މާލޭ ރައްޔިތުންނަށް ގޯތިގެދޮރުގެ ދަތިކަން ފިލުވައި ދިނުމުގެ ގޮތުން ހުޅުމާލެއިން ކަޑަ ޖަހާފައި ގޯތި ކަނޑައި ދެވެން ވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. މިއަދު ހަވީރު ސަލްޓަން ޕާކުގައި ބޭއްވި ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި ގުޅީފަޅު ހިއްކިޔަސް އަދި އެއަށްވުރެ ބޮޑު ތަނެއް ހިއްކިޔަސް އެ ތަންތަނުން މާލޭގެ ރައްޔިތުންނަށް ގޯތި ދޭން ވާނެއެވެ.
ރައީސް ނަޝީދު ފާހަގަ ކުރެއްވި ގޮތުގައި ގޯތި ދޫކުރީމާ ސަރުކާރަށް ލުއިވެސް ވާނެއެވެ. ގޯތި ދިނީމާ މީސްމީހުން އަމިއްލައަށް ދެތިން އަހަރެއްގެ ތެރޭގައި ގެ އަޅާއެވެ. ރައްޔިތުން ތަންތަން އާރާސްތު ކުރާނެއެވެ.
ރައީސް ނަޝީދު މި މޭރުމުން ވާހަކަފުޅު ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ހުށަހެޅުއްވި ގަރާރަކަށް ތާއީދު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ފާހަގަ ކުރެއްވި ގޮތުގައި ހިއްކާ ބިމުން ބިުންތައް ކަނޑައި ވިޔަފާރި ބޭނުމަށް ސަރުކާރުން ޚާއްސަ ކޮށްފައި އެތައް ޒަމާނަކަށް ބޭއްވީމާ ދަރަނި ބޮޑުވެ ސަރުކާރަށްވެސް ބުރަ ބޮޑުވެގެން ދަނީއެވެ. ސަރުކާރަށް ލިބޭ އެއްޗެއް ނޯންނާނެއެވެ. އާއްމު ރައްޔިތުންނަށް ގޯތި ދިނީމާ މީހުން އެތަންތަނުގެ ބޭނުންކޮށްގެން އާމްދަނީ ހޯދައި ސަރުކާރަށް ޓެކްސް ދައްކާނެއެވެ. އެހެންވީމާ ޕޮތް އެންމެ ފައިދާ ބޮޑު ގޮތަކީ އެއީއެވެ.