ބަންްގްލާދޭޝްގައި ކޯރެއްގައި ދަތުރުކުރަމުންދިޔަ ފެރީއެއްގައި ރޭ ދަންވަރު ބޮޑު އަލިފާންގަނޑެއް ރޯވެ، 39 މީހުން މަރުވެ 72 މީހުން ޒަޚަމްވެއްޖެއެވެ. އަލިފާނގަނޑުން ސަލަމާތްވި ބައެެއް މީހުން ވަނީ ކޯރު ފަތައި ކޯރު ހުރަސްކޮށް އެއްގަމަށް އަރާފައެެވެ.
ސުގަންދާ ކޯރުގައި ދަތުރުކުރަމުން ދިޔަ އެމްވީ އަބީޖާން-10 ގައި އަލިފާން ރޯވީ ޖަލޯކަޓީ އުޕަޒިއްލާ ޑިސްޓްރިކްޓާ ހިސާބުގައި އޮއްވައި ރޭ ދަންވަރު 3 ޖެހިއިރު (ރާއްޖޭ ގަޑިން ދަންވަރު 2 ޖެހިއިރު) އެވެ.
ފަޔާ ސާވިސް އޮފިސަރު ކަމާލުއްދީނާ ޙަވާލާދީ ޔުނައިޓެޑް ނިއުސް އޮފް ބަންގްލާދޭޝްއިން ބުނި ގޮތުގައި ވެރިރަށް ޑާކާއިން ބަރްގޫނާއަށް ދަތުރުކުރަމުން ދިޔަ ފެރީގައި ރޯވިއިރު އޭގައި 800 ފަސިންޖަރުން ތިއްބެވެ. ބަރްގޫނާއަކީ ޑާކާގެ ދެކުނުން 250 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ.
"39 މީހުންގެ ހަށިގަނޑު މިހާތަނަށް ވަނީ ފެނިފައި." ބަރިޝަލް ޑިވިޝަނަލް ކޮމިޝަނާ އެމްޑީ ސައިފުލް ޙަސަން ބާދޮލް ވިދާޅުވިއެވެ.
"(ފެރީގައި އަލިފާން ރޯވިކަމުގެ) މައުލޫމާތު ލިބުމާއެކު ބަރިޝަން ޑިވިޝަން ފަޔާ ސާވިސް އެންޑް ސިވިލް ޑިފެންސްގެ ޑިރެކްޓަރު ކަމާލުއްދީން ބުއިޔާން އިސްކޮށް ހުންނަވައިގެން އަލިފާން ނިއްވާ 15 ޔުނިޓް 3:50 ގައި އެ ތަނަށް ދިޔަ. އަލިފާންގަނޑު ކޮންޓުރޯލުކުރެވުނީ 5:20 ގައި." ފަޔާ ސާވިސްއިން އާއްމުކުރި ބަޔާނެއްގައި ވެއެެވެ.
ފަޔާ ސާވިސް އޮފިސަރު ފަޒްލުލް ޙައްޤު މައުލޫމާތުދެއްވި ގޮތުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާތީ މަރުވި މީހުންނާ ޒަޚަމްވި މީހުންގެ އަދަދު މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
އަލިފާން ރޯވާން ދިމާވި ސަަބަބެއް އަދި އެއްވެސް ފަރާތަަކުން ހާމަކޮށްފައި ނުވެއެެވެ.
ގައުމުގެ ހުރަހަށާއި ދިގަށް 130 ވަރަކަށް ކޯރު ދެމޭ ބަންގްްލާދޭޝްގައި ފެރީއަކީ އެންމެ ގިނަ ބަޔަކު ބޭނުންކުރާ ދަތުރުފަަތުރުގެ ވަސީލަތެވެ. ޚާއްސަކޮށް ކޯރުތައް ގިނަ ދެކުނުގައެވެ. ފެރީތަކުގައި އަލިފާން ރޯވުމަކީ ދޭތެރެ ދޭތެރޭން ހިނގާ ކަމެކެވެ. އޭގެ މައިގަނޑު ސަބަބަކީ ފެރީތަކުގައި އެކަށީގެންވާ ވަރަށްވުރެ ގިނަ މީހުން އުފުލުމާއި ސަލާމަތީ ފިޔަވަޅުތައް އަޅާފައި ނެތުުމެވެ.
ފާއިތުވި އެޕްރީލް މަހުގެ ތެރޭގައި ފެރީއަކާއި އެހެން އުޅަނދެއް މުޑިއެރުމުގެ ސަަބަބުން 25 މީހުން ވަނީ މަރުވެފައެވެ.