އަވަހަށް ފައިސާ ނުލިބިއްޖެނަމަ، ޔަމަނުގައި ހާލުގައި ޖެހިފައިވާ 8 މިލިއަން މީހުންނަަށް އިންސާނީ އެހީ އަންނަ މާރިޗު މަހު މެދުކަނޑާލަން ޖެހިދާނެ ކަމުގެ އިންޒާރު އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) އިން ދީފިއެވެ. އދ. ގެ އިންޒާރު އައިސްފައި މިވަނީ ޔަމަނުގައި ދިގުލައިގެން ގޮސްފައިވާ ހަނގުރާމަ ފާއިތުވި ޖަނަވަރީ މަހުއްސުރެ އިތުރަށް ގަަދަވެފައި ވަނިކޮށެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔާ ގުޓަރޭޝްގެ ފަރާތްޕުޅުން ޔަމަނަށް ކަނޑައަޅާފައި ހުންނަވާ ޚާއްސަ މަންދޫބު ހާންޒް ގްރުންޑްބާގްއާއި، އދ.ގެ އަންޑަރސެކްރެޓަރީ ޖެެނެރަލް ފޯ ހިއުމަނިޓޭރިއަން އެފެެއާޒް މާޓިން ގްރިފިތުސް ވަނީ އަަރަބި ދުނިޔޭގެ އެންމެ ފަގީރު ގައުމު ޔަމަނުގައި ކުރިއްސުރެ ގޯސްކޮށް ހާލަތު އިތުރަށް ގޯސްވަމުންދާކަން ހާމަކުރައްވާފައެވެ. އެ ދެ ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި ފާއިތުވި ޖަނަވަރީ މަހު ހަނގުރާމަ އިތުރު މައިދާންތަކަކަށް ފުޅާވެގެން ގޮސްފައިވާއިރު، އދ. ގެ އެހީގެ ޕްރޮގްރާމަށް ލިބޭ ހިލޭ އެހީގެ ތިންބައިކުޅަ ދެބައި ވަނީ މެދުކަނޑާލާފައެވެ. ނުވަަތަ މުޅިން ހުއްޓާލާފައެވެ.
އީރާނުގެ ތާއީދާއެކު ޔަމަނުގައި ހަނގުރާމަކުރަމުންދާ ޝީޢާ ޙޫޘީ ހަނގުރާމަވެރިން 2014 ވަނަަ އަހަރު ވެރިރަށް ޞަންޢާއާއި އުތުރުގެ ބޮޑު ބައެއް ހިފައި، އދ.ން ގަބޫލުކުރާ ސަރުކާރަށް ދެކުނަށް ފަހަތަށް ޖެހެން، އަދި އެއަށްފަހު ސައޫދީ އަރަބިއްޔާއަށް ބަދަލުވާން މަޖުބޫރުކުރި ހިސާބުން ފެށުނު ދާޚިލީ ހަނގުރާމަ އަދިވެސް ދަނީ ހުއްޓުމެއް ނެތި ކުރިއަށެވެ. ސައޫދީ އަރަބިއްޔާ އިސްކޮށް އޮވެ އުފެއެްދި އަރަބި ކޯލިޝަނުން ހަނގުރާމައިގެ ތެރެެއަށް ވަނީ ފަސޭހަކަމާއެކު ޙޫޘީން ބަލިކޮށް ޞަންޢާގައި ކުރިން އޮތް ސަރުކާރަށް އަލުން ވެރިކަން ހޯދައިދިނުމުގެ ވައުދާއެކުގައެވެ. އެހެންނަމަވެސް، އަށް އަހަރުވީ އިރުވެސް ހަނގުރާމަ އަވަހަކަށް ހުއްޓިދާނެ ކަމުގެ ނިޝާނެއް ނުފެނެއެވެ.
ގްރިފިތުސް ފާހަގަކުރެއްވި ގޮތުގައި "އެހީދޭ ޖަމާއަތްތަކުގައި ހުރި ފައިސާ ހަލުވިކަމާއެކު ހުސްވަމުން ދާތީ އެ ޖަމާއަތްތަކަށް ވަނީ ފުރާނަ ސަލާމަތްކުރާ އެހީ ވަރަށް ބޮޑަށް މަދުކުރަން" ޖެހިފައެވެ.
އޭނާ އިތުރަށް ވިދާޅުވިގޮތުގައި ފާއިތުވި ޑިސެންބަރު މަހުން ފެށިންގެން އދ. ގެ ވާލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔުއެފްޕީ) އިން ވަނީ އެ ޖަމާއަތުން 8 މިލިއަން މީހުންނަށް ދޭ އެހީގެ މިންވަރު ދަށްކޮށްފައެވެ. އަދި އިތުރަށް ފައިސާ ނުލިބިއްޖެނަމަ، އެ 8 މިލިއަން މީހުންނަށް މާރިޗު މަހުން ފެށިގެން އެއްވެސް އެހީއެއް ނުލިބިދާނެއެވެ. އަދި 3.6 މިލިއަން މީހުންނަށް ސާފު ބޯފެން ފޯރުންކޮށްދިނުން ހުއްޓާލުމުގެ އިތުރަށް އިންސާނީ އެހީގެ ފްލައިޓްތައް ވެސް މެދުކަނޑާލަން ޖެހިދާނެއެވެ.
އދ. ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) އިން ހާމަކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި 2021 ވަނަ އަހަރު ޔަމަނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ 3.8 ބިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން ލިބިފައި ވަނީ 2.27 ބިލިއަން ޑޮލަރެވެ. މިހިނގާ 2022 ވަނަ އަހަރަށް ބޭނުންވާ އަދަދު އެ އޮފީހުން ހާމަކޮށްފައި ނުވެއެެވެ.