ޔަަމަނަށް އެހީވާ ފަރާތްތަކުގެ ބައްދަލުވުން: ގާތްގަނޑަކަށް 4 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް އދ.ން ބުނެފި

ޔަަމަނުގެ އާއްމު ރައްޔިތުން ބަނޑަށް ޖެހުމުން ސަލާމަތްކުރުމަށް 3.8 ބިލިއަން އެމެރިކާ ޑޮަލަރު ބޭނުންވާ ކަމަށާއި އެ އަދަދު ލިބޭނެކަމަށް އުއްމީދުކުރާ ކަމަށް އދ.ން އިއްޔެ ބުނެފިއެވެ. އދ.ން އިންޒާރުދިން ގޮތުުގައި ޔަމަނުގައި ދިރިއުޅެން މިހާރު ޖެހެނީ ކެތްނުކުރެވޭހާ ދަތި ހާލުގައެވެ. އަދި އެ ގައުމުގެ ކުޑަކުދިން ދިރިއުޅެމުންދަނީ "ވައްތަރެއްގެ ނަރަކައެއް"ގައެވެ.

ސްވިޑަން އަދި ސުވިޒަލޭންޑް ގުޅިގެން ވާޗުއަލްކޮށް ބާއްވާ މިބައްދަލުވުމުގައި 100 އެއްހާ ގައުމާއި، އެހީދޭ އަމިއްލަ ފަރާތްތައް ބައިވެރިވާއިރު، ޔަމަނުގައި ޙޫޘީން ހަނގުރާމަވެރިން ވަނީ ގައުމުގެ އުތުރުައި ސަރުކާރުގެ ބާރުގެ ދަށުގައި އޮތް ހަަމައެކަނި ޕްރޮވިންސު، މައުރިބު ހިފުމަށް ވަރުގަދަ ހަަމަލާއެއް ފަށާފައެވެ.

ޔަމަނުގައި 6 އަހަރަށްވުރެ ދިގުލައިގެން ގޮސްފައިވާ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެ ގައުމުގައި ވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ އެންެމެ ބޮޑު އިންސާނީ ކާރިސާ ކުރިމަތިވެފައެވެ.

"މިއަދު ޔަމަނުގައި ބަނޑުހައިހޫނު ކަމުގެ ނުރައްކާ ވަނީ ބޮޑުވެފައި. ބަނޑަށް ޖެހުމުގެ ސަބަބުން އެތައް މިލިއަން ބަޔަކު ސަލާމަތްކުރަން ބޭނުންނަމަ، ބަނޑުހައިހޫނުކަމަށްވުރެ ކުރިއަށް އެރުމަށް ކުރާ ވާދަ މިހާރުވެސް ކުރިއަށް ގެންދަން ޖެހޭ." އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުޓެރޭޝް ވިދާޅުވިއެވެ.

ކޮރޯނާވައިރަސްެގެ ސަބަބުން ދުނިޔޭގެ އިގްތިސާދު ވަޅުޖެހިފައިވާ މިދަނޑިވަޅުގައި އދ.ން އެދޭ 3.8 ބިލިއަން ޑޮލަރު ލިބުމަކީ ދުރުކަމެކެވެ. ފާއިތުވި 2020 ވަނަ އަހަރުވެސް ޔަމަނަށް އެހީވުމުގެ ޕްރޮގްރާމަށް ލިބިފައިވަނީ 1.9 ބިލިއަން ޑޮލަރެވެ. އެއީ އދ.ން ބޭނުންވި އަދަދުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައެވެ. އެހެންކަމުން، ފާއިތުވި އަހަރުވެސް އެހީގެ އެތައް ޕްރޮގްރާމެއް ހުއްޓާލަން ޖެހުނެވެ.

އދ.ން ބުނާ ގޮތުގައި ޔަމަނުގެ 29 މިލިއަން މީހުންގެ އާބާދީގެ ތެރެއިން މިހިނގާ 2021 ވަނަ އަަހަރު 19 މިލިއަން މީހުންނަށް ކާބޯތަކެތީގެ އެހީ ބޭނުންވާނެއެވެ. އޭގެ ތެރޭން މިހާރުވެސް 50 ހާހަށްވުރެ ގިނަ މީހުން ވަނީ ބަނޑަށް ޖެހި، މަރުގެ ތުންފަތް މަތީގައެވެ.

ޔަމަނުގައި ހަނގުރާމަކުރާ އަަރަބި ކޯލިޝަންގެ ދެބައިވެރިން ކަމުގައިވާ ސައޫދީ އަރަބިއްޔާއާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވަނީ ބައި ބިލިއަނަށް ވުރެ ގިނަ ޑޮލަރު ދޭނެކަމަށް ބުނެފައެެވެ. ސައޫދީ އަރަބިއްޔާއިން 430 މިލިއަން ޑޮލަރު ދޭން ބުނެފައި ވާއިރު، ޔޫއޭއީން ވަނީ 230 މިލިއަން ޑޮލަރު ދޭން ބުނެފައެވެ.

ޔަަމަނުގެ ދާޚިލީ ހަނގުރާމަ ފެށުނީ އީރާނުގެ ތާއީދު އޮންނާ ޝީޢާއިންގެ ޙޫޘީ ހަނގުރާމަވެރިން 2014 ވަަނަ އަހަރު ވެރިރަށް ސަންއާއި އުތުރުގެ ބޮޑު ބައެއް ހިފުމުންނެވެ. މި ހަނގުރާމައިގައި މިހާތަނަށް 1 ލައްކަ 30 ހާސް މީހުން ވަނީ މަރުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.