ކޯނޭ ލިފްޓްގެ ޓަޗްލެސް ސިގްނަލައިޒޭޝަން އެސްޓީއޯއިން ތައާރަފްކޮށްފި

ކޯނޭ ލިފްޓްގެ ޓަޗްލެސް ސިގްނަލައިޒޭޝަން އެސްޓީއޯއިން ދިވެހިރާއްޖެއަށް ތައާރަފްކޮށްފިއެވެ. އެސްޓީއޯ އިން އެތެރެކުރާ "ކޯނޭ" ލިޕްޓް ބްރޭންޑަކީ ޒަމާނީ ހޯދުންތަކަށް ބިނާކޮށް އެކި ސޮލިއުޝަންސްތައް އެލެވޭޓަރ މާރކެޓަށް ތައާރަފްކުރަމުންދާ ދުނިޔޭގައި ނަންހިނގާ ބްރޭންޑެކެވެ. "ކޯނޭ"އިން އެންމެ ފަހުން ތައާރަފްކޮށްފައިވާ މޮޑެލްގެ ސީ.އޯ.ޕީ (ލިފްޓް ޕުޝް ބަޓަންސް) އަކީ ލިފްޓުގެ އެއްވެސް ބަޓަންއެއްްގައި އަތްނުލައި، ހަމައެކަނި އަތްތިލަ ކައިރި ކޮށްލުމުން ބޭނުންވާ ފްލޯ އަކަށް ދެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ބާވަތެކެވެ. ރާއްޖެއަށް މުޅިން އަލަށް ތައާރަފުކުރެވޭ މި ބާވަތުގެ ލިފްޓު ގަންނަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އެސްޓީއޯން މިހާރުވަނީ ހުޅުވާލާފައެެވެ.

އެސްޓީއޯއިން ބުނާ ގޮތުގައި ދުނިޔޭގެ މިހާރު ޙާލަތަށް ބަލާލާއިރު މިއީ ވަރަށް މުހިއްމު އީޖާދެކެވެ. މީގެ އެންމެބޮޑު އެއް ސަބަބަކަށް ވެފައިވަނީ ދުނިޔެއަށް ކުރިމަތިވި ކޮވިޑު ބަލިމަޑުކަމުގައި، ކޮވިޑް ޖެހިފައި ހުރިމީހަކު އަތްލާ ތަންތަނުގައި އެހެންމީހަކު އަތްލުމުންވެސް މިބަލި އެރުމުގެ ފުރުސަތުބޮޑު ބައްޔަކަށްވުމެވެ. މި ނަޒަރިއްޔާއަށް ބަލާއިރު، ލިފްޓް ބަޓަން ތަކަކީ ވަރަށް ގިނަ މީހުން އަތްލާ އެއްޗަކަށް ވުމާއެކު، ޓަޗްލެސް ސީއޯޕީ ބޭނުންކުރުމުން ލިފްޓަށް އަރާފައިބާ މީހުން ބަޓަން ތަކުގައި އަތްލާން ނުޖެހުމުން، ލިފްޓު ބޭނުންކުރާ ފަރާތްތަކަށް ސަލާމަތްތެރިކަން ކަށަވަރު ކޮށްދެއެވެ. ޓަޗްލެސް ފީޗާގެ އެންމެ ހާއްސަ ސިފައަކީ ލިފްޓުގެ ބަޓަންތަކުގައި އަތްލުމުގެ ބަދަލުގައި، އަތް 1 ސެންޓިމީޓަަރަށް ކައިރި ކޮށްލުމުން އެ ކައިރި ކުރާ ބަޓަންގެ ސެންސަރ އެކްޓިވޭޓްވުމެވެ.

މީގެ އިތުރުން އެސްޓީއޯއިން ހާމަކޮށްފައިވާ ގޮތުގައި އެ ކުންފުނިން ވަނީ، މިހާރު ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ހާލަތަށް އެކަށީގެންވާ ގޮތަށް، ލިފްޓްގައި ހަރުކުރާ "ކޯނޭ" އެއަރ ޕިއުރިފަޔަރ ވެސް ތައާރަފްކޮށްފައެވެ. އެއަރ ޕިއުރިފަޔަރގެ ބޭނުމަކީ ލިފްޓް ތެރޭގައި ހުންނަ ވައި ސާފުކޮށްދިނުމެވެ. އެހެންކަމުން ލިފްޓް ތެރޭގައި ހުންނަ އެކި ވަސްވަހާއި ބެކްޓީރިއާތަށް މި އެއަރ ޕިއުރިފަޔަރ އިން ނައްތާލައެވެ. ކޯނޭ އިން އެއަރ ޕިއުރިފަޔަރއަށް ބޭނުންކޮށްފައިވަނީ ނާސާ އިން ޖައްވަށް ފޮނުވާ އުޅަނދުތަކުގައި ކޮންޓަމިނޭޝަން ނައްތާލުމަށް ބޭނުންކުރާ ޕީސީއޯ ޓެކްނޮލޮޖީއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.