ދެކުނު ޔަަމަނުގެ ހަނގުރާމަވެރިން އެތައް ބިލިޔަން ރިޔާލެއްގެ ނަގުދު ފައިސާ ފޭރިގެންފި

ޔަމަނުގެ ވަގުތީ  ވެރިރަށް އަދަންގައި ހުންނަ ސެންޓްރަލް ބޭންކުގައި ރައްކާކުރުމަށް އެތައް ބިލިޔަން ރިޔާލެއްގެ ބޭންކް ނޫޓުތައް އުފުލި އުޅަނދުތަކަކަށް ދެކުނުގެ ހަނގުރާމަވެރިން ހަމަލާދީ އެ ފައިސާ ފޭރިގެންފިއެެވެ. މިއީ ޔަމަނުގެ ދެކުނު ބައި އެ ގައުމުން ވަކިކުރިކަން ފާއިތު އެޕްރީލް މަހު އިއުލާންކުރުމަށް ފަހު، އެބައިގައި ވަކި ސަރުކާރެއް ގާއިމްކުރަން ކުރާ މަަަސައްކަތުގައި ސަރުކާރަށް އިތުރު ފިއްތުންތައް ކުރިމަތިކުރުމަށް ކުރި ކަމެއް ކަމަށް ބެލެވެއެވެ.

ސެންޓްރަލް ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައި ވާ ގޮތުގައި އަަދަންގައި ވަކިވެރިކަމެއް ގާއިމުރުމަށް މަސައްކަތްކުރާ ސަދަން ޓްރާންސިޝަނަލް ކައުންސިލް (އެސްޓީސީ) ގެ ހަނގުރާވެރިންތަކެއް ވަނީ އާ ނޫޓުތަކާއިގެން އަދަންގެ ބަނދަރުން މަރުކަޒީ ބޭންކަށް ދަތުރުކުރި އުޅަނދުތަކުގެ ގާފިލާ ހިފެހެއްޓުމަށްފަހު، ހަނގުރާމަވެރިން ބޭނުން ތަނަަކަށް ދިއުމަށް އެ އުޅަނދުތަކަށް މަޖުބޫރުކޮށްފަައެވެ.

ސަރުކާރުގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވި ގޮތުގައި ހަނގުރާމަވެރިން އަތުލައިގަތް 64 ބިލިއަން ޔަމަނީ ރިޔާލު (3.98 ބިލިއަން ދިވެހި ރުފިޔާ) ގެ ނަގުދު ފައިސާ އަކީ ސެންޓްރަލް ބޭންކުގެ ބޭނުމަށް ރަޝިޔާގައި ޗާޕުކޮށްގެން ގެނައި ފައިސާއެވެ. އޭނާ އެކަން ސިފަކުރެއްވީ މަގުފޭރުމެއްގެ ގޮތުގައެވެ.

އެސްޓީސިގެ ހަނގުރާމަވެރިންގެ މި އަމަލުގެ ސަބަބުން ސަރުކާރާއި ދެކުނުގެ ހަނގުރާމަވެރިންނާ ދެމެދު ގާއިމުވެފައި އޮތް ނާޒުކު ސުލްހައަށް އަސަރުކުރުމަކީ ގާތްކަމެކެވެ. ސަރުކާރާއި އެސްޓީސީއަކީ އީރާނުގެ ތާއީދާއެކު ޔަމަނުގެ ވެރިކަން ހޯދުމަށް ހަނގުރާމަކުރަމުންދާ ޝީޢާ ހަނގުރާމަވެރި ޖަމާއަތް ޙޫޘީންނާ ހަނގުރާމަކުރުމުގައި ބައިވެރިންނެވެ.

ދެކުނު ޔަމަނުގައި ދެބައިމީހުން އެއްބަޔަކު އަނެއް ބަޔަކާ ހަނގުރާމަނުކުރުމަށް އެއްބަސްވެ ސަރުކާރާއި އެެސްޓީސީން ވަނީ އެއްބަސްވުމެއްގައި ފާއިތުވި އަހަރު ސޮއިކޮށްފައެެވެ. އެެހެންނަަމަވެސް، އެެ އެއްބަސްވުމަށް ފުރިހަމައަށް އަަމަލުކުރެވިފައި ނުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.