އިންޑިއާ ދެކޮޅަށް ހިންގާ ޙަރާކާތުގެ ދިދައަކަށް އައިސިސްގެ ކަޅު ދިދަ ބޭނުން ކުރުމަކީ ކަންބޮޑުވުމެއް: ރައީސް ނަޝީދު

އިންޑިއާ ދެކޮޅަށް ހިންގާ ޙަރާކާތުގެ ދިދައަކަށް އައިސިސްގެ ކަޅު ދިދަ ބޭނުން ކުރުމަކީ ކަންބޮޑުވުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ދިދައިގައިވާ ލިޔުން "އިންޑިއާ އައުޓް" އައިސިސް ދިދައިގެ ލިޔުމަށް ބަދަލުކުރުމަށް ރޭވުމަކީ، އެބާވަތުގެ މުޢާމަލާތުގެ އާއްމު އުކުޅެއް ކަމަށް މާހިރުން ދެކޭ ކަމަށެވެ. ރައީސް ނަޝީދުގެ ޓްވީޓް ނިންމާލައްވަމުން ދިވެހިން ވިސްނައި ތިބުމަށް ވަނީ ގޮވާލައްވައިފައެވެ.   

"އިންޑިޔާ އައުޓް" ކެމްޕޭން ހިންގަނީ ހަރުކަށި ޖަމާޢަތްތަކުން ކަމަށް ރައީސް ނަޝީދު ވިދާޅުވާ ވިދާޅުވުން ދާދިފަހުންވެސް ވަނީ ތަކުރާރު ކުރައްވައިފައެވެ. ރައީސް ނަޝީދު ވިދާޅުވީ، ހަރުކަށި ޖަމާޢަތްތައް ފިޔަވައި ދިވެހިންގެ ތެރެއިން، އެނޫން ބަޔަކު އެކަމަށް ތާއީދު ކުރާތަނެއް އެމަނިކުފާނަށް ފެނިވަޑައި ނުގަންނަވާ ކަމަށެވެ.

"އިންޑިޔާ އައުޓް ކެމްޕޭނަކީ ހައްދުފަހަނަޅާފައިވާ ހަރުކަށި ޖަމާޢަތްތަކުން ރާވައިގެން ހިންގާ ކެމްޕޭނެއް. އެނޫން ގޮތަކަށް އެ ކެމްޕޭނެއް އަޅުގަނޑަކަށް ނުފެނޭ. އެނޫން ބަޔަކު އިންޑިއާ އާއި ރާއްޖެއާ ގާތް ގުޅުމެއް އޮންނާތީ ކަންބޮޑުވެގެން އުޅޭ ތަނެއް ނުފެނޭ. އަޅުގަނޑުވެސް މިރަށުގައި އުޅެނީ، ރާއްޖޭގެ ރައްޔިތުންގެ އުއްމީދުތައްވެސް އަޅުގަނޑަށްވެސް އެނގޭ، އަޅުގަނޑަށް ފާހަގަ އެއް ނުކުރެވޭ އިންޑިއާއާ ގުޅިގެން ތިބާވަތުގެ އިޙްސާސްތަކެއް ދިވެހިންގެ ހިތްތަކުގައި ވާކަމަކަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ދިވެހި ރާއްޖޭގެ އިސްތިޤްލާލު ގެއްލިގެންދާ ކަމަކަށް އެއް ވެސް ޕާޓީއަކުން ތާއީދު ކުރުމަކީ ކޮންގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އައިސިސް ފަދަ ޓެރެރިސްޓް ޖަމާޢަތަކުން ގޮވަމުންދާ ގޮވެލި ގޮވާކަމަށް ވާނަމަ އެއީ އެފަދަ ޖަމާޢަތްތަކަށް ދެވޭނެ ވަރަށް ބޮޑު ފުރުޞަތެއްކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އެބާވަތުގެ ކަންކަމަށް ސަރުކާރު ހިންގާ ޕާޓީތަކުން ތާއީދުކޮށްގެން ނުވާނެކަމަށް ދެކެވަޑައިގަންނަވާކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެފަދަ ކަންކަމުގައި ބައިވެރިނުވުމަށް ހުރިހާ ޕާޓީތަކުން އެއްބަސް ވެވެން ޖެހޭނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.