ޗައިނާ ލޯނު ނުދެއްކޭނެ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސް ޔާމީނުގެ ސަރުކާރަށް ޗައިނާއިން ނަގާފައިވާ ލޯނު ދެއްކުމަކީ ދިވެހި ސަރުކާރަށް އުފުލަން ކުޅަދާނަ ނުވާ ވަރުގެ ބުރައެއް ކަމަށާއި އެ ލޯނުތަކަށް ލުއި ނުލިބޭނަމަ ދައްކާން ދަތިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އިންޑިއާގެ ވިއޯން ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވާ ގޮތުގައި ލޯނު ދައްކާނޭ ލުއި ގޮތްތަކެއް ހޯދަން ޗައިނާ ސަރުކާރުގައި ދިވެހިރާއްޖެއިން އެދިފައި ވީނަމަވެސް އަދި ލުޔެއް ނުދެއެވެ.

ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި ރައީށް ޔާމީނުގެ ސަރުކާރުން އެ ލޯނުތައް ނަގައިގެން ކޮށްފައި ވަނީ އިގްތިސާދީ ފައިދާއެއް ވާނޭ ކަހަލަ ކަންތައްތަކެއް ނޫނެވެ. މީގެ އިތުރަށް ކޯވިޑްގެ ހާލަތާ ގުޅިގެންނ އައި ދަތިތަކާ ހެދިވެސް ލޯނުތައް ދެއްކުން ވަނީ އުނދަގޫވެފައެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޗައިނާގެ ކުންފުނިތަކަށާއި ބޭންކުތަކަށާއި ސަރުކާރަށް ރާއްޖެއިން ދައްކާން ޖެހިފައި އޮތް ދަރަނީގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ވަނީ ވަރަށް ރަނގަޅަށް ދިރާސާކޮށްފައެވެ. ލޯނު ދައްކަން ހަމަޖައްސާފައިވާ ތާވަލުތަކަށާއި އުސޫލުތަކަށް ބަދަލު ގެނެސްދޭތޯ ޗައިނާގައި އެދިފައި ވަނީ އެ ދިރާސާއަށް ފަހުގައެވެ. އެ އެދުމަކަށް ޗައިނާއިން އިޖާބަ ނުދޭކަމަށާއި އަބަދުވެސް އެދެމުން ދަނީ ގިނަ އަދަދަކަށް ފައިސާ ދައްކަން ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މި މައްސަލަ ހައްލު ކުރުމަށްޓަކައި އިދިކޮޅުންވެސް ހަގީގަތް ގަބޫލުކޮށްގެން ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާކޮށް "އެންމެ ފުރަތަމަ އިންޑިއާ" ގެ ސިޔާސަތަށް ތާއީދުކޮށް އަޅުގަނޑުމެންގެ ޒަމާންވީ އެކުވެރި އިންޑިއާއާ އެކު މަސައްކަތް ކުރަން ރުހޭނޭ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.