ޔަމަނުގައި ގުދަންކޮށްފައި ހުރި ކާޑު ބެހޭގޮތްނުވެގެން ފީވެ ހަލާކުވަނީ: އދ.

ޔަމަނުގެ ތައިޒުގައި ހުރި ވާލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔުއެފްޕީ) ގެ ކާޑު ގުދަނެއް

ރަތް ކަނޑުގައި އޮންނަ ޔަމަނުގެ ބަނދަރު އަލްހުދައިދާގެ ކާޑު ގުދަންތަކުގައި ހުރި ކާޑު ނެގޭނެ ގޮތް ހެދުމަށް އދ. އިން ގޮވާލައިފިއެވެ.

"ޔަމަނުގެ އެތައް މިލިއަން މީހުންނަށް ގެނެސްފައި ހުރި ކާޑުގެ އެހީ ފީވެ ހަލާކުވުމުގެ ނުރައްކާ ބޮޑު. އެއަށް ހަމައަށް ދެވޭވަރަށްވުރެ ނާމާންކަން ބޮޑުވީމަ." އދ. އިން ޔަމަނަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު މާޓިން ގްރިފިތުއާއި، އދ. ގެ އެމެޖެންސީ އެހީގެ ވެރިޔާ މާކް ލޮކްވޮކް ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި ވެއެވެ.

އަލް ހުދައިދާ ބަނދަރު ކައިރީގައި ހުރި ކާޑު ގުދަންތަކުގައި އެތައް މިލިއަން މީހުންނަށް ފުދޭވަރަށް ކާޑު ހުރިކަމަށް ވެއެވެ. ނަމަވެސް 2014 ވަނަ އަހަރުއްސުރެ ޙޫޘީންގެ ބާރުގެ ދަށުގައި އޮތް ހުދައިދާ ބަނދަރު ހިފަން ޔަމަނު ސަރުކާރާއި އަރަބި ކޯލިޝަނުން ދެމުންދާ ހަމަލާތަކުގެ ސަބަބުން އެ ގުދަންތައް މިހާރު ހުރީ ހަނގުރާމައިގެ މައިދާނެއްގައެވެ. އަދި އެތަނުން ކާޑު ބޭރުކުރުމަކީ ނުރައްކާތެރިކަން ބޮޑު ކަމެކެވެ.

"ކާޑު ބަނދުކުރާ ކާރުޚާނާތަކުގެ ގުދަންތަކުގައި ހުރި ވާލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔުއެފްޕީ) ގެ ކާޑުން 3.7 މިލިއަން މީހުންނަށް އެއް މަސްދުވަހު ކާންދެވޭނެ. އެ ކާޑާއި ހަމައަށް ދެވޭނެ ގޮތް ނުވެ ފަސް މަސް ވޭތުވެފައިވާއިރު، މިހާރު އެ ކާޑު ފީވެ ހަލާކުވުމުވެ ބިރު ބޮޑު." އދ. ގެ ބަޔާނުގައި ވެއެވެ.

"އެ ގުދަންތަކާ ހަމައަށް ވާސިލުވެވޭނެ ގޮތް ހެދުމަކީ ޔަމަނުގައި ހަނގުރާމަކުރާ ފަރާތްތަކުގެ މަސްއޫލިއްޔަތެއް ކަމުގައި އަހަރުމެން ބާރުލާފައި ބުނަން." ބަޔާނުގައި ވެއެވެ.

ޔަމަނުގައި 2014 ވަނަ އަހަރު ފެށުނު ދާޚިލީ ހަނގުރާމައިގައި މިހާތަނަށް 10 ހާސް މީހުން މަރުވެފައިވާ ކަމަށް އދ. އިން އަންދާޒާކުރެއެވެ. އެހެންނަމަވެސް، އަމިއްލަ ޖަމާއަތްތަކުން އަންދާޒާކުރާ ގޮތުގައި މަރުވެފައިވާ މީހުންގެ އަދަދު އެއަށްވުރެ މާ މައްޗެވެ.

ސޭވް ދަ ޗިލްޑްރެން އިން ލަފާކުރާ ގޮތުގައި ޔަމަނު ދާޚިލީ ހަނގުރާމައިގެ ސަބަބުން ބަނޑަށް ޖެހިގެން މިހާތަނަށް 85 ހާސް ކުޑަކުދިން މަރުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.