އިސްރާއީލުން ދަނީ މިސްކިތްތައް ފައްޅިތަކަށާއި، ބާތަކާއި، ރެސްޓޯރެެންޓްތަކަށް ބަދަލުކުރަމުން: ދިރާސާ

ފަލަސްޠީނުގެ ޠަބަރިޔާގައި 1743 ވަނަ އަހަރު ބިނާކޮށްފައިވާ ޢުމަރީ މިސްކިތް. އިސްރާއީލުން ވަނީ މި މިސްކިތް ބަންދުކޮށް ވީރާނާވާން ދޫކޮށްލާފައި.

ފަލަސްޠީނުގެ ބިންތައް ގަދަބާރުން ހިފައިގެން އޮތް ޔަހޫދީ ދައުލަތް، އަސްރާއީލުން ދަނީ ފަލަސްޠީނުގެ މިސްކިތްތައް ޔަހޫދީ ފައްޅި (ސިނަގޮގް) ތަކަށާާއި، ބާތަކަށާއި، ރެސްޓޯރަންޓްތަކަށް ބަދަލުކުރަމުން ކަމުގައި ދިރާސާއަކުން ހާމަވެއްޖެއެވެ. މިކަން ހާމަވެފައި ވަނީ އިސްރާއީލުގެ އަރަބި ރައްޔިތުންގެ މައްސަލަތަކުގައި ވަކާލާތުކުރާ ޖަމާއަތެއް ކަމުގައިވާ ހައި ފޮލޯއަޕް ކޮމިޓީ ފޯ އަރަބް ސިޓިޒެންސް އޮފް އިސްރާއީލްއިން ކުރި ދިރާސާއަކުންނެވެ.

އެ ކޮމިޓީގެ އިސް މެންބަރު ކަމާލް ޚަޠީބު ވިދާޅުވި ގޮތުގައި އިސްރާއީލު ސަރުކާރުން ވަނީ 15 މިސްކިތެއް ޔަހޫދީ ފައްޅިތަކަށް ބަދަލުކޮށްފައެވެ. މީގެ އިތުރަށް 40 މިސްކިތެއް ތަޅާލައި ނުވަތަ ބަންދުކޮށްފައި ވެއެވެ. އަދި އިތުރު 17 މިސްކިތެއް ވަނީ ރެސްޓޯރަންޓްތަކަށް ނުވަތަ ބާތަކަށް ބަދަލުކޮށްފައެެވެ. އަދި ބައެއް މިސްކިތްތައް ވަނީ ދަނޑުވެރިކަމުގެ ތަކެތި ރައްކާކުރާ ތަންތަނަށާއި މިއުޒިއަމަށާއި، ކޮންސަޓް ހޯލަށް ބަދަލުކޮށްފައެވެ.

މީގެ އެއް މިސާލަކީ އުތުރުގެ ރަށެއް ކަމުގައިވާ ސަފަދުގައި ހުންނަ އަޙްމަރު މިސްކިތެވެ. އިސްރާއީލުން ވަނީ އެ މިސްކިތް ކޮންސަޓް ހޯލަކަށް ބަދަލުކޮށްފައެވެ. އަދި ދިރާސާއިން ދައްކާ ގޮތުގައި ޤައިޞަރިއްޔާގައި ހުންނަ އަލްޖަދީދު މިސްކިތް ވަނީ ބާއަކަށް ބަދަލުކޮށްފައެވެ. ހައިފާގެ ޢައިނު ހައުދު މިސްކިތާއި، ޔާފާގެ އައްސިކްސިކް މިސްކިތުގެ މަތީ ފަންގިފިލާވެސް ވަނީ ބާތަކަށް ބަދަލުކޮށްފައެވެ.

"ނަކްބާ (ފަލަސްޠީނުގައި ޔަހޫދީ ދައުލަތް އުފައްދައި ފަލަސްޠީނުގެ އެތައް މިލިއަން ރައްޔިތުން ގައުމު ދޫކޮށްދާން މަޖުބޫރުކުރުން) އަށް ފަހު އިސްރާއީލުން ވަނީ ފަލަސްޠީނު މީހުންގެ 539 އަވަށެއް ނައްތާލާފައި. އިސްރާއީލުގެ ވެރިންގެ ޝިކާރައަކަށްވި ތަންތަނުގެ ތެރޭގައި މިސްކިތްތަކާއި، ފަލަސްޠީނު މީހުންގެ އެހެން އިމާރާތްތައް ހިމެނޭ." ޚަޠީބު ވިދާޅުވިއެވެ.

އިސްރާއީލުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ ގައުމުގެ ރައްޔިތުންގެ ގޮތުގައި 1.5 އަރަބިން ދިރިއުޅެއެެވެ.

އެހެންނަމަވެސް، ޚަޠީބު ވިދާޅުވި ގޮތުގައި، އިސްރާއީލުން އެގައުމުގެ އަރަބި މުސްލިމުންގެ ޝުއޫރުތަކަށް އިހުތިރާމެއް ނުކުރެއެވެ. މިސްކިތްތަައް ބިނާކުރުމަށާއި، މަރާމާތުކުރުމަށް އެދި ސަރުކާރަށް ހުށަހަޅާ ހުށަހެޅުންތައް ގަބޫލެއް ނުކުރެއެވެ.

2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްރާއީލުގެ ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި އިސްރާއީލުގައި 400 މިސްކިތް އެބަހުއްޓެވެ. އަދި އިސްރާއީލު ސަރުކާރުން ވަނީ މުސްލިމުން އަޅުކަންކުރާ ތަންތަން ބިނާކުރުމަށް އެތައް މިިލިއަން ޝެކެލްއެއް ހޭދަކޮށްފައެވެ.

ނަމަވެސް ކަމާލް ޚަޠީބު މިކަން ދޮގުކުރައްވައެވެ. "އިސްރާއީލު ސަރުކާރުން ދުވަހަކުވެސް މިގައުުމުގައި މިސްކިތެއް ބިނާކޮށްފައި ނުވޭ. މިސްކިތްތައް ބިނާކޮށްފައި ވަނީ އަހަރުމެންގެ މީހުން. އެމީހުން އަޅުކަންކުރާ ތަންތައް އެމީހުން ބިނާކުރަނީ އެހީގެ ގޮތުގައި އާއްމުންދޭ ފައިސާއިން." ޚަޠީބު ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.