ފަލަސްޠީނުގެ ރައީސު މަޙްމޫދު ޢައްބާސް އިސްރާއީލުގެ ދިފާއީ ވަޒީރު ބެނީ ގަންްޓްޒްއާ ބައްދަލުކުރައްވައިފިއެވެ. ޢައްބާސް އަންގާރަ ދުވަހުގެރޭ ގަންޓްޒްއާ ބައްދަލުކުރައްވާފައި ވަނީ ޓެލްއަވީވްގެ އަވަށެއްގައި ހުންނަ ގަންޓްޒްްގެ ގެއަށް ވަޑައިގެންނެވެ. މިއީ 2010 ވަނަ އަހަަރަށް ފަހު ރައީސު ޢައްބާސް އިސްރާއީލަށް ވަޑައިގެން އެ ގައުމުގެ އޮފިޝަލަކާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެެވެ.
ޢައްބާސް ގަންޓްޒްއާއެކު މަޝްވަރާކުރައްވާފައި ވަނީ ސަލާމަތާ އަމްނުއާއްމާ ގުޅޭކަންކަން ދެ ފަރާތުން ވިލަރެސްކޮށްގެން ކުރިއަށް ގެންދިއުމާ، ހިފާފައިވާ ބިންތަކުގައި އިސްރާއީލާ ދެކޮޅަށް ހިންގާ ހަރަކާތްތައް ކޮންޓުރޯލުކުުރުމާ ބެހޭގޮތުން ކަމަށް އިސްރާއީލުން ލިބޭ ޚަބަރުތައް ބުނެއެވެ.
ފާއިތުވި އޮގަސްޓު މަހުގެ ތެެރޭގައި ވެސް މަޙްމޫދު ޢައްބާސް ވަނީ ގަންޓްޒްއާ ބައްދަލުކުރައްވާފައެވެ، ފަލަސްޠީނުގެ މިނިސްޓަރ އޮފް ސިވިލް އެފެއާޒް ޙުސައިން އައްޝައިޚް ވިދާޅުވިގޮތުގައިި އަންގާރަ ދުވަހު ރައީސު ޢައްބާސް އިސްރާއީލުގެ ބޮޑުވަޒީރާއެކު މަޝްވަރާކުރައްވާފައި ވަނީ ފަލަސްޠީނު-އިސްރާއީލުގެ މައްސަލައަށް ހައްލެއް ހޯދުމަށް "ސިޔާސީ އުދަރެހެއް އުފެއްދުމުގެ މުހިއްމުކަމާ ބެހޭގޮތުން"ނެވެ.
މި މަޝްވަރާތަކަށް ފަހު އިސްރާއީލުގެ ދިފާއީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ "އިތުބާރު ގާއިމުކުރުމުގެ ފިޔަވަޅުތަކެއް" އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި ފަލަސްޠީނުގެ ވިޔަފާރިތަކުން ނަގާ ޓެކްސް ފެލަސްޠީނު ސަރުކާރަށް ޓްރާންސްފާ ކުރުމާއި، ފަލަސްޠީނުގެ އެތައް ސަތޭކަ ވިޔަފާވެރިންނަށާއި، އިސް އޮފިޝަލުންނަށް އިސްރާއީލަށް ވަނުމުގެ ހުއްދަދޫކުުރުމާއި، ހުޅަނގު އައްސޭރިއާއި ޣައްޒާގައި ދިރިއުޅޭ އެތައް ހާސް ފަލަސްޠީނު މީހުން ރަށްވެހިން ކަމުގައި ބަލައިގަތުން ހިމެނެއެވެ.
ރައީސު ޢާއްބާސާއެކު ކުރި މަޝްވަަރާތަކަށް ފަހު އިސްރާއީލުގެ ދިފާއީ ވަޒީރު ކުރި ޓުވީޓުގައި 2014 ވަނަ އަހަރުއްސުރެ ހުއްޓިފައިވާ ސުލްހައިގެ ވާހަކަތަކަށް އެއްވެސް އިޝާރާތެއް ކޮށްފައި ނުވެއެެވެ.
"އަހަރުމެން ވަނީ އިގްތިސާދީ އަދި މަދަނީ ފިޔަވަޅުތައް ތަންފީޒުކުރުމާ ބެހޭގޮތުން މަޝްވަަރާކޮށްފައި. އަދި އިސްރާއީލާއި ފަލަސްޠީނުގެ ރައްޔިތުންގެ ލާބައަށްޓަކައި ސަލާމަތީ ކަންކަމުގައި ވިލަރެސްކުރުމާއި، ޓެރަރިޒަމާ ހަރުކަށި އަމަލުތައް ހުއްޓުވުމު މުހިއްމުކަމަށް ބާރުއަޅާފައި." ގަންޓްޒްގެ ޓުވީޓުގައި ވެއެވެ.
އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް ޖިހާދުކުރާ ޖަމާއަތްތަކުން ވަނީ ޢައްބާސް-ގަންޓްޒް ބައްދަލުވުން ކުށްވެރިކޮށްފައެވެ. އިސްލާމިކް ރެސިސްޓެންސް މޫވްމަންޓް (ހަމާސް) އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ބައްދަލުވުމުގެ ސަބަބުން ފަަލަސްޠީނު މީހުންގެ މެދުގައި ބައިބައިވުން އިތުރުވެ، ސަރަހައްދުގައި ތިބި އިސްރާއީލާއެކު ގުޅުން ގާއިމުކުރުމަށް އެދޭ ފަރާތްތަކަށް ހިތްވަރުލިބޭނެ ކަމުގައެވެ.
އިސްލާމިކް ޖިހާދު ޖަމާއަތުން ބުނި ގޮތުގައި ޢައްބާސް ސަރުކާރުން މަސައްކަތްކުރަނީ ފަލަސްޠީނުގެ ރައްޔިތުންގެ މަސްްލަަހަތު އިސްކުރުމުގެ ބަަދަލުގައި އެ ސަރުކާރުގެ ނާކާމިޔާބީތަކުން ސަލާމަތްވާނެ ގޮތެއް ހޯދުމަށެވެ.
އިސްރާއީލުގެ ޔަހޫދީ ކަނާތު ފިޔަައިގެ ޕާޓީތަކުންވެސް ވަނީ މި ބައްދަލުވުން ކުށްވެރިކޮށްފައެވެ.