އެމެރިކާގެ ސުލްހައިގެ މަޝްރޫއުގައި އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ އިސްރާއީލުގެ ރައްކާތެރިކަމަށް

ފަލަސްޠީނު ބަޔަކު އިސްރާއީލުގެ ސަރަހައްދީ ރޮނގުގައި އިހުތިޖާޖުކުރަނީ

އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމަށް އެކުލަވާލާ ސުލްހައިގެ މަޝްރޫއު ތައްޔާރުކުރުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ބޭފުޅަކު ވިދާޅުވާ ގޮތުގައި އެ މަޝްރޫއުގައި އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ އިސްރާއީލުގެ ރައްކާތެރިކަމަށް ކަމުގައި ވިޔަސް، ފަލަސްޠީނު މީހުންގެ ކަންބޮވުންތައްވެސް ހަނދާންނައްތާލާފައި ނުވާނެއެވެެ.
"އެ މަޝްރޫއު ވަރަށް ބޮޑަށް އަމާޒުކޮށްފައި ވަނީ އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަމަށް. އެެހެނަސް، ފަލަސްޠީނު މީހުންނާމެދު ވެސް އިންސާފުވެރިވާން އަހަރުމެން ބޭނުން. ދެފަރާތަށް ރަނގަޅަށް ހަމަހަަމަ ގޮތެއް ހޯދަން އަހަރުމެން ވަރަށް ބުރަކޮށް މަސައްކަތްކުރިން." ޓައިމްސް އޮފް އިޒްރޭލް ނޫހުގައި އިއްޔެ ޝާއިޢުކުރި ބަސްދީގަތުމެއްގައި އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޖޭސަން ގްރީންބްލެޓް ވިދާޅުވެފައި ވެއެވެ.
"މި މަޝްރޫއުގައި ކޮންމެ ފަރާތަކުން ބޭނުން ނުވާނެ ކަންތައްތަކެއް ހުންނާނެ." އޭނާ އިތުރަށް ވިދާޅުވިއެވެ.
ފާއިތުވި ސެޕްޓެންބަރު މަހު ރައީސު ޓްރަމްޕް ވިދާޅުވެފައި ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނާ އެ މަޝްރޫއު ހާމަކުރައްވާނެ ކަމުގައެވެ.
ފަލަސްޠީނުގެ ރައީސު މަޙްމޫދު ޢައްބާސް ވިދާޅުވާ ގޮތުގައި ޓްރަމްޕްގެ މަޝްރޫއު ވަނީ މުޅިން އެއް ފަރާތަކަށް ޖެހިފައެވެ. އަދި އެއަށް ހަޖޫ ޖައްސަވަމުން އޭނާ ވިދާޅުވެފައި ވަނީ އެއީ "ގަރުނުގެ މަޝްރޫއު" ކަމުގައެވެ.
ޓްރަމްޕްގެ ސަރުކާރުން ގުދްސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ގަބޫލުކުރުމާއި، އެމެރިކާގައި ހުންނަ ޕެލަސްޓައިން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) ގެ އޮފީސް ބަންދުކުރުމާއި، ފަލަސްޠީނުގެ ރެފިއުޖީންގެ ކަންތައް ބަލަހައްޓާ އދ.ގެ އިދާރާ އަންރުވާއަށް އެމެރިކާއިން ދެޭ އެހީ ކަނޑާލުން ފަދަ އެެއް ފަރާތަކަށް ޖެހިފައިވާ ނިންމުންތަކަކީ ޓްރަމްޕްގެ މަޝްރޫއު އެެެއްފަރާތަކަށް ޖެހިފައިވާކަމުގެ ހެކިތައްކަން ރައީސު ޢައްބާސް ފާހަގަކުރެއްވިއެވެ.
"އެ މަޝްރޫއުގައި މައިގަނޑު ހުރިހާ މައްސަލަތަކެއްގެ ހައްލު ހިމެނޭނެ. އޭގެ ތެރޭގައި ރެފިއުޖީންގެ މައްސަލަވެސް ހިމެނޭ." ގްރީންބްލެޓް ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.