަހުމަދު ޒިޔާދު އާއި އެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގައެވެ.

ވަފްދުގެ މި ދަތުރުފުޅުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އާއިޝަތު ޝިހާމާއި ބައްދަލުކުރުމާއި، މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ވެރިންނާއި ބައްދަލުކުރުމާއި، ޤުރުއާނާއި ބެހޭ މަރުކަޒުގެ އިސްވެރިންނާއި ބައްދަލުކުރުމާއި، ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބޭފުޅުންނާއި ބައްދަލުކުރުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގާ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ އިސްވެރިންނާއި ބައްދަލުކުރުމާއި ޣާޒީ ސްކޫލްގެ އިސްވެރިންނާއި ބައްދަލުކުރުން ވެސް ތާވަލް ކުރެވިފައިވެއެވެ.
ޖޫން މަހުގެ 1 ވަނަ ދުވަހު މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޢަރަބި ކިޔަވައިދެއްވާ ޓީޗަރުންނަށް ޚާއްސަކޮށްގެން ޢަރަބި ކިޔަވައިދިނުމުގައި ވިސްނަންވީ ކަންތައްތަކާއި މިޒަމާނަށް ފެތޭހެން ދަރިވަރުންނަށް ޢަރަބި ކިޔަވައިދޭނެ ގޮތްތައް ކިޔަވައިދިނުމަށް ވޯރކްޝޮޕެއްވެސް ކުރިއަށް ގެންދާ ގޮތަށް ވަނީ ނިންމިފައެވެ. މި ވޯރކްޝޮޕްގައި ކިޔަވައިދެއްވާނީ ޕްރޮފެސަރ ޢަބްދުލް ފައްތާޙް ސުލައިމާން އަޙްމަދު ޢަބްދުﷲ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.