އިތުރު 12 ރަށަކަށް އެމްބިއުލާންސް ފޮނުވައިފި

އިތުރު 12 ރަށަކަށް އެމްބިއުލާންސް ފޮނުވައިފިއެވެ.

މިއީ ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަޝްރޫއުގެ ދަށުން ފޮނުވި އެމްބިއުލާންސެވެ.

މި މަޝްރޫއުގެ ދަށުން ހަތަރު ވަނަ ބެޗުގައި 21 އެމްބިއުލާންސް ގެނައި އިރު، އއ. ރަސްދޫ، އދ. ދިގުރަށް، ތ. ވިލުފުށި، ގއ. ކަނޑުހުޅުދޫ، ޏ. ފުވައްމުލައްސިޓީ، ސ. ހިތަދޫ، ގދ. ނަޑެއްލާ އަދި ކ. ގުރައިދު އަށް ވަނީ އެ އެމްބިއުލާންސްތައް ވަނީ ފޮނުވާފައެވެ.

އެންމެފަހުން އެމްބިއުލާންސް ފޮނުވާފައިވަނީ ހދ. ފިނޭ، ކުރިނބީ، ނޭކުރެންދޫ ށ. ފޭދޫ، ފީވަށް، ރ. މާކުރަތު، އަނގޮޅިތީމު، އިންނަމާދޫ، ނ. ވެލިދޫ އަދި މާޅެންދޫ އާއި ކ. ދިއްފުއްޓާއި ކ. ގާފަރަށެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ސިއްހީ ޚިދުމަތް ރަނގަޅުކޮށް، އެމްބިއުލާންސްގެ ޚިދުމަތް ހުރިހައި ރަށެއްގައި ފޯރުކޮށްދިނުމަކީ މި ސަރުކާރުން ފަށާފައިވާ މަސައްކަތެކެވެ.

އެގޮތުން އެސްޓީއޯ މެދުވެރިކޮށް ގެންނަ އެމްބިއުލާންސްތަކުގެ މިއީ ހަތަރު ވަނަ ބެޗެވެ. އެ މަސައްކަތުގެ ދަށުން މިދިޔަ އަހަރު ތެރޭގައި ދެ ފަހަރެއްގެ މަތިން 20 އެމްބިއުލާންސްގެ ދެ ބެޗު ގެނެސް ރަށްރަށަށް ވަނީ ފޮނުވާފައެވެ. އަދި މި އަހަރު ފެބްރުއަރީ މަހު ވެސް 15 އެމްބިއުލާންސް ގެނެސް ރަށްރަށަށް ވަނީ ފޮނުވާފައެވެ.

އަތޮޅުތެރެއަށް ބޭނުންވާ އެމްބިއުލާންސް ގެނައުމަށް ިނިސްޓްރީ އޮފް ހެލްތުން، މިނިސްޓްރީ އޮފް ފިނޭންސާއި އެސްޓީއޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ.

މި އެއްބަސްވުމުގެ ދަށުން އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް 180 ދުވަސްތެރޭގައި މިނިސްޓްރީއާ ހަވާލުކުރަންޖެހެއެވެ. އެ މުއްދަތު ފަހަނައަޅައި ދިޔަ ނަމަވެސް އެސްޓީއޯއިން ދަނީ އެމްބިއުލާންސްތައް ރާއްޖެ ގެނެސް، ރަށްރަށަށް ފޮނުވަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.