އެެމެރިކާއާއި، އިސްރާއީލާއެކު ވެފައިވާ ހުރިހާ އެއްބަސްވުމަކަށް އަމަލުކުރުން ފަލަސްޠީނުން ހުއްޓާލައިފި

ފަލަސްޠީނުގެ ރައީސު މަޙްމޫދު ޢައްބާސް

ފަލަސްޠީނުގެ ބިންތައް އަމިއްލަކުރަން އިސްރާއީލުން ނިންމުމާ ގުޅިގެން އެމެރިކާއާއީ، އިސްރާއީލާއެކު ވެފައިވާ ހުރިހާ އެއްބަސްވުމަކަށް އަމަލުކުރުން ފަލަސްޠީނުން ހުއްޓާލައިފިއެވެ. ރައީސު މަޙްމޫދު ޢައްބާސް އެއްބަސްވުންތަކަކީ މިހާރު ބާޠިލުވެފައިވާ ތަކެއްޗެވެ.

"ޕެލެސްޓައިން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) އާއި ފަލަސްޠީނުގެ ދައުލަތުން މިއަދު މިކަނޑައަަޅަނީ އެމެރިކާއާއި އިސްރާއީލުގެ ސަރުކާރުތަކާއެކު ވެފައިވާ ހުރިހާ އެއްބަސްވުންތަކަށް ޢަމަލުކުރަން ނުޖެހޭ ކަމުގައި. އޭގެ ތެރޭގައި އަމާންކަން ގާއިމްކުރުމާ ބެހޭ އެެއްބަސްވުންތައް ވެސް ހިމެނޭ." ފަލަސްޠީނުގެ ރައީސު މަޙްމޫދު ޢައްބާސް ވިދާޅުވިކަމަށް ފަލަސްޠީނުގެ ނިއުސް އެޖެންސީ ވަފާއިން ބުނެފައި ވެއެވެ.

ވަފާއިން ބުނިގޮތުގައި ރައީސު ޢައްބާސް މިގޮތަށް ނިންމާފައި ވަނީ އިސްރާއީލު ސަރުކާރުގެ ރޭވުންތަކާ މެދު ބަހުސްކުރަން ރާމައްލާގައި އިއްޔެ ބޭއްވި ޕެލެސްޓައި ނޭޝަނަލް އޮތޯރިޓީގެ ކުއްލި ބައްދަލުވުމެއްގައެވެ.

ޢައްބާސް ވިދާޅުވިގޮތުގައި އެއްބަސްވުންތަކަށް އަމަލުކުރުން ހުއްޓާލަން ފަލަސްޠީނުން ނިންމުމާ ގުޅިގެން ދެން ހިނގާ ހުރިހާ ކަމެއްގެ ޒިންމާ އުފުލަން ޖެހެނީ އިސްރާލުންނެވެ. އަދި އިސްތިއުމާރީ ބާރެއްގެ ގޮތުގައި އިސްްރާއީލުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރަން ޖެހޭނެއެވެ.

ބައިނަލް އަގްވާމީ ޖަމްއިއްޔާތަކުގައި ފަލަސްޠީނުގެ ފަރާތުން ބައިވެރިވުމަށް ކުރާ މަސައްކަތްތައްވެސް އިސްރާއީލާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އޮތީ ހުއްޓާލާފައެވެ. މަޙްމޫދު ޢައްބާސް ވިދާޅުވިގޮތުގައި މިއަދުން ފެށިގެން އެފަދަ ޖަމްޢިއްޔާތަކުގައި ބައިވެރިވުމުގެ މަސައްކަތް ފަލަސްޠީނުން ފަށާފައެވެ.

ރައީސު ޓްރަމްޕްގެ ސަރުކާރަށް އިޝާރާތްކުރައްވަމުން ރައީސު ޢައްބާސް ވިދާޅުވީ އެމެރިކާ ސަރުކާރަކީ "ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ ހުރިހާ ޖަރީމާއެއްގައި އިސްރާއީލުގެ ބައިވެރިއެއް" ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.