މިދިޔައަހަރު އެސްޓީއޯއަށް ހަތަރުސަތޭކަ މިލިއަނަށްވުރެ ގިނަ ރުފިޔާ ފައިދާ

ނިމިގެން ދިޔަ 2019 ވަނަ އަހަރު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ހަތަރުސަތޭކަ މިލިއަނަރަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެކުންފުނީން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް އެކުންފުނީން މިއަދު ބޭއްވި ބައްދަލުވުމެއްގައި މެނޭޖިން ޑިރެކްޓަރ ޙުސައިން ޢަމްރު ވިދާޅުވީ އެއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 63 ޕަސެންޓުގެ އިތުރުވުމެއް ނުވަތަ ކުރިއެރުމެއް ކަމަށެވެ.

ޢަމްރު ވިދާޅުވީ މިދިޔައަހަރު އެކުންފުނީން ކުރި ވިޔަފާރިތަކުގެ ތެރެއިން ހުރިހާ ވިޔަފާރިއަކަށް ވެސް ވަނީ ކުރިއެރުން ލިބިފައި ކަމަށެވެ. އެ ކުރިއެރުންތަކާއެކުވެސް ގޮންޖެހުންތަކެއް ވެސްކުރިމަތިވި އެމްޑީ ޢަމްރު ވިދާޅުވިއެވެ.

އެމްޑީ ވިދާޅުވީ ނިމިގެންދިޔަ އަހަރު އެކުންފުނީން ވާނީ ތިން ފަހަރެއްގެ މަތީން ތެލުގެއަގަށް ވެސް ބަދަލު ގެނެސްފައި ކަމަށެވެ. އެންމެފަހުން އަގަށް ބަދަލު ގެންނެވީ ޖޫންމަހު 14 ގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޖެހިގެން އައި 15 ވަނަ ދުވަހު ޕެޓްރޯލް ވެސް އަގުހެޔޮ ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެފަހުން އަގަށް އެއްވެސް ބަދަލެއް ގެންނަވާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔައަހަރު ތެޔޮވަޅުތަކަށް ދީފައިވާ ހަމަލާތަކާ ގުޅިގެން ތެލުގެ އަގު އުފުލުނަސް އެސްޓީއޯއިން ބަލާފައިވަނީ ހެޔޮއަގުގައި ރައްޔިތުންނަށް ތެޔޮ ފޯރުކޮށް ދެއްވުމަށް ކަށް ވެސް ޢަމްރު ވިދާޅުވިއެވެ.

"ދެހާސް ނަވާރަވަނަ އަހަރު ނިމުނުއިރު ތެލުގެ އަގުހުރީ ފަންސާސް އަށް ޑޮލަރުގައި. އެހެންނަމަވެސް އަހަރު ނިމިގެންދިޔައިރު ހުރީ ހަތްދިހަ އަށް ޑޮލަރުގައި. އެއީ ގާތްގަނޑަކަށް ތިރީސް ހަތަރު ޕަސެންޓު ބޮޑުވުމެއް. އެހެންނަމަވެސް އަހަރު ނިމުނުއިރު ޑީސެލުން އަށްޑިހަލާރި އޮތީ ކުޑަކުރެވިފައި. އަދި ޕެޓްރޯލުން ވަނީ އެއްރުފިޔާ ސައްބީސް ލާރި ވަނީ ކުޑަކުރެވިފައި،" ޢަމްރު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.