އަރަބި ކޯލިޝަނުން ޔަމަނުގެ ޖަލަކަށް ދިން ވައިގެ ހަމަލާއެއްގައި ގިނަ ބަޔަކު މަރުވެއްެޖެ

ކޯލިޝަންގެ ހަމަލާގައި ހަލާކުވެފައިވާ ޖަލުގެ މަންޒަރެއް

ސައޫދީ އަރަބިއްޔާ އިސްވެ އޮވެ ޔަމަނުގައި ހަނގުރާމަކުރާ އަރަބި ކޯލިޝަނުން އެގައުމުގެ އުތުރުގެ ރަށެއްކަމުގައިވާ ޞަޢުދާގެ ޖަލަކަށް ދިން ވައިގެ ހަމަލާއެެއްގައި 70 މީހުން މަރުވެ 138 މީހުން ޒަޚަމްވެއްޖެއެެވެ. ޔަމަނުގެ އުތުރުގެ ބޮޑު ބައެއްގައި ވެރިކަންކުރާ ޙޫޘީ ސަރުކާރުގެ ހެލްތު މިނިސްޓަރު ޠާހާ އަލްމުތަަވައްކިލު މަޢުލޫމާތުދެއްވި ގޮތުގައި ޖަލުގައި ވެެއްޓިފައިވާ ބައިތައް ނަގަމުން ދާއިރު ޒަޚަމްެވެފައި ނުވަތަ މަރުވެފައިވާ މީހުން އިތުރަށް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

ޙޫޘީން ހިންގާ ޓީވީ އަލްމަސީރާއިން ބުނި ގޮތުގައި ކައިރީހުރި ގެތަކަށް ހަމަލާއެެރުމުގެ ސަބަބުންވެސް ގިނަ ބަަޔަކަށް އަނިޔާވެފައި ވެއެވެ.

ޖަަލަށް ހަމަލާދިނުމުގެ ކުރިން އިއްޔެ ބަނދަރު ރަށެއްކަމަށްވާ ޙުދައިދާއަށް ދިން ވައިގެ ހަމަލާއެއްގައި ޔަމަނުގެ ބޮޑުބަޔަކުން އިންޓަނެޓުގެ ޚިދުމަތްވެސް ވަނީ ކެނޑިފައެވެ. އެސޯސިއޭޓެޑް ޕްެރެސްއިން ބުނެފައި ވާގޮތުގައި ކޯލިޝަނުން ހަމަލާދީ ހަލާކުކޮށްލާފައި ވަނީ ޔަމަނަށް އިންޓަނެޓުގެ ޚިދުމަތް ފޯރުކޮށްދޭ މުވާޞަލާތީ މަރުކަޒަކަށެވެ.

ސޭވް ދަ ޗިލްޑްރެން ޖަމްއިއްޔާއިން ބުނެފައިވާ ގޮތުގައި ޙުދައިދާއަށް ދިން ވައިގެ ހަމަލާގައި 3 ކުޑަކުދިން މަރުވެެފައި ވެއެވެ.

ޖަލަށް ހަމަލާދީފައި ވަނީ ޙޫޘީންނާ ދެކޮޅަށް ކޯލިޝަންގެ ވައިގެ ސިފައިން ދެމުން ގެންދާ ވަރުގަދަ ހަމަލާތަކެއްގެ ތެރޭގައެވެ. މީގެ ބައެެއް ހަމަލާތައް މިހާރު ޙޫޘިންެގެ ބާރުގެ ދަށުގައި އޮތް ވެރިރަށް ޞަންޢާއަށްވެސް ދީފައިވެއެެވެ.

ކޯލިޝަނުން މިހާރު ފަށައިގެން އުޅޭ ވަރުގަދަ ވައިގެ ހަމަލާތަކުގެ ކެމްޕޭނަކީ ޙޫޘީ ހަނގުރާމަވެރިން ފާއިތުވި ހަފުތާގައި ޔޫއޭއީ (ޔުނައިޓެޑް އަރަބް އެމިރޭޓްސް) ގެ ވެރިރަށް އަބޫދާބީގެ އެއާޕޯޓަށާއި، އެހެން ބައެއް ތަންތަނަށް ދިން ޑްރޯން ހަމަލާގެ ރައްދުގައި ދޭ ހަަމަލާތަކެކެވެ.

އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) ގެ ސެކްރެޓަރީ ޖެެނެރަލް އެންޓޯނިޔޯ ގުޓަރޭޝް ވަނީ އަރަބި ކޯލިޝަނުން ޞަޢުދާގެ ޖަލަށް ދިން ވައިގެ ހަމަލާ ކުށްވެރިކުރައްވާފައެވެ.

"މަދަނީންނާއި، މަދަނީ އިންފްރާސްޓްރަކްޗާއަށް ހަަމަލާދިނުމަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުގައި މަނާ ކަމެއްކަން ހުރިހާ ފަރާތްތަކަށް ހަނދާންކޮށްދެން. އަދި ބައިނަލްއަގުވާމީ އިންސާނީ ގާނޫނުން އަސްކަރީ ހަމަލާތަކުގައި މަދަނީ ހިމާޔަތްކުރުމަށް ލާޒިމުކުރާ ކަންކަން ކުރުމަށް ހުރިހާ ފަރާތްތަކަށް ހަނދާންކޮށްެދެން." ސެކްރެޓަރީ ޖެނެރަލް ނެރުއްވި ބަޔާނެއްގައި ވެއެވެ.

ސައޫދީ އަރަބިއްޔާއާއި ޔޫއޭއީން މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވާ ކޯލިޝަނުން ދަނީ ޔަމަނުގައި ޙޫޘީންެގެ ބާރުގަދަކުރުމުގެ ކުރިން އޮތް ސަަރުކާރުގެ ދިފާއުގައި ކަމަށްބުނެ 2015 އިން ފެށިގެން ޔަމަނުގައި ހަނގުރާމަކުރަމުންނެވެ. ހަނގުރާމަފެށި އިރު ކޯލިޝަނުގެ މަގުސަދު ހާސިލުކޮށް ވަރަށް އަވަހަށް ހަމަލާތައް ނިމުމަކަށް ގެންނާނެ ކަމަށް ބުނި ނަމަވެސް، 6 އަހަރު ވެގެން ދިޔައިރުވެސް ކޯލިޝަނުގެ މަގުސަދު ވަނީ ހާސިލުނުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.